ކުރީގެ އަދަދާއިގުޅޭ:

" ކިތަންމެ ވަރެއް ވިޔަސް، އަނެއްކާ ޖަޒްބާތުގައި ޖެހިގެން އެ ތަނަށް ނުދައްޗޭ. އަހަރެން ބޭނުމެއް ނޫން ތި ކަމުގެ ތެރެއަށް ތައިބާ ވަންނާކަށް. ކުޑަކުޑަ ކުއްޖަކު ހުރީމަ މި ކިޔަނީ. " ނޫރާ ބުންޏެވެ.

Ad
rt

ބައެއް ފަހަރު ނޫރާގެ ވާހަކަތައް ހުންނަ ގޮތުން އަހަރެން ހިތްހަމަ ވެސް ނުޖެހެއެވެ. ނަމަވެސް ނޫރާގެ އެއްވެސް ބަހަކަށް ދެކޮޅު ހަދާކަށް އަހަރެން ބޭނުމެއް ނޫނެވެ. ހިތްވަރުކޮއްފައި ކެތްކުރާނަމޭ އަބަދުވެސް ހިތަށް އަރައެވެ.

" ޒިޔާދުގެ ގޭ މީހުން ނުގުޅާތަ؟" ނޫރާ އަނެއްކާ ވެސް އެހިއެވެ.

" ބްލޮކް ކޮއްފިން. އެހެން ނޫނީ އެ މީހުން މެދުވެރިކޮއްގެން ވެސް ޒިޔާދު އަހަރެންގެ އުޅޭ ތަނެއް ބަލާނެ. މިހާރު ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ނަންބަރު ބަދަލުކުރަން." އަހަރެން ބުނީމެވެ.

" މިއަދު ތިކަން ކޮއްދީފާނަން. އަހަރެން ވެސް ބޭނުންވަނީ އެ ގޮތް. އެހެން ނޫނީ ތައިބާއަކަށް ހިތްހަމަޖެހިގެން ނޫޅެވޭނެއެއްނު. އަދި އަހަރެން ވަރަށް ހިތަށް އަރާ އެއްޗެއް ބުނަންތަ؟ " ނޫރާ ބުންޏެވެ.

ސުވާލުގެ ނަޒަރަކުން އަހަރެން ނޫރާގެ މޫނަށް ބަލައިލީމެވެ.

" މާލެ ދޫކޮށް، އެހެން ރަށަކަށް ދާން ވީނު. ތަންކޮޅެއް އަމާންވާނެ." ނޫރާ ބުންޏެވެ.

" ވަރަށް ބޭނުން ދާން. ޒިޔާދުއާ ވީހާ ވެސް ދުރަކަށް ދާން ބޭނުމީ. އެކަމަކު... ހުސެންއަށް ހަގީގަތް ނޭނގެނީސް އަހަރެން ކިހިނެއް ދާނީ؟ ހުސެން ސަލާމަތް ކުރަން ބޭނުން." އަހަރެން ބުނީމެވެ.

" ތައިބާ ހާދަ ހާސްވެޔޭ. މިހާރު އެކި ގޮތްގޮތުން ފުލުހުން ބަލާނެއެއްނު. އެހެން ނޫނަސް ހުސެން އެކަން ނުކުރަންޏާ އަހަންނަށް ޔަގީން ހެއްކެއް ނުހުންނާނެކަން. " ނޫރާ ބުންޏެވެ.

" ޒިޔާދުގެ ބޮސް ، ފުލުހުންނަށް ލާރިގަނޑެއް ދީގެން ހުސެން އުމުރަށް ޖަލުގައި ބައިންދަފާނެ. މިހާރު މި ރާއްޖޭގައި ވެސް ގިނަ މައްސަލަތައް ނިމެނީ އެހެންކަންނޭނގެ. އަހަރެން ބިރުގަންނަނީ އެހެންވެ. " އާދޭހުގެ ރާގަކަށް އަހަރެން ބުނީމެވެ.

" ދެން؟ ތިކަމުގައި ތައިބާއަށް ކުރެވޭނީ ކީއް؟" ނޫރާ އެހިއެވެ.

" އަހަރެން ބޭނުމީ ފުލުހަށް ގޮސް ބަޔާން ދޭން. އަހަރެން ބޭނުން އެރޭ ކަންތައްތައް ހިނގި ގޮތް ކިޔައިދޭން." އަހަރެން ބުނީމެވެ.

