ކުރީގެ އަދަދާއި ގުޅޭ:
ފަތިސް ނަމާދު ބަންގިއާއެކު އަހަންނަށް ލޯ ހުޅުވާލެވުނީ ވަރުބަލިކަމާއެކުއެވެ. އޭރު ކައިރީގައި އޮތް ފޯނުން ބަންގީގެ އަޑު ނުކެނޑެއެވެ. މަޑުމަޑުން ތެދުވެ، ފާރުގައި ބުރަކަށި ޖައްސާލައިގެން އިނދެ އާދައިގެ މަތިން ހަބަރުތައް ބަލައިލީ މާ ބޮޑު އުއްމީދެއް އޮވެގެންނެއް ނޫނެވެ.. ނަމަވެސް އެންމެ ފުރަަތަމަ ވެސް އަހަންނަށް ފެނުނީ ނޫހެއްގައި ޖަހާފައި އޮތް ހުސެންގެ ފޮޓޯއެކެވެ. އެ ފޮޓޯ ފެނިފައި ވެސް އަހަރެންގެ މެޔަށް ދިޔައީ ހޫނު ވެގެންނެވެ.
ހަބަރު ކިޔާލުމަށްފަހު އަހަންނަކަށް ހަމަޖެހުމެއް ނުލިބުުނެވެ. ޝަރީޢަތް ނިމެންދެން ހުސެން ބަންދުގައި ބަހައްޓާފައި ހުރިކަން އެނގުމުން އިތުރަށް އަހަރެން ހާސްވިއެވެ. އެ މައްސަލަ ނިމެން ކިތަންމެ އަހަރެއް ވެސް ނަގާފާނެކަން އަހަންނަށް އެނގެއެވެ. ޒިޔާދުމެންގެ ނުފޫޒުން، ހުސެން މުޅި އުމުރަށް ވެސް ޖަލުގައި ބަހައްޓަފާނެއެވެ. އެފަދަ ނުބައި ޚިޔާލުތަކުން ހިތް ކިލަނބުވާން ފެށުމުން، އަވަހަށް އަހަރެން އެނދުން ފޭބީ ފަތިސްނަމާދު ކުރުމަށެވެ.
ކޮފީތަށި ހިފައިގެން ސޯފާގައި އިންނަތާ އެތައް އިރެއް ވެއްޖެއެވެ. އަހަރެންގެ ވިސްނުމާއި ހިޔާލުތައް ހުރީ ހުސެންއާ ގުޅިފައެވެ. މިހާރު އަހަންނަށް ވެސް އެކަމުގައި އަހަރެންގެ ނަފްސު ކުރެވެން ފަށައިފިއެވެ. ހުރިހާ ހަގީގަތެއް އެނގި ހުރެ، އަހަރެން މިހެން މަޑުން ހުންނަން ވާނެ ހެއްޔެވެ؟ ގަސްތުގައި ހުސެންއަށް އެވަރުގެ ބޮޑު ލަނޑެއް ދޭން ވާނެ ހެއްޔެވެ؟ ފާޅުގައި ގޮސް ހުސެން ސަލާމަތް ކޮއްދޭނެ ހިތްވަރު ނެތީ ހެއްޔެވެ؟
" އޭ! ކޮން ފިކުރެއްގައި؟" ކުއްލިއަކަށް އަހަރެން ސިހުނީ ނޫރާގެ އަޑަށެވެ.
" ހޭނުލެވުނީތަ؟ ހާދަ ލަހުން ތި ނިކުތީ؟" އަހަރެން އެހީމެވެ.
" އާނ! ކިރިޔާ އިރު އަރަން ވާއިރަށް ހޭލެވުނީ. " އެހެން ބުނެ، ނޫރާ ގޮސް ފެން ކައްކާ ޖަގު ޖައްސާލިއެވެ.
" އަހަރެން ބޭނުން މިއަދު ފުލުހަށް ދާން." އަހަރެންގެ ޖުމްލައިން ނޫރާ އަހަންނަށް ބަލައިލީ ހައިރާންކަމާއެކުއެވެ.
" އަހަރެން ފުރުމުގެ ކުރިން ބަޔާން ދޭން ބޭނުން. " އަހަރެން ބުނީމެވެ.
" ކެރޭނެ؟ " ނޫރާ އެހިއެވެ.
