" ހުސެންއާ ވާހަކަ ދެއްކި ދުވަސްވަރު، ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބުނުކަން އިހްސާސް ކުރެވުނު. އޭނަ ވަރަށް ލޯބިން އަހަންނާ ސުވާލު ކުރާނެ. ތަނަކަށް ދިޔަސް ކާކާ އެކުގައިތޯ، ނިމެނީ ކޮން އިރަކުންތޯ، ސޭފްކޮށް ގެއަށް ދެވުނުތޯ ބަލާނެ. ހުސެން އަހަރެންގެ ހަޔާތުން ދިޔުމަށްފަހު، އަހަރެންގެ ދިރިއުޅުން މުޅިން ފަޅުވެއްޖެ ނޫރާ. ހުސްކަމެއް އަތުވެއްޖެ. ކޮންމެ ދުވަހަކީ ވަރަށް ފޫހި، ވަރަށް ދިގު ދުވަހަކަށް ވަނީ. އޭނައާ ނުލާ ވޭތުކުރާ ކޮންމެ ދުވަހެއް، އަހަންނަށް ހީވަނީ ބޮޑު ހަނގުރާމައަކަށް ވާހެން. މި ކަމުން އަރައިގަންނާނީ ކިހިނެއް ކަމެއް ވެސް ނޭނގެ. އަހަންނަށް އެނގޭ އެއްޗަކީ ދެން ދުވަހަކު ވެސް އަހަންނަށް މީހަކު ދެކެ ލޯބި ނުވެވޭނެކަން. އަހަންނަށް އިތުރު އެއްވެސް މީހަކާ ގަޔާ ވެސް ނުވެވޭނެ. އެހެން މީހަކު އަހަރެންގެ ގައިގައި ބީހޭކަށް ވެސް ނުދެވޭނެ." އެ ހިސާބަށް ވާހަކަ ދިޔައިރު އަނެއްކާ ވެސް ދެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ.
" އަޅޭ. އަހަރެން ވަރަށް ދެރަވޭ ތައިބާ ތިހެން ވާހަކަ ދައްކާތީ. " އަހަރެންގެ އަތްމަތީ އަތް ބާއްވަމުން ނޫރާ ބުންޏެވެ.
އެއާއެކު ގަދަކަމުން ހީލަމުން އަހަރެން ނޫރާގެ މޫނަށް ބަލައިލީމެވެ.
" މާ ބޮޑަށް އިމޯޝަނަލް ވެވުނީ. އަސްލު ދެންމެ އެހެރަ މޭޒުކައިރީ އިނދެފައި ހުސެން އެ ދިޔައީ. އޭނަ ފެނުނީމަ ވަރަށް އަސަރުކޮއްފި އަސްލު." ފުން ނޭވާއެއް ދޫކޮއްލަމުން އަހަރެން ބުނީމެވެ.
" ހޭ ވަޓް؟ ކީއްވެ މަ ކައިރި ނުބުނީ؟ އަޅެ މަށަށް ދެއްކި ނަމަ." ނޫރާ ބުންޏެވެ.
" އޭރުން އަހަރެން ހިތް ފުރެންދެން އޭނައަކަށް ނުބެލޭނެ ނޫރާއާ ހެދި. " އަހަރެން ބުނީމެވެ.
" އޭނަ ފެނުނީމަ ދެން ކިހިނެއް ވީ؟" ގަޔާވެލާފައި ނޫރާ އެހިއެވެ.
" ހީވީ ނޭވާގެ ބާނިތައް ހުއްޓުނު ހެން. " އަހަރެން ބުނީމެވެ.
" އޯހް. މީނަ ވަރަށް މޮޅެތި އެއްޗެހި ބުނެލާނެ." ނޫރާ އުޅުނީ އަހަރެން ހިތްހަމަ ޖައްސަންކަން އަހަންނަށް އެނގުނެވެ.
