ވެމްކޯއިން ރިސޯޓުތަކުން ކުނި އުކާލުމުގެ ޚިދުމަތް ފަށައިފިއެވެ.

މިކަމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލެވެ.

Ad
rt

ވެމްކޯއިން ބުނީ ރިސޯޓުތަކުން އުފައްދާ ކުނި ނަގައިދޭން ފަށާފައިވަނީ ކުންފުނީގެ ސަރަޙައްދީ ޓްރާންސްފާ ސްޓޭޝަންތަކަށް ކުނި ގެންދިއުމުގައި ރިސޯޓުތަކަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭތީ އެ މައްސަލަ ހައްލުކުރުމަށް ކަމަށެވެ. އެހެންކަމުން މި ޚިދުމަތަށް ރަޖިސްޓްރީކުރާ ހުރިހާ ރިސޯޓްތަކަށްވެސް ވެމްކޯގެ އުޅަނދުތަކުގައި ކުނި ނަގައިދޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ މިހާތަނަށް އައިރު، ރިސޯޓުތަކުން ކުނި އުކަނީ އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ކަމަށާއި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ރިސޯޓުތަކުން އުފައްދާ ކުނި މެނޭޖްކުރަން އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.

ވެމްކޯއިން ކުނި އުކައިދެނީ މިޚިދުމަތުގައި ރަޖިސްޓްރީވާ ރިސޯޓުތަކަށް އެކަންޏެވެ. އެހެންވެ މިނިސްޓަރު ވަނީ ހުރިހާ ރިސޯޓުތަކުންވެސް ވެމްކޯގެ ކުނި އުކައިދިނުމުގެ ޚިދުމަތުގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.

"އަމިއްލައަށް އިސްނަގައިގެން ހުރިހާ ރިސޯޓުތަކުން ވެސް ވެމްކޯގެ ޚިދުމަތުގައި ބައިވެރިވާށޭ އަޅުގަނޑު ދަންނަވާނީ. ރާއްޖެ ރީތިކޮށް ބާއްވާ، ޓޫރިޒަމް ސެކްޓަރގައި މަސައްކަތްކުރާ ރިސޯޓުތަކަކީ ސާފު ރީތި ތަނަކަށް ހަދަންޖެހޭ." މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ވެމްކޯއިން މި ޚިދުމަތް ފެށުންވާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ މާލީ ގޮތުން ފައިދާހުރި ތަންތަނަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތަށް ލިބިގެންދާ ބާރަކަށް ކަމަށެވެ. އެގޮތުން ރިސޯޓުތަކުގެ ކުނި ވެމްކޯއިން އުކައިދޭން ފެށުމުން ރަނގަޅު އާމްދަނީއެއް އެ ކުންފުންޏަށް ލިބޭނެކަމަށް ވިދާޅުވިއެވެ.

ވެމްކޯއިން ބުނީ ރިސޯޓްތަކުންވެސް ކުނި ނަގާނީ ޕްލާސްޓިކް، ބަދިގެ ކުނި، ބިއްލޫރި/މައުދަން އަދި އެހެނިހެން ކުނި ހިމެނޭހެން 4 ބަޔަށް ވަކިކުރުމަށް ފަހުގައި ކަމަށެވެ. އަދި މިހަމަތަކުގެ މަތީން ކުނި ވަކިކުރުމުން، ދެމެހެއްޓިނިވި ގޮތެއްގައި ފަތުރުވެރިކަމަށްވެސް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް ބުންޏެވެ.