ކުރީގެ އަދަދާއި ގުޅޭ:

ހިނިތުންވެލަމުން މަރިޔަމް ނިކުންނަން ހިނގައިގަތުމުން ފަހަތުން ހަސަން ވެސް ނިކުތެވެ. އެއާއެކު އަވަސް އަވަހަށް ގޮސް ރައުދާ ކޮޓަރީގެ ދޮރު ލެއްޕިއެވެ.

Ad
rt

" ޕްލޭން ސަކްސަސްފުލް. ވަރަށް ކާމިޔާބު." ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ރައުދާ ބުނެލިއެވެ.

" އަޅެ ރައު. އަހަރެން ހަމަ ނޯ ނޯ ކިޔަކިޔަ ހުއްޓާ ވެސް ތިހެން ތި ހެދީ؟" އަފްޒާ ބުނެލީ ނުރުހުމުގެ ރާގުގައެވެ.

" އާނ. ސާމިހް މިތާ ހުއްޓާ މަށަށް އެ މީހުން ނުނެރެވޭނެ. ނެތިއްޔާ ފަސޭހަވާނީ." ރައުދާ ބުންޏެވެ.

" އެކަމަކު ރައު. ތިހާ ނުބައިވާކަށް ނުވާނެ. އެއީ ފިރިމީހާގެ މަންމަމެންނޭ. އެ މީހުން ރައުއަށް އެއްވެސް އުނދަގުލެއް ނުކުރެއެއްނު. ތިހެން ހަދާކަށް ނުވާނެ." އަފްޒާ ބުންޏެވެ.

" އޫމް. ލެކްޗަރު އަޅަން ފެށީ ދޯ. އަފޫ ތިހެން ކިޔަސް އަހަރެން ބޭނުންވާ ގޮތަށް އަހަރެން ކަންތައް ކުރާނެކަން އެނގެއެއްނު. ދެން މި ކަން ވެސް އެ ނިމުނީއޭ. " ރައުދާ ވާހަކަ ދެއްކީ ހެމުންނެވެ.

މަރިޔަމް ގޮވައިގެން ހަސަން ތައްޔާރުވީ އެއާޕޯޓަށް ދާށެވެ. ރައުދާ ބުނި ގަޑިޔަށް ކާރު އައި ނަމަވެސް، ރައުދާއެއް ނުނިކުތެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ހަަސަންއާ މަރިޔަމް ފޮށި ހިފައިގެން ބޭރަށް ނިކުތެވެ. ދެ މީހުންގެ ދެމެދުގައި ވެސް އެއްވެސް ބަހެއް ބުނުމެއް ނެތް ކަހަަލައެވެ. ދެ ހިތުގައި ވެސް ވަނީ ހަމަހިމޭންކަމެވެ. އަދި އުއްމީދާއި ހުވަފެންތަކެއް ވަޔަށް ބުރައިގެން ދިޔަ ކަހަލަ ޖަޒްބާތުތައް އުތުރެމުން ދާ ކަހަލައެވެ.

އެ ދިގު ދަތުރު ރަށާ ހަމައިން ނިންމާލި އިރު ވެސް އެ ދެމަފިރިންގެ މޫނުމަތިން އުފާވެރިކަމެއް ނުފެނުނެވެ. ގެއަށް ވަދެވުމާއެކު މަރިޔަމްގެ ދެ ލޮލުން ކަރުނަ ހިލިއްޖެއެވެ. ގޭތެރޭގައިވާ ފަޅުކަމުގެ ތެރެއިން އޭނާގެ ކުޑަކުޑަ ތިން ކުދިން މަޖާ ކުރާތަން ފެނުނު ކަހަލައެވެ. ތިން ކުދިން ގޮވައިގެން އެކަނިމާއެކަނި އެކި ހާލުގައި އުޅުނު މަންޒަރުތައް ކުރިމަތިން ސިފާވާން ފަށައިފިއެވެ. އެ ކުދިންގެ ހައްގުގައި ގުރުބާންކުރި ވަގުތުތައް އަލުން ތާޒާވާން ފަށައިފިއެވެ.

" މިއީ އަހަރެމެން ދެ މީހުން ލޯބިން ބިނާ ކުރި ގެ. ނިމި ދާން ދެން ވެސް މި ގޭގައި އަހަރެމެންނަށް އުޅެވޭނެ. " މަރިޔަމްގެ ކޮނޑުގައި ހިފަހައްޓާލަމުން ހަސަން ބުނެލިއެވެ.