" ވީ ގޮތޭ މި ބުނީ. ނޭވާ ހުއްޓުނުހެން ހީވީ. ފާޑެއްގެ ގޮތެއް ވަނީ. އެ ސޫރަ ދުށުމަށް އެދިއެދި ހުންނަ މީހަކަށް، ފެނުނީމަ ކިހިނެއް ވާނީ؟ ބުނެދޭކަށް ވެސް ނޭނގެ." އަހަރެން ބުނީމެވެ.
" އަހަރެން ދުޢާ ކޮއްދޭނަން ތައިބާއަށް ހުސެން ލިބޭތޯ. ހިތަށް އަރަނީ ތައިބާ ހާދަ ލޯބިން އުޅޭނޭ." ނޫރާ ބުންޏެވެ.
" ނޫން. ތި ކަމަށް ދުޢާ ނުކުރާތި. އަހަރެން ވެސް ނުކުރަމޭ. އެއީ... އެއީ ހުސެން، އަހަރެން ބޭނުން ނުވާތީ. އޭނައަށް އަހަރެން މުހިއްމެއް ނުވާނެއެއްނު. އެހެންވެ. އެކަމަކު އަހަރެން ކުރާ ދުޢާ ބުނަންތަ؟" އަހަރެން ބުނީމެވެ.
އަޑުއަހާ ހިތުން ނޫރާ އިނީ ކެތްމަދުވެފައިކަން އަހަންނަށް އެނގުނެވެ. އޭނާގެ މޫނަށް ބަލަހައްޓައިގެން އިނދެ އަހަރެން ހީލީމެވެ.
" އޭނަގެ އަނބިދަރިން އަނބުރާ އޭނައަށް ލިބޭތޯ. ދެން... ހުސެންގެ ވައިފްގެ ފަރާތުން ލޯތްބާއި އޯގާތެރިކަމާއި އަޅާލުމާއި އެހީތެރިކަން އޭގެ އެންމެ އެންމެ މަތީ ދަރަޖައިން ހުސެންއަށް ލިބޭތޯ." އަހަރެން ބުނީމެވެ.
" އިންޝާﷲ ތި ދުޢާ އިޖާބަ ކުރައްވާނެ. ދެން ބުނެބަލަ ތައިބާ، އަމިއްލަ ނަފްސަށް ކުރާ ދުޢާއެއް." ނޫރާ އެހިއެވެ.
އަހަރެން ކަރުކެހިލީމެވެ. އަދި ހެވިފައި އިނދެ ނޫރާއަށް ބަލަން ފެށީމެވެ.
" ހާދަ ނުބައި ގޮތަކަށް ތި ހެނީ؟" ހެމުން ހެމުން ނޫރާ ބުންޏެވެ.
" ނުބުނާނަން." އަހަރެން ބުނީމެވެ.
" ބުނޭ! ޔަގީން ހަމަ ހުސެން ލިބޭތޯ." ނޫރާ ބުންޏެވެ.
" ނޫނޭ. އަހަންނަކީ އެހާ އަމިއްލައެދުން ބޮޑު މީހެއް ނޫން. ކޮންމެ ޙާލެއްގައި ވެސް ހުސެން އުފަލުގައި ހުރީމަ އަހަރެން ހުންނާނީ އުފަލުން." އަހަރެން ބުނީމެވެ.
ހުސެން ފެނުނު ފަހުން ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ. ހުސެން އަހަންނާ ދިމާލަށް އެ ދުވަހު ބަލަހައްޓައިގެން އިން ގޮތް އަދިވެސް ކުރިމަތިން ސިފަވާތީ އަހަންނަށް ނުހަނު އުނދަގޫވެއެވެ. ހުސެންގެ ދެ ލޮލުން ފެނުނު އާދަޔާ ޚިލާފު އަސަރުތައް އަހަރެންގެ ހިތާހަމައަށް ވާސިލްވެއްޖެއެވެ. އެއާއެކު އަނެއްކާ ވެސް ދެ މީހުންގެ ކުރީގެ ހަނދާންތައް ހިތަށް ޖަމާވާންފެށިއެވެ.
