" ދެން ދޭ. މިހާރު ހޭލެއްވިއްޖެ އެއްނު." މަރިޔަމް އަވަސް އަވަހަށް ބުންޏެވެ.
އޭރު ރިލްވާން އޭނާއާ ދިމާލަށް އާދެއެވެ. އެ ވަގުތު މަރިޔަމްއަށް ފަހަތަށް ޖެހިލެވުނެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ ދުރުގައި ހުރި ހައްވައްތައެވެ. އޭނާ ހުރީ މަގުމަތި ކުނި ކަހަން ނިކުތް ގޮތަށް އިލޮށިފަތި ވެސް ހިފައިގެންނެވެ. ހައްވައްތަ ފެނުމާއެކު މަރިޔަމް ޖެހިލުންވީ ވަރުން އަވަސް އަވަހަށް ގެއަށް ވަންނަން ދުއްވައިގަތެވެ. އޭރު ވެސް ރިލްވާން ހުރީ މަރިޔަމްއަށް ބަލާށެވެ. މަރިޔަމް ގޮސް ގެއަށް ވަނުމާއެކު ރިލްވާން ވެސް އެ ތަނުން ދިޔުމަށް އެނބުރިގަތެވެ. އޭރު ދުރުގައި ބަލަން ހުރި ހައްވަ ފެނި، ރިލްވާންއަށް އިސްޖަހާލެވުނެވެ.
ގެއަށް ވަތް އިރު ވެސް މަރިޔަމް ހުރީ ބިރުންނެވެ. އޭނާއާމެދު ހައްވައްތަ ކުށްހީ ކޮށްފާނެތީއެވެ. އޭނާއާ މެދު ދެކޭ ގޮތް ބަދަލުވެދާނެތީއެވެ. ސިޓިންރޫމްގައި ހުރި ގޮނޑިއެއްގައި އިނދެ އޭނާ ފިކުރު ކުރަމުން ދިޔައެވެ. ރިލްވާންގެ އުނދަގޫ ފޯރާނެކަމުގެ ސިގްނަލެއް ލިބުމުން ހުދު މަރިޔަމް ބިރުގެންފިއެވެ. ނަމަވެސް އޭނާ ހިމާޔަތްކުރާނެ މީހަކު ނެތްކަން ވެސް އޭނާއަށް އެނގެއެވެ.
" މަރިޔަން." ހައްވަ ގޮވަން ފެށިއެވެ.
އެ އަޑަށް މަރިޔަމް ކޮޅަށް ތެދުވިއެވެ. ހައްވައްތަ އަންނާނެކަން އޭނާއަށް މާ ކުރިން ވެސް އެނގެއެވެ. އޭނާ އަވަސް އަވަހަށް ގޮސް ދޮރު ހުޅުވުމާއެކު ހައްވަ ވާހަކަ ދައްކަން ފެށިއެވެ.
" އަތޮޅު އޮފީހުން އައިސްގެން އުޅޭ ސޮރު މި ގޭގަ ކީއްކުރީ؟" ހައްވަ އެހިއެވެ.
އެއާއެކު މަރިޔަމްއަށް އިސްޖަހާލެވުނެވެ. ދޭނެ ޖަވާބެއް ވެސް ނުވިސްނުނެވެ. ތެދަށް ބުންޏަސް ހައްވައްތަ ގަބޫލު ނުކޮށްފާނެތީ އޭނާ ހުރީ ބިރުގެންފައެވެ.
" ތިއީ މަގޭ ދަރިއެއް ކަހަލަ ކުއްޖެއް. އެހެންވެ މި ވާހަކަ ދައްކަން މި އައީ. ފަތިހު ބޭބެ ބުނި މި ގެއަށް އެ ސޮރު ވަންނަތަން ދުށީމޭ." ހައްވަ ބުންޏެވެ.
އެ ވަގުތު މަރިޔަމް ދިޔައީ ސިހިގެންނެވެ. އޭނާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.