" އެކަމަކު... މި ގޭގެ ދިރުމަކީ ކޮބާ؟ ގަބުރުސްތާނަކަށް ވުރެ މި ގެ ފަޅު. އަހަރެންގެ ބަނޑުން ތިން ކުދިން ވިހެއިން. އެކަމަކު... އެ ކުދިންނަށް މިއަދު އަހަރެން މުހިއްމެއް ނުވި. އަނގައިން ބުނެލާފައި އެއްޗެހި ދެވުނީމަ އެ ނިމުނީތަ؟ ހަސަން ބުނެބަލަ. އަހަރެމެން ގިނަވީ ކީއްވެ؟" މަރިޔަމް އެހެން ބުނެ ގިސްލާން ފެށިއެވެ.

" ހުއްޓާލާ. ކިޔާނެ ކަމެއް ނެތޭ. އަހަރެން ވެސް ހަމަ ތި ހުރިހާ އެއްޗެއް ހިތަށް އަރައޭ. ބޮޑެތިވެ ދިރިއުޅުން ފެށީމަ އެ ބަޔަކަށް މުހިއްމުވަނީ އެ ބައެއްގެ އަމިއްލަ ދިރިއުޅުން. އެހެންވީމަ ދެން އަޅާނުލާ. އަހަރެމެން ދެ މީހުން އެކަކު އަނެކަކަށްޓަކައި ދިރިއުޅޭނީ. ވީ ހާލެއްގައި ވާނީ. ދުލުން އެއްޗެހި ބުނާނެ ކަމެއް ނެތް. " ހަަސަން މަރިޔަމްގެ ގައިގައި ބައްދާލަމުން ބުނެލިއެވެ.

ގޭތެރޭގެ ކަންތައްތައް ހަމައަކަށް އަޅުވާލުމަށްފަހު، މަރިޔަމް ގޮވައިގެން ހަސަން ނިކުތީ ބޭރު ގަސްދޮށަށެވެ. އޭރު ވިއްސާރަ ވިލާތަކުން ދުނިޔެއަށްވަނީ އަނދިރިކަން ވެރިވާން ފަށާފައެވެ.

" ކަޅުސަޔާއި ފާރޮށި ވަރަށް ފައްކާވާނެ މިއަދު." ހަސަން ބުންޏެވެ.

އެއާއެކު މަރިޔަމް ހިނިތުންވެލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

" އެ ކުދިން ހަމަ އާއްމުކޮށް ހެނދުނު ކެއީ އެ." މަރިޔަމް ބުންޏެވެ.

" އަހަރެމެންގެ ކޮންމެ ކަމެއް އެ ކުދިންނާތާ ގުޅިފައި އޮންނާނީ. ކޮންމެ އެއްޗެއް ކެޔަސް، އެ ހަނދާންތައް ފަނޑުވުމެއް ނުވާނެއެއްނު. އެއީ ވެސް ހަމަ އުފަލެކޭ." ހަސަން ބުންޏެވެ.

އެ ވަގުތު އަށި މަތީގައި އޮތް މަރިޔަމްގެ ފޯނު ރިންގްވާް ފެށިއެވެ.

" ސާޔާ؟ އައީ ކަންނޭނގެ." ފޯނަށް ބަލައިލަމުން މަރިޔަމް ބުނެލިއެވެ

" މަންމަމެން ދިޔައީ؟ އަހަރެން އަދި ސަޕްރައިޒެއް ދޭން ވެގެން މި އައީ. ދައްތަ ބުނެފި ގޮއްސިޔޯ. ކީއްވެ ދިޔައީ؟ " ސާޔާ ޝަކުވާ ކުރިއެވެ.

އެއާއެކު މަރިޔަމް އިސްޖަހާލިއެވެ. އޭނާއަށް ވާހަކަ ދައްކަން އުނދަގޫ ވެއްޖެއެވެ. އެހެންވެ އަވަސް އަވަހަށް، މަރިޔަމްގެ އަތުގައި އޮތް ފޯނާ މޫނު ކައިރި ކޮށްލަމުން ހަސަން ވާހަކަ ދައްކަން ފެށިއެވެ.

" ދަރިފުޅާ. ދެން އާދޭ މިރަށަށް. ކޮން ދުވަހެއް ދަރިފުޅު ވެސް ނާންނަނީ." ހަސަން ބުނެލިއެވެ.

