"ޖުމާ ޝާހުދެކެ ލޯބިވޭތަ؟" މާހިލް އެހިއެވެ.
ޖަވާބެއް ދޭން ޖުމާއަށް އުނދަގޫވިއެވެ. އެވަގުތު އޭނާއަށްވެސް އެސުވާލު ހިތުގައި ތަކުރާރު ކޮށްލެވުނެވެ.
"ލޯބި؟ އޭނަ އަހަންނަށް އެހާ ކެއަރ ކުރާތީ އަހަންނަށް ހީވޭ މިހާރު ޝާހު ދެކެ ލޯބި ވެވޭ ހެން." ޖުމާ ބުންޏެވެ.
މާހިލްއަށް ހިނިތުން ވެ ލެވުނެވެ.
" ޖުމާ، ތިހެން ތިކަން އޮތަސް، އެރޭ ޖުމާ ފެނުނު ފަހުން އަހަންނަށް އެބަ އުނދަގޫވޭ، އަހަރެމެންގެ ދަރިފުޅާމެދު ވެސް ވިސްނޭ، ހިތަށް އަރަނީ ޖުމާ އަހަންނަށް މަޢާފް ކުރާނެ ބާވައޭ" މާހިލް އަހާލިއެވެ.
އެވަގުތު ޖުމާގެ ސިކުނޑިއަށް އެތައް ހަނދާންތަކެއް އާވެގެން ދިޔައެވެ. އޭނާ ތަހައްމަލް ކުރި ދުވަސްތަކެވެ. މާހިލް އޭނާ ދުރުކޮށްލި ގޮތެވެ. އަދި އޭނާގެ ބޮލުގައި އެޅުވި ދޮގު އިލްޒާމެވެ. އެ ހުރިހާ ކަމެއް ހަނދާން ވުމާއެކު ޖުމާއަށް ދެލޯ މަރައިލެވުނެވެ.
" އަހަރެން މާހިލްއަށް މައާފް ކޮށްފިން. އެކަމަކު މާހިލް އޭރު އަހަންނާމެދު ކަންތައް ކުރި ގޮތް ހަނދާނެއް ނުނެތޭނެ. އަދި އަހަރެންގެ ހަގީގަތް ޝާހުއަށް އެނގި އޭނަ އަހަރެން ބޭނުން ނުވިޔަސް، އެނބުރި މާހިލް ގާތަށް ދާކަށް އަހަރެން ހިޔާލެއް ނުކުރަން." ވަރަށް ހިތްވަރާއެކު ޖުމާ ބުންޏެވެ.
"އަހަރެން މާހިލް ދެކެ ވަރަށް ލޯބިވިން. ހީވަނީ އަދިވެސް ލޯބިވާހެން. އެކަމަކު އަހަންނާމެދު އެމީހަކު ރަހުމު ނުކުރި ވަރަކަށް އަހަރެންގެ ހިތް ވެސް އެމީހަކާ ދުރަށް ދާނެ. މައާފް ކުރުމަކުން އަދި މާހިލްއާ ވާހަކަ ދެއްކުމަކުން އޭގެ މާނައަކީ އެކަން ހަނދާން ނެތުނިއްޔެކޭ ނޫން." ޖުމާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަޑުއަހަން އޮތް މާހިލްއަށް ނުހަނު އަސަރު ކުރިއެވެ.
"މާހިލްއަށް ނޭނގި މާހިލް ބޭޒާރު ކުރަން ބޭނުން ނުވާތީވެ، އެ ވާހަކަ ބުނެލަން މި ގުޅީ. ދެން ބާއްވަނީ." މާހިލްގެ ފަރާތުން އެއްވެސް އެއްޗެއް އަޑުއަހަން ބޭނުން ނުވާ ހާލު ޖުމާ ފޯނު ބޭއްވިއެވެ. އޭރު އޭނާއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. އޭނާއަށް އެ ހިތްވަރު ލިބުނީ ކޮންތާކުންބާވައޭ ވެސް އެވަގުތު އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އަމިއްލަ ނަފްސާއި ދިރިއުޅުމާމެދު ވިސްނާލެވޭ ކޮންމެ ފަހަރަކު އޭނާގެ ހިތްވަރު އާވެއެވެ.
