ތައިލެންޑަށް ދަތުރުކުރާ ދިވެހިންގެ ވިސާއަށް އިތުރު ލުޔެއް ދިނުމަށް އެ ޤައުމުން ނިންމާފައިވާކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ދިވެހި ޚާރިޖިއްޔާއިން ބުނީ ތައިލެންޑުގެ އިމިގްރޭޝަން އުޞޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، 15 ޖުލައި 2024 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް އިތުރު ލުއިފަސޭހަތަކެއް ތައިލެންޑް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

Ad
rt

މިގޮތުން، ރާއްޖެއާ ތައިލެންޑާ ދެމެދު ހަމަޖައްސާފައިވާ ވިސާ ޕޮލިސީ އަޕްޑޭޓުގައިވާ ގޮތުން ޗުއްޓީއަށާއި، ބޭސްފަރުވާ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ތައިލަންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި 60 (ފަސްދޮޅަސް) ދުވަހު ތައިލެންޑުގައި ހުރެވޭގޮތަށް މިހާރު ވަނީ ހަމަޖެހިފައިކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ.

''މި 60 ދުވަހުގެ ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ޙާލަތެއް މެދުވެރިވެއްޖެނަމަ، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެކަން ހުށަހެޅުމުން އިތުރު 30 (ތިރީސް) ދުވަހަށް ވިސާގެ މުއްދަތު އިތުރުކޮށްދޭގޮތަށް ހަމަޖެހިފައިވާކަން ތައިލެންޑަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށްޓަކައި ދަންނަވަން'' ދިވެހި ޚާރިޖިއްޔާއިން ބުނެފަވެއެވެ.

ދިވެހި ޚާރިޖިއްޔާއިން ވަނީ ރާއްޖޭން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހިން ދަތުރަށްފެށުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސްއެއް ހޯދުމުގެ މުހިއްމުކަން ހަނދާންކޮށްދީފައެވެ. އަދި ރާއްޖެއިން ބޭރުގައި އުޅޭއިރު އެޤައުމެއްގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ތައިލެންޑަކީ ގިނަ އަދަދެއްގެ ދިވެހިން އެކި ބޭނުންތަކުގައި ދަތުރުކޮށްއުޅޭ ޤައުމެކެވެ.