1447 ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްޞަކޮށްގެން ށ.ގޮއިދޫގެ ދަނޑުވެރިން ވަނީ ތަފާތު ބާވަތްތަކުގެ މޭވާއާއި ތަރުކާރީ އަދި ފަތްޕިލާވެލީގެ ބާވަތްތައް އުފައްދައި ބާޒާރަށް ނެރެފައެވެ.

މި އުފެއްދުންތައް މާލެއާއި، ށ. އަތޮޅުގެ ރަށްތަކުގެ އިތުރުން ކައިރި އަތޮޅުތަކަށާއި ކުޅުދުއްފުށީ މާކެޓަށް ވަނީ ސަޕްލައިކޮށްފައެވެ.

Ad
rt

ގޮއިދޫ ކައުންސިލުން ހާމަކުރި ގޮތުގައި، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ދަނޑުވެރިންނަށް މަގުފަހިކޮށްދިނުމުގެ ގޮތުން ގިނަ އެހީތަކެއް އެ ކައުންސިލުން ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ދަނޑުވެރިކަމަށް ބޭނުންވާ ގެރިގުޔާއި ޔުނިގްރޯ ފަދަ ތަކެތި ހެޔޮ އަގުގައި ރަށު ޖެޓީއާ ހަމައަށް ގެނެސްދިނުމުގެ އިންތިޒާމު ކައުންސިލުން ވަނީ ހަމަޖައްސައިދީފައެވެ.

ގޮއިދޫގެ ދަނޑުވެރިކަމުގެ އުފެއްދުންތައް، ފޮޓޯ: ގޮއިދޫ ކައުންސިލް

މީގެ އިތުރުން، ދަނޑުވެރިކަމަށް ބޭނުންވާ އެކި ބާވަތްތަކުގެ ފާޓިލައިޒަރ، އެކަމަށް އެދުނު ދަނޑުވެރިންނަށް އާންމު މާކެޓް އަގަށްވުރެ ހެޔޮ އަގުގައި (ޑިސްކައުންޓް އަގަކަށް) ހޯދައިދީ، ރަށާ ހަމައަށް ގެނެސްދިނުމުގެ މަސައްކަތްވެސް ކައުންސިލުން ވަނީ ކޮށްފައެވެ.

ށ.ގޮއިދޫގެ ދަނޑުވެރިން އުފައްދާފައިވާ ސެޓިފައިޑް ބާވަތްތައް ބާޒާރަށް ނެރެފި

ދަނޑުވެރިންގެ އުފެއްދުންތައް މާކެޓް ކުރުމަށްޓަކައި ކުޅުދުއްފުށީގައި ބާއްވާ ހޮނިހިރު ބާޒާރަށް ތަކެތި ގެންދިއުމަށް ހިލޭ ޓްރާންސްޕޯޓްގެ އިންތިޒާމު ވެސް ކައުންސިލުން ހަމަޖައްސައިދިންއިރު، އަދި ދަނޑުވެރިކަމާބެހޭ މިނިސްޓްރީއާއި، އެން.ޕީ.އެލް އަދި ކައުންސިލް ގުޅިގެން މާލޭ މާކެޓަށް ދަނޑުވެރިންގެ އުފެއްދުންތައް ގެންގޮސް ވިއްކައިދިނުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގޮއިދޫގެ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމަށް ގެންދިޔުމެއް ދޯންޏަކަށް އަރުވާފައި، ފޮޓޯ: ގޮއިދޫ ކައުންސިލް

ދަނޑުވެރިކަމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ކަރާ ދަނޑުތަކުގައި އުފެދޭ ފަނި ކޮންޓްރޯލް ކުރުމަށް ބަޔޯ ޕެސްޓިސައިޑެއް ބޭނުންކޮށްގެން މުޅި ދަނޑުވެރިކަން ކުރާ ސަރަހައްދަށް ސްޕްރޭ ކުރުމުގެ މަސައްކަތްވެސް ކައުންސިލުން ވަނީ ކޮށްފައެވެ.

ގޮއިދޫގެ ދަނޑުވެރިކަމުގެ އުފެއްދުމެއް، ފޮޓޯ: ގޮއިދޫ ކައުންސިލް

މިފަދަ އެހީތެރިކަމާއެކު ގޮއިދޫގެ ދަނޑުވެރިންނަށް މިއަހަރަކީ އުފެއްދުންތެރި އަހަރަކަށް ވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.

ދަނޑުވެރިކަމުގައި ނަމޫނާ ދައްކައި އެމްގެޕް ސެޓިފައިޑް ދަނޑުވެރިން ތިބި ފުރަތަމަ ރަށަކަށް ށ.ގޮއިދޫ

ގޮއިދޫ އަކީ ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއެރުވައި ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފައިދާތައް ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި ތައާރަފް ކޮށްފައިވާ މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމްގެޕް) ގެ ސެޓިފައިޑް ދަނޑުވެރިން ތިބި ފުރަތަމަ ރަށުގެ މަގާމުވެސް ހޯދާފައިވާ ރަށެވެ.

ގޮއިދޫއަކީ ޒަމާނީ ދަނޑުވެރިކަމަށް ލޯހުޅުވިފައިވާ، އަދި މި ދާއިރާއިން ކުރިއަށް ދިއުމުގެ ޝައުގުވެރިކަން ހުރި ދަނޑުވެރިން އުޅޭ ރަށެކެވެ.