" އަހަރެން ސިންގަލްއެއް ނޫނޭ ތައިބާ! އައިމް މެރީޑް." ހުސެން އެހެން ބުނުމާއެކު އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަނގައިން ބުނަން ނޭނގިފައި އަހަންނަށް ހުރެވުނީ ސީދާ ހުސެންއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އަނދިރިކަމުން ދެ މީހުންގެ މޫނުމައްޗަށް އަންނަމުންދާ ބަދަލުތައް އެކަކަށް ވެސް ނުފެންނަކަމީ ނަސީބެކޭ އަހަރެންގެ ހިތަށް އެރިއެވެ.
" މެ... މެރިޑް؟ ދޮގެއް ދޯ؟" ބޭއިހްތިޔާރުގައި އަހަންނަށް ހުސެންއާ ގާތަށް ޖެހިލެވުނެވެ. އޭރު މެޔަށް އުނދަގޫވާވަރަށް އަހަރެންގެ ހިތް ވެސް ތެޅެމުން ދެއެވެ.
" ދޮގެއް ނަހަދަން." ހުސެން ދިނީ ކުރު ޖަވާބެކެވެ. އޭރު އޭނާގެ އަޑުގައި ވެސް ރިހުމެއް އުފެދިފައިވާކަން އަހަންނަށް އިހްސާސް ކުރެވުނެވެ.
" އެއީ... އެއީ ކާކު؟" ތުރުތުރުއަޅާ ވަރުން އަހަރެންގެ އަޑު ނިކުތީ ކިރިޔާއެވެ. ހުސެންގެ އަނތްބެއްގެ މަޤާމް ލިބުނީ ކާކަށްތޯ ބަލައިލާ ހިތުން އެ ސުވާލު ކުރުމަށްޓަކައި އަހަރެން ހިތްވަރު ކުރީމެވެ.
" ކުދިންގެ މަންމައާ ކައިވެނިކުރީ. އޭނަ އަހަންނަށް މަޢާފްކޮއްފައި އަލުން ގުޅެން ބޭނުންވާ ވާހަކަ ބުނީ." ހުސެން ބުންޏެވެ.
ހަގީގަތުގައި ވެސް ހުސެންގެ ދިރިއުޅުމުގައި އަހަންނަށް އެއްވެސް މަޤާމެއް ނެތްކަން އަހަންނަށް ޔަޤީން ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. ކުރާނެ ޝަކުވާއެއް ވެސް އަހަންނަކަށް ނޭނގުނެވެ. އިތުރަށް ދައްކާނެ ވާހަކައެއް ވެސް ހިތަކަށް ނައެވެ. މުޅި އުމުރަށް ހުސެން ގެއްލުނީކަން އިހްސާސް ކުރެވުމާއެކު، މުޅި ހަށިގަނޑު ގަނޑުވީ ކަހަލައެވެ.
" ސޮރީ. " ހުސެންގެ މަޑުމޮޅި އަޑު އިވި، އަހަރެންގެ ކަންފަތް ތޮޅިލިއެވެ.
މޫދާ ދިމާލަށް ބަލައިލަމުން އަހަރެން ދެ އަތް އުރާލީ ހަމަޖެހެވޭތޯއެވެ.
" ރުޅި އައީތަ؟" ހުސެން އެހިއެވެ.
" ނޫން. ހުސެން ކުރާ ކަންކަމަށް ރުޅި އަންނަން އަހަންނަށް އޮތީ ކޮން ޙައްޤެއް؟ މިއަދު ހުސެންއަށް އަހަންނަކީ އެއްވެސް މީހެއް ނޫނެއްނު. " ޝަކުވާ ނުކުރަން ހުއްޓަސް އަހަންނަށް އެހެން ބުނެވުމާއެކު ރޮވިއްޖެއެވެ.
" ނުރޮއިބަ! ޕްލީޒް." ހުސެން ބުންޏެވެ.
އަހަރެން އަވަސް އަވަހަށް ހުސެންއަށް ފުރަގަސްދިނީމެވެ. އޭރު ވެސް މުޅި ހަށިގަނޑު ތުރުތުރުއަޅަމުން ދާ ކަހަލައެވެ. ހުސެން ސަލާމަތްވުމާއެކު އަހަރެން ކުރި އެންމެ ފަހުގެ އުއްމީދު ވެސް ގެއްލުނީތީ އިންތިހާއަށް ދެރަވިއެވެ.
" ތައިބާ ތިހެން ރޮންޏާ އަހަރެން ދެރަވާނެކަން އެނގެއެއްނު." ހުސެންގެ އަޑު ވެސް ދިޔައީ ކެނޑިކެނޑިގެންނެވެ. އޭނާގެ އަޑު އިވި އިތުރަށް އަހަރެން ދެރަވެއްޖެއެވެ. ހުސެންއަށް ބަލައިލުމާއެކު އަހަރެންގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ.