ގަޑި ބަލައިލި އިރު ބާރަ ޖަހަނީއެވެ. ޝާހު އަދިވެސް އިންނާނީ ކޮމްޕިޔުޓަރ ކައިރީގައި ކަން ޖުމާއަށް އެނގެއެވެ. ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޖުމާ ކުއްލިއަކަށް މިސްރާބު ޖެހީ ދޮރާ ދިމާލަށެވެ. ހިތު ތެރޭގައި ހިނގަމުންދާ ހައިޖާނު ގަނޑުން ސަލާމަތްވާން އޭނާ ހުރީ އިންތިހާއަށް ބޭނުން ވެފައެވެ. އެހެންކަމުން މަޑުމަޑުން ނިކުމެ އޭނާ ޝާހުއަށް ގުޅާލިއެވެ. އަދި ދޮރު ހުޅުވުމަށް އެދުނެވެ.
" ބޮލުގައި ރިއްސާ ވާހަކަ ބުނީމަ އަހަރެން ހީކުރީ މިހާރު އޮންނާނީ ނިދާފައި ކަމަށް." އެތެރެއަށް ވަނުމަށް ޖާގަ ދެމުން ޝާހު ބުންޏެވެ.
"ކިހިނެއްވީ؟ ނުނިދުނީތަ؟ ނޫނީ މާ ބޮޑަށް ބަލީތަ؟" ޖުމާގެ ދެލޮލަށް ބަލައިލަމުން ޝާހު ބުންޏެވެ. ވަގުތަކީ ލަމްހާ ވެސް ކޮޓަރިން ނިކުތް ވަގުތެވެ.
" ބޭބެ ވާހަކަ ދައްކާ އަޑަށް މި ބަލައިލީ، ޖުމާ މިހާރު އޯކޭތަ؟ ސައިތައްޓެއް ހަދައިދެން؟" ނުހަނު ލޯބިން ލަމްހާ ސުވާލު ކުރުމާއެކު ޖުމާއަށް ރޮވިއްޖެއެވެ.
ކުއްލިއަކަށް ޖުމާގެ މޫޑު ގޯސް ވުމާއެކު ޝާހުއާއި ލަމްހާގެ ސަމާލުކަން ޖުމާއަށް ލިިބިއްޖެއެވެ. ލަމްހާ މަޑުމަޑުން ޖުމާގެ ގައިގައި ބައްދާލަމުން ވާހަކަ ދައްކަން ފެށިއެވެ.
"ހޭ ޖުމާ! ބުނެބަލަ. ކިހިނެއްވީ؟ މާ ބޮޑަށް ބޮލުގައި ރިއްސަނީތަ؟" ލަމްހާ ބުންޏެވެ.
ދެ ޖީބަށް އަތް ޖަހާލައިގެން ޝާހު ހުރީ ޖުމާގެ ކުރިމަތީގައި ކޮޅަށެވެ. ވާނުވާ އެނގެން ބޭނުން ވެފައެވެ.
"އަހަންނަކީ..ވަރަށް ބޮޑު ކުއްވެރިއެއް.." ޖުމާ ވާހަކަ ފެށިއެވެ. ލަމްހާއާއި ޝާހުއަށް އެކަކު އަނެއްކަކުގެ މޫނަށް ބަލައިލެވުނެވެ. ޖުމާ ދައްކަން އުޅޭ ވާހަކައެއް ނޭނގޭތީ އެމީހުން ތިބީ އަދިވެސް ކަންބޮޑު ވެފައެވެ.
