ދޯނީގެ މިސްރާބު ހުރީ ރަށާ ދިމާލަށެވެ. އޭރު ކޮޅިގަނޑެއް ނަގަން އުޅޭކަމުގެ ނިޝާންތައް ވަށައިގެން ފެންނަން ފަށައިފިއެވެ. އުދަރެސްމަތި ބައްދާލައިފައިވަނީ ބޯ ކަޅު ވިލާތަކުންނެވެ. ވައި ބާރުވެ، ކަނޑުން ނަގާ ރާޅުތައް ބޮޑެތި ވާން ފަށައިފިއެވެ. ހަސަނާއެކު ދޯނީގައި ތިބި ހަތަރު ފަޅުވެރިން މަސައްކަތް ކުރަމުން ދިޔައީ، ބައެއް އެއްޗެހި ރައްކާކުރެވޭތޯއެވެ.

ނަސީބު ދިމާކުރި ގޮތުން ވިލާގަނޑުގެ އެންމެ ގަދައިގައި ނުޖެހި، ރަށުގެ ފަޅުތެރެއަށް ދޯންޏަށް ވަދެވިއްޖެއެވެ. ނަމަވެސް އޭރު ފަޅުތެރެ ވެސް އޮތީ ވަރަށް ބޮޑަށް ގަދަވެފައެވެ. އެހެންކަމުން ބޮއްކުރާގައި ދަތުރު ކުރާ މީހާއަށް ވެސް އުނދަގޫ ވެގެން އުޅޭ މަންޒަރު ހަސަން މެންނަށް ފެނުނެވެ.

Ad
rt

" ބޮއްކުރާ ގެނެސްގެން ވާނީ. އެހެން ނޫނީ މަސްބައި ޖެހޭނީ އުކާލަން. " ހަސަން ބުންޏެވެ.

ގިނަ އަދަދެއްގެ މަސް ބޭނިފައި ހުރުމުން، ހަަސަން ހުރީ ކަންބޮޑު ވެފައެވެ. ސަބަބަކީ ވިއްސާރައިގައި މަސް ކެއްކުމަކީ އުނދަގޫ ކަމަކަށް ވާނެތީއެވެ.

ބޮއްކުރާގައި މަސްތައް ގޮނޑުދޮށާ ހަމައަށް ގެންދެވުނީ ދެ ބުރެއްގެ މަތިންނެވެ. ފަޅުގައި ރަނގަޅަށް ދޯނި ހައްޔަރު ކުރުމަށްފަހު، ހަސަނާއި ފަޅުވެރިން ބޮއްކުރާގައި ރަށަށް ފޭބިއެވެ.

އެއާއެކު ހަސަނު އެއްގަމާ ދިމާލަށް ބަލަން ފެށީ، އެއްޗެއް ހޯދާ ފަދައިންނެވެ. އެ ވަގުތު އޭނާގެ ލޯބިވާ އަނބިމީހާ މަރިޔަމް އައިސް ހުރި ތަން އޭނާއަށް ފެނުނެވެ. އޭނާގެ އަތުގައި ހިފައިގެން ހަތް އަހަރުގެ ތުއްތު ސާމިހް އާއި ތިން އަހަރުގެ ހާނިމް ހުއްޓެވެ. ފަސް މަސް ފުރިފައި ވާ ބަނޑުގައި އަތް ޖައްސާލައިގެން މަރިޔަމް ހުރި ގޮތުން އޭނާ ހުރީ ވަރަށް ހީކަރުވައިގެންފައިކަން ހަސަނަށް އެނގުނެވެ.

ގޮނޑުދޮށުގައި ހުރި ރީނދޫ ކުލައިގެ ބޮޑު ފެން ހަމުން ރަނގަޅަށް ދެ އަތް ދޮވެލުމަށްފަހު، ހަސަނު ތަންކޮޅެއް ބާރަށް އެއްގަމާ ދިމާލަށް ހިނގައިގަތެވެ.

" އަވަހަށް ގެއަށް ދޭ! އިރުކޮޅަކުން ވާރޭ އަތުވެދާނެ." ހަސަން ބުންޏެވެ.

މަރިޔަމްގެ ގައިގައި އަތް ޖައްސާލުމަށްފަހު އޭނާ ދެ ކުދިންނާ ހަމައަށް ތިރިވެލިއެވެ. އަދި މަޑުމަޑުން ހާނިމްގެ ކޮލުގައި ކޮއްޓާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ބައްޕަ މި ދަނީ މަސް ހިފައިގެން. އަވަހަށް ދޭ ބަސް އަހައިގެން ގެއަށް." ހަސަން ބުންޏެވެ.