ދެ މީހުން ނުހަނު ލޯބިން މެސެޖު ކުރި ދުވަސްތަކާއި އެ ދުވަސްވަރު އަހަންނަށް ލިބުނު އުފާވެރިކަން އަދިވެސް ބޭނުންވީ ކަހަލައެވެ. އެތަން މި ތަނުން ދެ ތިން ސިކުންތައް ދެ މީހުން ފެނުނު ވަގުތުތައް އަލުން އަނބުރާ ގެންނަ ހިތްވިއެވެ. ކުޑަ ވަގުތު ކޮޅަކަށް ވިޔަސް، އޭނާގެ ނޭވާގެ ހޫނުކަން އިޙްސާސްކޮއްލަން ބޭނުންވިއެވެ. އެ ބީހުންތައް ހަށިގަނޑުގައި ދައުރުކޮއްލާ ހިތްވިއެވެ.
އަހަރެންގެ އުއްމީދުތަކާއި އިންތިޒާރަކަށް ދުވަހަކުވެސް ނިމުމެއް ނެތްކަން އަހަންނަށް މިހާރު އިހްސާސްވާން ފަށައިފިއެވެ. ހިތަށް އަނިޔާވުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުވެއެވެ. ހުސެންގެ ހިލަމެއް ވެސް ނުވެއެވެ. މިހާ ދުވަސް ވާއިރު ވެސް ހުސެން އެ ހުރީ އަދިވެސް އެ ގޮތުގައެވެ. އަހަރެންގެ ކުށެއް ނެތްކަން ސާބިތު ކޮއްދޭނެ އިތުރު ގޮތެއް އަހަންނަކަށް ނޭނގެއެވެ. އެކަމަށް ދެން އަހަންނަށް ކުރެވޭނެ އިތުރު ކަމެއް ނެތުމުން އަހަރެން ކެތްތެރިކަން އިސްކުރީމެވެ.
އާދައިގެ މަތިން، ލިލީ ސްކޫލަށް ގެންގޮސް އަހަރެން ގެއަށް އައީމެވެ. ގޭ ކައިރީގައި ސައިކަލް ޕާކު ކުރުމަށްފަހު ލަސް ހިނގުމެއްގައި ގެއާ ދިމާލަށް މިސްރާބު ޖެހީމެވެ. ވަށައިގެން ހިނގާ ކަންކަން ވެސް އެނގެން ބޭނުން ނުވާތީ، އަހަރެން ދިޔައީ އިސްޖަހައިގެންނެވެ. ލިލީގެ ކަމެއް ފިޔަވާ ވިސްނަން ބޭނުންވާ އިތުރު ކަމެއް މިހާރު އަހަރެންގެ ނެތެވެ.
" ތައިބާ." ސިހިފައި އަހަރެން ފަހަތް ބަލައިލީމެވެ. އެއާއެކު ސައިކަލެއްމަތީ އިށީނދެ އިން ހުސެން ފެނުމާއެކު އަހަންނަށް ހަށިގަނޑު ތެދުކޮއްލެވުނެވެ. އަދި އިނގިލިތަކުން އަތުގައި އޮތް ފޯނަށް ބާރުކޮއްލެވުނީ ނޭވާ ހިނގައިގަތްލެއް އަވަސް ކަމުންނެވެ. ހުސެންގެ މޫނަށް ބަލަހައްޓައިގެން ހުއްޓެއް ކަމަކު އެ މޫނުމަތިން އަހަންނަކަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ. ހިނިތުންވުމެއް އަދި ރުޅިވެރިކަމުގެ އަސަރެއް ވެސް ހުސެންގެ މޫނުމަތިން ފެންނާކަށް ނެތެވެ.
