ދިވެހި ތާރީޚަކީ ދިވެހި ކާބަފައިންގެ ލެއިން ލިޔެފައިވާ އެއްޗެކެވެ. ދުނިޔޭގެ ދައުލަތްތަކާއި ޤައުމުތަކުގެ ތާރީޚު އަބަދުވެސް ލިޔެވެނީ ލެއިންނެވެ. މިވަގުތު މި ގެނެސްދެނީ، ލެއިން ލިޔެވުނު ދިވެހި ތާރީޚުގެ ދެތިން މަންޒަރެކެވެ.
މާތް ﷲ، އަނިޔާލިބިގެންވާ ދިވެހި ޤައުމަށް އޯގާވެރިވެވޮޑިގެންފިއެވެ. ދިވެހިރާއްޖޭގައިވާ ކާފަރު ޕޯޗުގީޒު ދައުލަތުގެ ގަދަފަދަކަން ނިކަމެތިކުރައްވައި، ހަލާކުކުރައްވައި، އިސްލާމީ ދިވެހިރާއްޖެ އަލުން އިޢާދަކުރެއްވުމަށް ތިލަދުންމަތީ އުތީމު ޙުސައިން ޚަޠީބު ތަކުރުފާނުގެ މުޙައްމަދު ޚަޠީބާއި، ޢަލީ ޚަޠީބާއި، ޙަސަން ޚަޠީބު ނެރުއްވައިފިއެވެ.
ކަމުގެ ބޮޑުކަމާއި މުހިންމުކަމާ މެދު މި "ތިންބެއިން" ފިކުރުކުރައްވައި، މާތް ﷲ އާ ކުއްތަންވެ ކީރިތިކުރައްވައި ދުޢާކުރައްވަން ފައްޓަވައިފިއެވެ. އަދި ހަނގުރާމައިގެ ކަމަރުބަނދެލައްވައި، ކަނޑިއާއި، ބަޑިއާއި، ތީރާއި ލޮންސި ހިއްޕަވައިގެން ކަޅުއޮށްފުންމީގައި ނުކުންނަވައިފިއެވެ.

"ތާރީޚް އިސްލާމި ދީބާ މަޙަލް" ގައި އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވާފައި ވަނީ، "ދެން އެބޭކަލުން (އުތީމު ތިންބެއިންނާއި އެބޭކަލުންނާ ބައިޢަތުހިފި ދިވެހީން) ކާފަރުންނާ ބައްދަލުވާ ކޮންމެ ތަނަކުން ހަނގުރާމަކުރައްވައި ކާފަރުން ޤަތުލުކުރައްވަން ފައްޓަވައިފިއެވެ". މި މަގުން މުޅި ދިވެހިރާއްޖޭގެ ރަށްރަށް ފަތަޙަކުރައްވަމުން އެބޭކަލުން އެބަގެންދަވައެވެ.

ދުވަހަކީ މީގެ 460 ވަރަކަށް އަހަރު ކުރިއެވެ. ތަނަކީ ފަޚުރުވެރި ތިލަދުންމަތީ ބާރަށު ދަނބުރުއްމަގެވެ.
ދިވެހިރާއްޖެ ހިފައިގެން ތިބި ޕޯޗުގީޒު ދައުލަތުގެ ވިޔަޒޯރު އެނުކުންނަނީ ބާރަށު ރައްޔިތުން ގޮވައިގެންނެވެ.
ދަނބުރުއްމަގު އެއްފަރާތުގައި އަޅަން އެފެށީ ބައްތިރީސް ރިޔަނުގެ ބޮޑު ސިންގާ އޮޑިހަރުގެއެކެވެ. އެހަރުގެ އަޅަނީކީ ދިވެހިރާއްޖޭގައިވާ ޕޯޗުގީޒު ދައުލަތް މުލުންލުހެލައި، ރާއްޖެ އިސްލާމް ކުރާން ދުއްވާނޭ އޮޑިއެއް ބަންނާންކަމެއް އޭރު ވިޔަޒޯރަކަށް ނޭނގޭނެއެވެ. ވަރަށް މަދު މީހަކަށް ނޫނީ އެކަމެއް ނޭނގޭނެއެވެ. އެތަނުގައި އެބަންނަނީ ކަަޅުއޮށްފުންމިއެވެ.

"ތާރީޚް އިސްލާމި ދީބާ މަޙަލް" ގައި އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވަނީ، "އަދި އެބޭކަލުން (އުތީމު ތިންބެއިން) ދަތުރުކުރައްވާނެ މޮޅު އޮޑިއެެއް ވެސް ބެންނެވިއެވެ".
ކަޅުއޮށްފުންމި ބަންނަ އަޑާއެކު މަންޒަރުބަލަން ވިޔަޒޯރު ހައިރާންވެފައި ވާރުގޭގައި އިނދެއެވެ. އެއޮޑި ބަންތަނާއި ބަންގޮތާ މެދު ދިވެހި ތާރީޚު އަބަދުވެސް ފަޚުރުވެރިވެ، އަޖައިބުވާނެއެވެ.

ބުރާރަ ކިޔައިދޭ ގޮތުގައި، އުތީމު ތިންބެއިން ހޯދަން މަލާބާރީންގެ ހަތް ގުރާބުގެ މީހުން ރެޔާއި ދުވާލު ދަތުރުކުރަމުންދެއެވެ.
އެއްދުވަހެއްގެ ހެނދުނު އިރުއެރި ވަގުތެވެ. މަލާބާރީންގެ ހަތް ގުރާބު ތިލަދުންމަތީ ތަކަންދުއަށް ލަފައިފިއެވެ. އަލިތަކުރުފާނު ފެނޭތޯ މަލާބާރީން ރަށަށް އަރައި ގޭގެއަށް ވަދެ ހޯދަން ފަށައިފިއެވެ.
"ތާރީޚް އިސްލާމި ދީބާ މަޙަލް" ގައި އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވަނީ، "ފަތިސްވެ އަލިވުމުން އެތަކުރުފާނު (އަލިތަކުރުފާނު) ތަކަންދޫގައި ހުންނެވި އެތަކުރުފާނުންގެ ގޭގެ އެތެރެގޭތެރޭގައި ފިއްލެވިއެވެ".

ކާފަރުންނާ ހަނގުރާމަކުރައްވައި އަލިތަކުރުފާނުން ޝަހީދުވީ އެދުވަހުއެވެ. ދިވެހި ޤައުމު މިއަދު މިތިބަ ކޮންމެ ހެޔޮ ގޮތެއްގެ ސަބަބަކީ ދިވެހި ކާބަފައިންގެ ލެއިން ލިޔެދިން ދިވެހި ތާރީޚެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!