" ނޫން. މި ގެއަކަށް ނުވަދެ. އަހަރެން މި ގެއަކަށް އެއްވެސް މީހަކު ނުވައްދަން. އަހަންނަށް ވެސް އޭނަ ފެނުނީ ދެންމެ ބޭރަށް ނިކުތް ވަގުތު." މަރިޔަމް މަސައްކަތް ކުރީ ދިފާއުވާށެވެ.
" މި ގޯތި ތެރެއަށް ވަންނަތަނޭ ބޭބެއަށް ވެސް ފެނުނީ. ތި ދެ މީހުންގެ މެދުގައި ގާތް ރައްޓެހިކަމެއް ނެތިއްޔާ ކީއްވެ އޭނަ މި ގެއަށް އެ އައީ؟ މަރިޔަން ދޮގު ނަހަދައްޗޭ. " ހައްވައްތަ ސުވާލު ކުރީ ބާރަށެވެ.
އޭރު މަރިޔަމްއަށް ރޮވެން ފަށައިފިއެވެ.
" އަހަރެން ދުވަހަކުވެސް ދޮގެއް ނަހަދަން. ހައްވައްތަގެ ހިތުގައި އަހަންނާމެދު ސުވާލު އުފެއްދީތީ އަހަރެން ވަރަށް ދެރަވެއްޖެ. " މަރިޔަމް ބުނެލިއެވެ. ފުންނޭވާއެއް ލުމަށްފަހު އަނެއްކާ ވެސް ވާހަކަ ދައްކަންފެށީ މަރިޔަމްއެވެ.
" އޭނަ މައުލޫމާތު ސާފު ކުރަން އިއްޔެ މި ގެއަށް އައީ. ހަސަން މާލޭގައި އުޅޭތީ އަހަރެމެން ތިން މައިން އުޅޭ ވާހަކަ އަހަރެން ބުނިން. އިތުރަށް އަހަރެން މާ ގިނަ ވާހަކައެއް ނުދައްކަން. ދެން ނޭނގެ ކީއްވެކަމެއް އޭނަ މި ތަނަށް އެ އައީ.. އަހަރެން މި ހުރީ ވަރަށް ބިރުން. އަހަންނަށް ޔަގީން ރިލްވާންގެ އުނދަގޫ އަހަންނަށް ޖެހޭނެކަން. " މަރިޔަމް އެހެން ބުނެ ހައްވައްތަގެ މޫނަށް ބަލައިލިއެވެ.
"މި ރަށު ހުރިހާ ގެއަކަށް އޭނަ ޒިޔާރަތް ކުރި. ހަމައެކަނި މަރިޔަމް ކައިރިއަށް އަންނަ ހިތްވާނީ ކޮންމެވެސް ކަމެއް ވީމަ." ހައްވަ ބުންޏެވެ.
" މާތްﷲ ގަންދީ ހުވާ ކުރަން. އަހަންނާ ރިލްވާންއާ އެއްވެސް ގުޅުމެއް ނޯންނާނެ." މަރިޔަމް ބުންޏެވެ.
" މަރިޔަން ބަލައިގެން އުޅޭ. ފިރިހެނަކު އަވަލިއްޔާ ފަސޭހައިން ސަލާމަތެއް ނުވާނެ. ތި ހަބަރު ހަސަންއަށް ލިބުމުގެ ކުރިން އަވަހަށް ސަލާމަތް ހޯދާ." ހައްވަ އެހެން ބުނެ އަވަސް އަވަހަށް އެނބުރިގަތެވެ.
ހައްވަ އެ ބުނި އެއްޗަކާމެދު އިތުރަށް މަރިޔަމްއަށް ވިސްނަން ޖެހުނެވެ. އެ ވަގުތު ރިލްވާންދެކެ އިންތިހާއަށް މަރިޔަމް ރުޅި އަތުވެއްޖެއެވެ. ރިލްވާންއާ ބައްދަލްކޮށް އެއްޗެހި ކިޔަން ވެސް އޭނާ ބޭނުންވިއެވެ. ނަމަވެސް ރިލްވާންއާ އިތުރަށް ދިމާވާކަށް އޭނާގެ ހިތެއް ނޭދުނެވެ. އަނެއްކާ ވެސް ފަޟީހަތެއް ވެދާނެތީ އޭނާ ބިރުގަނެއެވެ.
