ތިލަދުންމަތީ އުތުރުބުރީގެ ވެރިކަންކުރާ ދިއްދޫގައި ރަސްމީކޮށް ވެމްކޯގެ ހިދުމަތް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދިއްދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެރަށުގައި ވެމްކޯގެ ހިދުމަތް ވީހާވެސް އަވަހަށް ފައްޓަވައި ދެއްވާނެކަމަށެވެ.

Ad
rt

އެއާއިއެކު މާލަސްތަކެއްނުވެ ސަރުކާރުން މިވަނީ އެ ހިދުމަތް ދިއްދޫގައި ފަށާފައެވެ. ދިއްދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިހިދުމަތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިގު އިބްރާހީމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ވެމްކޯގެ ހިދުމަތް ފެށިގެން ދިޔުމާއިއެކު ރައްޔިތުންގެ ސިއްހަތަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށާއި އަދި ވިޔަފާރިތަކަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ.

ދިއްދޫގައި ވެމްކޯގެ ހިދުމަތް ފެއްޓެވުން ފާހަގަކޮށް އެކްސްގައި ވަޒީރު ތޯރިގު ވިދާޅުވީ މި އަހަރުގެ ރައްޔިތުން މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސް ދެއްވި ހިތާބުގައި ފާހަގަކުރެއްވި ގޮތުގެމަތީން އަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމުތަކާއި އިންފްރާސްޓްރަކްޗަރ ގާއިމުކުރަން މަސައްކަތްކުރާ ކަމަށެވެ.

މި މަސައްކަތުގެ ތެރެއުން ރަށްތަކުގައި ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ވަމްކޯގެ ހިދުމަތްތައް ރަށްތަކަށް ފުޅާކުރުން ވެސް ހިމެނޭ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކަށް ވެމްކޯގެ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާރުވެސް ރަށެއްގެ ކައުންސިލުން ވެމްކޯގެ ހިދުމަތަށް އެދިއްޖެނަމަ އެކަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް އޮންނަ އުސޫލުގެ ތެރެއިން ކުރިއަށްގެންދެވޭނެކަމަށެވެ. އަދި އެކަމުގައި ވެމްކޯގެ ފާރާތުން ކުރަންޖެހޭ ކަންކަން ކުރުމަށް އަބަދުވެސް މުވައްޒަފުން ތައްޔާރަށް ތިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.