ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ނ. ލަންދޫގެ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް ޚިދުމަތްދޭން ފަށައިފިއެވެ.
މިއީ 1100އެއްހާ މީހުންގެ އާބާދީއެއް އޮންނަ ލަންދޫގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ހޯދުމުގައި ލިބިގެންދިޔަ ބޮޑު ލުޔެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ ކުރިން މި މަރުކަޒުން ޚިދުމަތް ދެމުން އައީ ދުވާލަކު 16 ގަޑިއިރަށެވެ. މި ބަދަލާއެކު، ރައްޔިތުންނަށް ކޮންމެ ވަގުތެއްގައިވެސް ޞިއްޙީ އެހީތެރިކަން ހޯދުމުގެ ފުރުޞަތު މިހާރު މިވަނީ ފަހިވެގެންގޮސްފައެވެ.
މި ޚިދުމަތް އިފްތިތާހުކޮށްދެއްވުމަށް އިއްޔެ އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ލަންދޫގެ ސިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް ޚިދުމަތް ދޭން ފެށުން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ލަންދޫގެ ކައުންސިލް މެންބަރުންނާއި، އެރަށުގެ އިދާރާތަކުގެ އިސްވެރިންގެ އިތުރުން ޞިއްޙީ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހީމް ވިދާޅުވީ، ލަންދޫ ފަދަ އާބާދީއެއް އޮންނަ ރަށްރަށުގެ ސިއްޙީ މަރުކަޒުތައް 24 ގަޑިއިރަށް ބަދަލުވެގެން ދިއުމަކީ އެރަށު ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދިޔަ ކަމެއްކަމަށެވެ. ވަޒީރު ވިދާޅުވީ މި ބަދަލުގެ ސަބަބުން ރޭގަނޑު ގަޑީގައި އެމެޖެންސީ ހާލަތެެއް މެދުވެރިވެއްޖެނަމަ އެހެން ރަށަކަށް ފުރައިގެން ދާން ނުޖެހި ޞިއްޙީ ޚިދުމަތްތައް މިހާރު ލިބިގެންދާނެއެވެ.
"ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ރަށްރަށުގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެރަށްރަށުގައި ޤާއިމުވެފައިވާ ޞިއްޙީ މަރުކަޒުތައް 24 ގަޑިއިރަށް ބަދަލުވެގެންދިއުމަކީ އަސްލު ހަޤީޤަތުގައި ރައްޔިތުންނަށް އޭގެ ސަބަބުން ވަރަށް ގިނަ މަންފާތަކެއް ކުރާނެ ކަމެއް. މި ރަށުގައި ޞިއްޙީ މަރުކަޒު މިހާރު 24 ގަޑިއިރަށް ބަދަލުވެގެން ދިއުމާއެކީގައި އަސްލު ވަރަށް ބޮޑު ލުޔެއް މި ރަށު ރައްޔިތުންނަށް މި ލިބިގެންދަނީ." ވަޒީރު ވިދާޅުވިއެވެ.
މި ބަދަލުގެ ސަބަބުން، ލަންދޫގެ ރައްޔިތުން ޞިއްޙީ ފަރުވާއަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހޭ މިންވަރު މަދުވެ، އެކަމާ ގުޅިގެން ކުރަން ޖެހޭ މާލީ ޚަރަދުތައްވެސް ކުޑަވެގެންދާނެއެވެ. މީގެ ކުރިން ރޭގަނޑުގެ ވަގުތުތަކުގައި ކުއްލި ހާލަތްތަކުގައި ޞިއްޙީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާން ޖެހުނުއިރު، މިހާރު އެކަންކަން ހައްލުވެ، ލަންދޫގެ ރައްޔިތުންނަށް ލިބިގެންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް އެރަށު ރައްޔިތުން ގަބޫލުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!