ހަސަންއަށް ގެއަށް އާދެވުނު އިރު ރޭގަނޑު 11 ޖަހައިފިއެވެ. އޭރު އޭނާ ހުރީ ނުހަނު ވަރުބަލި ވެސް ވެފައެވެ. ދެ ތިން ދާނިން ފެންވަރާ ނިންމާލީ ވެސް ވެފައި ހުރި ވަރުބައްޔަކުން، އަވަހަށް ނިދާލަން ބޭނުން ވެގެންނެވެ. ސޯޓް ލުމަށްފަހު އޭނާ ކޮނޑުމައްޗަށް ތުވާލި އެއްލިއެވެ. އަދި ދެ އަތުން ބޮލުގެ އިސްތަށިތަކުގައި އަތް ހާކާލުމަށްފަހު ވަޅުކޮޓަރިން ނިކުމެއްޖެއެވެ. އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއެކު ހަސަން ދިޔައީ ސިހިގެންނެވެ. ހޮޅިބުރި ނުދިއްލިޔަސް އެނދުމަތީގައި އެ އިނީ ޝަބްނަމްކަން ހަސަންއަކަށް ނޯޅުނެވެ.
ސްވިޗްބޯޑާ ދިމާލަށް ދިޔުމާއެކު ޝަބްނަމްގެ އަޑަށް އޭނާގެ ކަންފަތް ކިޔަމަންވެއްޖެއެވެ.
" ނޫން. ހޮޅިބުރި ނުދިއްލާތި. ހެޔޮނުވާނެ." ޝަބްނަމް އެދުނެވެ.
ހުރި ފިޔަވަޅުމަތީ ހަސަން މަޑުކޮށްލީ ވާން އުޅެނީ ކީއްކަން ނޭނގޭ ހާލުގައެވެ. ނަމަވެސް އޭނާގެ ހިތަށް އާދަޔާ ހިލާފް ބިރުވެރިކަމެއް އޭރު ވެރިވާން ފަށައިފިއެވެ. މި ދަންވަރު އޭނާގެ ކޮޓަރީގައި އެ އިނީ އޭނާގެ ވެރިމީހާގެ އަންހެން ދަރިފުޅެވެ. އެ ދަރިފުޅުގެ އަބުރާ އިއްޒަތް މިހާރު އެ އޮތީ ވެސް ހުދު އޭނާގެ މުށުތެރޭގައި ކަހަލައެވެ.
" ހަސަން. އަޅުގަނޑު ދައްކަން މި އުޅޭ ވާހަކަތަކުގެ ސަބަބުން އަޅުގަނޑުގެ މޫނުމަތީގައިވާ އަސަރުތައް ހަސަންއަށް ފެންނާކަށް ފަހަރެއްގައި ވެސް އަޅުގަނޑު ބޭނުމެއް ނޫން. މި އަދާ ޖެހެންދެން ވެސް އަޅުގަނޑު މި އުޅެނީ އެ ވާހަކަތައް ހިތުގައި ވަންހަނާ ކޮށްގެން. އެކަމަކު... އެކަމަކު ކެތްވާނީ ވެސް ވަކި ވަރަކަށް ނޫންތޯ؟ އަޅުގަނޑުގެ ހިތާއި ސިކުނޑިއަކީ އަޅުގަނޑުގެ ޟަމީރު ބުނާ ބަސްއަހާ ބައެއް ނޫން. މިރޭ އަޅުގަނޑު މި އައީ ހަދަން ވީ ކިހިނެއް ކަމެއް ހުދު އަޅުގަނޑަށް ވެސް ނޭނގިގެން." ޝަބްނަމް ބުންޏެވެ.