"އަހަރެންގެ މާޒީއާ ގުޅޭގޮތުން އެއްވެސް އެއްޗެއް އެނގޭކަށްވެސް ޝާހު ބޭނުމެއް ނުވި. އަދި އަހަންނަށްވެސް އެއީ މުހިއްމު ކަމަކަށް ނުވި. އެކަމަކު މިއަދު އަހަރެންގެ މާޒީ އައިސް އަހަރެންގެ ދުނިޔެ އަނެއްކާވެސް ކަޅުކޮށްލައިފި." ޖުމާ މަޑުމަޑުން ތެދުވެއްޖެއެވެ. އަދި އިސްޖަހައިގެން ހުރެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
" ޝާހު އަހަންނާ ގުޅެން ބޭނުންވި ދުވަހުން ފެށިގެން ޝާހުއާއެކު އުފާވެރި ދިރިއުޅުމެއްގެ ހުވަފެންތައް އަދިވެސް އަހަރެން މިދަނީ ދެކެމުން. އެކަަމަކު އަހަންނަށް ހީވަނީ ދެން އަހަރެން ހޭލަން ވެއްޖެހެން. އެ ހުވަފެން އެގޮތުގައި އޮންނާނީ ކަންނޭނގެ." ޖުމާ ބުންޏެވެ.
"ޖުމާ. އަހަރެން ވަރަށް ބިރުގަނޭ އެބަ.. ތަންކޮޅެއް ރަނގަޅަށް ބުނެދީބަލަ. ވީ ގޮތް ބުނެބަލަ، މި ދުނިޔޭގެ އެއްވެސް މީހަކަށް އަހަރެމެންގެ ދެމެދަކަށް ނުވަދެވޭނެ" ޝާހު ބުންޏެވެ. އެއާއެކު ޖުމާ ދެ ފަރާތަށް ބޯ ހޫރާލިއެވެ. ލަމްހާވެސް އިނީ ވެގެން އުޅޭ ގޮތެއް ނޭނގި ކަންބޮޑު ވެފައެވެ.
" ނޫން ޝާހު. ވެގެން އުޅޭ ގޮތް ބުނީމަ ޝާހު އަހަރެން ދޫކޮށްލާނެ. އަދި ލަމް ވެސް އަހަންނަށް ނަފްރަތު ކުރާނެ." ޖުމާ އެހެން ބުނުމުން ލަމްހާ ތެދުވެއްޖެއެވެ. ނަމަވެސް އެއްވެސް ސުވާލެއް ނުކޮށް ޖުމާގެ މޫނަށް ބަލަން އޭނާވެސް ހުރީއެވެ.
" މި ދަރިފުޅުގެ ބައްޕަ އެދުވަހު ގަބޫލެއް ނުކުރި މިއީ އޭނާގެ ދަރިއެއް ކަމަކަށް. އަހަރެމެން ރައްޓެހި ވެގެން އުޅުނީ ވަރަށް ސިއްރުން. އެއްވެސް މީހަކަށް ނޭނގި. އެހެންވެ އޭނާއާ ދެކޮޅަށް ދެއްކޭނެ އެއްވެސް ހެއްކެއްވެސް އަހަރެންގެ އަތަކު ނެތް. ބޭޒާރުވެ ފަޟީޙަތްވީ އަހަރެން. ރަށުން ފައިބައިގެން އައިސް ދުނިޔޭގެ ލަދަށް ފިލަން ޖެހުނީވެސް ހަމަ އަހަންނަށް. " ޖުމާ ކިޔައިދިއެވެ.
" މިހާރު އޭނަ ޖުމާ ބޭނުންވީތަ؟ " ކުއްލިއަކަށް ޝާހު އެހިއެވެ. ޖުމާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
"އެއީ ކާކުކަން ތި ދެމީހުންނަށްވެސް މިހާރު އެނގޭނެ. " ރޮވިފައި ހުރެ ޖުމާ ބުންޏެވެ. އެއާއެކު ލަމްހާއަށް ބަލައިލެވުނީ ޝާހުގެ މޫނަށެވެ.
