އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކެޓްރީ ވަޒީފާއިން ވަކިކުރި މައްސަލާގައި އޭނާއަށް ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދޭންޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބެލި މައްސަލަތަކަކާ ގުޅިގެން 2019 ވަނަ އަހަރު މުސްއަބު ވަޒީފާއިން ވަކިކުރި މައްސަލާގައި އޭނާއަށް 1.1 މިލިއަން ރުފިޔާ ދޭން ހައި ކޯޓުން އަންގާފައި ވަނިކޮށް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.
ނަމަވެސް ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު މުސްއަބަށް އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން މުސްއަބުގެ ފަރާތުން ސިވިލް ކޯޓުގައި ވަކިން ދައުވާ ކުރުމުން އެ ކޯޓުން މިއަދު ނިންމީ 1.1 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި އޭނާއަށް ދިނުމަށާއި ގާނޫނީ ހަރަދުގެ ގޮތުގައި 40,000 ރުފިޔާ ސިވިލް ސާވިސް ކޮމިޝަނުން އޭނާއަށް ދޭންޖެހޭނެ ކަމަށެވެ.
އެ ފައިސާ އެއް މަސް ތެރޭގައި ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.
މުސްއަބު ވަކިކުރީ ދައުލަތުގެ ސިއްރު ލިޔުމެއް ޓްވިޓާގައި އާންމުކުރި ކަމަށް ބުނެ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވަނީ އެއީ ސިއްރު ލިޔުމެއް ކަން ސާބިތުނުވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!