ށ. ފޭދޫގައި ހުމާއި އަރިދަފުސް ރޯގާ އިތުރުވުމާއި ގުޅިގެން ސަމާލުވުމަށް ފޭދޫ ޞިއްޙީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ.

މިކަމާއި ގުޅިގެން މިއަދު ފޭދޫ ޞިއްޙީ މަރުކަޒުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، މިދުވަސްވަރު އެ މަރުކަޒަށް ދައްކަމުންދާ ބަލިމީހުންގެ ރެކޯޑުތަކަށް ބަލާއިރު ހުމާއި، އަރިދަފުސް ރޯގާ ޖެހިގެން ދައްކަމުންދާ ބަލިމީހުންގެ އަދަދު އިތުރުވެފައިވާކަމަށެވެ.

Ad
rt

އެގޮތުން، އަރިދަފުސް ރޯގާއަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވާތީ، މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ބަލިޖެހިފައިވާ ކުދިން ސްކޫލަށް ނުފޮނުވުމަށް އަދި މިދުވަސްކޮޅި ވާރޑުގައި ތިބޭ ބަލިމީހުންނަށް ޒިޔާރާތްކުރުން މަދުކުރުމަށް ފޭދޫ ޞިއްޙީ މަރުކަޒުން އިލްތިމާސްކޮށްފައިވެއެވެ.

އެ ރަށު ޞިއްޙީ މަރުކަޒުން ވަނީ، އަރިދަފުސް ރޯގަލުން ރައްކާތެރިވުމަށް ގެއިން ބޭރަށް ނިކުންނަ ނަމަ މާސް އެޅުމަށާއި، ރޯގާ ޖެހިއްޖެ ނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތުގައި ޓިޝޫފަދަ އެއްޗެއް ބޭނުންކޮށްގެން ނިވާކޮށްފައި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ހާމައަށް އެއްލައި ނުލުމަށާއި އާންމު ސާފުތާހިރުކަމަށް ސައިބޯނި ލައިން އަތް ދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދޭން އެދިފަައެވެ.

މީގެ އިތުރުން، ރޯގާ ޖެހިފައިވާނަމަ ކުޑކުދިންގާތަށް ނުދިއުމަށާއި އުރާ ނުހެދުމަށް އަދި ގިނައިން ދިޔާ ތަކެތި ބޭނުންކޮށް، ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށްވެސް އެ މަރުކަޒުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.