" ޖުމާ ބުނެބަލަ. ކާކުތަ އެއީ؟ ދުރުން ނުގޮސް ރީއްޗަށް ކިޔައިދީބަލަ." އަނެއްކާވެސް ޝާހު ބުންޏެވެ.
" އެއީ.. މާހިލް" ލަމްހާގެ މޫނަށް ބަލައިލަމުން ޖުމާ ބުންޏެވެ. އެއާއެކު ލަމްހާއަށް ސޯފާ މައްޗަށް ތިރި ވެވުނެވެ. ގަބޫލު ކުރަން ދަތިވެ އެތައް އިރެއް ވަންދެން އިނދެވުނީއެވެ. ޝާހުގެ ހަށިގަނޑުވެސް ގަނޑު ވެގެން ދިޔަ ކަހަލައެވެ.
"ލަމްގެ ލޯބިވެރިޔަކީ މާހިލްކަން އަހަންނަށް އެނގުނީވެސް މިގެއަށް އޭނަ އައީމަ. އެރޭ އޭނަ އަހަރެމެން ގެއަށް ވަތް. ދޮންތަ އޭނައަށް ވަރަށް އެއްޗެހިވެސް ކީ. އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލާފައި ދެވަނަ ފަހަރަށް ލިބެން އުޅޭ ދިރިއުޅުންވެސް މާހިލްގެ ސަބަބުން ގެއްލެނީ ކަމުގައި ބުނި. އޭނަ ލަމްއާ ރުޅި ވީ އެހެންވެ. އަހަންނަށް މައާފް ކުރޭ ލަމް." ޖުމާ ދެއްކި އެއްވެސް ވާހަކަ އަކަށް ލަމްހާ އެއްޗެއް ނުބުންޏެވެ.
" އަހަންނާމެދު މާހިލް އެގޮތަށް ކަންތައް ކުރިޔަސް އޭނަ ލަމްހާ ރައްޓެހިވީ ސީރިއަސްކޮށެއްނު." ޖުމާ ލަމްހާއަށް ބަލައިލިއެވެ.
" ހުއްޓާލާ ޖުމާ! " ލަމްހާ ބާރު ބާރަށް ބުންޏެވެ. އެއާއެކު ޖުމާއަށް ލިބުނީ ކުއްލި ސިހުމެކެވެ.
" އަންހެނަކާމެދު އެހާ ރަހުމު ކުޑަކޮށް ކަންތައް ކުރި މީހަކު އިތުރު އަންހެނަކަށް ހެވެއް އެދޭނެތަ؟ އެހެން ނޫނަސް އަހަރެން މާހިލްއާ ގުޅިގެން މިގެއަށް ގެންނާނެތަ؟ އަހަރެންގެ ބޭބެ އެންމެ ލޯބިވަނީ ޖުމާ ދެކެ. ބޭބެގެ ހިތަށް ކުޅަދާނަ ވާނެތަ މާހިލް މިތާ އުޅެން؟" ގަދަކަމުން ލަމްހާ ހިނިގަނޑެއް ޖަހާލިއެވެ. އެއާއެކު ހައިރާން ވެފައި ޖުމާއަށް ބަލައިލެވުނީ ޝާހުގެ މޫނަށެވެ.
"ކޮންމެ މީހެއްގެ ދަރިއަކަށް ވިޔަސް އަހަރެން ހުރީ ޖުމާ ގަބޫލުކުރަން ރުހިގެން. އެހެންވީމަ ވަކި މިހާރު އަހަރެންގެ ހިތް ބަދަލު ވެދާނެ ކަމަށް ޖުމާ ހީކުރަނީތަ؟" ޝާހު ބުންޏެވެ. އެއާއެކު ޖުމާއަށް ރަނގަޅަށްވެސް ރޮވުނެވެ.