" ރަށަށޭ؟ ކިހިނެއް ރަށަށް ދާނީ؟ ބަންދުވާއިރެއްގައި ފިރިމީހާއަކަށް ނުލިބޭނެ ޗުއްޓީއެއް. ބައްޕަމެންނަށް ގެނައީމޭ ހަދިޔާ ވެސް. " ސާޔާ ބުންޏެވެ.

" ދެން ކިހިނެއް ހަދާނީ؟ ބައްޕަމެން މާލޭގައި ފޫހިވާތީ އައީއޭ. " ހަސަން ބުނެލިއެވެ.

" ދެން އެކަމު. ރަށު ބޯޓަށް ލެވޭތޯ ބަލާނަން. ދޮންބެއަށް އެނގޭތަ ދިޔަކަން." ސާޔާ އެހިއެވެ.

" ހޫމް ބުނިން. ހާނިމް ވެސް ގޮއްސި ނޭޕާލަށް. " ހަސަން ބުންޏެވެ.

" އާނ އެއީ ދެން ނޭޕާލް ކުއްޖެކޭ. ދެން ނާންނާނެ." ހެމުންހެމުން ސާޔާ އެހެން ބުނި އިރު މަރިޔަމް އިނީ ރޮވިފައެވެ. އެންމެ ފަހަރަކު ފެނިލި ގޮތަށް، ހާނިމް ފުރައިގެން ދިޔައީ ނުވެސް ފެނިލައެވެ. އެކަމާ އަދިވެސް މަރިޔަމް އިންތިހާއަށް ދެރަވެއެވެ.

" އާނ ދެން އެ ކުއްޖަކަށް އެނގޭނީ އެ ކުއްޖަކު އުޅޭނެ ގޮތެއް. އިރާދަކުރެއްވިއްޔާ މަންމައާއި ބައްޕަ އެއްވެސް ކުއްޖަަށް އުނދަގުލެއް ނުކުރާނަން." ހަސަން އެހެން ބުނުމާއެކު މަރިޔަމް އެ ފޯނު ކަނޑާލައިފިއެވެ.

" ތި ކަހަލަ ވާހަކަ ދައްކާނެ ކަމެއް ނެތޭ. ހަސަން ދޯ ބުނަނީ އަބަދުވެސް އެއްޗެއް ނުކިޔާށޭ. އެކަމަކު ހަސަންއަށް ވެސް އެނގިއްޖެއެއްނު ހިތަށް އަސަރު ކުރީމަ ދުލުން ބޭރުވާނެކަން." މަރިޔަމް ބުނެލީ ކުރަކިވެފައިވާ އަޑަކުންނެވެ.

" ބައްޕަ އެ ބުނި އެއްޗަކުން އަހަރެން ވަރަށް ދެރަވެއްޖެ. އަސްލު ހީވަނީ މަންމަމެން އެ ދިޔައީ ކޮންމެވެސް ކަމެއް ވީމަހެން. މަންމަގެ ފަރުވާ ހުއްޓާފައި ބައްޕައެއް ނުދާނެ މަންމަ ގޮވައިގެންނެއް." ސާޔާ ވާހަކަ ދެއްކީ ރާމިޒްއާއެވެ.

" ދެން މަންމަމެންގެ ނިންމުމަށް އިހްތިރާމްކޮށްބަލަ. ދާން ބޭނުންވީމަ އެއްނު ދާނީ. " ރާމިޒް ދިނީ ރުންކުރު ޖަވާބެކެވެ.

އެއާއެކު ސާޔާ ތެދުވެއްޖެއެވެ. އަދި މަޑުމަޑުން ގޮސް ބެލްކަނީގައި ހުއްޓުމަށްފަހު ބޭރަށް ނަޒަރު ހިންގާލިއެވެ.

" އަހަރެން ބޭނުން މަންމަ ކައިރިއަށް ދާން." ސާޔާ ބުނެލީ ބާރަށެވެ.

" ކިހާ ބޮޑެތި ހަރަދުތަކެއް ކޮއްފައި އަހަރެން މި އައީ. ދެން އަނެއްކާ ދަތުރު ތަކެއް ކުރަން ވީމަ ލާރި ދާނެ އެއްނު. ދެން ނުދެވޭނެ." ރާމިޒް އަވަސް އަވަހަށް ބުނެލިއެވެ.