ކޮފީ ޖޯޑު ހިފައިގެން ތެދުވެގެން ގޮސް އަހަރެން ނޫރާގެ ކައިރީ ހުއްޓުނީމެވެ.
" އާނ! އަހަރެން ހުސެންދެކެ ވަރަށް ލޯބިވޭ. އެ ލޯބީގެ ހައްޤުގައި ވެސް އަހަރެން މިކަން ކުރަން ބޭނުން." އަހަރެން ބުނީމެވެ.
" ތި ކަމުގައި ތައިބާއަށް ފެންނަ ގޮތެއް ހަދާ! އަހަރެންގެ ފުލް ސަޕޯޓް އަބަދުވެސް ލިބޭނެ." ނޫރާ ބުންޏެވެ.
ނޫރާގެ އެ ޖުމްލަ ވެގެން ދިޔައީ އަހަރެން ވަރަށް ހިތްހަމަ ޖެހުނު ވާހަކައަކަށެވެ. މީގެ ކުރިން އަހަރެންގެ ރައްކާތެރިކަމަށް ބަލާފައި ނޫރާ އަބަދުވެސް އެ ހުރިހާ ކަމަކަށް ދިޔައީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް މިއަދު އޭނާ ހުރީ އަހަރެން ހުއްޓުވާ ގޮތަކަށް ނޫނެވެ.
" އަހަންނާއެކު ދާނަން ދޯ؟" އަހަރެން އެދުނީމެވެ.
ކޮފީތަށި ގިރާލަމުން ނޫރާ ބޯ ޖަހާލިއެވެ.
" މެންދުރަށް ލިލީ ނިދާ ގަޑީގައި ދާނީ. އަހަރެން ކިޔައިދޭނަން ޒިޔާދުގެ ހުރިހާ ވާހަކަތަކެއް. އަހަންނަށް ހެޔޮ ޒިޔާދަށް ކޮންމެ ގޮތެއް ވިޔަސް. އަހަރެން ބޭނުމީ ހުސެން އެ ކަމުގެ ތެރެއިން ނެރެން." އަހަރެން ބުނީމެވެ.
" ތައިބާ ބޭނުންވާ ގޮތަށް ވާނެ އިރާދަކުރެއްވިއްޔާ. " ނޫރާ ބުންޏެވެ.
އަހަރެން ލުއި ގޮތަކަށް ހީލަމުން ބޯ ޖަހާލީމެވެ.
" މާދަމާ މަގޭ ފިރިސޮރު ވެސް އަންނާނެ. އޭނަ ބުނި ރޭގަ ދެކުނު ރަށެއްގައި ހުންނާނެޔޭ ވަރަށް ގާތް މީހަކު. ޔޫ އާ ވާހަކަ ދައްކާށޯ ބުނީ. އޭރުން ހަމަ ބޭނުންވާ އިރަކު ފުރަން ވީ." ނޫރާ ބުންޏެވެ.
އަހަރެން ކުޑަކޮށް ހިތް ނުތަނަވަސްވިއެވެ. ނޫރާ ވެސް އޭނާގެ ދިރިއުޅުމާމެދު ވިސްނާނެކަން އެނގެއެވެ. ފިރިމީހާއާއެކު އިތުރު ކުއްޖަކު ގެއަށް އަންނައިރު އޭނާ ވެސް ތައްޔާރުވާން ބޭނުންވާނެކަން އެނގެއެވެ. އަހަރެންގެ ސަބަބުން އެ މީހުންގެ އަމިއްލަ އުފާތަކަށް ހުރަސް އެޅިދާނެތީ އެ ވަގުތު ބިރުހީވިއެވެ.
" މާދަމާ ވެސް ފުރަން އަހަރެން ހަމަ ރެޑީ." ހިތާ ދެކޮޅަށް އަހަރެން ބުނީމެވެ.
" އަހަރެން ބުނާނަން އޭނަ ކައިރީ. އޭރުން އޭނަ ހަމަޖައްސާނެ ހުރިހާ ކަމެއް ވެސް.. " ނޫރާ ބުންޏެވެ.
އެހެން ދުވަސްތަކާ ޚިލާފަށް މިއަދު ގަޑި ހިނގާލެއް ވެސް އަހަންނަށް ލަހެވެ. ލިލީއަށް ނިދުމާއެކު އަހަރެން ތައްޔާރުވާން ފެށީ، ނޫރާއަށް މެސެޖް ފޮނުވާލާފައެވެ.