" އެކަމަކު... މުޅި އުމުރަށް އަހަރެން ހުސެންއާ ދުރު ކޮއްލާކަށް ދެރައެއް ނުވިއެއްނު. ހުސެންއަކަށް ނޭނގޭތަ އަހަރެން ހުސެންއަށް އިންތިޒާރު ކުރާނެ ކަމެއް. ހުސެން ހޯދަން އަހަރެން ކިހާ މަސައްކަތެއް ކުރިން. ގަނަތެޅިގެން އަހަރެން ހުސެން ހޯދީ. އެކަމަކު ހުސެންއާ ހަމައަށް އާދެވުނު އިރު، އަނެއްކާ ވެސް އަހަންނަށް ގެއްލިއްޖެ. ދެން ބުނެބަލަ އަހަރެން ނުރޮއި ހުންނާނެ ގޮތެއް؟ " އަހަރެން އެހެން ބުނުމާއެކު ހުސެން އަހަރެންގެ ދެ ކޮނޑުގައި ހިފަހައްޓާލިއެވެ.
އެތައް ދުވަހަކަށްފަހު، ހުސެން އަހަރެންގެ ގައިގައި އަތް ޖައްސާލުމާއެކު އަހަންނަށް ހީވީ، ލޭ ދައުރުވުން ހުއްޓި، މުޅި ހަށިގަނޑު ގަނޑުވިހެންނެވެ. ޖަޒްބާތުތައް މަސްހުނި ވެގެން ގޮސް އޭނާގެ ގައިގައި ބާރަށް ބައްދާލަން ބޭނުންވިއެވެ. ނަމަވެސް އަހަރެންގެ ޟަމީރު އެކަމަކަށް އެއްބަހެއް ނުވިއެވެ.
" ދޫކޮއްލާ އަހަރެންގެ ގައިން." އިސްޖަހައިގެން ހުރެ އަހަރެން އެހެން ބުނުމާއެކު ހުސެން އަހަރެންގެ ގައިން ދޫކޮއްލިއެވެ.
" ސޮރީ." ޖީބަށް އަތް ޖަހާލަމުން ހުސެން ބުނެލިއެވެ.
އެއާއެކު ދެ މީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ހުސެން ވާހަކަ ދައްކާނެ ވަގުތަކަށެވެ.
" އަހަރެން ވަރަށް ލޯބިވޭ ދަރިންދެކެ. އެ ކުދިންނާ ވަކިން އަހަންނަކަށް ނޫޅެވޭނެ." ހުސެން ބުންޏެވެ.
އަަހަންނަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ.
" ސަލާމަތް ވެގެން އަހަރެން ރަށަށް ދިޔައިން. އޭރު ދެ ކުދިން ގޮވައިގެން ވައިފް އުޅެމުން ދިޔައީ ވަރަށް ޙާލުގައި. އަހަންނާނުލާ އުޅެން އެ ތިން މީހުންނަށް ވެސް ވަރަށް އުނދަގޫވާނެ. އަހަރެން ފެނުނީމަ ކުދިން ވެސް ވަރަށް އުފާވެފައި ތިބީ. ދެން... ވައިފް ބުނީ މެރީ ކުރަން ބޭނުން ވާހަކަ." ހުސެންގެ ވާހަކަތައް އަޑުއަހަން ކިތަންމެ ހިތްދަތި ވިޔަސް އަހަރެން ހުރީ، މިރޭ ހުސެން ދައްކާ ހުރިހާ ވާހަކައެއް ވެސް އަޑު އަހަން ބޭނުންވެފައެވެ.
" އަހަރެން ވެސް ތައިބާއާ ދިމާވޭތޯ މަސައްކަތް ކުރީމޭ. ތައިބާގެ ކުރީގެ ނަންބަރަކަށް ނުގުޅޭ. އެތައް ފަހަރަކު ޓްރައި ކުރިން." ހުސެން އެހެން ބުނުމާއެކު އަހަންނަށް ދެ ލޯ މަރާލެވުނެވެ. ބާރަށް ރޮއިގަންނަން ބޭނުންވިއެވެ. ޒިޔާދަށް ފިލަން ވެގެން ސިމް ބަދަލު ކުރެވުމުން ވެސް ހުރިހާ ދެރައެއް މި ލިބުނީ ހަމަ އަހަންނަށޭ ހިތަށް އެރިއެވެ.
" ކީއްވެ ގުޅަން އުޅުނީ؟" އަހަރެން އެހީމެވެ.
" ކައިވެނި ކުރުމުގެ ކުރިން، ކޮބައިތޯ ބަލައިލަން ވެގެން. ރަނގަޅުތޯ ބަލައިލަން ވެގެން. " ހުސެން ބުންޏެވެ.
" ދެން ކީއްވެ އަހަރެން ފެނުނީމަ ބިރެއް ފެނިގެން އުޅޭހެން އަހަރެން އިގްނޯ ކުރީ؟" އަހަރެން އެހީމެވެ.
" އެއީ... އެއީ އަނެއްކާ ވެސް ގޯހެއް ހިނގާފާނެތީ.." ހުސެން ބުންޏެވެ.
"ދެން ތި ހީކުރާ ކަހަލަ ކަމެއް ނުވާނެ. އެކަމަކު މި ތަނުން ދިޔުމުގެ ކުރިން އަހަރެން ހަމަ އެންމެ ސުވާލެއް ކޮއްލަން ބޭނުން." އަހަރެން ބުނީމެވެ.
" ތެދަށް ބުނެބަ! އަހަރެންދެކެ އެއްވެސް ވަރަކަށް ލޯބި ވީންތަ؟ ކުޑަކޮށް ވިޔަސް... ކުޑަ ހިނދުކޮޅަކަށް ވިޔަސް.. ލޯބި ވީންތަ؟" އަހަރެން އެހީ ހުސެންއާ ގާތަށް ޖެހިލަމުންނެވެ.