" އޭރުން ހަބަރުތަކުގައި އޮންނާނެ ހުސެން ، ހިލޭ އަންހެނެއް ކައިރިއަށް ގޮސް ހުއްޓާ ހައްޔަރުކުރިއްޔޭ." ނޫރާ އެހެން ބުނުމާއެކު އަހަރެންގެ ހިތް ހީވީ ވިރިގެން ދިޔަހެންނެވެ. އެ ގޮތެއް ވެސް އަހަންނަކަށް ކަމަކު ނުދެއެވެ. އެއްވެސް ހާލެއްގައި ހުސެންއަށް ކުޑަވެސް ދެރައެއް ލިބޭކަށް އަހަރެން ނޭދެމެވެ.

" ދެން އަހަރެން ވެސް ނުބުނާނެއެއްނު ފުލުހުން ކައިރިއަކު އަހަރެން ހުސެން ދެކެ ލޯބިވެޔެކޭ. ފްރެންޑެއްގެ ހައިސިއްޔަތުން ވެސް ގެއަށް އަތުވެދާނެ ދޯ." އަހަރެން ބުނީމެވެ.

އެ ވަގުތު ނޫރާ ކުޑަކޮށް ހީލިއެވެ.

" ދެން އާދޭ ސައިބޯން. ކުދިން ހޭލަން ވާއިރަށް އެއްޗެއް ކައިގެން ތިބެންވާނީ." ނޫރާ އެހެން ބުނުމުން ވެސް އަހަރެން ތެދުވާ ހިތެއް ނުވިއެވެ.

" މިއަދު ދެން ސިމެއް ގެނެސްދެއްޗޭ." އަހަރެން އެދުނީމެވެ. އެއާއެކު ނޫރާ އާނއެކޭ ބުނެ، އަނެއްކާ ވެސް އަހަންނަށް ގޮވަން ފެށިއެވެ.

ފާއިތުވެގެންދާ ކޮންމެ ދުވަހަކީ އުނދަގޫ، ހިތްދަތިކަމެއް ތަޙައްމަލް ކުރަން ޖެހޭ ދުވަހެކެވެ. ގޭތެރޭގައި ހަތަރުދަން އިންނަން ޖެހުމުން ލިލީގެ ޝަކުވާތައް ވެސް އިތުރު ވެއްޖެއެވެ. ނަމަވެސް ޒިޔާދުދެކެ ގަންނަ ބިރެއްގެ ސަބަބުން، ލިލީއަށްޓަކައި ވެސް ބޭރަށް ނިކުންނާކަށް އަހަންނަކަށް ނުކެރެއެވެ. އެހެންވެ، ކޮންމެ ފަހަރަކު ވެސް އެތައް ބަަހަނާތަކެއް ދައްކައިގެން އަހަންނަށް ޖެހެނީ ލިލީއަށް ވިސްނައިދޭށެވެ. އެ ފަދަ ކޮންމެ ވަގުތަކީ ވެސް އަހަންނަށް ބަރުދާސްތުކުރަން އުނދަގޫ ވަގުތުތަކެކެވެ.

ނޫރާގެ ދަރިފުޅު އައިސް ލިލީ ގޮވައިގެން ކުޅެން ދިޔުމާއެކު ނޫރާ އަހަންނަށް ބަލައިލިއެވެ. އޭނާގެ އެ ބަލައިލުމުގައި ކޮންމެވެސް ވާހަކަތަކެއް ފޮރުވިފައިވާކަން އަހަންނަށް އެނގުނެވެ.

" ކަމެއްވީތަ؟ ހާދަ ހީވެޔޭ ވާހަކައެއް ދައްކަން އުޅޭހެން." އަހަރެން ބުނީމެވެ.

" ހޫމް. މި ވާހަކަ ބުނަން ޖެހިދާނެތީ އަހަރެން އަބަދުވެސް ހުންނަނީ ބިރުން. " ނޫރާ ބުންޏެވެ.

އެ ވަގުތު ހިތުގައިވާ ތަދާއެކު އަހަންނަށް ހިނިތުންވެލެވުނެވެ.

" އަހަރެން މި ގެއިން ދާންޖެހޭ ދުވަސް އައީ ދޯ؟" އަހަރެން އެހީމެވެ.

އިސްޖަހާލަމުން ނޫރާ މަޑުމަޑުން ބޯ ޖަހާލިއެވެ. އެ ވަގުތު އަހަރެން ނޫރާގެ އަތްމަތީ އަތް ބާއްވާލަމުން އޭނާގެ އަތަަށް ފިތާލީމެވެ.

