ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޙަސަން ޒަރީރު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ޒަރީޒު މި މަޤާމަށް އައްޔަން ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

Ad
rt

ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަޤާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އޮފް ފައިނޭންސް އެންޑް ގްރޫޕް ޗީފް ކޮމްޕަލަޔަންސް އޮފިސަރގެ މަޤާމެވެ.

މީގެ އިތުރުން ބެންކް އޮފް މޯލްޑިވްސްގެ ޗެއަރޕަރސަންގެ މަޤާމު 7 މާރިޗު 2024 އިން 23 މެއި 2024 އަށް އަދާކުރައްވާފައިވެއެވެ.

އޭނާ މީގެ ކުރިން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް މިއަދު އައްޔަން ކުރެއްވި ޒަރީރު ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައި.އައި.ޔޫ.އެމް) ގައި ބެޗެލަރ އޮފް އެކައުންޓިންގ އަދި މާސްޓަރ އޮފް ސައިންސް ފައިނޭންސް ޑިގްރީ ހާޞިލްކުރައްވާފައެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ ފެލޯ ޗާޓަރޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފް.ސީ.އެމް.އޭ، ސީ.ޖީ.އެމް.އޭ) އާއި، އޮސްޓްރޭލިއާގެ ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓަންޓް ގެ ކޮލިފިކޭޝަން އޭނާ ވަނީ ހާސިލްކުރައްވާފައެވެ.