އޭނާގެ ކޮންމެ ޖުމްލައަކުން ހަސަންއަށް ލިބެނީ ހައިރާންކަމެވެ. އޭނާ ދެއްކި އެއްވެސް ވާހަކައެއް ހަސަންއަކަށް ނުވިސްނުނެވެ. އެހެންވެ، ސުވާލެއް ވެސް ކުރަން ނޭނގިފައި އޭނާ ހަމަ ހުރީއެވެ.
" އާދޭސްކޮށްފައި ބުނަން. އަޅުގަނޑު މި ތަނުން ފޮނުވާނުލާތި. އަޅުގަނޑު މިރޭ މި ތަނުން ދާނީ އުފަލުން ހިތް ފުރި ބަންޑުން ވެގެންކަން ހުދު އަޅުގަނޑަށް އެނގޭ. އަޅުގަނޑަކީ މީގެ ކުރިން ދުވަހަކު ވެސް ފިރިހެނެއް ކައިރި މި ބާވަތުގެ އެއްވެސް ވާހަކައެއް ދެއްކި މީހެއް ނޫން. އެކަމަކު ހަސަން. އަޅުގަނޑަށް ހަސަންދެކެ ލޯބި ވެވިއްޖެ. ހަސަންދެކެ އިންތިހާއަށް ލޯބި ވެވިއްޖެ." ޝަބްނަމް ބުންޏެވެ.
އެހެންބުނެ އޭނާ ދުވެފައި އައިސް ހަސަންގެ ގައިގައި ބައްދައިގަތެވެ. އެ ބާރުމިނުގައި ހަސަން ޝަބްނަމްގެ ގައިގައި ހިފައި ދުރަށް ކޮއްޕާލިއެވެ. ހަސަންގެ އެ އަމަލުތަކުން ޝަބްނަމްއަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ.
" ޝަބްނަމް. ކިހިނެއް ވެގެން ތި އުޅެނީ؟ ނިކުމޭ މި ކޮޓަރިން." ހަސަންއަށް ބުނެވުނީ ބާރުބާރަށެވެ.
ހަސަންގެ ރުޅިވެރި އަޑުން، ޝަބްނަމްގެ ހިތުގައި ޖެހުނެވެ. އެއާއެކު އޭނާއަށް ރޮވިއްޖެއެވެ. މޭގައި އަތް ޖައްސާލަމުން ޝަބްނަމް އަނެއްކާ ވެސް ހަސަންއާ ދިމާލަށް ހިނގައިގަތެވެ.
" އަޅުގަނޑުދެކެ ރުޅި ދުރުވީތޯ؟ އަޅުގަނޑުގެ ކިބައިގައި ހަސަން ގަޔާނުވާ ކޮން ސިފައެއްތޯ ހުރީ؟ އަޅުގަނޑު ހުތުރީތޯ؟ އަޅުގަނޑުގެ މައިންބަފައިން ވެސް ހަސަންއާ މެދު ވަރަށް ރުހޭ." ޝަބްނަމްގެ ސުވާލުތަކުން ހަސަންއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.
" ޝަބްނަމް. އަހަންނަކީ މީހެއްގެ ފިރިއެކޭ. ތިން ދަރިންގެ ބައްޕައެކޭ. އަހަރެންގެ ލޯބިވާ މަރިޔަން ފިޔަވައި އިތުރު މީހަކު ދެކެ އަހަންނަކަށް ލޯތްބެއް ނުވެވޭނެ." ހަސަން ބުންޏެވެ.
އެއާއެކު ޝަބްނަމްގެ ހިއްސުތައް ހުއްޓުނު ކަހަލައެވެ. އަނގަ ހުޅުވިފައި އޭނާއަށް ހުރެވުނީ ދެ ލޯ ބޮޑުކޮށްގެންނެވެ.
" ނޭނގޭތަ އެކަމެއް؟" ހަސަން އަނެއްކާ ވެސް އެހިއެވެ.
