ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފޯރުކޮށްދޭ ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ އިއްޔެ ރޭ މާލޭގެ ބާސެލޯ ނަސަންދުރާގައި ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. އޭނާ ވިދާޅުވި ގޮތުގައި އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިންގެ ޚިދުމަތް އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ދަށްވި ނަމަވެސް، މާލެ ސަރަހައްދުގައި މި ޚިދުމަތުގެ ނަތީޖާ ވަރަށް ރަނގަޅެވެ.

Ad
rt

"އިހަވަންދިއްޕޮޅުގައި އަޅުގަނޑުމެން މަސައްކަތް ފެށީ. އިހަވަންދިއްޕޮޅުގައި ހަރަކާތްތައް ކޮންމެވެސް ވަރަކަށް ދަށް. ނަމަވެސް މާލެ ސަރަހައްދުގައި އަޅުގަނޑުމެންގެ ނަތީޖާ ވަރަށް ރަނގަޅު،" ޝިމާދު ވިދާޅުވިއެވެ.

އެހެންނަމަވެސް، ވާދަވެރި އެހެން ގައުމުތަކާ އެއް ފެންވަރަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް އަދިވެސް ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޖެހޭ ކަމަށް ޝިމާދު ފާހަގަކުރެއްވިއެވެ. މި ކަމާ ގުޅޭ މަޝްވަރާތައް ކަމާ ބެހޭ އެހެން ފަރާތްތަކާ އެކު ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯގެ ބަންކަރިންގ ޚިދުމަތުގެ ކާމިޔާބީގެ ތެރޭގައި، ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިންގ ލައިނަކަށް ޚިދުމަތް ފޯރުކޮށްދިން ކަމަށް ޝިމާދު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި 1,200 ޓަނުގެ ފެން ފޯރުކޮށްދިނުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

3 މެއި 2025 ގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތުން އެހާތަނަށް އާމްދަނީގެ ގޮތުގައި 7.2 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ވިދާޅުވިއެވެ. އަދި ޓެކްސްގެ ގޮތުގައި 11.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

ބަންކަރިން ޚިދުމަތް އިފްތިތާޙްކޮށްފައި ވަނީ 19 ސެޕްޓެމްބަރު 2024 ގައި ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ޚިދުމަތް ފޯރުކޮށް ދެމުން އަންނަނީ އެސްޓީއޯ އިންނެވެ. އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން ފެސިލިޓީއެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި އެސްޓީއޯ އިން ވަނީ 13 މާރިޗް 2024 ގައި ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާ އެކު ސޮއިކޮށްފައެވެ.

މީގެ އިތުރުން އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓް" ގެ ދަށުން އެކަމާއި ގުޅުންހުރި ކަންކަން އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު (ސީއޭއައި) ކުންފުންޏާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓު ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) އިން ވަނީ 9 ނޮވެމްބަރު 2024 ގައި ސޮއިކޮށްފައެވެ. އެމްއައިޑީއެފްޒެޑް އަކީ ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ބޭނުންވާ މުހިންމު މަޝްރޫއުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމަށް ސަރުކާރުގެ ފަސް ކުންފުންޏެއްގެ ހިއްސާ ހިމެނޭހެން 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގައި ހިމެނޭ ކުންފުނިތަކަކީ އެސްޓީއޯއާއި، އެޗްޑީސީއާއި، އެމްޕީއެލްއާއި އެމްޓީސީސީއާއި އެމްއޭސީއެލްއެވެ.