އަހަންނާ ދިމާލަށް ބަލައިލުމަށްފަހު، ހުސެން އަނެއްކާ ވެސް މޫދާ ދިމާލަށް އެނބުރުނެވެ.
" ބުނެބާ! " ހުސެންގެ އަތުގެ މުލައްދަނޑީގައި ހިފަމުން އަހަރެން އަނެއްކާ ވެސް އެހީމެވެ.
ހުސެން އަހަރެންގެ އަތަށް ބަަލައިލުމާއެކު އަވަސް އަވަހަށް އަހަރެން އަތް ދޫކޮއްލަމުން ސޮރީއޭ ބުނެލީމެވެ.
" މި ސަބަބަށްޓަކައި އަހަރެން ތައިބާއާ ދުރުން އުޅެން ނިންމީ. ފެނުނީމަ ވެސް އިގްނޯ ކުރީ. " ހުސެން ބުންޏެވެ.
ސުވާލުގެ ނަޒަރަކުން އަހަރެން ހުސެންއަށް ބަަލަހައްޓައިގެން ހުރީމެވެ. އެ ވަގުތު އޭނާ އަހަންނާ ކުރިމަތިިލިއެވެ.
" ތައިބާ އަހަރެންގެ ކައިރިއަށް އަތުވެއްޖެނަމަ އަހަންނަށް މަޑަކުން ނުހުރެވޭނެ. އަހަރެންގެ ގައިގައި ތި ގޮތަށް ކިރިޔާ އަތް ލިޔަސް، އަހަންނަށް ވަރަށް އުނދަގޫވޭ. ހިއްސުތައް ހޭލާ. އިތުރަށް ތައިބާއާ ގާތްވާ ހިތްވޭ. " ހުސެން އެހެން ބުނެ ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ދެ ލޯ ބޮޑުކޮއްގެން ހުރެ، އަހަންނަށް ފަހަތަށް ޖެހެވުނެވެ.
" މި ގޮތް ވާން ބޭނުން ނުވާތީ ދެ މީހުން ދިމާވާން ވެސް ބޭނުން ނުވަނީ. " އެހެން ބުނުމަށްފަހު ކުއްލިއަކަށް ހުސެން އަހަރެންގެ އަތުގައި ބާރަށް ހިފިއެވެ. އަހަންނަށް ތަދުވާހާ ވެސް ބާރަށެވެ. އެ ވަގުތު އަހަރެން ކުޑަކޮށް ބިރު ވެސް ގަތެވެ.
އަހަރެންގެ އަތް ގެންގޮސް އޭނާގެ މޭގައި ޖައްސާލީ ނުހަނު މަޑުމަޑުންނެވެ. އެއާއެކު އެ ހިތް ތެޅޭވަރު ހުދު އަހަންނަށް ވެސް އިހްސާސް ކުރެވުނެވެ.
" ދެ މީހުން އެކަހެރިވީމަ، މި ހިތް ކޮންޓްރޯލެއް ނުވެ. ހަނދާންވޭތަ އެންމެ ފުރަތަމަ ތި ގޭގަ ބައްދަލްވީ ރޭ. ހަމަ މިހާ ބާރަށް އެރޭ ވެސް އަހަރެންގެ ހިތް ތެޅުނު." ހުސެން އެހެން ބުނުމާއެކު އަހަރެން ވެސް އެ ރޭ މަތިން ހަނދާންވިއެވެ. ހުސެންގެ މޭގައި އަހަރެންގެ އަތް ޖައްސާލި ވަގުތު، އެރޭ ވެސް އަހަރެންގެ ޖަޒްބާތުތައް ކޮންޓްރޯލް ނުވިއެވެ. ހުސެން އަދިވެސް އެ ރޭ މަތިން ހަނދާން ހުރިކަން އެނގުމުން އަހަރެން ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހުނެވެ.
ނަމަވެސް އަދިވެސް އަހަރެން ބޭނުންވާ ސުވާލުގެ ޖަވާބެއް ހުސެންގެ ފަރާތަކުން ނުލިބެއެވެ.އަހަރެން އަވަސް އަވަހަށް ހުސެންއާ ދުރަށް ޖެހިލީމެވެ.
" އަންހެނަކާ ވަކިން ބައްދަލްކުރިއްޔާ ހަމަ ކޮންމެ ފިރިހެނަކަށް ވެސް ތިހެން ވެދާނެ އެއްނު. ލޯބި ނުވާ މީހުން ވެސް ލޯބި ކުރެއެއްނު" އަހަރެން ބުނީމެވެ.
" ތައިބާ! " ހުސެން އަހަރެންގެ ނަމުން ތަންކޮޅެއް ބާރަށް ގޮވާލުމުން އަހަރެން ދިޔައީ ސިހިގެންނެވެ.
" އެހެން އަންހެނުންނާ ތައިބާއާ އަހަރެން އަޅައެއް ނުކިޔަން. ޕްލީޒް! އެހެން ފިރިހެނުންނާ އަހަރެން ހަމަހަމަ ނުކުރޭ. ތައިބާގެ ފަރާތުން ނާޖާއިޒް ފައިދާއެއް ނަގާކަށް އަހަރެން ނޫޅެން." ހުސެން ބުންޏެވެ.