އެ ވަގުތު ސާޔާއަށް ފުން ހިތާމައެއް ލިބުނު ކަހަލައެވެ. އިންތިހާއަށް އޭނާ ދެރަވެއްޖެއެވެ. ރާމިޒް އެ ފަދަ ގޮތަކަށް ވާހަކަ ދައްކަފާނެ ކަމަށް އޭނާ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ. އެނދުން ތެދުވެގެން ރާމިޒް ދިޔައީ ހިތްހަމަ ނުޖެހިގެންކަން އެނގުމުން ސާޔާ އިތުރަށް ދެރަވިއެވެ.

މަރިޔަމްއާޢި ހަސަންގެ ދިރިއުޅުން މުޅިން ފަޅު ވެއްޖެއެވެ. ދެ މީހުން އެކަކު އަނެކަކަށްޓަކައި ދިރިއުޅުނަސް، އެއްވެސް އުފަލެއް، ހިތްހަމަޖެހުމެއް ނެތް ކަހަލައެވެ. ދުވަހެއް ދުވަހަކަށް މަރިޔަމްގެ ހާލު ގޯސްވަމުން ދާކަން މަރިޔަމްއަށް އިހްސާސް ކުރެވެއެވެ. މާ އަވަހަށް ވަރުބަލިވުމާއި މޭގައި ރިއްސުން ވެސް އިތުރު ވެއްޖެއެވެ. އެކަމާ ހަސަން ފިކުރު ކުރާ ވަރު ވެސް އޭނާއަށް އެނގެއެވެ.

" ހަސަން އަހަންނާމެދު ފިކުރު ނުކުރޭ. ކޮންމެ މީހަކީ ވެސް ނިމި ދާނެ މީހެއް." މަރިޔަމް ބުނެލީ އަސަރުން ފުރިގެންވާ އަޑަކުންނެވެ.

" ތިހެން ނުބުނޭ މަރިޔަން. އެހާ އަވަހަށް އުއްމީދު ކަނޑާނުލާ. އަހަރެން މި ހުރީނު މަރިޔަން ކައިރީ. އެކަކު ނެތަސް އަހަރެން ހުންނާނަމޭ. އަހަރެން މަރިޔަންދެކެ ހާދަ ލޯބިވެޔޭ. ދަރިންގެ ލޯތްބާއި އަޅާލުމުން މަހުރޫމްވިޔަސް އަހަރެންގެ ލޯބި މަރިޔަންއަށް ފުދޭނެ." މަރިޔަމްގެ އަތުގައި ފިރުމަމުން ހަސަން ވާހަކަ ދެއްކިއެވެ.

" މިހާރަކަށް އައިސް ކީއްވެތަ ކޮންމެ ދުވަހަކު ހަސަން އަހަރެންދެކެ ލޯބިވާ ވާހަކަ ދައްކަނީ. އަހަރެން އަބަދުވެސް ގަބޫލު ކުރަމޭ ހަސަން ލޯބިވާކަން. އަހަރެން އަދި އެކަން ހަނދާނެއް ނުނެތެޔޭ." އެހެން ބުނެވުމާއެކު މަރިޔަމްއަށް ރޮވިއްޖެއެވެ.

އަވަސް އަވަހަށް މަރިޔަމްގެ ބޮލުގައި ފިރުމާލަމުން ހަސަން އޭނާ ގާތްކޮށްލިއެވެ. އޭރު ހަސަންގެ ދެ ލޮލުން ވެސް ކަރުނަ ހިލެން ފަށައިފިއެވެ.

" ނޭނގެ އަހަރެން މި ބިރު ގަންނަނީ ކީއްވެކަމެއް. ދެ މީހުން ވަކި ވެދާނެތީ ބިރުގަނޭ. މަރިޔަން ބަލިވީ ފަހުން އަހަރެންގެ ހިތުގައި އަބަދުވެސް އެ ބިރުވެރިކަން ވޭ." ހަސަން ބުނެލިއެވެ.

މި ފަހަރު ހަސަންއަށް ދޭނެ ރައްދެއް މަރިޔަންއަކަށް ނޭނގުނެވެ. ލޮލަށް ފުރެމުން ދިޔަ ކަރުނަތައް ކޯތާފަތްމައްޗަށް ބާލަމުން އޭނާ މަޑުމަޑުން ގިސްލަމުން ދިޔައެވެ.