އަނގައިން ބުނަން ނޭނގިފައި، ހުރި ފިޔަވަޅުމަތީ އަހަރެން ހުރީމެވެ. ނަމަވެސް ދައްކަން ބޭނުންވާ ވާހަކަތައް ހިތް ފަޅާފައި ދުލާހަމައަށް އަންނަން އުޅޭހެން ހީވިއެވެ. އޭނާ މަޑުމަޑުން އައިސް އަހަންނާ ތަންކޮޅެއް ދުރުގައި ހުއްޓުނެވެ. އޭރު ވެސް ކަންބޮޑުވެފައި ހުރެ ހުސެންގެ މޫނަށް ބަަލަމުން ދިޔައީމެވެ. އޭނާ ބުނަން އުޅޭ ވާހަކައަކަށް ވުރެ ބޮޑަށް އަހަރެން ހުރީ ހިތް ފުރެންދެން އެ ސޫރައަށް ބަލަން ބޭނުން ވެފައެވެ.
" ބައްދަލް ކޮއްލަން ބޭނުން." ހުސެން ބުނެލީ މަޑުމަޑުންނެވެ.
އެ ވަގުތު އަހަންނަށް ރޮވެން އުޅޭހެން ހީވިއެވެ. އެހެންވެ އަވަސް އަވަހަށް އިސްޖަހާލަމުން ފުން ނޭވާއެއް ދޫކޮއްލީމެވެ. އެހެން ބުނާއިރު ވެސް އަހަރެން އިންކާރު ނުކުރާނެކަން ހުސެންއަށް އެނގޭނެއެވެ.
" މިރޭ... ވާނެތަ؟" ހުސެން ބުންޏެވެ.
ކޮންމެ ހާލެއްގައި ވެސް އަހަރެން ދާނަމެވެ. އެ ވަގުތުކޮޅަށް، އަހަރެން މުޅި ފުރާނައިން އިންތިޒާރު ކުރާތާ ކޮން ދުވަހެއް ހެއްޔެވެ؟
އަހަރެން އަނެއްކާ ވެސް ބޯ ޖަހާލީމެވެ.
" އާޓިފިޝަލް ބީޗްގެ ސްޓޭޖް ކައިރީ މިރޭ ނުވައެއް ޖަހާއިރު އަހަރެން މަޑުކުރާނަން." ހުސެން ބުންޏެވެ.
އެއަށްފަހު އަހަރެންގެ މޫނަށް ފުން ނަޒަރަކުން ބަލައިލުމަށްފަހު އޭނާ އެނބުރި ހިނގައިގަތެވެ. އަހަރެން ވެސް އަވަސް އަވަހަށް އައިސް ގެއަށް ވަނީމެވެ. ގެއަށް ވަނުމާއެކު ހީވީ ގައިން ބާރު ދޫވި ހެންނެވެ. ދޮރުފަތުގައި ލެނގިލައިގެން ހުރެ އަވަސް އަވަހަށް ނޭވާ ދޫކުރަން ފެށީ، ދުވަހަކު ވެސް ނޭވާ ނުލައި ހުރި މީހަކު ފަދައިންނެވެ. ވަރުބަލިވެ، މުޅި މީހާ އުދާސްވެއްޖެއެވެ. ތުރުތުރުއަޅާ ގޮތްވެ، ދެ ލޮލަށް ކަރުނަ ޖަމާވާން ފަށާކަށް ވެސް ލަހެއް ނުވިއެވެ. އަތުގައި އޮތް ފޯނުން ގަޑި ބަލައިލި އިރު އަދި ނުވައެއް ޖަހަން ލައްކަ ވަގުތު ވެސް އެބައޮތެވެ.
" ނުބުނާނަން. އެއްވެސް މީހަކު ކައިރީ ނުބުނާނަން. މީހަކު ދޭ ލަފައެއް ވެސް ބޭނުމެއް ނޫން. ހުސެން ދައްކާ ވާހަކަ އަޑުއަހަން އަހަރެން ބޭނުމީ." ހިތާހިތާ އަހަންނަށް ބުނެވުނެވެ.