" އެހެންވިއްޔާ އަހަރެންދެކެ ލޯބިވޭތަ؟ އަހަރެން ކައިރިއަށް އައީ އަހަރެންދެކެ ލޯބި ވެގެން ނޫންތަ؟" އަހަރެންގެ އަޑު ވެސް ބާރުކޮއްލީމެވެ. އެ ސުވާލުގެ ޖަވާބު އަހަރެން ވަރަށް ބޭނުމެވެ.
" އަހަރެން ވެސް ބޭނުމޭ ބަލައިލަން އަހަރެން މިހާ ބޮޑަށް ލޯބިވާ މީހާ، އަހަރެންދެކެ ލޯބިވޭތޯ. " އަހަރެން ބުނީމެވެ.
" ލޯބި ނުވެޔޭ ބުނިއްޔާ ތައިބާ އަހަންނަށް ނަފްރަތު ކުރާނެ. ލޯބިވެޔޭ ބުނިއްޔާ، ތައިބާ މާ ދެރަވޭނެ. އަހަރެން ދުވަހަކު ވެސް ތައިބާއަށް ނުލިބޭނެތީ." ހުސެން ބުންޏެވެ.
" ނުލިބޭނެތަ؟ އަސަރާއެކު އަހަރެން އެހީމެވެ.
" ހޫމް.. " ހުސެން ދިނީ ކުރު ޖަވާބެކެވެ.
އެއާއެކު އަހަންނަށް ދެ ލޯ މަރާލެވުނެވެ. އުއްމީދެއް ނެތް ކަމަކަށް އަހަރެން ހާދަ އިންތިޒާރެއް ކޮއްފީމޭ ހިތަށް އެރިއެވެ.
" އަހަރެން ނަފްރަތު ކުރިޔަސް، ދެރަވިޔަސް، އަހަރެންގާތު ތެދަށް ބުނޭ! ޕްލީޒް. ހުސެންގެ ކޮންމެ ޖަވާބަކަށް ވެސް އަހަރެން އިހްތިރާމް ކުރާނަމޭ." އަހަރެން އަނެއްކާ ވެސް އެހީމެވެ.
" ނުބުނާނަން." ހުސެން ދިނީ ކުރިން ވެސް އޭނާ ދޭ ޖަވާބެވެ.
" ބުނެބަލަ! އަހަރެން ދެން ދުވަހަކު ވެސް ހުސެންއަކަށް ނުފެންނާނެޔޭ. ބުނެބަލަ! ބުނެބަލަ ލޯތްބެއް ނުވެޔޭ. ބުނެބަލަ މުޅި އުމުރަށް ދާށޭ. އެހެން ބުނަން ނުކެރިގެންތަ ތި އުޅެނީ؟ އަަހަރެންގެ ހިޔަނި ތި ލައިފްއަށް އެޅިދާނެތީ ބިރުންތަ ތި އުޅެނީ؟" އަހަރެން އެހީމެވެ. އޭރު ވެސް ހުސެން އަހަންނާ ދިމާލަށް ބަލަަހައްޓައިގެން ހުއްޓެވެ.
" ތައިބާއަށް އަހަރެންގެ ހިތުން ދިނީ ވަރަށް ފުން މަޤާމެއް. ތި ލޯބި ހަނދާންތައް އަހަރެންގެ ހިތުގައި މުޅި އުމުރަށް ރައްކާކުރިން." ހުސެން އެހެން ބުނުމާއެކު އަހަރެން ބާރުބާރަށް އޭނާގެ ގައިގައި ޖެހިގަތީމެވެ. އެއާއެކު ހުސެންގެ ދެ އަތުން އަހަރެންގެ މުޅި ހަށިގަނޑު ވަށާލައިފިއެވެ.
" އަހަރެން ވަރަށް ވަރަށް ލޯބިވޭ. ހުސެން ޕްލީޒް... އަހަރެން ހުސެން ބޭނުން." އެހެން ބުނެވުމާއެކު އަހަންނަށް ރޮވިއްޖެއެވެ.
" އަހަރެންގެ ޙަޔާތަށް ދުވަހަކު ވެސް ތައިބާއެއް ނުގެނެވޭނެ. ކިތަންމެ ބޭނުން ވިޔަސް.." ހުސެން ބުންޏެވެ.
ތެޅިގަނެފައި އަހަރެން ހުސެންއާ ދުރަށް ޖެހެން މަސައްކަތް ކުރީމެވެ. ނަމަވެސް ހުސެން ހުރީ އަހަންނަށް ދުރަށް ޖެހެވޭ ވަރަށް ވުރެ މާ ބަރަށް ހިފަހައްޓައިގެންނެވެ.
" ކީއްކުރަން ތި ހިފަހައްޓަނީ؟ އަހަރެން ދޫކޮއްލާ! ދާން ވެއްޖެ." އަހަރެން ބުނީމެވެ. އެއާއެކު އޭނާ އަހަރެންގެ މޫނުގައި ދެ އަތުން ހިފަހައްޓާލިއެވެ. އަދި ނިތްކުރިއަށް ބޮސް ދިނުމަށްފަހު ދޫކޮއްލިއެވެ.
" ބުނޭ! އެންމެ ފަހު ފަހަރަކަށް ވެސް ލޯބިވެޔޭ ބުނެބަ! އަހަރެން އަޑުއަހާލަން ބޭނުމޭ. ޕްލީޒް." އަހަރެން އެދުނީމެވެ.