"މާހިލްއަކީ މިހާރު އަހަރެންގެ ހަޔާތަށް އައި މީހެއް ކަމަކަށް އަހަރެން ނުދެކެން. އެހެން ނޫނަސް އަހަރެންގެ ބޭބެެއަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއްވެސް އަހަރެން ވެދާނަން. " ލަމްހާ ގޮސް ޝާހުގެ މޭގައި ބޯ އަޅާލިއެވެ. އެއާއެކު ޝާހު އެއް އަތުން ޖުމާއަށް އިޝާރާތްކޮށްލީ އޭނާ ގާތަށް އައުމަށެވެ.
ޖެހިލުންވެ ހުރެ ޖުމާ މަޑުމަޑުން ގޮސް ޝާހުގެ ކުރިމަތީގައި ހުއްޓުނެވެ.
"އަހަންނަށް މައާފް ކުރޭ ޝާހު.." ޖުމާއަށް ބުނެވުނެވެ.
" ތިހެން ނުބުނާށޭ ޖުމާ. ޖުމާ ހީކުރީ އަހަރެމެންނަކީ ނުވިސްނޭ ބައެއް ކަމަކަށްތަ؟ ތިހާ ބިރުން ނުހުރޭ. އަހަރެމެންނަކީ ޖުމާދެކެ ވަރަށް ލޯބިވާ ބައެއް. އަހަރެމެންގެ މި ގެއަށް އުފާވެރިކަމާއި އާރޯކަން ގެނެސްދިނީ ޖުމާ.. ދެން އަދި ދުވަސްކޮޅަކުން މިގެއަށް އިތުރު ދިރުމެއްވެސް ލިބޭނެ." ލަމްހާ ޖުމާގެ ބަނޑުގައި އަތް ޖައްސާލަމުން ބުންޏެވެ. އެވަގުތު ޝާހުގެ މޭގައި ޖުމާއަށް ބޯ ޖައްސާލެވުނީ އުފަލުންނެވެ.
ޖެހިގެން އައި ދުވަހެވެ. ޖުމާ ޒާރާއަށް ގުޅައިގެން ހުރިހާ ވާހަކައެއް ހިއްސާ ކުރިއެވެ.
" މިއަދު މާހިލް އުޅުނު މަންމައަށް ގުޅައިގެން. މަންމަ ބުނި އޭނަ ބުންޏޯ ބޭރަށް ކިޔަވަން ދާ ވާހަކަ. ރަށަށްވެސް ނައިސް ދަނިއްޔޯ." ޒާރާ ހަބަރު ދިނެވެ.
އެކަން ވެގެން ދިޔައީ ޖުމާއަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށެވެ. އޭނާ ބޭނުންވަނީވެސް މާހިލްގެ ހަނދާންތައް އެއްކޮށް ހިތުން ފޮހެލާށެވެ. ދުވަހަކުވެސް މާހިލްއާ ބައްދަލް ވާކަށް އޭނާ ބޭނުމެއްވެސް ނޫނެވެ. އަދި އެ ދަރިފުޅަށް ބައްޕައެއްގެ ގޮތުގައި މާހިލް ދައްކާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ.
1 އަހަރު ފަސް.
ނިދިން ހޭލެވުމާއެކު ޖުމާއަށް ބަލައިލެވުނީ ފޯނެވެ. ވައިބަރުން އައިސްފައި އޮތް މެސެޖް ފެނުމާއެކު އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. އޭގައި އޮތީ ޕްރެގްނެންސީ ޕޮޒިޓިވް ޓެސްޓް ކިޓެއްގެ ފޮޓޯއެކެވެ.
"އަލްޙަމްދުލިﷲ.. މަރުހަބާ ދޮންތާ" ހެވިފައި އިނދެ ޖުމާ ބުންޏެވެ.
