ހދ. ވައިކަރަދޫގައި ގާއިމުކޮށްފައިވާ ގްރީންހައުސްތަކުން މިހާރު ކިއުކަމްބާ ކަނޑަން ފަށާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، ވައިކަރަދޫ ގްރީންހައުސްތަކުން މިހާރު ކިއުކަމްބާ ކަނޑަން ފަށާފައިވާއިރު، ކުރިއަށް އޮތް ރަމަޟާން މަސް ނިމޭ ހިސާބުގައި މެލަން ވެސް ކަނޑަން ތައްޔާރުވާނެ ކަމަށް ބެލެވެއެވެ.
ވައިކަރަދޫގައި މި ގްރީންހައުސްތައް ގާއިމުކޮށްފައި ވަނީ އެ ރަށުގެ އައިލެންޑް ފާރމާސް ފޯރަމް (އައިއެފްއެފް) ގެ މެންބަރުންނެވެ.
މި މަސައްކަތަކީ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި "ދަނޑުވެރި މަންފާ" މެޗިންގ ގްރާންޓުގެ އެހީގައި ކުރިއަށްގެންދާ މަސައްކަތެކެވެ.
މި ގްރާންޓް ސްކީމްގެ ދަށުން ގްރީންހައުސް ގާއިމުކުރުމަށް ދާ ޚަރަދުގެ 50 އިންސައްތަ މެޕް ޕްރޮޖެކްޓުން ހަމަޖައްސައިދޭއިރު، ބާކީ 50 އިންސައްތަ އަކީ ދަނޑުވެރިޔާ އަމިއްލައަށް ކުރަންޖެހޭ ޚަރަދެކެވެ. މިގޮތުން ވައިކަރަދޫގައި މިހާތަނަށް 8 ގްރީންހައުސް ވަނީ ގާއިމުކޮށްފައެވެ.
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އަކީ ދަނޑުވެރިކަމާ ބެހޭ ވުޒާރާ އާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ދަނޑުވެރިކަން ކުރިއެރުވުމަށާއި ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމުގެ ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
މެޕްގެ އެހީތެރިކަމާއެކު މީގެ ކުރިން ވެސް ރާއްޖޭގެ 12 ރަށެއްގައި ގްރީންހައުސްތައް ގާއިމުކޮށްފައިވެއެވެ. އެ ރަށްރަށުގައި ކިއުކަމްބާ، މެލަން، މިރުސް އަދި ކެޕްސިކަމް ފަދަ ބާވަތްތައް ހެއްދުމުގެ ތަމްރީނުތައް ދީފައިވާއިރު، ގިނަ ދަނޑުވެރިން އަންނަނީ އެ ތަކެތި ހައްދައިގެން ކާމިޔާބުކަމާއެކު ނަފާ ހޯދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!