" ނުބުނާނަން. " ހުސެން އެހެން ބުނުމާއެކު އަހަރެން އޭނާއަށް ފުރަގަސްދިނީމެވެ.
" ދެން ދުވަހަކު ވެސް ދެ މީހުން ބައްދަލްވާކަށް ނެތިން. " އަހަރެން ބުނީމެވެ. އަދި ހުސެން އެއްޗެއް ބުނޭތޯ އަހަރެން އިރުކޮޅަކު މަޑުކޮއްލީމެވެ.
" އަހަރެން އަބަދުވެސް ތައިބާއަށް ހެޔޮދުޢާ ކުރާނަން. އަހަންނަށް މަޢާފް ކުރައްޗޭ." ހުސެން ބުނެލި އަޑު އިވުނެވެ.
ފަސްއެނބުރި ބަލައިލަން ބޭނުން ނުވިޔަސް ބޭއިހްތިޔާރުގައި އެންމެ ފަހު ފަހަރަށް އަހަރެން ހުސެންއަށް ބަލައިލީމެވެ. އަހަރެންގެ ހިތް ހުސެންއާ ދިމާލަށް ދާން އުޅޭހެން ވެސް ހީވެއެވެ. ހިތަށް އަހަރެން ބާރު ފޯރުވީމެވެ. މައިތިރި ކުރީމެވެ. އެއީ ދުވަހަކުވެސް އަހަންނަށް ލިބެން ނެތް މީހެއްކަން ވިސްނައިދިނީމެވެ.
" ހުސެންދެކެ އަބަދުވެސް ލޯބި ވާނަން. " އެ ޖުމްލައިން އަހަރެންގެ ހިތުގެ ހާލު އޭނާއަށް ފަހުމުވާނެކަން އަހަންނަށް އެނގެއެވެ. އިތުރަށް މަޑުކުރުމެއް ނެތި އަހަރެން ދުރަށް ހިނގައިގަތީމެވެ. ދެ ވަނަ ފަހަރަށް ފަސް އެނބުރި ނުބަލަން ވެގެން އަހަރެން އައީ ދުވަމުން ކަހަލަ ގޮތަށެވެ. އެ ރީތި ހަނދާންތައް އެ ތަނުގައި ވަޅުލިޔަސް، އެ ލޯބި އަހަރެން ދުލެއް ނުކުރަމެވެ. މުޅި އުމުރު ހުސެންގެ ލޯބި އަހަންނާއެކު ދިރި ހުންނާނެކަން އަހަންނަށް އެނގެއެވެ. އެ ލޯތްބާއެކު އަހަރެން ދިރިހުންނަން މަސައްކަތް ކުރާނަމެވެ. ނަމަވެސް ދުވަހަކު ވެސް ހުސެންގެ ލޯތްބަކަށް ދެން އުންމީދެއް އަދި އިންތިޒާރެއް ވެސް ނުކުރާނަމޭ އަހަރެންގެ ހިތަށް އެރިއެވެ.
އަހަރުތަކެއް ފަސް
ގަޑިން ފަތިހު 5:45 ވުމާއެކު އަހަރެން ކޮޓަރިން ނިކުތީމެވެ. އަދި އަވަސް އަވަހަށް ކަޅު ކޮފީއަކާއި މިލްކް ކޮފީއެއް ތައްޔާރު ކޮއްގެން، ކާމޭޒާ ދިމާލަށް ހިނގައިގަތީމެވެ.
" ކޮފީ ރެޑީ؟" ހުސެންގެ އަޑަށް، ދޮރާ ދިމާލަށް އަހަރެން ބަލައިލީމެވެ.
" އެނގޭނެ ދޯ މި ގަޑިއަށް ކޮންމެހެން ވެސް ކޮފީ ރެޑީވާނެކަން." ހިނިތުންވަމުން އަހަރެން އެހެން ބުނެލި އިރު ހުސެން އައިސް އަހަރެންގެ ކައިރީ ހުއްޓިއްޖެއެވެ. އޭނާ އަހަރެންގެ މޫނުގައި ދެ އަތުން ހިފަހައްޓާލަމުން ނިތްކުރިއަށް ބޮސްދިނީ ނުހަނު ލޯބިންނެވެ. އަދި އަހަންނާ ޖެހިގެން ހުރި ގޮނޑީގައި އޭނާ ވެސް އިށީނެވެ.
" މިސްކިތުން ފްރެންޑެއް ދިމާވެގެން ބުނި ކޮފީއަކަށް އަރަން. އެކަމަކު އަހަރެން ބުނިން މިއީ ސީދާ ކޮފީ ވިތް ވައިފް ޓައިމްއޭ." ހުސެން އެހެން ބުނެ އަހަރެންގެ ނޭފަތުގައި ހިފާލިއެވެ.
" ދެން ތިހެން ނުބުނެ ދިޔަ ނަމައެއްނު. " ހެމުންހެމުން އަހަރެން ބުނީމެވެ.