" އެނގޭތަ މުއާބެގެ މަންމަ އުފަލުން ވަރަށް ރުއި. ދޮންތަ ގައިގައި ބައްދަ ބައްދާފައި ހީވަނީ އެހެން ކަމެއްހެން. ހީވަނީ މަންމަގެ ހިތްވެސް ދެން ރަނގަޅުވީ ހެން.." ޒާރާ ބުންޏެވެ.
"ކޮބައިތަ ދޮންތަގެ ކުޑަކުޑަ ޝުއާ؟ ހާދަ ދެކޭ ހިތްވެޔޭ." އޭނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
" އެގޮއްޔަ އެބައޮތް ބައްޕި އަތުގައި ނިދަން. ދެންމެ މި ހޭލެވުނީ. ރޭގައި ނުނިދާ އުޅުނީމަ ޝާހު އެ އިނީ މިގަޑީ ޝުއާ ގާތު ޑިޔުޓީގައި." ހެވިފައި އިނދެ ޖުމާ ބުންޏެވެ.
"ވަރަށް އުފާވެއްޖެ ޝާހު ކަހަލަ ފިރިއަކު ކޮއްކޮއަށް ދެއްވީތީ." ޒާރާ ބުންޏެވެ. އެއާއެކު ޖުމާ އެނދުން ފައިބައިގެން ގޮސް ސިޓިންގރޫމަށް ނިކުތެވެ.
" އަހަރެންގެ ނަސީބު ހަމަ. މާހިލް ފަހުން އަހަންނާ ކައިވެނި ކުރަން ބޭނުންވެގެން އެދުނު. އެކަމަކު އަހަންނަށް ކިހިނެއް ރުހެވޭނީ؟ އެއަށްވުރެ މާ ރަނގަޅު ފިރިއެއް މިހާރު މި ލިބުނީ،" ޖުމާ ބުންޏެވެ. އެއާއެކު ޒާރާ ހީލި އަޑު އިވުނެވެ. އިރުގަނޑެއްގައި ވާހަކަ ދައްކަން ތިބެ، ޖުމާ ފޯނު ބޭއްވީ ޝުއާގެ ރުއިމުގެ އަޑަށެވެ.
ކުއްލިއަކަށް ދޮރު ހުޅުވާލުމަށްފަހު ޝާހު ނިކުތީ ތުއްތު ޝުއާ އުރާލައިގެންނެވެ. ވަގުތަކީ ބޭރުން އައިސް ލަމްހާ އާއި އޭނާގެ ފިރިމީހާ އަޒީމް އެތެރެއަށް ވަތް ވަގުތެވެ.
" ދޮންތި ދޫނި އުރާލާފައި ނޫނީ އޮފީހަށް ނުދާން ވެގެން މި ވަނީ ،" އުފަލާއެކު ލަމްހާ ބުންޏެވެ.
އެމަންޒަރު ބަލަން ޖުމާއަށް އިނދެވުނީ ހެވިފައެވެ. ހިތްދަތި ދުވަސްތަކަށްފަހު އުފާވެރިކަން ލިބިއްޖެއެވެ. ދިރިއުޅުން އާރާސްތު ކުރަން އޭނާދެކެ ލޯބިވާ އެތައް ބަޔަކު ތިބި ކަމުގެ އިހްސާސް ކުރެވުނެވެ. އެއާއެކު އޭނާގެ ލޮލުން ކަރުނަ ފާއްދާލީ ލޯބިވާ ބައްޕަ މަތިން ހަނދާން ވުމުންނެވެ. ނަމަވެސް އޭނާ ކެތްތެރިވެ، ޝުއާ އާ ސަކަރާތް ޖަހަމުންދާ ލަމްހާއާއި ޝާހުއަށް ބަލައިލީ ފެންކަޅިވެފައި އިނދެއެވެ.
- ނިމުނީ -
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!