ސަރުކާރުގެ އެކިއެކި މަގާމުތަކަށް ގެންނަމުންދާނެ ބަދަލުތަކަކީ ސަރުކާރު ހިންގުން ހަރުދަނާ ކުރުމަށް ގެންނަ ބަދަލުތަކެއް ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަރުކާރު ހިންގެވުމުގައި އެމަނިކުފާނަށް ފަސޭހަފުޅުވާ ގޮތެއް ކަންކަން ބައްޓަން ކުރެއްވުމަށް އެމަނިކުފާނަށް ބާރު ލިބިގެންވާ ކަމަށެވެ.

Ad
rt

އެގޮތުން ސަރުކާރުގެ ކުންފުނިތަކަށް މީހުން އައްޔަން ކުރުމާއި ބަދަލު ކުރުމާއި ވުޒާރާތަކަށް މީހުން އައްޔަން ކުރުމާއި ބަދަލު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

"އެގޮތުގެ މަތިން ސަރުކާރު ހިންގުމުގައި އެމަނިކުފާނަށް ބޭނުންފުޅުވާ ކަންކަން ފަސޭހަ ކުރުމަށްޓަކައި ނުވަތަ އިތުރަށް ހަރުދަނާ ކޮށް ރަނގަޅު ކުރުމަށް ކުރައްވަން ޖެހޭ ކަންތައްތައް އެމަނިކުފާނު އަބަދުވެސް ކުރައްވަމުން ގެންދަވާނެ،" ހީނާ ވިދާޅުވިއެވެ.

ހީނާ އެގޮތަށް ވިދާޅުވި އިރު، މިފްކޯގެ ސީއީއޯ ކަމުން އަހުމަދު ސަމާހު ވަކި ކުރުމަށް ފަހު، އޭނާ މިހާރު ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވައިފައެވެ. އަދި އޭގެ ފަހުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތުމަތު ތައުފީގް (ކުުޑީ) ވަނީ އެ މަގާމުން ވަކިކޮށްފައެވެ. އޭގެ ކުރިން އެމްއެމްޕީއާރުސީގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި ނޫރައިން ޖަނާހު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ރޭގެ ވަގުތެއްގައި، އެޗްޑީސީގެ ޗެއާޕާސަން ކަމުން އަހުމަދު ޒުހޫރު ވަނީ ވަކިކޮށްފައެވެ.

މީގެއިތުރުން ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒާއި ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ވަޖުދީ ވަނީ ސަސްޕެންޑްކޮށްފައެވެ. އެ ދެ ބޭފުޅުން ސަސްޕެންޑް ކުރީ އެބޭފުޅުންނާ ދެކޮޅަށް ހުށަހެޅި ސުލޫކީ މައްސަލަތަކަކާ ގުޅިގެންނެވެ.