" އެ ލާރިކޮޅު ނުލިބެންޏާ ކިހިނެއް އަހަރެމެން އެންމެން މިހެން އުޅޭނީ؟" ސާމިހްގެ އަތުގައި ހިފައި އޭނާއާ ދިމާލަށް ގެންނަމުން މަރިޔަމް ބުންޏެވެ.

ދެ ދަރިން ނިންދެވުމަށްފަހު މަރިޔަމް ބޭރު ބަލައިލިއެވެ. އޭރު ވެސް ބޯކޮށް ވާރޭ ވެހެމުން ދެއެވެ. ގޭ ފާރުގައި ލައްކޮށްފައި ހުރި މުޅޯއްޓެއް ނަގައި ބޯ މަތީ އަޅައިގެން އޭނާ ހިނގައިގަތީ ދަރު ބަދިގެއާ ދިމާލަށް ދާށެވެ. ބާރު ހިނގުމުގައި ގޮސް، އެތެރެއަށް ވަތް އިރު އުނދުން އެންދުމުގައި ހަސަން އަވަދި ނެތި އުޅެއެވެ.

Ad
rt

" ކީއްކުރަން ދެން މި ތަނަށް ތި އައީ؟ ދުމުގެ ތެރޭގައި އުޅެން އެހާ ރައްކާތެރިއެއް ނުވާނެއެއްނު. " ހަސަން ބުންޏެވެ.

" އެކަމަކު ހަސަން އުޅޭ ގޮތެއް ބަލައިނުލާ އޮށޯންނަން ނުކެރުނީ. އަޅެ މާދަމާ މަހަށް ނުގޮސް މަޑުކުރަން ވީނު." މަރިޔަމް ބުނެލީ އާދޭހުގެ ރާގަކަށެވެ. އެއާއެކު ހަސަން ޖަހާލީ ހިނިގަނޑެކެވެ.

" މަގޭ މަރިޔަނބަށް ހާދަ ނުވިސްނެޔޭ. މީހުން ހަމަ ނުވަންޏާ ދޯނި މަހަކަށް ނުފުރާނެ. އަހަންނާ ހެދި އެހެން މީހުންނަށް ގެއްލުމެއް ދޭކަށް މަ ބޭނުމެއް ނޫން. ކީއްކުރާނީ. ދަރިން ބޮޑެތި ވަންދެން މިހެން ވެސް އުޅެން ޖެހޭނެ. އިރާދަކުރެއްވިއްޔާ މަގޭ ދެ ފިރިހެން ދަރިން ބޮޑެތި ވީމަ އަހަރެމެން މިހެން އުޅޭކަށް ނުޖެހޭނެ." ހަސަން ވާހަކަ ދެއްކީ އުއްމީދާއެކުއެވެ.

އޭރު މަރިޔަމް އާ ފުރެން ފަށައިފިއެވެ. އޭނާ ހުރީ އިންތިހާއަށް ވަރުބަލި ވެސް ވެފައެވެ.

" ބަތްކޮޅެއް އުދަން މި އައީ. ހަސަން ދެން ކަހަނބަށް އަޅާލައިގެން ގެންދޭ. އަހަރެން ނިދަން ދާނީ ބަތްކޮޅު ބާލާފައި." މަރިޔަމް ބުންޏެވެ.

ނަމަވެސް އެ ގޮތް ހަސަނަކަށް ކަމަކު ނުދިޔައެވެ. އަތުގައި އޮތް އުދުޅި، ދުމަށި މަތީ ބޭއްވުމަށްފަހު ހަސަން ބޭރަށް ނިކުމެއްޖެއެވެ. އޭރު ދުމުގެ ސަބަބުން އޭނާގެ ދެ ލޯ ވެސް ހުރީ ފެން އައިސް ވަރަށް ބޮޑަށް ރަތްވެފައެވެ.

" ދެން ބަތް ކައްކާނެ ކަމެއް ނެތޭ. ގަހުގައި އޮތް ކެޔޮގަނޑުން، ކެޔޮ އަރިއެއް ހިފައިގެން މަހަށް ދާނީ." ހަސަން ބުންޏެވެ.