އެރޭ ލިލީ ނިންދަވަން އޮތް އިރު ވެސް އަހަންނަށް އަބަދާއަބަދު ގަޑިއަށް ބެލެނީއެވެ. ހިތް ތެޅިފޮޅެނީ އޮބިނޯންނަ ވަރަށެވެ. ހަމަޖެހެން މަސައްކަތް ކުރިޔަސް، ހަމަޖެހެވޭ ގޮތެއް ނުވިއެވެ. ސިކުނޑީގައި އެނބުރެމުންދަނީ މުޅިން ވެސް ސުވާލެވެ. ފެންވަރައިގެން ނިކުމެ ރީތިވާން ހުރި އިރު ވެސް އަހަރެންގެ މޫނުމަތިން ތާޒާކަމެއް ނުފެނެއެވެ. ލޯގަނޑުން ބަލަހައްޓައިގެން ހުރެ، ހީލީމެވެ. ނަމަވެސް އަހަރެން ހީލީމަ، މިހާރު އަހަންނަށް ވެސް ހަޑިއެވެ. ހީވަނީ ހިނިތުންވުމުގެ ޙައްޤެއް އަހަންނަކަށް ނެތް ހެންނެވެ.
އެންމެ ފަހު ކަމަކަށް އަހަރެން ސެންޓުފުޅި ނެގީމެވެ. އެ ސެންޓަކީ އަހަންނާ ހުސެން ބައްދަލްވި މަދު ފަހަރުތަކުގައި އަހަރެން ޖެހި ސެންޓެކެވެ. ހުސެންއަށް އެ ސެންޓުން މީރުވަސް ދުވާ ވާހަކަ ބުނުމުން އަހަރެން އެ ސެންޓުފުޅި، ހުސެންއަށް ހާއްސަކުރި ގޮތަށް އަދިވެސް ހުރީއެވެ. އޭގެ އެތައް ދުވަހެއް ފަހުން އަހަރެން އެ ސެންޓު މި ޖަހަނީ ހަމަ ހުސެން ކައިރިއަށް ދާށެވެ. ގައިމުވެސް އޭރުގެ ހަނދާންތައް އާވާނެކަން އަހަންނަށް ޔަޤީނެވެ.
އަހަރެން އުޅޭ ގެއާ ބީޗު ކައިރިކަމުން އަހަރެން ދިޔައީ ހިނގާފައެވެ. ހުސެން ބުނި ތަނަށް އަހަރެން ހަމަ ގަޑިއަށް ދިޔައީމެވެ. އޭރު އޭނާ ވެސް އެ ތަނުގައި ހުއްޓެވެ. އަހަރެން ފެނުމާއެކު ފަރުވާތެރިކަމާއެކު ހުސެން އަހަރެންގެ މޫނަށް ބަލައިލިއެވެ. އޭނާއާ ނަޒަރު ސީދާ ކުރަން ފަސޭހަ ނުވާތީ، އަހަރެން ވަށައިގެން ބަލައިލީމެވެ. އޭރު ވެސް ކޮންމެވެސް ވަރަކަށް އެ ތަނުގައި މީހުން ހޭލަމޭލަވެ އުޅެއެވެ.
" ތަންކޮޅެއް އެ ކޮޅަށް އާދޭ." ހުސެން އިޝާރާތް ކޮއްލީ މޫދާ ދިމާއަށެވެ.
އޭނާއާ އެއް ހަމައެއްގައި ހުރެ އަހަރެން މަޑުމަޑުން އެ ދިމާލަށް ދިޔައީމެވެ.
" ލިލީ ކޮބާ؟" ހުސެން ސުވާލު ކުރީ ނުހަނު ގާތް ގޮތަކަށެވެ. އެ ޖުމްލައިން ވެސް އަހަރެންގެ ސިކުނޑި ދަތުރުކުރީ އަހަރެމެން ދެ މީހުންގެ މާޒީއަށެވެ. އަބަދުވެސް އަހަރެން ބޭރުގައި އުޅޭކަން އެނގިއްޖެއްޔާ ހުސެން ކުރާނީ އެ ސުވާލެވެ.
" ނިދާފަ." އަހަންނަށް އަޑު ބޭރު ކުރެވުނީ ވަރަށް އުނދަގުލުންނެވެ.
