ސްޕެނިޝް ލަލީގާގެ ތައްޓަށް ރެއާލް މެޑްރިޑާއި ބާސެލޯނާ ވާދަކުރަމުން އަންނައިރު ރޭ އަމިއްލަ ދަނޑުގައި ރެއާލް، ވެލެންސިއާގެ އަތްދަށުވިއިރު، ރެއާލް ބެޓިސް އިން ބާސާ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ރޭ ރެއާލުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ވެލެންސިއާއިން ވަނީ ފަހުވަގުތު ލަނޑުޖަހައި 2-1 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްފައެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ 15 ވަނާގައި އޮތް ވެލެންސިއާއަށް މިއީ ލީގުގައި މި ސީޒަންގައި އަވޭ މެޗަކުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ.

Ad
rt

ރޭ މެޗުގައި ރެއާލުން ވަނީ ގޭމް ޑޮމިނޭޓްކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ލީޑު ނަގަން ރަނުގެ ފުރުސަތެއް ރެއާލަށް ލިބުނެވެ. ވެލެންސިއާގެ އޭރިއާތެރެއިން އެމްބާޕޭއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ވިނީސިއަސް ފޮނުވާލިއިރު ވެލެންސިއާގެ ކީޕަރުވަނީ މަތަކޮށްފައެވެ.

މިއީ މި ފަހުން ވިނީސިއަސް މިސްކޮށްލި ދެވަނަ ޕެނަލްޓީއެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ޕެނަލްޓީ ޖަހައިގެން އެތުލެޓިކޯ މެޑްރިޑް އަތުން ރެއާލް މޮޅުވި މެޗުގައި، ރެއާލަށް ލިބުނު ޕެނަލްޓީ ވެސް ވިނީސިއަސް ވަނީ ބޭކާރުކޮށްލާފައެވެ.

ރޭ މެޗުގައި ލަނޑުޖަހަން ރެއާލުން ވަނީ ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. ނަމަވެސް އެ ހަމަލާތައް ހުއްޓުވުމުގައި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ވެލެންސިއާގެ ގޯލް ކީޕަރ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައިވަނީ ވެލެންސިއާއިންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ކޯނަރަކުން މި ލަނޑު ޖަހައިދިނީ ޑިއަޚަބީއެވެ. ރެއާލަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައިވަނީ ދެވަނަ ހާފުގެ ކުރީކޮޅު ވިނީސިއަސްއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ބެލިންހަމްގެ އެހީތެރިކަމާއިއެކުއެވެ.

މެޗުން މޮޅުވާން ރެއާލުން ޓީމް ކުރިއަށް ޖައްސައިގެން މަސައްކަތް ކުރަމުން ދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭ ވެލެންސިއާއިން އުފެއްދި ކައުންޓަ އެޓޭކެއްގައި އެ ޓީމް މޮޅުވި ލަނޑު ޖަހައިދިނީ ހޫގޯ ޑޫރޯއެވެ.

ރެއާލް ބަލިވުމުގެ ފައިދާ ނަގަން ބާސާއިން ރޭ ނުކުތީ އަމިއްލަ ދަނޑުގައި ރެއާލް ބެޓިސްއާއި ދެކޮޅަށެވެ. އެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ރޭ މެޗުގައި ބާސާއަށް ލަނޑުޖަހައިދިނީ ގަވީއެވެ. ބެޓިސްގެ ލަނޑު ޖެހީ ނަތަންއެވެ. ރޭ މެޗުން މޮޅުވިނަމަ ބާސާއަށް ރެއާލްގެ މައްޗަށް 6 ޕޮއިންޓްގެ ލީޑެއް ހޯދޭނެއެވެ.

މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާ އޮތީ 30 މެޗުން 67 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި ރެއާލް އޮތީ 30 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި މި ދެ ޓީމަށް ވެސް ބާކީ އޮތީ 8 މެޗެވެ.