އެއާއެކު ލޯބިވެތި ނަޒަރަކުން މަރިޔަމްއަށް ހަސަންގެ މޫނަށް ބަލައިލެވުނެވެ. މަރިޔަމް އޭނާއަށް ބަލާ ގޮތުން ހަސަން ނުހަނު އުފާވެއްޖެއެވެ.

" މިހެން ބުރަކޮށް މަސައްކަތްކޮށްލާފައި އަންނައިރު، ތި ފެންނަ ރީތި ހިނިތުންވުމުން ވެސް އަހަންނަށް ފަސޭހަވެޔޭ." ހަސަން ބުންޏެވެ.

އެއާއެކު މަރިޔަމް މަޑުމަޑުން ހަސަންގެ މޫނުގައި އަތް ޖައްސާލިއެވެ.

" އަހަންނަށް ލުއި ކޮށްދޭން ވެގެން ހަސަން ތި އުފުލާ ބުރަ، އަހަންނަށް ފެނެޔޭ. ކުއްޖަކު ނުހޯދަން ވެސް އުޅުނީ އެހެންވެ. އަހަންނަށް އެނގޭ އަހަރެން ބަލިވެ އިނީމަ ހަސަން އުޅޭނީ ވަރަށް ބުރަކޮށްކަން." މަރިޔަމް ބުންޏެވެ.

އެ ވަގުތު ހަސަން މަރިޔަމްގެ އަތުގައި ހިފާ، އެ އަތަށް ފިތާލިއެވެ.

" މަރިޔަން ކަހަލަ ލޯބިލޯބި، މަޑުމޮޅި އަންހެން ދަރިޔަކު އަހަރެން ބޭނުންވާވަރު މަރިޔަންއަށް އެނގެއެއްނު. މި ފަހަރު އަންހެން ކުއްޖަކު ނުލިބުނިއްޔާ ދެން ނުހޯދާނަމޭ. " ހަސަން ބުންޏެވެ.

އޭނާގެ ވާހަކައިން އަނެއްކާ ވެސް މަރިޔަމްގެ މޫނަށް ހިނިތުންވުން ގެނެސްދިނެވެ.

" އަހަރެން ހިތަށް އަރާ އަހަރެމެންގެ މައިންބަފައިން ދުނިޔޭގައި ތިބި ނަމޭ. ގައިމު ވެސް ދަރިންނަށް އެހީތެރިވާނެ ދޯ." މަރިޔަމް ބުންޏެވެ.

" ކީއްކުރާނީ؟ މި ޒަމާނަކީ ބޭސްފަރުވާ ލިބެން ނުހުންނަ ޒަމާނަކަށް ވާތީ، ކިރިޔާ ބައްޔެއް ވިޔަސް ނިމިގެން ދާން ޖެހެނީ. " ހަސަން ބުނެލީ ދުރަށް ބަލައިލަމުންނެވެ. އޭރު ވެސް މަރިޔަމް ހުރީ ކަޅިޖަހައިނުލާ ހަސަންގެ މޫނަށް ބަލަހައްޓައިގެންނެވެ.

" އަހަރެން ބޮޑުވީ މަގުމަތިން، އެއްޗެހި ހޮވައިގެން ކައިގެން. މީހުންނަށް މަސައްކަތް ކޮށްދީގެން. އެ ހާލުގައި އަހަރެންގެ ދަރިން އުޅޭކަށް އަހަރެން ބޭނުމެއް ނޫން. ހިތަށް އަރާ، އަހަރެން އަނެއްކާ ވިހެއުމުގެ ތެރޭގައި މަރެއް ނުވާނެ ބާވައޭ! ހިތަށް އަރާ، ތިން ކުދިން ގޮވައިގެން ހަސަން އުޅޭނީ ކިހިނެއް ބާވައޭ. ހިތަށް އަރާ..." މަރިޔަމް ބުންޏެވެ.

ނަމަވެސް އޭނާގެ އެންމެ ފަހު ޖުމްލަ މެދުކަނޑާލީ ހަސަންއެވެ. ހަސަން އޭނާ ހުއްޓުވީއެވެ.

