ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް ރެއާލް މެޑްރިޑާއި ބްރޫޝިއާ ޑޯޓްމަންޑް، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ދެވަނަ ބުރުގައި ރޭ ރެއާލް މެޑްރިޑާއި ޔުވެންޓަސް ބައްދަލުކުރި މެޗު 1-0 ގެ ހަނި ތަފާތަކުން ކާމިޔާބު ކޮށްފައި ވަނީ ރެއާލުންނެވެ.

Ad
rt

މުޅި މެޗުގައި ވެސް ރެއާލުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް ވެސް ޔުވެންޓަސްގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. ވަލްވަޑޭ ފޮނުވާލި ހަމަލާތަކާއި ބެލިންހަމް އަދި ހައުސަން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ދިފާއު ކުރުމުގައި ޔުވެންޓަސްގެ ކީޕަރ ޑި ގްރެގޯރިއޯ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

މި މެޗުގައި ޔުވެންޓަސްއަށް ލަނޑެއް ޖަހައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބިފައިވަނީ، މެޗުގެ ވަރަށް ކުރީކޮޅު ކޯލޯ މުއާނީއަށެވެ. ރެއާލުގެ އޭރިއާތެރެއަށް ހުހަށް ބޯޅަ ހިފައިގެންވަދެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މި މެޗުގައި ރެއާލުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 54 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އާނޯލްޑް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ގޮންޒާލޯ ގާސިއާއެވެ.

ގާސިއާ މި ލަނޑު ޖެހިތާ ގިނައިރުތަކެއް ނުވަނީސް ޒަބީ އަލޮންސޯ ވަނީ އޭނާގެ ބަދަލުގައި ފްރާންސްގެ ފޯވަޑް ކިލިއަން އެމްބާޕޭ ކުޅެން އަރުވާފައެވެ. މި މުބާރާތް ފެށިއިރު ބަލިވުމުގެ ސަބަބުން އެމްބާޕޭއަށް މެޗުތައް ގެއްލުނެވެ. ރޭ މެޗަކީ މި މުބާރާތުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

ދެވަނަ ބުރުގައި މިއަދު ހެނދުނު މެކްސިކޯގެ މޮންޓެރޭއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ބޮރޫޝިޔާ ޑޯޓްމުންޑުން ވެސް ވަނީ ޖާގަ ކަށަވަރުކޮށްފައެވެ.

މި މެޗުގެ ފުރަތަމަ 24 މިނިޓް ތެރޭގައި ޑޯޓްމަންޑުން ދެ ގޯލު ޖެހި އެވެ. އެ ގޮތުން، އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް، ސޭހޫ ގިރާސީއެވެ. ގިނީ ގައުމީ ޓީމަށް ކުޅެމުން އަންނަ ގިރާސީ، ފުރަތަމަ ގޯލު ޖެހީ، 14 ވަނަ މިނިޓްގައެވެ. އަދި، ދެ ވަނަ ލަނޑު ޖެހީ އޭގެ 10 މިނިޓް ފަހުންނެވެ.

މޮންޓެރޭ އިން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި، ދެ ވަަނަ ހާފު ފެށިގެން ތިން ވަނަ މިނިޓްގައި ލަނޑެއް ޖެހި އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، މެޗުގެ 48 ވަނަ މިނިޓްގައި މި ލަނޑު ޖެހީ، ޖާމަން ބެޓަރާމޭއެވެ.

ރޭ މެޗުތަކާއިއެކު ދެވަނަ ބުރުގެ ކުޅުން ވަނީ ނިމިފައެވެ. ކުއާޓާ މެޗުތަކަށް ބަލައިލާއިރު އަލް ހިލާލުން ކުއާތާގައި ނުކުންނާނީ ފުލުމިނެންސޭއާއި ދެކޮޅަށެވެ. ޕަލްމެއިރާސްއާއި ޗެލްސީ ވާދަކުރާއިރު، ޕީއެސްޖީ ވާދަކުރަން ޖެހޭނީ ބަޔާން މިއުނިކާއެވެ. ރެއާލް މެޑްރިޑް ނުކުންނާނީ ޑޯޓްމަންޑާއި ދެކޮޅަށެވެ.