" ކޮންކަމަކާ ތި ދެރަވަނީ؟ މި ދެ ތިން މަސްދުވަހު ވެސް އަހަންނަށް ހިމާޔަތް ތި ދިނީ ހަމަ ނޫރާއެއްނު. މި ގެއަށް އައި ދުވަހު ވެސް ނޫރާ ބުނީމެއްނު ތި ވާހަކަ. ބުނަންތަ؟ އަހަރެން ވެސް ހަމަ މި ދުވަސް އަންނާނެކަމަށް މެންޓަލީ ރެޑީ ވެގެންނޭ މި ހުރީ. ނޫރާ ދެރަވަންޏާ އަހަރެން ވަރަށް ދެރަވާނެ. ޕްލީޒް! އައިމް އޯކޭ އޭ." އަހަރެން ބުނީމެވެ.

އެއާއެކު ނޫރާ ގަދަކަމުން ހީލިއެވެ.

" ހިނގާބަލަ ތަނެއް ލިބޭތޯ ބަލަން. ހުރެދާނެއެއްނު ޖޮބަށް ދާ މީހަކު ވެސް ގޭގައި ގެންގުޅޭ ކުއްޖަކު ބޭނުންވާ. ދެން ނޫރް. ދެރަވެފައި ނުބަލަބަލަ އަހަންނާ ދިމާލަށް. " ނޫރާ އިން ގޮތް ފެނި، އަހަރެން އޭނާގެ މޫނުގައި ކޮއްޓާލަމުން ބުނީމެވެ.

" އެކަމަކު ވެސް... ތިއީ ދުވަހަކު ވެސް ތިހެން އުޅުން މީހެއް ނޫނެއްނު. އަހަރެން ވަރަށް ދެރަވޭ." ނޫރާ ބުންޏެވެ.

" ދެން ތިހާ އިމޯޝަނަލް ނުވެބަލަ. އަހަންނަށް ހިތްވަރުދޭން ހުރި މީހާގެ ހާލު މާ ގޯސް ކަންނޭނގެ. " ހެމުންހެމުން އަހަރެން ބުނީމެވެ.

" އޯކޭއޯކޭ. އުޅޭ ދޯ ތަނެއް ބަލަން. ފްރީކޮށް ހުރެވޭ ގޮތް ވިއްޔާ ކިހާ ރަނގަޅު. ކޮންމެތާކު އުޅުނަސް އަހަރެން ހެލްޕް ވާނަން." ނޫރާ ބުންޏެވެ.

ފޯނު ހިފަހައްޓައިގެން އިނދެ ނޫރާ އެ މަސައްކަތް ފެށުމުން އަހަރެން ތެދުވީމެވެ. އަދި ފާހާނާއަށް ދަނީކަމަށް ބުނެ ކޮޓަރިއަށް ވަނީ ނަފްސަށް ވަގުތު ކޮޅެއް ބޭނުންވުމުންނެވެ. ބާރުބާރަށް ހިނގާފައި ގޮސް އެނދުގައި އިށީނދެވުމާއެކު އަހަންނަށް ރޮވިއްޖެއެވެ. ހިތަށް އަރާ ފައިބަމުންދާ އެއްޗެހިން އިތުރަށް ދެރަވާން ފެށިއެވެ،

އެކަނިވާ ކޮންމެ ވަގުތެއްގައި ހުސެން މަތިން އިންތިހާއަށް ހަނދާންވެއެވެ. ހުސެންގެ ހާލަކީ ކޮބައިތޯ ބަލާ ހިތްވެއެވެ. މިހާ ދުވަސްވީ އިރު އޭނާއާ މެދު ކަންތައްތައް ހިނގަމުންދާ ގޮތް ވެސް ބަލަން ބޭނުންވިއެވެ. އާ ދުވަހަކަށް ލޯ ހުޅުވުމާއެކު އަހަރެން ފޯނު ބަލަނީ ހުސެންގެ އެއްވެސް ހަބަރެއް ލިބޭތޯއެވެ. ނަމަވެސް ކޮންމެ ދުވަހެއް ނިމިގެން ދަނީ އަހަރެން އުއްމީދު ކުރާ ގޮތަކަށް ނޫނެވެ.

