ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖު 2025" ގެ ހދ.އަތޮޅު ބުރުގައި ނޮޅިވަރަމުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރިއިރު، ދެން އެ އަތޮޅުގައި ރޭ ކުޅުނު ހުރިހާ މެޗެއް އެއްވަރުވެއްޖއެވެ.
ގްރޫޕް ދެއެއްގައި ރޭ ނޮޅިވަރަމާއި ނެއްލައިދޫ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނޮޅިވަރަމެވެ. މި މެޗުގައި އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ހުސައިން އީސާ އަދި އަމްދާން އަލީއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އަމްދާންއެވެ. ނެއްލައިދޫ މި ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ. އެ ޓީމް ފުރަތަމަ މެޗުގައި ބަލިވީ ކުމުންދޫ އަތުންނެވެ. ވުމާއިއެކު މުބާރާތުގައި ކުރިއަށް ދިޔުމަށް އެ ޓިމަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ.
ގްރޫޕް ދެއެއްގައި ރޭ ކުމުންދޫއާއި ވައިކަރަދޫ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ކުމުންދޫއަށް ލަނޑު ޖަހައިދިނީ ޝިނާން އިބްރާހީމްއެވެ. ވައިކަރަދޫއަށް ލަނޑު ޖަހައިދީފައި ވަނީ އަބްދުالله މުހައްމަދެވެ.
ރޭ ގްރޫޕް އެކެއްގައި ފިނޭއާއި ނޮޅިވަރަންފަރު ބައްދަލުކުރި މެޗު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ފިނޭ ގޯލު ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމްގެ ކީޕަރ އަލީ ޝާހިލްއެވެ. މިއީ ފިނޭ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.
ރޭ މި ގްރޫޕުގައި ހަނިމާދޫއާއި މަކުނުދޫ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. މެޗުގައި ހަނިމާދޫއަށް ލަނޑުތައް ޖަހައިދިނި މުހައްމަދު ހާލިދާއި ހުޒާމް އަބްދުލް ރަހީމްއެވެ. މަކުނުދޫއަށް ލަނޑުތައް ޖަހައިދިނި ނުހާދު ފައުޒީއާއި ޒިދާން އަހްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޒިދާންއެވެ.
މި މުބާރާތުގައި ހދ.އަތޮޅުން ވަނީ 10 ޓީމަކުން ބައިވެރިވެފައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާއިރު ގްރޫޕް އެކެއްގައި ހިމެނެނީ ނޮޅިވަރަންފަރު، މަކުނުދޫ، ހަނިމާދޫ، ނޭކުރެންދޫ އަދި ފިނޭއެވެ. ގްރޫޕް ދެއެއްގައި ހިމެނެނީ ނެއްލައިދޫ، ކުމުންދޫ، ވައިކަރަދޫ، ނައިވާދޫގެ އިތުރުން ނޮޅިވަރަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!