އަނެއްކާ ވެސް އޭނާ ތެދުވެ މަރިޔަމްއަށް ބަލައިލިއެވެ. އޭރު މަރިޔަމްގެ މޫނުމަތިން ފެންނަނީ ، އަބަދު ވެސް އޭނާ ދުށުމަށް އެދޭ އުފާވެރި، ރީތި ހިނިތުންވުމެވެ.

" އުޑުމަތި ބަނަ ކޮށްލި އިރަށް އެނގިއްޖެ މަރިޔަން މިހާރު ހުންނާނީ މި ތަނަށް އައިސްކަން. އެކަމަކު އަހަރެން އަބަދުވެސް ބުނަމެއްނު އިރު އޮއްސޭ ވަގުތު މި ކުދިން ގޮވައިގެން ބޭރަށް ނުނިކުންނާށޭ. " ހަސަން ބުންޏެވެ.

އެ ވަގުތު މަރިޔަމްއަށް ވެސް ބަލައިލެވުނީ ކައިރީގައި ހުރި ދެ ދަރީންނަށެވެ.

" ހަސަން، ކަނޑުމަތީގައި އުޅެނިކޮށް މޫސުމް ގޯސްވިއްޔާ، ހަސަން ރަށަށް އައީމަ ނޫނީ އަހަންނަކަށް ހަމަޖެހުމެއް ނުލިބެ. ދޯނި ފެނޭތޯ ބަލައިލަން ނައިސް ގޭގައި ނުހުރެވެޔޭ. " މަރިޔަމް ބުނެލިއެވެ.

އެއާއެކު ހަސަނަށް ލިބުނީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. ނަމަވެސް އިތުރަށް އެއްޗެއް ނުބުނެ، ގެއަށް ދާށޭ ބުނުމަށްޓަކައި އޭނާ ލޮލުން އިޝާރާތް ކޮށްލިއެވެ.

" މިރޭ ވެސް ވަރަށް ގިނަ މަސް ލިބޭނެތަ؟ " މަރިޔަމް ސުވާލު ކުރިއެވެ.

" އާނ. 50 ވަރަކަށް މަސް ލިބޭނެ. އަހަރެން ކައްކާނަމޭ. އެކަމާ ހާސް ނުވޭ." އަވަސް އަވަހަށް ހަސަން ބުންޏެވެ.

އެއާއެކު ވަރުބަލިކަމުގެ ފުން ނޭވާއެއް ދޫކޮށްލަމުން މަރިޔަމް ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" ކުރީ ރޭ ވެސް ހުރިހާ މަހެއް ކެއްކީ ހަސަން އެކަނި. އަނެއްކާ ނުނިދާ ހުރެފައި މިއަދު ވެސް ތި ދިޔައީ މަހަށް. މިރޭ ހަސަން ވާނެ ނިދާލަން." މަރިޔަމް ބުންޏެވެ.

އެއާއެކު ހަސަން ހިނިގަނޑެއް ޖަހާލަމުން އަނެއްކާ ވެސް މަރިޔަމްގެ ގައިގައި އަތް ޖައްސާލިއެވެ.

" ހޫމް. ދެން އިހަށް ގެއަށް ދޭ. މިހާރު ވާރޭ ކަނި ވެސް އެބަ ޖަހާ! ދަރިފުޅުމެން އަވަހަށް ދޭ މަންމައާއެކު އިނގޭ." ސާމިހްގެ ބޮލުގެ އިސްތަށިތަކާ ކުޅެލުމަށްފަހު ހަސަން ބުންޏެވެ.

އޭނާ އެނބުރި ގޮނޑުދޮށަށް ފޭބި އިރު، އެންމެން ވެސް ތިބީ މަސްކަރު އަޅާށެވެ. ހަސަން ވެސް އޭނާއަށް ލިބުނު މަސްބައި ކަނޑަން ވެގެން ރަނގަޅަށް އިށީނދެލިއެވެ.

" މޫސަ މެން މީހުންނާ އިނދެގެން ތި ކުރަނީ ކީއްތަ؟ ހަސަނު އަންހެނުން ހުންނާނެ ކޮންމެ ދުވަހަކު ވެސް ދޯނި ލަފާލާއިރަށް މި ތަނަށް އައިސް. " ކެޔޮޅު ބުނެލީ ހެމުންނެވެ.