" ނޫން. އަސްލުވެސް އަހަރެމެން މެރީ ކުރީއްސުރެ، ކޮންމެ ރެޔަކު ފަތިސްނަމާދު ކޮށްގެން މިހެން ވާހަކަ ދައްކާލަން ތިބެން އަހަރެން ވެސް ވަރަށް އުފާވެޔޭ. ދުވަހުގެ ފެށުން މި ދަނީ މުޅިން ވެސް އަޅުކަމުން ދޯ. މިއީ ވެސް ހަމަ އަޅުކަމެއްނު. " ހުސެން އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ކޮންމެ ދުވަހެއް ވެސް އަހަރެމެން ފަށަނީ، މިހާ ލޯބިންނެވެ. މި ވަގުތަކީ ހުދު އަހަންނަށް ވެސް ވަރަށް މުހިއްމު ވަގުތަކަށްވަނީ ވެފައެވެ.
" ދެން އަށެއް ޖަހާއިރު ދާ މީހާ ފެންނާނީ އެހާ ލަހުން. އެހެންވެ އަސްލު އައި ބޭނުންވަނީ ދޫނި މަސައްކަތު ދާން ދެން ވެސް ކައިރީގަ ހުންނަން." އަހަރެން އެހެން ބުނެ، ހުސެންގެ ކޮނޑުގައި ބޯ ޖައްސާލީމެވެ.
" ހިނގާބަ ކައިރީ އޮވެލަން." ހުސެން މަޖާ ރާގަކަށް އެހެން ބުނުމުން އަހަރެން ބޯ ހިއްލާލީމެވެ.
" ކުރީ ދުވަހު ވެސް ކައިރީ އޮވެލީމަ، މަސައްކަތު ނުގޮސް ނިދީއެއްނު. " އަހަރެން ބުނީމެވެ.
" ނިދޭވަރު ކުރީމަ ނިދޭނެއެއްނު." ލާނެތް ގޮތަަކަށް ހުސެން އެހެން ބުނުމާއެކު އަހަންނަށް ބާރަށް ހެވުނެވެ.
" މިއަދު ވަރަށް ބިޒީވާނެ. އޭސީތައް ޑެލިވަރ ކުރާނެ މިއަދު. ސޭލްސް ރިޕޯޓްތައް ހަދަން ޖެހޭނެ." ހުސެން ބުނެލީ މޯޅިއަކަށް ދެމިލަމުންނެވެ.
" މެންދުރަށް ރިހަގަނޑެއް ހަދާނަން. ބޭރުން ނުކައި އަންނާތި ދެން." އާދޭހުގެ ރާގަކަށް އަހަރެން ބުނީމެވެ.
" ލަސްވަންޏާއެއްނު ބޭރުން ކަނީ. އޯކޭ މިއަދު އަންނާނަން އެހެންވީމަ. " ލޯބި ގޮތަކަށް އަހަންނަށް ބަލައިލަމުން ހުސެން ބުންޏެވެ.
ރޭގަނޑުގެ ވަގުތެވެ. ހުސެން ފާޚާނާއިން ނިކުތުމާއެކު އަހަރެން ތެދުވެގެން ގޮސް އަލަމާރި ކައިރީ ހުއްޓުނީ އޭނާ ނިދަން ލާ އެއްޗެހި ނަގައިދޭށެވެ.
" ވަރަށް ފިނި ބޮޑުވެފައި އިނގޭ މި ހުރީ." ހުސެން ބުންޏެވެ.
އޭނާ ގޮސް ޑްރެސިންޓޭބަލް ކައިރީ ހުއްޓި، ލޯޝަން ފުޅި ނެގުމާއެކު އަހަރެން ގޮސް ހުސެންގެ ފަހަތުން ބައްދާލީމެވެ. އެ ވަގުތު ހުސެން ހީލި އަޑު އަހަންނަށް އިވުނެވެ.
" ޓަޔަޑް ތަ؟" އަހަރެން އެހީމެވެ.
" ދެން ތި ސުވާލުތައް ނުކޮށް ކުރަން ބޭނުންވާ ކަމެއް ކޮއްބަލަ." ހެމުންހެމުން ހުސެން ބުނެލިއެވެ.
އަހަރެން ވަގުތުން އޭނާގެ ގައިން ދޫކޮއްލުމަށްފަހު ގޮސް މޭމަތީ ބޯ ޖައްސައި ބާރަށް ބައްދާލީމެވެ. އެއާއެކު ހުސެން ވެސް އަހަރެން ބުރަކަށީގައި އަތް ހިންގާލިއެވެ.
" މާ ގިނައިރު ނުފެނި ހުރެފަ، ފެނުނީމަ މިހެންނޭ ވާނީ." ލަދުން ހުރެ އަހަރެން ބުނީމެވެ.
" ކައިވެންޏަށް 8 އަހަރު ވާއިރު ވެސް ހަމަ ތި އުޅުމެއް ބަދަލެއް ނުވެއެއްނު." ހެމުންހެމުން ހުސެން އެހެންބުނެ، ފަހަތަށް ޖެހެން ފެށީ އަހަރެން ވެސް ގޮވައިގެންނެވެ.
" މިހެން ނޫޅެންޏާ ހުސެން އަހަރެންމަތިން ފޫހިވެދާނެ އެއްނު." އޭނާއާއެކު އެނދަށް ވެއްޓި ގަންނަމުން އަހަރެން ބުނީމެވެ.
" ފޫހިވާނެ ޖާގައެއް ނުދެމެއްނު. އަހަރެން ނުޖެހޭ ބުނާކަށް ވެސް." ހުސެން އެހެން ބުނުމާއެކު އަހަރެންގެ މޫނު ލަދުން ގޮސް ރަތްވެއްޖެއެވެ.