" މަ ރެޑީއޭ." ކޮޓަރި ދޮރު ހުޅުވާލަމުން ނޫރާ ބުންޏެވެ.
" އަހަރެން ވަރަށް ބިރު ވެސް ގަނޭ. ނިކުންނަ އިރަށް ޒިޔާދަށް ފެނިދާނެތަ؟" އަހަރެން އެހީމެވެ.
" އެކަމާ ނުވިސްނަބަލަ! މިހާ ދުވަސް ވީ އިރު ޒިޔާދަކަށް ޔޫ އެއް ނުފެނުނެއްނު. އޭނަ ނޭނގެއެއްނު ރާއްޖޭގައި ހުރިކަމެއް ވެސް. " ނޫރާ ބުންޏެވެ.
ބޯ އޮމާންކޮއްލުމަށްފަހު ދަބަސް ނަގައިގެން އަހަރެން ހިނގައިގަތީމެވެ.
" އޭނަ ރާއްޖޭގައި ނެތިއްޔާ ކިތަންމެހާ ވެސް ރަނގަޅު." އަހަރެން ބުނީމެވެ.
ނޫރާގެ ފަހަތުން އަހަރެން ގޮސް ސައިކަލަށް އެރީމެވެ. އޭރު ވެސް އަހަރެންގެ ހިތް އޮތީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. އަނގައިން ނުބުނެ ބާރަށް ދުއްވަން ފެށުމުން އަހަރެންގެ ހާލަތު ނޫރާ ދެނެގެންފިއެވެ.
" އޭ އަނެއްކާ ޔޫ އޯކޭތަ؟ ވަރަށް ވިސްނައިގެން ވާހަކަ ދައްކައްޗޭ." އަހަރެންގެ ބުރަކަށީގައި ޖެހިލަމުން ނޫރާ ބުންޏެވެ.
" އާނ. އެކަމާ މި ވިސްނަނީ. އަހަންނަށް ކިޔެން ހުރި ހުރިހާ އެއްޗެއް ކިޔާނަން. " އަހަރެން ބުނީމެވެ.
ފުލުހުންގެ މައި އިދާރާއަށް ގޮސް ވަތް އިރު ވެސް އަހަރެންގެ މޭގެ ތެޅުމެއް މަޑެއް ނުވެއެވެ. ނަމަވެސް އަަރެންގެ ސަބަބުން ހުސެން ސަލާމަތްވުމަކީ އަހަރެންގެ ދުއާއެއްކަމުން، އެކަމަށް ފަސްޖެހޭކަށް ބޭނުމެއް ނޫނެވެ. ކިތަންމެ ޖެހިލުންވީ ނަމަވެސް އަހަރެން އެ ކޮޓަރިތެރެއަށްވަނީ ނެތް ހިތްވަރާއެކުއެވެ. އަހަރެންގެ ވަނަވަރު ހާމަކުރަން ނޭދޭ ހާލު އަހަންނަށް އެނގޭ ހުރިހާ މައުލޫމާތެއް ދިނީމެވެ. އެ ތަނުން އަހަރެން ނިކުތީ ހިތްހަމަ ޖެހިގެންނެވެ. ހުސެންއާ ކިތަންމެ ދުރަށް ދާން ޖެހުނަސް، އޭނާ ސަލާމަތްވާނެކަމުގެ އުއްމީދާއެކުއެވެ.
ނޫރާގެ އަތުގައި ހިފައިގެން އަހަރެން ގޮސް ސައިލަކަށް އެރި އިރު ވެސް ތުރުތުރުއަޅައެވެ. އަހަރެން ދެއްކީ ކޮން ވާހަކަތަކެއްތޯ އޭރު ވެސް ނޫރާ ސުވާލު ކުރަމުންދެއެވެ.
" ކިޔައިދޭނަމޭ! ފުރަތަމަ އަހަރެން ހަމަޖެހިލަން ވަގުތު ކޮޅެއް ބޭނުން." އަހަރެން ބުނީމެވެ.
" ބޭރަށް ނިކުމެވުނު ދުވަހު ހިނގާ ކޮފީއަކަށް ދާން." ނޫރާ ބުންޏެވެ.