ވިއްސަކަށް ދުވަހަށް ފަހު ސާމިހް މާލެ އަތުވެއްޖެއެވެ. އޭނާ އުއްމީދު ކުރި ގޮތާ ހިލާފަށް އޭނާއަށް މަރުހަބާ ކިޔަން އައިސް ހުރީ ރައުދާގެ އެންމެ ގާތް އެކުވެރިޔާ އަފްޒާއެވެ. ދެ އަތް އުރާލައިގެން ހުރި އަފްޒާ ފެނުމާއެކު ސާމިހްއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.

" އަފޫ؟ ކީއްކުރަނީ މިތާ؟ ކާކު އަންނާތީ؟" ސާމިހްގެ ސުވާލުތައް ގިނައެވެ.

" ސާމިހް އަންނާތީ،" އަފްޒާ ބުނެލިއެވެ.

އެއާއެކު ސާމިހްއަށް ދެ ބުމަ އުފުލައިލެވުނެވެ.

" އަހަންނޭ؟ ކޮބާ ރައު. ފިލާ ހުންނާނެ ދޯ ކޮންމެވެސް ތާކު؟" ކޮޅުކޮޅަށް ބަލައިލަމުން ސާމިހް ބުންޏެވެ.

އެއްމިޔަކަނުން ހީލަމުން ރައުދާ ދެން ބަލައިލީ ސާމިހްގެ އަތުގައި އޮތް ރަތް ކުލައިގެ ފިނިފެންމާ ބޮނޑިއަށެވެ.

" ރައުދާއަށްތަ ؟" މާ ބޮނޑިއަށް އިޝާރާތް ކުރަމުން އަފްޒާ އެހިއެވެ.

" ޝައްކުތަ؟ އަހަރެން ނުހުރެޔޭ އިތުރު އަނތްބަކު." ސާމިހް ބުނެލިއެވެ.

ކާރުތައް އޮންނަ ދިމާލަށް ދެ މީހުން އެކު އެކީ ހިނގައިގަތެވެ. އޭރު ވެސް ސާމިހްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ.

" އޭ. އަސްލުވެސް ރައު ނާދޭތަ؟" ސާމިހް އަނެއްކާ ވެސް ސުވާލު ކުރިއެވެ.

" ހޫމް ނާދެޔޭ. އަހަރެން ކައިރީ ބުނި ސާމިހް މި ގަޑީގައި އަންނަ ވާހަކަ. އެކަމަކު ނިދާ ނުހޭލެވޭނެޔޭ ބުނީ. އެހެންވެ އަހަރެން މި އައީ." އަފްޒާ ބުންޏެވެ.

އެ ވަގުތު ސާމިހްއަށް ހެވުނެވެ.

" ރައު ބުނީތަ އަހަރެން ރިސީވް ކުރަން ދާށޭ." ސާމިހް އެހިއެވެ.

" ނޫން. އަހަރެން މި އައީ ހަމަ އަންނަ ހިތުން. އަސްލު ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެން. އެކަމަކު މިއީ އެންމެ ރަނގަޅު ތަނެއް ނޫން ކަންނޭނގެ. ސާމިހް ގެއަށް ދިޔުމުގެ ކުރިން އަހަރެން ބޭނުން އެ ވާހަކަތައް ދައްކަން." އަފްޒާ ބުނެލީ ތަންކޮޅެއް ހަރުކަށި ރާގެއްގައެވެ.

އަފްޒާގެ ވާހަކަތައް ހުރި ގޮތުން ސާމިހް ވަރަށް ބޮޑަށް ކަންބޮޑު ވެއްޖެއެވެ. އަފްޒާ ދައްކަން އުޅެނީ ކޮން ވާހަކައެއް ތޯ އަހާ ހިތުން އޭނާ ބޭނުންވީ ވަގުތުން ވަގުތަށް އަފްޒާއަށް ވަގުތު ހުސްކުރާށެވެ.

" ހިނގާ. ހިނގާ އެ ކޮޅަށް ކޮފީއަކަށް. " ސާމިހް އަވަސް އަވަހަށް ބުނެލިއެވެ. އަފްޒާ ވެސް އެ ކަމަކަށް އެއްބަސްވެ، ސާމިހްގެ ފަހަތުން ހިނގައިގަތެވެ.

ނުނިމޭ

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ.

(ނިމުނީ)