" ދެން ނޫން. އަބަދު އަހަރެން ލަދުގަންނަވާނީ." އަހަންނަށް ބުނެވުނެވެ.
" ދެން ދީބަ! ލަދުން ގޮސް މުޅި މޫނު ފޮރުވީމަ ޔޯ." ހުސެން ބުންޏެވެ. އަހަންނަށް އަނެއްކާ ވެސް ހެވުނެވެ.
ހުސެންގެ ބުރަކަށީގައި ދެ އަތުން ފިރުމާލަމުން ގޮސް އޭނާގެ ބޮލުގެ އިސްތަށިތަކާ ކުޅެލީ އެ ދެ ލޮލުގެ ތެރެއަށް ފީނައިގަންނަމުންނެވެ.
" އައި އާ ދިމާލަށް ތި ބަލާ ގޮތުން ވެސް މަޑަކުން ނުހުރެވޭނެ އެއްނު." އަހަރެން ބުނީމެވެ.
އޭރު ވެސް މަސްތުވީ ނަޒަރަކުން ހުސެން ބަލަމުން ދިޔައީ އަހަރެންގެ ދެ ލޮލަށެވެ. ތުރުތުރުއަޅަމުން ދިޔަ އަހަރެންގެ ތުންފަތުގައި އޭނާ މަޑުމަޑުން އިނގިލި ޖައްސާލީ، އަހަރެންގެ މޫނާ މޫނު ކައިރި ކޮއްލަމުންނެވެ.
އެއާއެކު އެނދު ކައިރީ ހުރި ސައިޑް ކަބަޑު މަތީ އޮތް ފޯނު ބާރަށް އެލަރމް ވާން ފަށައިފިއެވެ. ސިހިފައި ތެދުވެ އަވަސް އަވަހަށް އަހަރެން އެލަރމް އޮފް ކޮއްލީމެވެ. އޭރު އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެމުން ދެއެވެ. ހަށިގަނޑުގައި އޭރު ވެސް ދައުރުވަމުންދަނީ ހުސެންގެ އިހްސާސްތަކެވެ. އެއީ އަހަންނަށް އަލަށް ފެންނަ ހުވަފެނެއް ނޫނެވެ. ކޮންމެ ރެޔަކު އަހަރެން ނިދަނީ ހުސެންގެ ހިޔާލުތަކުން ފުން ކަނޑަކަށް ޣަރަޤު ވަމުންދާ ޙާލުގައެވެ. ހުވަފެނުން ވިޔަސް ހުސެން ފެންނާތީ، އަހަރެން ހިތްހަމަޖެހެއެވެ. އުފާވެއެވެ.
" މަންމީ! އަޅުގަނޑު ބޭނުން ބާސްކެޓްބޯލް އެކަޑަމީއަށް ޖޮއިން ވާން. ކްލާސް ހުރިހާ ކުދިން ވެއްޖެ. މި އޮތީ އެ ނަންބަރު ވެސް. " ކުޑަ ކަރުދާސްކޮޅެއް ދިއްކޮއްލަމުން ލިލީ ބުންޏެވެ.
" މި ނަންބަރަށް ގުޅާފަ އަޅުގަނޑުގެ ނަން ދީބަލަ ޕްލީޒް" ލިލީ އަނެއްކާ ވެސް ބުންޏެވެ.
" ދަރިފުޅު އޯލެވެލް ކައިރިވެފައި އޮއްވާ ތިހެން އުޅެން ވާނެތަ؟" އަހަރެން ބުނީމެވެ.
" ހަފްތާއަކު އެންމެ ތިން ދުވަސް. ޕްލީޒް މަންމާ! " ލިލީ ބުނެލީ އާދޭހާއެކުއެވެ.
" ހޫމް، ކިޔެވުން ދަށް ވަންޏާ އެކަމަކު ކަނޑާލާނަން." އަހަރެން ބުނީމެވެ.
" ކިޔަވާނަމޭ މަންމާ! މި އަންނަނީ ފެންވަރައިގެން ." ލިލީ ކޮޓަރިއާ ދިމާލަށް ދަމުން ބުނެލިއެވެ.
ދެ ފަރާތަށް ބޯ ހޫރާލަމުން އަހަރެން ފޯނު ނެގީމެވެ. އަދި ލިލީ ދިން ކަރުދާސްކޮޅަށް ބަލަހަަައްޓައިގެން އިނދެ އެ ނަންބަރަށް ގުޅީމެވެ. ދެ ތިން ފަހަރަކު ރިންގް ވުމާއެކު ފޯނު ނަގައިފިއެވެ.
" ހަލޯ! ހަލޯހަލޯ." އެ އަޑު ޖެހުމާއެކު އަހަންނަށް އުނދަގޫވިއެވެ. ހުސެންގެ އަޑާ ވައްތަރުކަމުންނެވެ. ނަމަވެސް ޔަގީން ނުވާތީ އެއްޗެއް ނުބުނެ އަހަރެން މަޑުކުރީމެވެ. ދެ ފަހަރަކު ހަލޯ ބުނެފައި އެ ކޮޅުން ފޯނު ކަނޑާލުމާއެކު އަހަރެން އަވަސް އަވަހަށް އެ ނަންބަރު ވައިބަރގައި ސޭވް ކުރަން އުޅުނީމެވެ.