ނަމަވެސް ޖަވާބު ދޭނެ ހިތްވަރު ވެސް ޝަބްނަމްގެ ކިބައިގައި ނެތް ކަހަލައެވެ.
" ޝަބްނަމްގެ މަންމައާއި ބައްޕައަށް އެނގޭނެ." ހަސަން ބުންޏެވެ.
އެއާއެކު ޝަބްނަމް ދުއްވައިގަތެވެ. ނަމަވެސް ފަހަތުން ދާކަށް ހަސަން ބޭނުމެއް ނުވިއެވެ. ޝަބްނަމް ނިކުތުމާއެކު އޭނާ އަވަސް އަވަހަށް ދޮރު ލައްޕާ ތަޅުލިއެވެ.
" ސުބްހާނަﷲ. ކޮންފަދަ ކަމެއް މި ލައިގަތީ." ހަސަންއަށް ބުނެވުނެވެ.
ބާރުމިނުގައި ގޮސް ޒުހޭރާއާއި ރަޝީދުގެ ކޮޓަރި ދޮރުގައި ޝަބްނަމް ނުހަނު ބާރަށް ޖެހިއެވެ. އިސާހިތަކު ޒުހޭރާ އައިސް ދޮރު ހުޅުވީ ކަންބޮޑުވުމާއެކުއެވެ.
" މަންމަމެން އަޅުގަނޑަށް ދޮގު ހެއްދެވީ ކީއްވެ؟" ޝަބްނަމް ސުވާލު ކުރިއެވެ.
އޭރު އޭނާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ޒުހޭރާ އަވަސް އަވަހަށް ޝަބްނަމްގެ އަތުގައި ހިފާ އެތެރެއަށް ވެއްދިއެވެ. ގައިން ވަރު ދޫވެފައި ހުރި މީހެއް ފަދައިން އޭރު ޝަބްނަމް ގިސްލަމުން ދިޔައެވެ.
" ކިހިނެއްވީތަ؟" ހާސްވެ ހުރެ ޒުހައިރާ ސުވާލު ކުރިއެވެ.
އޭރު ތެދުވެގެން އައިސް ރަޝީދު ވެސް ޝަބްނަމް ކައިރީގައި ހުއްޓިއްޖެއެވެ.
" ހަސަންއަކީ މީހެއްގެ ފިރިއެއް. އަދި އެ ވަރުން ނިމުނީކީ ނޫނޭ. އޭނަގެ ތިން ކުދިން ތިބިކަން ވެސް މަންމަމެންނަށް އެނގިއްލައްވާ." ޝަބްނަމް ބުންޏެވެ.
އެއާއެކު ޒުހޭރާއާއި ރަޝީދުއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ.
" މި އޮތީ އަޅުގަނޑު ބުނި ތަން އައިސް." ޒުހޭރާއަށް ބުނެވުނެވެ.
" މި ވީ ރަނގަޅަށޭ. މިހާރު ޝަބްނަމްއަށް ވެސް އެނގިއްޖެއެއްނު. ދެން ހަސަންއާ ހެދި ނޫޅުނީމަ ވީއޭ. މިހާރު ހަސަން ކައިރީ ދަރިފުޅު ލޯބިވާ ވާހަކަތައް ދެއްކީތަ؟" ރަޝީދު ސުވާލު ކުރީ ހަމަޖެހިލާފައެވެ.
" ލައްބަ. އަޅުގަނޑު ބުނީމަ ހަސަންއޭ އެހެން ބުނީ. އަޅުގަނޑު ހަސަންދެކެ ލޯބިވާ ވާހަކަ މަންމަ ކައިރީ ބުނި ދުވަހު މަންމަ ކީއްވެ ތެދަށް ނުބުނުއްވީ؟" ޝަބްނަމްގެ އަޑު ބާރުވިއެވެ.
ޒުހޭރާއަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ.
" ހެޔޮ. ކޮންމެ ގޮތެއް ވިޔަސް ހެޔޮ. ހަސަންއަށް ޖެހޭނީ އަޅުގަނޑާ ކައިވެނި ކުރަން." ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޝަބްނަމް ބުންޏެވެ.