" އެވަރުގެ އަނތްބެއް މަށަށް ނުލިބުނީއޭ. މަ ގަބޫލު ކުރަމޭ މަށަށް ލިބިފައި ހުރީ ދިލަކައްޓެއްކަން." މޫސަ ވެސް މަޖާ ރާގަކަށް ބުންޏެވެ.

" ދެން މަގޭ މަރިޔަންއާ ކަލޭމެން ނުބެހި، އަނދިރިވާން ވާއިރަށް ތި މަސްތައް ކެނޑޭތޯ ބަލާބަލަ." ހަސަން ވެސް ކޮންމެވެސް އެއްޗެއް ބުނެލާ ހިތުން އިނދެ ބުންޏެވެ.

އެއާއެކު އެންމެންނަށް ވެސް ދުނިޔެ މައްޗަށް ނަޒަރު ހިންގާލެވުނެވެ.

މަސް ބަރޯ ހިފައިގެން ހަސަން، ގެއާ ހަމައަށް ދިޔައިރު އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ. ދަރުބަދިގެ ތެރެއިން ބިގަރުގެ އަލިކަން ފެންނާތީ، މަރިޔަމް ބަދިގޭގައި އުޅޭކަން ހަސަނަށް ޔަގީން ވިއެވެ.

" މަރިޔަން! " ބާރުބާރަށް ހަސަން ގޮވާލިއެވެ.

" އޯތް. އެ ކުދިންނަށް ކާން ދެނީއޭ. " މަރިޔަމްގެ އަޑު ހަސަނަށް އިވުނެވެ.

ބޭރު ވަޅުން، ފެން ދާންޏެއް ނަގައި ރަނގަޅަށް ދެ ފަޔާއި ދެ އަތް ދޮވެލައިގެން ގޮސް، ހަސަނު ބަދިގެ ދޮރުމައްޗަށް އެރީ ހެވިފައި ހުރެއެވެ.

އޭރު، މަރިޔަމް އިނީ ދެ ދަރިންނަށް ބަތް ކާންދޭށެވެ. މަރިޔަމް ބަނޑު ބޮޑުވުމާއެކު ބަދިގެ ތެރޭގައި އުސް އައްޓެއް ހަސަނު ބެހެއްޓީ، މަރިޔަމް އިށީނދެ ހަދަން ފަސޭހައަކަށެވެ. އަށި ކައިރީގައި ހުރި ދިގު ގޮނޑީގައި ދެ ދަރީން ބައިތިއްބައިގެން މަރިޔަމްއަށް ކާން ދޭން ނުހަނު ފަސޭހަ ވެގެން ދިޔައެވެ.

" ހަސަން ވެސް އާދޭ ކާން. " މަރިޔަމް ބުނެލިއެވެ.

އޭނާގެ އަޑުގައި ހުރި ވަރުބަލިކަން ހަސަނަށް އޮޅުވައެއް ނުލެވުނެވެ. ކަންބޮޑުވެފައި ހުރެ ހަސަން ބަދިގެއަށް ވަދެ، އޮޅިގަނޑު މަތީގައި އިށީނދެލީ ވެސް މަރިޔަމްއަށް ބަލަމުންނެވެ.

" މިރޭ މާ ވަރުބަލި ވަނީތަ؟ ކިހިނެއް ވީ؟" ހަސަން ސުވާލު ކުރީ ލޯތްބާއެކުއެވެ.

" މަންމަ ދެންމެ ހޮޑުލީ." ހާނިމް ބުންޏެވެ. ނުހަނު ބާރަށެވެ.

ހާނިމްގެ ޖުމްލައިން ހަސަން އިތުރަށް ކަންބޮޑުވިއެވެ. މަރިޔަމް ހޮޑުލުން ހުއްޓުނީ ވެސް ބަނޑަށް ތިން މަސް ފުރުނު ފަހުންނެވެ. އޭރު މަރިޔަމް ބަލިވި ވަރުން، ދެން ދުވަހަކު ވެސް އިތުރު ކުއްޖަކު ނުހޯދާނަމޭ ވެސް ހަސަނަށް ބުނެވުނެވެ.

" އަނެއްކާ ހޮޑުލެވެނީ؟" އަވަސް އަވަހަށް ހަސަނަށް ބުނެވުނެވެ.