" ހުސެން؟ ހުސެން؟" އަހަރެންގެ ދޫ ހަރަކާތް ކޮއްލިއެވެ.
އެ ފޮޓޯ ފެނުމާއެކު އަހަންނަށް ދެ ލޯ މަރާލެވުނެވެ. އެ އަޑު އަހަންނަށް ދުވަހަކު ވެސް ނޯޅޭނެކަން މިއަދު ޔަގީން ވެއްޖެއެވެ. އަހަރެންގެ ހިތުގެ އެންމެ ފުނުގައި ރައްކާ ކޮއްފައި އޮތް ހުސެންގެ ލޯތްބަށް އެ އަސަރުތައް ވެރިވީ ކަހަލައެވެ. ހުސެން ފެނުމުން އަހަންނަށް ހިނިތުންވެވުނެވެ. އަދިވެސް އެހާ ރީއްޗޭ ހިތަށް އެރިއެވެ. އެ ފޮޓޯއަށް ބަލަހައްޓައިގެން އިންދާ ކުއްލިއަކަށް ލިލީ އައިސް ވަނެވެ.
" ކޮބާ އޯކޭ ވިތަ؟" ލިލީ ބުންޏެވެ.
" އެ ތަނަށް ކުޅެން ދާނެ ކަމެއް ނެތް. ބާސްކެޓް ކުޅޭ އެހެން އެކަޑަމީތައް ވެސް ހުންނާނެ. " އަހަރެން އެހެން ބުނެ ކޮޓަރިއާ ދިމާލަށް ހިނގައިގަތީމެވެ.
" އެކަމަކު މަންމާ! ކްލާސް ހުރިހާ އަންހެން ކުދިން ދަނީ މި ތަނަށޭ. ދެން މަންމާ!" ލިލީ ބާރުބާރަށް ގޮވިއެވެ.
" އެކަމަކު ވެސް ލިލީއަކަށް ނުދެވޭނެ. މަންމި ނޯ ބުނީމަ އޭގެ މާނައަކީ ދެން ބަދަލެއް ނުވާނެޔޭ. އޯކޭ؟ " އަހަރެން އެހެން ބުނުމަށްފަހު ކޮޓަރި ދޮރު ލައްޕާ ތަޅުލީމެވެ. ލިލީ ހިތުގައި ޖައްސާފައި އަންނާކަށް އަހަންނަކަށް ފަސޭހައެއް ވެސް ނޫނެވެ. ނަމަވެސް ހުސެންގެ ކުރިމައްޗަށް ދާކަށް އެއްގޮތަކަށް ވެސް ހިތެއް ނޭދުނެވެ.
އެތައް އަހަރެއް ފާއިތުވެގެން ދިޔައިރު ވެސް ހުސެން މަތިން އަހަރެން ހަނދާނެއް ނުނެތެއެވެ. ބީޗުން އެރޭ ހުސެންއާ ބައްދަލްވީ ފަހުން އަހަރެން ހުސެން ނުދެކެމެވެ. އޭނާގެ ޙާލެއް ވެސް ނޭނގެއެވެ. މިއަދު އަހަރެން ކޮޅަށް މި ހުރީ ދިރި ހުއްޓާ، އެތައް ފަހަރަކު މަރުވެފައިވާ ހާލުގައެވެ.
އަދިވެސް އަހަރެން ހުސެން ބޭނުމެވެ. އިންތިހާއަށް ލޯބިވެސް ވެއެވެ. ނަމަވެސް އެ ދުވަހު ހުސެން އިހްތިޔާރު ކުރީ އޭނާގެ އާއިލާއެވެ. އަހަރެން އެނބުރި އައީ ހަމައެކަނި ހުސެންގެ ލޯތްބާއެކުއެވެ. އެ ޖިސްމެއް، އެ ހަށިގަނޑެއް، އެ ނަފްސެއް އަހަންނަކަށް ނުލިބުނެވެ. އެ ހިތާމަ އަހަރެން އަދިވެސް ކުރަމެވެ. ނަމަވެސް އެއްވެސް ޝަކުވާއެއް ނެތެވެ. އެއީ އަހަރެންގެ ފުރިހަމަ ނުވި އުއްމީދެވެ. ނިމުމެއް ނުވާ އިންތިޒާރެވެ. އަހަރެން މިއަދު މި ދިރިއުޅެނީ އެރޭ ހިތުގައި ރައްކާކުރި ލޯބީގެ ހަނދާންތަކާއެކުއެވެ. އެ ހަނދާންތައް އަހަންނަށް ފުދެއެވެ. ހުސެންއަކީ މުޅި އުމުރަށް ވެސް އަހަރެންގެ ނުދަންނަ އެކުވެރިޔާއެވެ.
-- ނިމުނީ ---
އެޑިޓަރުގެ ނޯޓު: ސަލާގެ މި ހިތްގައިމު ވާހަކައަށް ނިމުން އައިސްފައިވާއިރު، ކިޔުންތެރިންނަށް ދެން ސަލާ ގެނެސްދޭނެ ވާހަކަ އަކީ ''ލޯބިވޭ ނިހާޔަތަށް...'' އެވެ. މިވާހަކަ ގެނެސްދޭން ފަށާނީ ކުޑަ ބްރޭކަކަށްފަހުއެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!