އެ ވަގުތު ރަޝީދާއި ޒުހޭރާއަށް ލިބުނީ ކުއްލި ސިހުމެކެވެ.
" ކީކޭ؟ ނުވާނެ ތި ކަމެއް ދަރިފުޅާ." ރަޝީދު ބުނެލިއެވެ.
" ނޫން ބައްޕާ. ތިހެން ނުބުނުައްވާ. ބައްޕަ އަޅުގަނޑުދެކެ ލޯބި ވަންޏާ ހަސަންއާ މި ވާހަކަ ދައްކަވައިދެއްވާ. ހެޔޮނުވާނެ ބައްޕާ." ޝަބްނަމް ރޮމުން ރޮމުން ކުޑަކަކޫ މައްޗަށް ތިރިވިއެވެ. އެ އާއެކު ރުޅި އައިސް ހުރެ ޒުހޭރާ ރަޝީދަށް ބަލައިލިއެވެ. އޭނާ ގޮސް އަވަސް އަވަހަށް ޝަބްނަމްގެ ބުރަކަށީގައި ފިރުމަން ފެށިއެވެ.
" ބައްޕާ. ހަސަން ނޭނގެ މިހާރު ވެސް މި ގެއިން ނުދާ ކަމެއް. އޭނަ ދިޔުމުގެ ކުރިން ބައްޕަ މި ކަން ހަމަޖައްސަވައިދެއްވާ. އަޅުގަނޑުގެ ފުރާނަ މުހިއްމިއްޔާ މި ކަން ކޮއްދެއްވާ." ޝަބްނަމް ބުންޏެވެ.
ޝަބްނަމްގެ ޖުމްލައިން ރަޝީދުއަށް ލިބުނީ ކުއްލި ސިހުމެކެވެ. ޒުހޭރާގެ ހަރަކާތް ވެސް ވަގުތުން ހުއްޓިއްޖެއެވެ.
" ދަރިފުޅު ތި ވަރަށް ވިސްނާކަށް ނުވާނެ. ތި ކަމުގައި ދަރިފުޅު ތި ދަރަޖައަކަށް ދާކަށް ވެސް ނުޖެހޭނެ. ދަރިފުޅާ ދިމާވުމުގެ މާ ކުރިން ހަސަންއަށް އެ އޮތީ ދިރިއުޅުމެއް ފެށިފައޭ. ކުދިކުދި ދަރިންތަކެއް ދޫކޮށްފައި ހަސަން ކިހިނެއް ދަރިފުޅާއެކު މިތާ އުޅޭނީ؟" ރަޝީދު އަވަސް އަވަހަށް ބުނެލިއެވެ.
" ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ހުއްޓަސް، އަޅުގަނޑު ބޭނުންވަނީ ހަމައެކަނި ހަސަން. " ޝަބްނަމް އެހެން ބުނެ ޒުހޭރާގެ ގައިގައި ބައްދާލިއެވެ. އެ ވަގުތު އެ ތަނުން ދިޔުމަށް އެދި ޒުހޭރާ ލޮލުން އިޝާރާތް ކޮއްލިއެވެ.
ރަޝީދު ނިކުމެގެން ގޮސް ހަސަންގެ ކޮޓަރި ކައިރީ ހުއްޓުނެވެ. އަދި ކުޑަކޮށް ވިސްނާލުމަށްފަހު އޭނާ ދޮރުގައި ޓަކި ޖަހާލިއެވެ. ދޮރު ހުޅުވުމާއެކު ރަޝީދު އެތެރެއަށް ވަނެވެ. ރަޝީދު އެ އައީ ކޮން ބޭނުމަކު ކަން ހަސަންއަށް މިހާރު އެނގެއެވެ. ނަމަވެސް ރަޝީދު ވާހަކަ ފަށަން ދެން އޭނާ މަޑު ކުރިއެވެ.
ނުނިމޭ
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!