" ދެން މިހާރު ތިއީ ކޮން ވާހަކައެއް؟ ތި ކަހަލަ އެއްޗެހި ހިތަށް އަރުވާކަށް ނުވާނެ. އަބަދުވެސް ވިސްނަން ވާނީ އެންމެ ރަނގަޅަށް ކަންތައް ވާނެ ކަމަށް. އަހަރެމެންނަކީ އަހަރެމެންގެ ދަރިންނަށްޓަކައި ތިބި ބައެއް. އަހަރެމެންގެ އުފަލަކީ ވެސް ހަމަ އެއީ. މާތްﷲ އަހަރެމެންނަކަށް ދެރަ ގޮތެއް ނުހައްދަވާނެ. " ހަސަން އެހެން ބުނެ މަރިޔަމްގެ ގައިގައި އަތް ޖައްސާލިއެވެ.

އެ ވަގުތު ކުއްލިއަކަށް ހާނިމް ރޮއިގަތް އަޑު އިވިއްޖެއެވެ. މަރިޔަމްއަށް ގެއާ ދިމާލަށް ބަލައިލެވުނީ ވަރުބަލިކަމާއެކުއެވެ.

" ދެންމެ އަދި އެ ނިދީ. ފަހަރެއްގައި ހީސްލެވުނީ ކަމަށް ވެދާނެ." ހިނގައިގަންނަމުން މަރިޔަމް ބުންޏެވެ..

" ތައްޓަށް ފޮތިގަނޑު ލައިފައި ބާއްވާ. އަހަރެން ފެންވަރަން ވަދެފައި ދޮވެލާނަން. " ހަސަން ބުންޏެވެ.

ހާނިމް ހީސްލާފައި ހުންނަ ހުރިހާ ނެޕީ ފޮތިތަކެއް ވެސް ހަސަން ފަތިހު ދަނީ ދޮވެދީފައެވެ. މަރިޔަމްއަށް ފަސޭހަ ވާނެ ހުރިހާކަމެއް ހަސަން ކޮށްދެއެވެ.

" ދެން ބޭރަށް ނުނިކުންނައްޗޭ. މިރޭ ރިހާކުރު އެހާ ގިނައެއް ނުވާނެ. ހެނދުނު ހޭލައިގެން އައިސް އުނދުނަށް ދަރު އަޅާނީ. އޭރުން ރަނގަޅުވާނެ." ހަސަން ބާރަށް ބުންޏެވެ.

ފަހަތް ބަލައިލަމުން މަރިޔަމް އާނއެކޭ ބުނެލިއެވެ.

ޖެހިގެން އައި ދުވަހެވެ. ބަނޑިޔަލުން ފެން ހުސްވެފައި ހުރުމުން މަރިޔަމް ބޭރަށް ނިކުތީ ހާނިމް ގޮވައިގެންނެވެ. އޭރު ސާމިހް ވީ އަކުރު ކުލާހަށް ގޮހެވެ. ހާނިމްގެ އިނގިލި ކުރީގައި ހިފައިގެން މަރިޔަމް މިސްކިތާ ދިމާލަށް ދިޔައީ މަޑުމަޑުންނެވެ.

" މަންޖެ ފިރިމީހާ މިއަދު މަހަށް ދިޔަތަ؟" ފަހަތުން އިވުނީ ޒުލޭހާގެ އަޑެވެ.

އެއީ މަރިޔަމްއާ ކޮންމެވެސް ވަރަކަށް ތިމާގެ މީހެކެވެ. އޭނާ އައިސް މަރިޔަމްއާ އަރާ ހަމަވުމާއެކު މަރިޔަމް ބޯ ޖަހާލިއެވެ.

" އާނ. މަހަށް ނުގޮހެއް ނުވާނެއެއްނު." މަރިޔަމް ބުންޏެވެ.

އެއާއެކު ޒުލޭހާ ފަރާތްފަރާތަށް ނަޒަރު ހިންގާލިއެވެ. އޭނާ އުޅުނު ގޮތުން ކޮންމެވެސް ވާހަކައެއް ބުނަން އުޅޭހެން މަރިޔަމްއަށް ހީވިއެވެ.

