ކ. ހުރާގައި ދެމުންދާ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިނުމާ ސްޓެލްކޯއިން މިއަދު ރަސްމީކޮށް ހަވާލުވެއްޖެއެވެ.
މި ޚިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު އެ ކުންފުނީގެ ހެޑް އޮފީހުގައެވެ. މި ބަދަލާއެކު، މީގެކުރިން ހުރާގައި މި ޚިދުމަތްތައް ދެމުންދިޔަ ފެނަކަ ކޯޕަރޭޝަންގެ 32 މުވައްޒަފުން މިހާރު ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ.
ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މި ބަދަލާއެކު ހުރާގެ ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އެ ކުންފުނީގެ މިންގަނޑުތަކަށް ފައްތައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ވަޞީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރު ވިދާޅުވީ، ހުރާގެ ޔޫޓިލިޓީ ޚިދުމަތްތައް ސްޓެލްކޯގެ ފެންވަރަށް ގެންދިއުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. "އަޅުގަނޑުމެންނަށް ފެންނަ ފެނުމުގަ އެރަށުގަ މުހިއްމު ތަރައްޤީގެ އިތުރު މަސައްކަތްތަކެއް މި ޚިދުމަތްތަކާ ގުޅޭގޮތުން ކުރަން އެބަޖެހޭ. އެކަމާ ގުޅޭ ކަންތައްތައް އަޅުގަނޑުމެން މިހާރުވެސް ޕްލޭން ކުރެވި، އެމަސައްކަތްތައް ރޭވުމުގެ ކަންތައްތައް އެބަ ކުރިއަށްދޭ،" ޑރ. އަޒްވަރު ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުޙައްމަދު ނަޖާޙް ވިދާޅުވީ، މިއީ އެއް އަހަރު ދުވަހުގެ މަޝްވަރާތަކަށްފަހު ލިބުނު ކުރިއެރުމެއް ކަމަށާއި، މިއީ ހުރާގެ ޚިދުމަތްތައް ރަނގަޅު ފެންވަރެއްގައި ދެވޭނެ އާ ބާބެއްގެ ފެށުން ކަމަށެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ވިދާޅުވީ، މިއީ ހުރާގެ ރައްޔިތުންގެ ވަރަށް ގިނަ ދުވަސްވީ އުއްމީދެއް ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ރަށުގެ ތަރައްޤީއަށާއި މުވައްޒަފުންގެ ކުރިއެރުމަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ހުރާގެ ޚިދުމަތްތަކާ ހަވާލުވުމާއެކު، ކ. އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ކަރަންޓުގެ ޚިދުމަތް ދެމުންދަނީ ސްޓެލްކޯއިންނެވެ.
ސްޓެލްކޯއިން މިހާރު ދަނީ ގްރޭޓަރ މާލެ ސަރަޙައްދާއި، ކ، އއ، އދ، އަދި ވ އަތޮޅުގެ ރަށްތައް ހިމެނޭހެން ޖުމްލަ 36 ރަށެއްގައި ކަރަންޓުގެ ޚިދުމަތް، 25 ރަށެއްގައި ފެނުގެ ޚިދުމަތް އަދި 24 ރަށެއްގައި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!