" އެކަނި؟" އޭނާ އެހިއެވެ.
" ހޫމް." އަހަރެން ދިނީ ކުރު ޖަވާބެކެވެ.
" އެހެންވިއްޔާ އަވަހަށް ދާން ޖެހޭނެ." އޭނާ ބުންޏެވެ.
އަހަރެން އެއްޗެއް ނުބުނަމެވެ. އަހަރެމެން ދެ މީހުން ގޮސް ހުއްޓުނީ މޫދާ ދިމާލަށް ކުރިމަތި ލައިގެންނެވެ. އެ ހިސާބު އަނދިރިކަމުން އެކަކު އަނެކަކުގެ މޫނުމަތީގެ ކުލަވަރު ނުފެންނާނެތީ އަހަރެން ހުރީ ހިތްހަމަޖެހިގެންނެވެ. ގައިމު ވެސް އަހަރެންގެ މޫނުމަތީގައި އަދިވެސް އުފާވެރިކަމެއް ނުވާނެއެވެ.
ދެ މީހުންގެ ދެމެދަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ވާހަކަ ދައްކަން ފަށާނީ ކާކުކަމެއް އެކަކަށް ވެސް ނޭނގޭ ކަހަލައެވެ. ސިއްރުން އަހަރެން ހުސެންއަށް ދެ ތިން ފަހަރު ބަލައިލީ އިރު ވެސް އޭނާ ހުރީ ކުރިމަތީ އޮތް މާ ސިންގާ ކަނޑަށް ބަލަހައްޓައިގެންނެވެ.
" އަހަރެން ޤަބޫލު ކުރަން ތައިބާ ދެއްކީ ތެދު ވާހަކަކަން. ތައިބާ އަހަންނަށް އެއްވެސް ދެރައެއް ނުދޭނެކަން ޔަޤީން ވެސް ކުރަން " ހުސެން ބުންޏެވެ.
އެއާއެކު އަހަންނަށް މުޅި ހަށިގަނޑު އޭނާއާ ދިމާލަށް އަނބުރާލެވުނެވެ. އެހާ ފަސޭހައިން އެހެން ބުނީ ކީއްވެތޯ ސުވާލު ކުރާ ހިތްވި ނަމަވެސް އަހަރެން މަޑުކުރީމެވެ.
" އެ ރޭ އަހަންނަށް ވާނެ ގޮތް ތައިބާއަށް އެނގޭނެ. އަހަންނަށް ކުރެވޭނެ އިހްސާސްތައް ވެސް އެނގޭނެ. ތައިބާ އަހަންނަށް ގަސްތުގައި ދިން ލަނޑެކޭ ބުނެވުނީ އަައިސް ހުރި ރުޅިން. އެކަމަކު ބަންދުގައި ހުރެ ރަނގަޅަށް ހަމަޖެހިލެވުނީމަ އަހަންނަށް އެނގުނު ތައިބާ އަހަންނަށް އެހެން ނަހަދާނެކަން. " ހުސެން އަސަރާއެކު ކިޔައިދިނެވެ.
" ދެން ކީއްވެ އެންމެ ފަހުން ދިމާވި ރޭ ހުރިހާ އެއްޗެއް ކިޔައިދިނީމަ ވެސް ހުސެން އަހަރެންދެކެ ރުޅި އައީ؟" ކެތްނުވެގެން އަހަރެން އެހީމެވެ.
" އަހަންނާ ހެދި ތައިބާގެ މުސްތަޤްބަލް ހަލާކުވާން ބޭނުން ނުވީ. ތައިބާ ބުނާ ހުރިހާ ވާހަކައެއް ޤަބޫލު ކުރަމޭ ބުނެގެން އިތުރު އުއްމީދެއް ދޭން ބޭނުން ނުވީ." ހުސެން ބުންޏެވެ.
" ދެން ކީއްވެ މިރޭ ތި ވާހަކަ ތި ބުނީ؟" އަހަރެން އެހީމެވެ.