" ދައިތައަށް ވާހަކައެއް އަޑު އިވިގެން ތެދެއްތޯ އަހާލާ ހިތުން." ޒުލޭހާ ބުންޏެވެ.

އެއާއެކު މަރިޔަމްއަށް ލިބުނީ ހައިރާންކަމެވެ. އޭނާއާ ބެހޭ ގޮތުން އިވެން ވީ ކޮން ކަހަލަ ވާހަކައެއްތޯ އަޑު އަހާ ހިތްވިއެވެ.

" މަންޖެ ފިރި، ހަސަން ޕިޔޯނުގޭ ރާބިއާ ކައިރިއަށް ވަނިއްޔޯ. އެއީ ތެދެއްތަ؟" ޒުލޭހާ ބުނެލީ، މަރިޔަމްއާ ކައިރިވެލަމުން އެހާމެ ސިއްރުންނެވެ.

އެ ޖުމްލައިން މަރިޔަމްގެ ހިތަށް ފިނިވެގެން ދިޔައެވެ. މޭ ކަރައިލިއެވެ. ބާރުބާރަށް މޭގަނޑު ތެޅެން ފެށިއެވެ. ކައިވެންޏަށް މި ވީ އަށެއްކަ އަހަރުގެ ތެރޭގައި ދުވަހަކު ވެސް ހަސަންގެ ކިބައިން އެކަހަލަ އަމަލެއް ފެނިފައެއް ނުވެއެވެ. ޝައްކު ކުރެވިފައެއް ވެސް ނުވެއެވެ.

ގަބޫލުކުރަން ދަތިވެފައި ހުރެ މަރިޔަމްއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. އެއާއެކު ރާބިއާ މަޑުމަޑުން މަރިޔަމްގެ ގައިގައި އަތް ޖައްސާލިއެވެ. އަދި އޭނާ ވާހަކަ ދައްކަން ފެށީ މަރިޔަމްގެ ގައިގައި ފިރުމަމުންނެވެ.

" ދަރިފުޅު ތި އިން ހާލުން، އެކަކަށްވެސް އެ ވާހަކަ ބުނާކަށް ނުކެރޭނެއެއްނު. ދައިތައަށް ހީވަނީ އެއީ އެންމެންނަށް ވެސް އެނގޭ ބޮޑު ސިއްރެއް ހެން. ތުންތުން މަތިން އެ ވާހަކަ މީހުން ދައްކާ. ދައިތައަކީ މަންޖެއާ ތިމާގެ މީހެއް ވީމަ، މަންޖެއާ މެދު ދައިތަ ވިސްނާތީ މި ވާހަކަ ނުބުނެ ނުހުރެވުނީ." ޒުލޭހާ ބުންޏެވެ.

" ތި ނުވާނެ ތެދަކަށް. މަގޭ ހަސަނަކީ އެކަހަލަ ވިޔާނުދާ މީހެއް ނޫން. އެހެން ނޫނަސް ހަސަން ރޭގަނޑު ތަނަކަށް ދަންޏާ އަހަންނަށް ނޭނގިއެއް ނުހުންނާނެ އެއްނު. ބަޔަކު އުފަލުގައި ދިރިއުޅެންޏާ މި ރަށު މީހުން ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކަފާނެ. " މަރިޔަމް ބުންޏެވެ.

ކިތަންމެ ބާރަށް ހިތް ތެޅުނަސް، ހިތަށް އުނދަގޫވިޔަސް، އޭނާ ބޭނުން ވީ ފިރިމީހާ ދިފާއު ކުރާށެވެ. ފިރިމީހާގެ އަބުރު ކަތިލާ ފަދަ އެއްވެސް ވާހަކައެއް ދައްކާކަށް އޭނާ ބޭނުމެއް ނުވެއެވެ. އަދި އަޑުއަހާ ހިތެއް ވެސް ނުވެއެވެ. ހަސަން އޭނާދެކެ ވާ ލޯބި ހިތުގެ އެންމެ ފުނަށް އޭނާއަށް އަބަދުވެސް އިހްސާސްކުރެއެވެ.