" އެއީ ވައި ކަންނޭނގެ. ވަރަށް ބޮޑަށް މޭ ދަށަށް އުނދަގޫ ވެގެން އުޅެފައި ހޮޑު ލެވުނީ. މިހާރު ފަސޭހަ ވެއްޖެ." މަރިޔަމް ބުންޏެވެ.

އެއާއެކު އަވަސް އަވަހަށް ހަސަން ބަދިގެ ތެރެއަށް ވަނެވެ.

" ބައްޕާ! ހާދަ މަސް ވަސް ދުވައޭ." ސާމިހް ބުނެލީ ފޫހި ރާގެއްގައެވެ. އެއާއެކު ހާނިމް ވެސް ނޭފަތުގައި އަތް އެޅިއެވެ.

" މަންމައަށް ލުނބޯހުތު ފަނިތައްޓެއް ދޭން ވެގެން މި އުޅެނީ. އޭރުންނެއްނު މަންމަގެ ގައިގައި ވަރު ޖެހޭނީ." ހަސަން ބުންޏެވެ.

" ދޮންވެލި ފޫނީގައި ވަޅުލައިފައި ހުންނާނެ އިއްޔެ ގެނައި ލުނބޯތައް. އެ ތަނުން ލުނބޮލެއް ނަގާ." މަޑުމަޑުން މަރިޔަމް ބުންޏެވެ.

އޭރު އޭނާ އިނީ ވަރަށް ބޮޑަށް ބަނޑުހައިވެ، ވަރުބަލިވެފައެވެ. ނަމަވެސް ދެ ދަރީން ބަނޑުހައިވެފައި ތިބުމުން، އޭނާ އަވަހަށް އެ ކުދިންނަށް ކާންދޭން ފެށީއެވެ.

" ދަރިފުޅާ ސާމިހް. ކޮއްކޮ އަތުގައި ހިފައިގެން ގޮސް ގެއަށް ވަދޭ. ކޮއްކޮ ދުއްވައިގެންފާނެ ބޭރަށް ވެސް. މިހާރު އެއްކޮށް އަނދިރި ވެއްޖެއެއްނު. މަންމަ މި ދަނީ ފަނިތަށި ބޯލައިގެން. ކޮއްކޮ ބަލައްޗޭ!" އަށިމަތިން ތެދުވަމުން މަރިޔަމް ބުންޏެވެ.

އެއާއެކު ސާމިހް އާއި ހާނިމް ބޭރަށް ނިކުމެއްޖެއެވެ. ވަގުތަކީ ލުނބޯ ހިފައިގެން ހަސަން އައިސް ބަދިގެއަށް ވަތް ވަގުތެވެ.

" މިރޭ ދެން ކުދިން ނިންދަވާފައި އޮށޯވެލާ. އަހަރެން މަސްކޮޅު ކައްކާނަމޭ. " ހަސަން ބުންޏެވެ.

" ތި ކަމަށް އަހަރެން އެއްބަސް ވާނީ ހަސަން މާދަމާ މަހަށް ނުގޮސް މަޑުކުރާ މަތިން. ހަސަން މާދަމާ ނިދަން ޖެހޭނެ. ތިހެން ނުނިދާ އުޅެނިކޮށް ހަސަން ބަލިވިއްޔާ އަހަރެން ކީއްކުރާނީ؟" އުނަގަނޑުގައި އަތް ވިދިލައިގެން އިނދެ މަރިޔަމް ބުންޏެވެ.

ފާރުގައި ހަރުކޮށްފައި ހުރި ފިލާގަނޑެއް މަތިން ހަކުރު ދަޅު ނަގަމުން ހަސަން މަރިޔަމްއަށް ބަލައިލިއެވެ.

" އަންނަ ހަފްތާ ފުރާ ބޯޓުން މަސްކޮޅު ފޮނުވާލީމަ، މަރިޔަން ވިހަން ވާއިރަށް ލާރިކޮޅެއް ލިބޭނެ. އެހެންވެ ވެސް މާދަމާ މަހަށް ނުގޮހެއް ނުވާނެ. " ހަސަން ބުންޏެވެ.