އަހަރެން ބޯ ޖަހާލީމެވެ. މި ފަހަރު ދުއްވަން އެރީ ނޫރާއެވެ. އަހަރެން ހުރީ ސައިކަލް ދުއްވާނެ ހާލަތެއްގައެއް ނޫނެވެ. ތަފާތު އެކިއެކި ޖަޒްބާތުތަކުން އަހަރެންގެ ހިތް އޭރު ވިރެމުންދާހެން ހީވެއެވެ.
ނޫރާ ގޮސް ސައިކަލް މަޑުކޮއްލީ ހަނި ގޯޅިއެއްގައެވެ. މީހުން މަދު އެ ގޯޅީގައި ހުރި ކެފޭއަކަށް އަހަރެމެން ދެ މީހުން ވަނީ އެކުއެކީގައެވެ.
" ހަމަ ހުރިހާ އެއްޗެއް ކިޔައިދިނިންތަ؟" ނޫރާ އެހިއެވެ.
އަހަރެން ބޯ ޖަހާލީމެވެ.
" އަހަރެން ބޭނުން މާދަމާ ފުރަން. ޔޫ ފިރިމީހާ ކައިރީ ބުނެބަ އެކަން ހަމަޖައްސަން." އަހަރެން ބުނީމެވެ.
" ކޯއްޗެއް ޔޫ ކާނީ؟" ނޫރާ އެހިއެވެ.
" ނުކާނަން. ނެތް ކާހިތެއް. އޯކޭވާނެ މިލްކް ކޮފީއެއް." އަހަރެން ބުނީމެވެ.
އަހަރެންގެ ނަޒަރު އޭރު ވެސް ހުއްޓިފައި ހުރީ ބޭރަށެވެ. ރަށަކަށް ދާން މަޖުބޫރު ވީ ނަމަވެސް، އަހަރެން އެއްގޮތަކަށް ވެސް ދާހިތެއް ނުވެއެވެ. ހުސެން ނުފެނި އެހާ ގިނަ ދުވަސްވާތީ މިހާރު ވެސް އަހަރެންގެ ހިތަށް ވަނީ ފަޅުކަން ވެރިވެފައެވެ. ކުއްލިގޮތަކަށް ވަކިވާން ޖެހުމުން ހިތަށް ލިބުނު ހިތްދަތިކަން ކުޑަ ހިނދުކޮޅަކަށް ވެސް ކުޑައެއް ނުވެއެވެ. ފާރުވަމުން ގޮސް އަހަރެންގެ ހިތްވަނީ މުޅިން ހަލާކުވެފައި ކަހަލައެވެ.
" އޭނަ ބުނި، ތައިބާ ބޭނުން އިރަކަށް ދާން ވީއޭ. ހަމަޖައްސާފައޭ އޮތީ. ދެން ޖެހޭނީ ޓިކެޓް ނަގާކަށްނު." ނޫރާ ބުންޏެވެ.
" ކޮބާ އަހަރެންގެ އެއްޗެހިތައް ވިއްކާލެވޭނެތަ؟" އަހަރެން އެހީމެވެ.
އެއާއެކު ނޫރާ ހީލިއެވެ. އަދި ދެ ފަރާތަށް ބޯ ހޫރާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" އަހަމެން ތިއްބާ، ތައިބާގެ އެއްޗެހި ވިއްކައިގެން ލާރި ހޯދަން ޖެހޭތަ؟ މިއީ އަހަރެންގެ ފިރިމީހާ ބުނި އެތި. އަހަންނަށް ލިބޭނީ އޭނަ ދިނިއްޔާއެއްނު. އޭނަ އެހެން ބުނީމަ އަހަރެން ވެސް ވަރަށް އުފާވި. ތައިބާ އެ ރަށަށް ދާން، ބޭނުންވާ ހުރިހާ އެއްޗެއް ގަނެދޭށޭ ވެސް އޭނަ ބުނި. " ނޫރާ ބުންޏެވެ.
އެއާއެކު އަހަރެން ފެންކަޅިވިއެވެ. ނޫރާއާ ދިމާލަށް ބަލައިލަން ވެސް އަހަންނަށް ނުކެރުނެވެ. އިސްޖަހާލެވުމާއެކު ބާރަށް ގިސްލެވެން ފެށުނެވެ. ނިކަމެތިވެފައިވާ ހާލު އެހާ ރަނގަޅު އެކުވެރިއަކު އަހަރެންގެ އަތުގައި ހިފާނެކަމަށް އަހަރެން އުއްމީދެއް ވެސް ނުކުރަމެވެ.