" މިހާރު ކާކުތަ ތި ގޭގައި މަސް ކައްކަނީ؟" ޒުލޭހާ އެހިއެވެ.

ވާހަކަ އޮއްބާލަން މަރިޔަމް މަސައްކަތް ކުރިޔަސް، ޒުލޭހާ ހައްތަހާ އެ ވާހަކަ އާކުރަން އުޅޭހެން މަރިޔަމްއަށް ހީވިއެވެ.

" ހަސަން ކައްކަނީ. ދައިތާ. އެއީ ނުލާހިކު ހެޔޮ ފިރިއެއް. ދަރިންނަށާ އަހަންނަށް ވެސް އެހާ ރަނގަޅު. " މަރިޔަމް ބުންޏެވެ.

" ތިކަން އެނގެޔޭ. އެކަމަކު... ދަންވަރު ދަރިފުޅު ނިންދަވާފައި އެސޮރު ހުންނަނީ ހަމަ މަސްކައްކަން ކަން ދަރިފުޅަށް ޔަގީންތަ؟ އެ ސޮރު ތާނަކަށް ދާ ކަމެއް ދަރިފުޅަކަށް ހަމަ ނޭނގޭތަ؟ " ޒުލޭހާ ބުންޏެވެ.

އަނެއްކާ ވެސް މަރިޔަމްގެ ހިތަށް އޭނާ އިތުރު ތީރެއް ދޫކޮށްލިއެވެ. މި ފަހަރު މަރިޔަމް ވަރަށް ބޮޑަށް ހިތް ބިރުގެންފިއެވެ. ނަމަވެސް އެކަން ޒުލޭހާއަށް ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ.

" އާއްމުކޮށް ފިރިން، އަނބީންގެ އަތުން ވީއްލިގެން މި ދަނީ ހައްޔަރުގައި އިންނަ ދުވަސްވަރު." އަނެއްކާ ވެސް މަރިޔަމްއާ ކައިރިވެލާފައި ޒުލޭހާ ބުނެލިއެވެ.

މި ފަހަރު މަރިޔަމްގެ މޫނުމައްޗަށް އެރި ރުޅީގެ ކުލަވަރުން ޒުލޭހާ އަވަސް އަވަހަށް ދުރަށް ޖެހިލިއެވެ.

" ކޮންމެވެސް ދައިތަ ބުންޏޭ ނުބުނައްޗޭ. އޭރުން ކަމަކު ނުދާނެ. މަންޖެ މިކަންތައް ރަނގަޅަށް ބަލާ." ހިނގައިގަންނަމުން ޒުލޭހާ ބުންޏެވެ.

އޭރު ތުއްތު ހާނިމް ފޫހިވެގެން މަރިޔަމްގެ ފައިބުޑުގައި ބިންމަތީ އިށީނދެ އިނދެ ވެލި ކުޅެމުން ދެއެވެ. މަރިޔަމްއަށް ހުރެވުނީ ހިނގައިގަންނަން ވެސް ނޭނގިފައެވެ. ދެ ފައިގައި ކަސްތޮޅު އެޅި އޭނާއަށް ގުޑިލަން ވެސް ނުކެރުނެވެ. އެ ވާހަކަ ތަކަކީ ތެދު ވާހަކަތަކަކަށް ވިޔަސް، އަދި ދޮގަކަށް ވިޔަސް މި ވަގުތު އޭނާ އެންމެ ކަންބޮޑުވަނީ ހަސަންއާ ބެހޭ ގޮތުން އެ ފަދަ ހުތުރު ވާހަކަތަކެއް ދައްކާކަން އެނގުނީމައެވެ. އެ މީހުންގެ ކައިވެނީގެ މަތިވެރި ގުޅުމަށް ހުތުރު ނަމެއް ލިބުނީތީއެވެ. އަދި ހަސަންގެ ނަން، ކިލަނބުވެފައި އޮތްކަން އެނގުނީތީއެވެ.

ނުނިމޭ

ވާހަކަ ގެނެސްދޭ ދުވަސްތަކަށް ބަދަލެއް: މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހެވެ.

(ނިމުނީ)