" ތައިބާ! ތައިބާ." ބާރުބާރަށް ނޫރާގެ އަޑު އިވުމާއެކު އަހަރެން އަވަސް އަވަހަށް ދެ އަތުން މޫނު ފުހެލީމެވެ.

" އޭ! އެބައިން މެއިޑެއް ބޭނުން ވެގެން މީހަކު ޖަހާފަ. އެކަމަކު ކިޑެއް ހުންނަންޏާ ހިއެއް ނުވެ އޯކޭ ވާނެ ހެންނެއް ދޯ. ޔޫ ވާހަކަ ދައްކަބަލަ. " ނޫރާ ބުންޏެވެ.

އަހަންނަށް ހިންދިރުވާލެވުނެވެ. ކުޑަކޮށް ހާސްވެސް ވިއެވެ.

" އަނެއްކާ އެ ތަނަށް ގޮސް އުޅެނިކޮށް ޒިޔާދަށް ފެނުނިއްޔާ؟ ޒިޔާދުގެ ރައްޓެއްސަކަށް ވެސް ވެދާނެ. މަ ވަރަށް ބިރުގަނޭ." އަހަރެން ބުނީމެވެ.

" ދެން. ހެޔޮކޮށް ވިސްނަބަލަ! މިހާރު ތި ޒިޔާދެއް ނޭނގެއެއްނު ރާއްޖޭގައި ހުރި ކަމެއް ވެސް. އުޅެބަލަ މި ނަންބަރަށް ގުޅަން." ނޫރާ ބުންޏެވެ.

އަހަރެން ދެ ފަރާތަށް ބޯ ހޫރާލީމެވެ.

" ނުކެރޭނެ. އަހަންނަށް އެނގޭ ޒިޔާދުގެ ގޮތް. އޭނަ ރުޅި އައިސްގެން ކޮންމެ ފަދަ ކަމެއް ވެސް ކޮއްފާނެ. ލިލީ ގޮވައިގެން މަށަށް ފިލަން ވެސް އުޅެދާނެ." އަހަރެން ބުނީމެވެ.

" ކިހިނެއް ދެން ތި ނިންމަނީ؟" އެނދުގައި އިށީނދެލަމުން ނޫރާ އެހިއެވެ.

އަހަންނަށް ދެ ފަރާތަށް ބޯ ހޫރާލެވުނު އިރު ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ.

" ރަށަކަށް ދާނީ. ދަންނަ މީހަކު ނޫޅޭ ރަށަކަށް. މާލޭގައި ހުންނަން އަހަރެން ވަރަށް ބިރުގަނޭ." އަހަރެން ބުނީމެވެ.

ނޫރާ އަހަރެންގެ ބުރަކަށީގައި ފިރުމަމުން ދިޔައީ އަހަންނަށް ހިތްވަރުދެމުންނެވެ.

" ދާނެ ރަށެއް ވެސް ބަލަންވާނެ އެއްނު. އުޅެވޭނެ ގޮތެއް ވެސް ހޯދަން ވާނެ އެއްނު." ނޫރާ ބުންޏެވެ.

" މާލެއާ ދުރު ރަށަކަށް ދާން ބޭނުމީ. ޒިޔާދަށް އޭރުން އަހަރެން ގެއްލޭނެ. ދެން އޭނަ އަހަރެން ވަރިކުރަންޏާ ވަރި ކޮއްފާނެއެއްނު." އަހަރެން ބުނީމެވެ.

" އަހަރެން ހަޒްބަންޑަށް ގުޅައިގެން އޭނަ ދަންނަ މީހަކު އުޅޭ ރަށަކުން ގެއެއް ވެސް ލިބޭތޯ ބަލާނަން. އެއްވެސް ވަރަކަށް ނޭނގޭ ތަނަކަށް ދިޔުމެއް ނޫން މުހިއްމީ. ދާ ތަނަކުން ރައްކާތެރިކަމާއި ހިމާޔަތް ވެސް ލިބެން ޖެހޭނެ. " ނޫރާ ބުންޏެވެ.

މި ވަގުތު ނޫރާގެ ވާހަކަތަކަށް ދެކޮޅު ހަދާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އޭނާ އެ ދައްކަނީ ހުދު އަހަންނަށް ވެސް ގަބޫލު ކުރެވޭ ވާހަކަތަކެކެވެ.

" އެކަމަކު... ހުސެން. އޭނަ ޖަލުގައި ހުއްޓާ އަހަރެން ދިޔައީމަ ކިހިނެއްވާނީ؟ އަހަންނަށް ހީވަނީ އޭނަ ސަލާމަތްވާނީ ހަމައެކަނި އަހަރެންގެ ހެކި ބަހުން ހެން." އަހަރެން ބުނީމެވެ.