" ހަސަން. އަހަރެން ވިހަން ކޮން ހާ ލާރިއެއްތަ ދާނީ؟ ބޭކެނބި ދައިތައަށް އެއްޗެއް ދިނީމަ އެ ނިމުނީއޭ. އައިސާފުޅުގެ ހަގު މީހާގެ ހުރިހާ އެއްޗެއް އެބަހުރި އަހަންނަށް ދީފަ. އެހާ ވަރަށް ލާރިއާ މެދު ނުވިސްނާ." މަރިޔަމް ބުންޏެވެ. މަރިޔަމް އެހާ ލޯބިން ވާހަކަ ދައްކާ މަންޒަރު ބަލަން، ހަސަން ހުރީ ހެވިފައެވެ.

" އަހަންނާމެދު ހާދަ ވަރަކަށް ތި ވިސްނަނީ؟ އަހަރެން ހިތަށް އަރާ އަހަރެމެން ދެ މީހުންގެ ތެރެއިން ކާކުބާއޭ ކުރިން މަރުވާނީ؟ " ހަސަން ބުންޏެވެ. އޭނާގެ އެ ޖުމްލައިން މަރިޔަމްގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. ހައިރާންވެފައި އިނދެ ހަސަންގެ މޫނަށް މަރިޔަމް ބަލަމުން ދިޔައެވެ.

" ކުއްލިއަކަށް ތި ދައްކަން ފެށީ ކޮންކަހަލަ ވާހަކައެއް؟ މިހާރު ވެސް އަހަރެން މި އިންނަނީ މަރުގެ ތުންފަތްމަތީގައި. މީހުން ބުނާތީ އަޑުއަހަން، ބަލިވެ އިނުމަކީ މަރުމަތީގައި އިނުން ފަދަ ކަމެކޭ. " މަރިޔަމް ބުންޏެވެ.

އެ ވަގުތު އޭނާގެ އަޑުގައި ހުރި ކަންބޮޑުވުމުގެ އަސަރުތައް ދެނެގަންނާކަށް ހަސަނަކަށް އުނދަގުލެއް ނުވިއެވެ. އަވަސް އަވަހަށް ހަސަން ހިނިގަނޑެއް ޖަހާލީ މަޖާވެފައެވެ.

" އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫނޭ. އެހެން ނޫނަސް މަރަކީ އެއްވެސް މީހަކަށް ހިފެހެއްޓޭނެ އެއްޗެއް ނޫން. އަސްލު އަހަރެން ހިތަށް އެރީ އަހަރެން ނެތް ދުނިޔެއެއްގައި ތިން ދަރިން ގޮވައިގެން މަރިޔަމް އުޅޭނީ ކިހިނެއްބާވައޭ؟ އެހެންވެ އެހެން ބުނެވުނީ. އެކަމާ ދެން ނުވިސްނާތި." ހަސަނު ބުންޏެވެ.

" އިރާދަކުރެއްވިއްޔާ އަހަރެން މި ތިން ކުދިން ބަލާނީ ވަރަށް ލޯބިން." މަރިޔަމް ބުންޏެވެ.

އެއާއެކު ހަސަންގެ ހިތަށް ހަމަޖެހުން ލިބުނު ފަދައެވެ.

ހަމަ އެ ވަގުތެވެ. ބޮޑުތިކި ވާރޭ ތިކިތައް ބަދިގޭ ޓިނު ފުރާޅަށް އޮއްސާލައިފިއެވެ. އެ އަޑަށް ގޭތެރޭގައި ތިބި ދެ ކުދިން ދުވެފައި އައިސް ބަދިގެއަށް ވަނެވެ.

" ވިއްސާރައިގެ އަޑު ގަދަަކަމުން ކޮއްކޮ ބިރުން ރޯން ފެށީއޭ." ސާމިހް ބުންޏެވެ.

އޭރު ސާމިހްއާއި ހާނިމް ތިބީ ކޮންމެވެސް ވަރަކަށް ތެމިފައެވެ.

" ވިއްސާރަ ތުނިކޮށްލަން ދެން ދަރިފުޅުމެން މިތާ މަޑުކޮއްލާ ދެން. ހަސަން! ދަރުބަދިގެއަށް އަހަރެން ހުންނާނެ ހަވީރު ދަރު ވެސް ވައްދާފައި. " ކުއްލިއަކަށް ހަނދާން ވެގެން ކަހަލަ ގޮތަކަށް މަރިޔަމް ބުންޏެވެ.

