ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އޭޕްރަންއަށް އިތުރުކުރި ބައި ހުޅުވައި، ޓާމިނަލް އިމާރާތް ބޮޑުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މާފަރު އެއަރޕޯޓް ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓްކުރާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން މިއަދު ބުނީ މިއަދު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތާރީޚުގައި އައު މަރުޙަލާއެއް ފެށިފައިވާ ކަމަށެވެ.
''މިއަދު ވަނީ އެއަރޕޯޓުގެ އޮޕަރޭޝަނަލް ގާބިލިއްޔަތު އިތުރުކުރުމަށްޓަކައި، އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙުކޮށް އަދި ޓާމިނަލް އިމާރާތް ބޮޑުކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި'' އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ އުތުރުގައި ބޮޑުވަމުން އަންނަ ބައިނަލްއަޤްވާމީ މައިދާނެއްގެ ގޮތުގައި މާފަރުގެ ދައުރު އިތުރަށް ހަރުދަނާވެގެންދާނެކަމަށް ވެސް އައިއޭއެސް އިން ބުނެފަވެއެވެ.
މާފަރު ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫޢުގެ ކުރިއަށް ގެންދަނީ ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ. ދެ ފަންގިފިލައަށް ތަރައްޤީ ކުރާ މިޢިމާރާތުގައި 12000 އަކަފޫޓޫ ހުންނާނެ ކަމަށް އައިއޭއެސް އިން ބުނެފަވެއެވެ. އަދި މިޢިމާރާތާއެކު އިތުރު ލައުންޖުތަކާއި އަދި އޮފީސް ޢިމާރާތް އިތުރަށް ފުރިހަމަކޮށް ޚިދުމަތް މިހާރަށްވުރެ ފުޅާކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި މަސައްކަތް ކުރިއަށް އޮތް 10 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމައި ޚިދުމަތްތައް ފެށީ 8 ޖުލައި 2025 ގައެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކޮށްފައިވަނީ އަބޫދާބީ ފަންޑުގެ އެހީއާއެކު، ދެ ފިޔަވައްސަކަށެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 2200 މީޓަރުގެ ރަންވޭއަކާއި، ޕެސެންޖަރ ޓާމިނަލް ހިމެނޭ ގޮތަށް އެއަރޕޯޓު ތަރައްގީކޮށް، ވިޔަފާރީގެ ދަތުރުތައް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ފަށާފައެވެ.
މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި، ރަންވޭއަށް އިތުރު 650 މީޓަރު އިތުރުކޮށް ޖުމްލަ 2850 މީޓަރަށް ދިގުކޮށްފައިވެއެވެ. މިއާއެކު ބޮއިންގ 777-300އީއާރު ފަދަ ބޮޑެތި ފްލައިޓުތައް ޖެއްސޭވަރަށް އެއަރޕޯޓު ވަނީ ތަރައްގީކޮފައެވެ.
މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމާއި އެއަރފީލްޑް ލައިޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް މި ފިޔަވަހީގެ ދަށުން ހިމެނެއެވެ. މި މަސައްކަތްތައް ނިމިފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، 27.1 މިލިއަން ޑޮލަރު ވަނީ ހަރަދުކޮށެވެ.
މި މަޝްރޫޢުގެ ދެ ފިޔަވައްސަށް އަބޫދާބީ ފަންޑުން ޖުމްލަ 76 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ އެހީތެރިކަން ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!