" ދެން. އަހަންނަށް ވެސް ރޮވިދާނެ! ހުއްޓާލާ! މިއަދު ގެއަށް ދާންވާނީ ޝޮޕިން ވެސް ކޮއްގެން. ޕްލީޒް ނުރޮއިބަ" ނޫރާ އަހަރެންގެ އަތަށް ފިތާލިއެވެ.
ރޭގަނޑުގެ ވަގުތެވެ. ބަންދުކޮއްފައި ހުރި ފޮށިތަކަށް ބަލަހައްޓައިގެން އަހަންނަށް އިނދެވުނީ ހުއްޓިފައެވެ. ދިރިއުޅުމަށް މި އައި ކުއްލި ބަދަލާމެދު ވިސްނުން ނޫންކަމެއް ނުކުރެވެއެވެ. އަޅަން މި އުޅެނީ އުއްމީދީ ފިޔަވަޅެއްކަން އަަހަރެން ގަބޫލު ކުރަމެވެ. މާލެއަށް ވުރެ އަހަންނަށް ރައްކާތެރީ ވެސް އެހެން މާހައުލެއްކަން އެނގެއެވެ. ނަމަވެސް ހުސެންއާ ދެ ފަސްގަނޑެއްގައި އުޅެން ޖެހުމަކީ އަހަންނަށް ބަރުދާސްތު ކުރަން އުނދަގޫ ކަމަކަށް ވާނެކަން އެނގެއެވެ.
ކުއްލިއަކަށް އަހަރެން ސިހުނީ ލިލީ ރީތި ކޮއްގެން އައިސް ނޫރާ ވަނުމުންނެވެ. ކާރަށް ގުޅި ވާހަކަ ބުނުމުން އަހަރެން ތެދުވީމެވެ.
" ފިރިސޮރަށް އާދެވެނީ މާދަމާ ހެނދުނު. އެ ދަރިފުޅު ވެސް އޭނައާއެކު އަންނަ ވާހަކަ ބުނި. އަސްލު އެހެން ނޫން ނަމަ ޔޫ މިހާ އަވަހަކަށް އަހަރެން ނުފޮނުވީމުސް." ނޫރާ ބުންޏެވެ.
" ދެން އެކަމާ ނުވިސްނާ ޕްލީޒް. އަހަރެން މި ދަނީ ހިތްހަމަ ޖެހިގެންނޭ. " ނޫރާގެ ގައިގައި އަތް ޖައްސާލަމުން އަހަރެން ބުނެލީމެވެ.
އަހަރެމެންް ފުރުވަން ނޫރާ އެއާޕޯޓަށް ވެސް އައެވެ.
" ތެންކްޔޫ ބުނަން ވެސް ލަދުގަނޭ." ނޫރާގެ ގައިގައި ބައްދާލަމުން އަހަރެން ބުނީމެވެ.
" ދެން އަބަދު ޝުކުރުއަދާކުރަން ޖެހޭތަ؟ ތިއީ އަހަރެންގެ ކޮއްކޮއެކޭ. އެކޮޅަށް ދާ ގޮތަށް އަހަންނަށް ގުޅައްޗޭ. ހަޒްގެ ފްރެންޑެއް ހުންނާނެ ރިސީވް ކުރަން ގޮސް. "ނޫރާ ބުންޏެވެ. އާނއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯ ޖަހާލީމެވެ.
ލިލީގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަން އަހަރެން ހިނގައިގަތީމެވެ. އޭރު ވެސް އަހަންނަށް ކުރެވެމުންދިޔައީ އުނދަގޫ އިހްސާސްތަކެކެވެ. ނަމަވެސް ތަޤްދީރާ ދެކޮޅު ނުވެވޭނެތީ އަހަރެން އެ ގޮތް ވެސް ޤަބޫލުކުރީމެވެ. މާދަމާ ކަންވާނެ ގޮތް އެނގޭނީ ކާކަށް ހެއްޔެވެ؟ އަހަރެމެންނަށް ކުރެވޭނީ އުއްމީދެވެ. ފްލައިޓަށް އަރަން ދިޔައިރު ވެސް އަހަރެންގެ މާދަމާއާމެދު ހިތުގައި އެތައް ސުވާލުތަކެއް ފުނިޖެހެމުންދެއެވެ.
( ނުނިމޭ )
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!