" ތައިބާ އެއްބަސްވަންޏާ ފިރިމީހާއަށް އަހަރެން ހުރިހާ އެއްޗެއް ކިޔައިދެންތަ؟ އޭނަގެ ވަރަށް ގާތް މީހުން ތިބޭނެ ފުލުހުންގެ ތެރޭގައިވެސް. ހެލްޕް ލިބިދާނެއެއްނު. ހެކިބަސްދޭން ވެސް ތައިބާއަށް ދެވޭނެ ގޮތެއް ހެދިދާނެ އެއްނު. ކޮންމެ ގޮތެއް ވިޔަސް އަހަރެމެން ދެ މީހުން މި ތާ ތިބެގެން މިހެން ކިތަންމެ ވާހަކައެއް ދެއްކިދާނެ. އެކަމަކު ވާނެ ކަމެއް އޮންނާނެތަ؟ އެކަމަކަށް އެހީއެއް ވެދެވޭ ވަރުގެ މީހަކަށް ހިއްސާކޮށްގެން ނޫނީ ނުވާނެ ތި ކަމެއް." ނޫރާ ބުންޏެވެ.

" އެކަމަކު އޭރުން ޔޫގެ ހަޒްބަންޑް ހިތަށް އަރާނީ ކީކޭ؟ އަހަންނަކީ ހާދަ ވިޔާނުދާ މީހެކޭ ދޯ؟" ޖެހިލުންވެފައި އިނދެ އަހަރެން ބުނީމެވެ.

" އަހަރެން ކިޔައިދޭނީ ޔޫ އާ މެދު ހަމްދަރުދީ ވާ ގޮތަށޭ. އެކަމާ ނުވިސްނާ. އޭނައަކީ ތި ހީކުރާ ކަހަލަ ފީކަޅާކޮށް ވިސްނާ މީހެއް ނޫނޭ ވަރަށް ކޫލް ވާނެ. " ނޫރާ ބުންޏެވެ.

ނޫރާ ދިން ހިތްވަރާއެކު އަހަރެން ހުރިހާ ކަމެއް ނޫރާގެ ދެމަފިރިންގެ އަތްމައްޗަށް ދޫކޮށްލީ އުއްމީދާއެކުއެވެ. ނަމަވެސް މާލެ ދޫކޮށްލާ ދުވަހަކީ އަހަންނަށް މުޅި އުމުރަށް ހުސެން ގެއްލޭނެ ދުވަސްކަން އަހަންނަށް އެނގެއެވެ. މިހާރު ހުސެން ގުނަމުންދާ ކޮންމެ ދުވަހަކީ އަހަރެން މި ތަހަންމަލް ކުރަމުންދާ ދުވަސްތަކަށް ވުރެ މާ، ކަޅު އަދި މާ އަނދިރި ދުވަސްތަކެއްކަން އަހަންނަށް އެނގެއެވެ. އަދި ކޮންމެ ދުވަހެއް ނިމިގެން ދާނީ ހުސެން އަހަންނަށް ނަފްރަތު ކުރުމުގައިކަން ވެސް އެނގެއެވެ.

ފަތިސް ނަމާދު ބަންގިއާއެކު އަހަންނަށް ލޯ ހުޅުވާލެވުނީ ވަރުބަލިކަމާއެކުއެވެ. އޭރު ކައިރީގައި އޮތް ފޯނުން ބަންގީގެ އަޑު ނުކެނޑެއެވެ. މަޑުމަޑުން ތެދުވެ، ފާރުގައި ބުރަކަށި ޖައްސާލައިގެން އިނދެ އާދައިގެ މަތިން ހަބަރުތައް ބަލައިލީ މާ ބޮޑު އުއްމީދެއް އޮވެގެންނެއް ނޫނެވެ.. ނަމަވެސް އެންމެ ފުރަަތަމަ ވެސް އަހަންނަށް ފެނުނީ ނޫހެއްގައި ޖަހާފައި އޮތް ހުސެންގެ ފޮޓޯއެކެވެ. އެ ފޮޓޯ ފެނިފައި ވެސް އަހަރެންގެ މެޔަށް ދިޔައީ ހޫނު ވެގެންނެވެ.

( ނުނިމޭ )

(ނިމުނީ)