" އަހަންނަށް ތައިބާ ފެނޭ ވަރަށް ގިނައިން. ތިއީ ކުރިން އަހަންނަށް ފެންނަ ކުއްޖާއެއް ނޫން. އުފާވެރިކަމުން ފުރިގެން ހުންނަ އުޖާލާ މޫނެއް ނޫން މިހާރު ފެންނަނީ. އަހަންނަށް އެނގޭ އަހަންނާ ހެދިކަން. އަހަންނަށް އެނގޭ އަހަރެން ރުޅި އައިސް ހުންނާތީ ތައިބާ ވިސްނާނެކަން. ފިކުރު ކުރާނެކަން. ދެރަވާނެކަން. އަދި ވަރަށް ރޯނެކަން ވެސް އެނގޭ. އެހެންވެ އަހަރެންގެ ހިތަށް އުނދަގޫވަނީ." ހުސެން ބުންޏެވެ.
" ދެން ހުސެންއަށް ހީވޭތަ އަހަރެން ހުންނާނީ ވަރަށް އުފަލުގައިހެން؟" ތުރުތުރުއަޅާ އަޑަކުން އަހަރެން އެހީމެވެ.
" އަހަރެން ރުޅި އައިސް ހުންނާތީ ދެރަވަންޏާ، ދެން މި ކަން ސާފުކޮށްދިނީމަ ތައިބާ ހުންނަން ޖެހޭނީ އުފަލުން." ހުސެން އެހެން ބުނީ އަހަންނަށް ބަލައިލަމުންނެވެ.
އަހަރެން އަނެއްކާ ވެސް ދުރަށް ބަލައިލީމެވެ.
" އިތުރު އުއްމީދެއް ދޭކަށެއް ނޫން މި ވާހަކަ މި ދެއްކީ. ތައިބާ ހިތާމަތަކުން ދުރުކޮއްދޭން ވެގެން މި ބުނީ އަސްލު. އަހަރެން ބޭނުމެއް ނޫން ތައިބާ ވާނުވާގައި ބަހައްޓާކަށް. އަހަރެންދެކެ އިތުރަށް ލޯބި ނުވޭ! އަހަރެންގެ އުއްމީދަކީ ތައިބާ އަބަދުވެސް އުފަލުގައި ހުރުން." ހުސެން ބުންޏެވެ.
" ވާނުވާގައޭ؟ ކީއްވެ ތިހެން ތި ބުނީ؟ އަހަރެން ހުސެންދެކެ ލޯބިވީ ގަދަކަމުން ތި ލޯބި ޙާޞިލް ކުރާކަށް ނޫނޭ. އަދި އަހަރެންގެ ޙަޔާތަށް ހުސެން ގެންނާކަށް ވެސް ނޫން. އާނ އަހަރެން ކިތަންމެހާ ވެސް ހުސެން ބޭނުން. ހުސެންގެ ލޯބި ވެސް ބޭނުން. އެކަމަކު ގަދަބާރުން އަހަރެން އެއްވެސް ކަމެއް ކުރިންތަ؟ އެއްވެސް އުނދަގުލެއް ކުރިންތަ؟ އޭރު ހުސެން ބުނަމުން ދިޔައީ ހުސެންގެ ދިރިއުޅުމަށްޓަކައި ހުސެން މުޅި އުމުރު ހުންނާނަމޭ. އެކަމަކު މިހާރު؟ މިހާރު ދެ މީހުން ވެސް މި ތިބީ އެކަނިވެފައި. ދެން ކީއްވެ އަހަންނަށް ފުރަގަސްދެނީ؟ ކީއްވެ އަހަރެންގެ ލޯބި ޤަބޫލު ނުކުރަނީ؟ " އަހަރެން އެހީމެވެ.
" އަހަރެން ސިންގަލްއެއް ނޫނޭ ތައިބާ! އައިމް މެރީޑް." ހުސެން އެހެން ބުނުމާއެކު އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ.
( ނުނިމޭ )
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!