އީރާނުގެ އާ ރޫޙާނީ ލީޑަރުގެ މަޤާމާ މުޖްތަބާ ޚާމަނާއީ ޙަވާލުވެވަޑައިގަތުމާ ގުޅިގެން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން މަރުޙަބާ ވިދާޅުވެއްޖެއެވެ.
އީރާނުގެ އެންމެ މަތީ ވެރިޔާގެ މަޤާމަށް މުޖްތަބާ ޚާމަނާއީ އައްޔަނު ކުރެއްވުމާ ގުޅިގެން، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން މަރުޙަބާގެ މެސެޖެއް ފޮނުއްވާފައިވާ ކަމަށް ކްރެމްލިންއިން ހޯމަ ދުވަހު ވަނީ ހާމަކޮށްފައެވެ.
ކްރެމްލިންއިން ނެރުނު ބަޔާނުގައިވާ ގޮތުން ޕުޓިން ވިދާޅުވީ، އީރާނަށް ހަތިޔާރު އެޅި ހަމަލާތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އެފަދަ މަތީ މަޤާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޮޑު ހިތްވަރަކާއި ފިދާވުމެއް ބޭނުންވާނެ ކަމަށެވެ. އަދި މުޖްތަބާ އޭނާގެ ބައްޕާފުޅުގެ މަސައްކަތްޕުޅު ފުރިހަމަ ގޮތުގައި ކުރިއަށް ގެންދަވައި، ކުރިމަތިވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުގައި އީރާނުގެ ރައްޔިތުން އެކަތިގަނޑަކަށް ހައްދަވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.
މީގެ އިތުރުން، މޮސްކޯއިން ތެހެރާނަށް ދޭ އެއްބާރުލުން އައުކުރައްވަމުން، ރަޝިޔާއަކީ އަބަދުވެސް އީރާނުގެ އިތުބާރުހުރި ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ޕުޓިން ވަނީ ދެއްވާފައެވެ.
މުޖުތަބާ ޚާމަނާއީ އީރާނުގެ އާ އެންމެ މަތީ ވެރިޔާގެ މަގާމަށް އިންތިޚާބުކޮށްފި
"އަޅުގަނޑުގެ ފަރާތުން، ތެހެރާނަށް ދެމުންދާ ސާބިތު އެހީތެރިކަމާއި އީރާނުގެ ރަޙުމަތްތެރިންނާއެކު އޮތް އެއްބައިވަންތަކަން އަލުން ކަށަވަރުކޮށްދެމެވެ. ރަޝިޔާއަކީ އިސްލާމީ ޖުމްހޫރިއްޔާގެ އިތުބާރުހުރި ބައިވެރިއެއްގެ ގޮތުގައި އަބަދުވެސް ދެމިއޮންނާނެއެވެ. ކުރިމަތީގައި ހުރި އުނދަގޫ މަސައްކަތްތައް ހައްލުކުރުމުގައި ކާމިޔާބީއަށް އެދެމެވެ. އަދި ތިޔަބޭފުޅާއަށް ދުޅަހެޔޮ ސިއްޙަތަކާއި ހިތްވަރުގަދަކަން މިންވަރުކުރެއްވުން އެދެމެވެ،" ރަޝިޔާގެ ރައީސްގެ ބަޔާނުގައިވެއެވެ.
އުމުރުފުޅުން 56 އަހަރުގެ މުޖްތަބާ ޚާމަނާއީ އަކީ އީރާނުގެ ތާރީޚުގައި އެ ޤައުމުގެ އެންމެ މަތީ ވެރިޔާގެ މަޤާމާ ޙަވާލުވެވަޑައިގަތް ތިންވަނަ ބޭފުޅާއެވެ. އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވިދާޅުވީ މުޖްތަބާ އެ މަޤާމަށް އައްޔަނުކުރުމަކީ ޤައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީ ވަނީ 37 އަހަރު ވަންދެން އެ މަޤާމު ފުރުއްވާފައެވެ. އުމުރުފުޅުން 86 އަހަރުގައި އެމަނިކުފާނު އަވަހާރަވީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން ތެހެރާނުގައި ހުންނަ އެމަނިކުފާނުގެ ގެކޮޅަށް ދިން ވައިގެ ހަމަލާއެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!