" ހާދަ ރަނގަޅޭ. އަހަރެން މި ހިތަށް އަރަނީ މިހާ ބޯކޮށް ވާރޭ ވެހެންޏާ، ދަރުބަރިތަކުން ދަރު ގެންނައިރަށް ތެންމާލާނެޔޭ." ހަސަން ބުންޏެވެ.

" ފަހަރެއްގައި މަސްކޮޅެއް ލިބިދާނެތީވެ ތައްޔާރުވީ. އޭރު ވެސް ހުރީ ވިލާގަނޑެއް ނަގާފައެއްނު." މަރިޔަމް ބުންޏެވެ.

" ބޭރު ވަޅުން ފެންވަރާލައިގެން ނަމާދުކޮށްލަން މި ދަނީ. " ހަސަން ބުންޏެވެ. އެ ވަގުތު ހީލަމުން މަރިޔަމް ބޯ ޖަހާލިއެވެ.

ވެހެމުންދިޔަ ވާރޭ، ތުނިކޮށްލުމާއެކު މަރިޔަމް، ދެ ކުދިން ގޮވައިގެން ގެއަށް ވަނެވެ. އޭރު ބަދިގެ ފެންޑާގައި ހަސަން ހުރީ ނަމާދަށް އަރައެވެ.

" މަންމާ. ކޮންމެ ރެޔަކު މަސް ކައްކަނީ ކީއްވެތަ؟ މިހާ ވިއްސާރަ ވެހޭ އިރު ވެސް ބައްޕަ އެ އުޅެނީ މަސް ކައްކަންތަ؟" ސާމިހް ސުވާލު ކުރިއެވެ.

އޭރު އޭނާގެ ލޯ އަމާޒުވެފައި ހުރީ ބައްޕައާ ދިމާލަށެވެ.

" ބައްޕަ އެހާ ބުރަކޮށް މަސައްކަތް ކޮށްގެން ބާނައިގެން އަންނަ މަސްކޮޅު، ނުކައްކަންޏާ ކުނި ވާނެ އެއްނު." މަރިޔަމް ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.

އޭރު ވެސް ސާމިހް ހުރީ ބޮޑު ފިކުރެއްގައިކަން މަރިޔަމްއަށް އެނގެއެވެ. ތުއްތު ހާނިމްގެ އެއްޗެހި ބަދަލު ކުރުވަން ހުރި އިރު ވެސް މަރިޔަމްގެ ނަޒަރު ހުއްޓިފައި ހުރީ ސާމިހްގެ މޫނަށެވެ.

" ދަރިފުޅު ކޮންކަމަކާ ތި ވިސްނަނީ؟" މަރިޔަމް އެހިއެވެ.

" ދެން މަސް ކައްކައިގެން މަންމަމެން ކީއްކުރަނީ؟" ސާމިހް އެހިއެވެ. އެ ވަގުތު މަރިޔަމްއަށް ހެވިއްޖެއެވެ. ދޮށީ ދަރިފުޅުގެ ވިސްނުން އެހާ ފުޅާ ވާނެކަމަކަށް މަރިޔަމް ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ.

" މަސް ކައްކާ، ހިއްކާފައި ގޯނި ގޯންޏަށް އަޅައިގެން މާލެ ދާ ބޯޓު ފަހަރުގައި މާލެ ގެންދަނީ ވިއްކަން. މާލޭ ބާޒާރަށް ވިއްކައިގެން ބައްޕައަށް ލާރި ލިބޭނެއެއްނު. " މަރިޔަމް އޮޅުން ފިލުވައިދިނެވެ.

" އެ ލާރިކޮޅު ހޯދަން ވެގެންތަ ބައްޕަ އެހާ ބުރަކޮށް އެ އުޅެނީ؟" ސާމިހު އެހިއެވެ.

ހާނިމްގެ މޫނުގައި ފުށް މާ ހާކާލުމަށްފަހު މަރިޔަމް ސާމިހްއަށް ބަލައިލިއެވެ. އޭރު މަރިޔަމްގެ ހިތަށް އާދަޔާ ހިލާފް އަސަރުތަކެއް ކުރަމުން ދާކަން މަރިޔަމްއަށް އެނގެއެވެ.

" އެ ލާރިކޮޅު ނުލިބެންޏާ ކިހިނެއް އަހަރެމެން އެންމެން މިހެން އުޅޭނީ؟" ސާމިހްގެ އަތުގައި ހިފައި އޭނާއާ ދިމާލަށް ގެންނަމުން މަރިޔަމް ބުންޏެވެ.

ނުނިމޭ

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)