ދިވެހިރާއްޖެއިން ލަންކާއަށް ހަދިޔާކުރި 25،000 މަސްދަޅު ކޭސް، މިއަދު ރަސްމީކޮށް ސްރީލަންކާ ސަރުކާރާ ޙަވާލުކޮށްފިއެވެ.

މި އެހީ އަކީ ދިތުވާ ތޫފާނާ ގުޅިގެން ލަންކާއަށް ކުރިމަތިވި ކާރިސާގައި އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުންނެވެ. މި މަސްދަޅުތައް ލަންކާއަށް ފޮނުވާފައިވަނީ ރާއްޖޭގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ގަލެނާ ކާގޯ ބޯޓުގައި 14 ކޮންޓެއިނަރުގައެވެ. މި ބޯޓު ލަންކާގައި ބަނދަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

Ad
rt

ރާއްޖޭގެ ފަރާތުން މިތަކެތި ލަންކާއާ ރަސްމީކޮށް ޙަވާލުކޮށްދެއްވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދުއެވެ. އަދި ލަންކާގެ ފަރާތުން މިތަކެއްޗާ ޙަވާލުވެވަޑައިގަތީ އެ ޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (ޑީ.އެމް.ސީ)ގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ބްރިގޭޑިއަރ ރޯޝަން ދަރްމާވަކްރަމާ އާއި އެހެނިހެން އިސް އޮފިޝަލުންނެވެ. ލިބުނު މަސްދަޅު ކޭސްތައް ލަންކާގެ ގުޅުންހުރި ސަރުކާރުގެ އިދާރާތައް މެދުވެރިކޮށް ބަހާނެ ކަމަށް ލަންކާގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

ދިވެހި ސަރުކާރުން ވަނީ މި ކާރިސާއަށް އެހީތެރިވުމުގެ ގޮތުން 25،000 މަސްދަޅު ކޭސްގެ އިތުރުން 50،000 ޑޮލަރުވެސް ހަދިޔާކުރައްވާފައެވެ. މި ފައިސާވެސް ވަނީ ލަންކާ ސަރުކާރާ ހަވާލުކުރައްވާފައެވެ. ސަރުކާރުން ފާހަގަކުރައްވާފައިވާ ގޮތުގައި، މި އެހީތެރިކަން ރަމްޒު ކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަމެވެ.

މީގެ އިތުރުން، ޕީއެސްއެމްގެ އިސްނެގުމާއެކު ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯން، "ސިލޯނާއެކު ދިވެހީން" އިން ވަނީ 800،352 ޑޮލަރު ނުވަތަ 245 މިލިއަން ލަންކާ ރުޕީސް ލިބިފައެވެ. މި ފައިސާވެސް މިހާރު ވަނީ ޚާރިޖީ ވުޒާރާއާއި ހަވާލުކޮށްފައެވެ.

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއިން 479 މީހުން މަރުވެ، 350 މީހުން ގެއްލިފައިވާއިރު، އެ ތޫފާނުގެ އަސަރު 1.2 މިލިޔަން މީހުންނަށް ކޮށްފައިވެއެވެ.