ތައިލެންޑްގައި އެއްޖިންސުން ކައިވެނި ކުރުން ހުއްދަކުރަން ބިލެއް ފާސްކޮށްފިއެވެ.
ތައިލެންޑްގެ ސެނެޓުން 18 ޖޫން 2024 ވީ އަންގާރަ ދުވަހު ވަނީ، އެ ގައުމުގައި އެއްޖިންސުން ކައިވެނިކުރެވޭނެގޮތަށް ''ކައިވެނީގެ ހަމަހަމަކަމުގެ ބިލެއް ފާސްކޮށް'' ފައެވެ.
މި ބިލު ފާސްކުރީ ތައިލެންޑްގެ ސެނެޓުގެ 152 މެންބަރުންގެ ތެރެއިން 130 މެމްބަރުންގެ ވޯޓުންނެވެ. އެ ގާނޫނަށް ރުހުން ހޯދުމަށް މިހާރު ރަސްގެފާނު މަހާ ވަޖިރަލޮންގްކޯން އަށް ފޮނުވާނެ ކަމަށް އެ ގައުމުގެ ގާނޫހަދާ މަޖިލީހުންވަނީ ބުނެފައެވެ. އެހެންކަމުން، ރަސްގެފާނުގެ ރުހުން ދެއްވައިފިނަމަ އެ ޤައުމުގެ ޝާހީ ގެޒެޓްގައި ޝާއިއުކުރާތާ 120 ދުވަސް ފަހުން މި ބިލް ގާނޫނަކަށްވެ އެއަށް އަމަލުކުރަން ފަށާނެއެވެ.
"ފިރިހެނުން"، "އަންހެނުން"، "ފިރިން" އަދި "އަނބިން" ފަދަ ޖިންސަށް ހާއްސަ ލަފުޒުތަކުގެ ބަދަލުގައި ދެ މީހެއްގެ މެދުގައި އޮންނަ ޕާޓްނާޝިޕެއްގެ ގޮތުގައި އާ ގާނޫނުގައި ވަނީ ކައިވެނި މާނަކޮށްފަ އެވެ. މީގެ އިތުރުން އެލްޖީބީޓީކިއު ދެމަފިރިންނަށް ވާރުތަވުމާއި އެޑޮޕްޝަން ރައިޓްސް ވެސް ދެނީ ހެޓްރޮސެކްސިއަލް ކައިވެންޏާ އެއްވަރުގެ ގޮތަކަށްކަމަށް މި ބިލުގައި ބުނެފަވެއެވެ.
ތައިލޭންޑަކީ އެލްޖީބީޓީކިއު ސަގާފަތާއި ޓޮލަރެންސްގެ ގޮތުން މަޝްހޫރު ގައުމަކަށް ވާއިރު، އެކްޓިވިސްޓުން ނަކީ ގާނޫނީ ގޮތުން ބަލައިގަތުމަށާއި ހަމަހަމަ ހައްގުތައް ހޯދައިދިނުމަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނަ ގައުމެކެވެ. އާ ގާނޫނުގެ ދަށުން ރަސްމީ އައިޑެންޓިޓީ ޑޮކިއުމެންޓްތަކުގައި ޖިންސު ބަދަލުކުރުމުގެ ފުރުސަތު އަދިވެސް ނުދޭނެ ޓްރާންސްޖެންޑާ އަދި ބައިނަރީ ނޫން ފަރާތްތައް ދެނެނުގަނެވޭ ކަމަށް ބުނެ އެކަމަށް ވަކާލާތުކުރާ މީހުން ދަނީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުތަކަށް ފާޑުކިޔަމުންނެވެ.
އެލްޖީބީޓީކިއު ކޮމިއުނިޓީ އާއި ކައިވެނީގެ ހަމަހަމަކަމުގެ ފިޔަވަޅަށް ވަރަށް އެ ޤައުމުގެ ބޮޑުވަޒީރު ޝްރެތާ ތަވިސިން ތާއީދު ކުރަށްވާއިރު، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު އެކްޓިވިސްޓުންނާއި ސަޕޯޓަރުންނަށް ހަފްލާތައް ބޭއްވުމަށް ހުޅުވާލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކައިވެނީގެ ހަމަހަމަކަމަށް ތައިލެންޑުގައި މަސައްކަތްފެށީ 2020 ވަނަ އަހަރު ދުސްތޫރީ ކޯޓުން ނިންމި ހިސާބުންނެވެ. ތައިލެންޑަކީ ދެކުނު އިރުމަތީ އޭޝިއާގައި އެއްޖިންސުން ކައިވެނި ކުރުން ހުއްދަކުރި ފުރަތަމަ ގައުމަށެވެ.
އިސްލާމްދީނުގައި އެއްޖިންސުން ގުޅުން ހިންގުން ވަނީ ނަހީކުރަށްވާފައެވެ. މާތް ﷲ ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް ގަދަފަދަ އަޒާބެއް ފޮނުއްވައި އެބައިމީހުން އެކީއެކަށް ހަލާކުކުރެއްވީ، އެބައިމީހުން އެކަލޭގެފާނަށް ނުކިޔަމަންތެރިވެ، ނުބައިކަން ބޮޑު ފާޙިޝް ޢަމަލެއް ކަމަށްވާ އެއްޖިންސުން ގުޅުން ހިންގުމަކީ އާންމު ކަމެއް ކަމަށް ހެދުމުގެ ސަބަބުންނެވެ.
ލޫޠު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވިއެވެ.
( وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ ﴿٨٠﴾ إِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِّن دُونِ النِّسَاءِ ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ ﴿٨١﴾ ) މާނައަކީ:
“ އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ.“
ސަލާމް ލެއްވި ލޫތުގެފާނުގެ ޤައުމުގެ މީހުން ހަލާކު ކުރެއްވީ އެއްޖިންސުން ގުޅުން ހިންގުމުގެ ސަބަބުންނެވެ.
މާތް ﷲ ހޫދު ސޫރަތުގައި ވަޙީ ކުރައްވާފައި ވެއެވެ. ﴿وَجَاءَهُ قَوْمُهُ يُهْرَعُونَ إِلَيْهِ وَمِن قَبْلُ كَانُوا يَعْمَلُونَ السَّيِّئَاتِ ۚ قَالَ يَا قَوْمِ هَـٰؤُلَاءِ بَنَاتِي هُنَّ أَطْهَرُ لَكُمْ ۖ فَاتَّقُوا اللَّهَ وَلَا تُخْزُونِ فِي ضَيْفِي ۖ أَلَيْسَ مِنكُمْ رَجُلٌ رَّشِيدٌ) (سورة هود: 78)
މާނަ: “އަދި އެކަލޭގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އައެވެ. ކުރިން އެބައިމީހުންނަކީ، ނުބައި (ފާހިޝް) ކަންތައްތައް ކޮށްއުޅުނު މީހުންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނޭވެ! މިތިބީ އަހަރެންގެ (އެބަހީ: ގައުމުގެ) އަންހެން ދަރިންނެވެ. (ތިޔަބައިމީހުން ޝަރުއީ ގޮތުން އެކަނބަލުންނާ ކާވެނިކުރާނަމަ) އެކަނބަލުން ތިޔަބައިމީހުންނަށްޓަކައި ސާފުކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުން، ﷲ އަށް ތަގުވާވެރިވާށެވެ! އަދި ތިމަންކަލޭގެފާނުގެ މެހުމާނުންގެ ކުރިމަތީގައި، ތިމަންކަލޭގެފާނު ލަދުވެތި ނުކުރާށެވެ! ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީހެއްޔެވެ؟”
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!