ކުރީގެ ޢަދަދާ ގުޅޭ:

ދެލޯ ބޮޑުކޮށްލުމަށްފަހު ޖުމާ ތަންކޮޅެއް ބާރަށް ބުންޏެވެ. އަދި އިރުކޮޅެއް ވަންދެން އެފަދައިން ބަލަހައްޓައިގެން ހުރެ ޖުމާ އަވަސް ފިޔަވަޅުތަކެއްގައި ނިކުމެގެން ދިޔައެވެ. ކަންތައް ކުރެވުނު ގޮތުން ޝާހުގެ ހިތް އޭރުވެސް ލަދުން ތެޅިފޮޅެނީއެވެ.

Ad
rt

***

ނަޖީބުގެއަށް އައި އިރު ކަފީލާ އޮތީ ކޮންމެވެސް ފިކުރެއްގައެވެ. އެނދުމަތީގައި އޮށޯވެލައިގެން އޮތް އިރު އޭނާގެ ލޮލުގެ ހިމަކޮޅުން ކަރުނަ ފައިބަމުންދާތަން ނަޖީބަށް ފެނުނެވެ. އެހެންކަމުން ނަޖީބު އެންމެ އިސްކަމެއްގެ ގޮތުގައި ކަފީލާއާ ވާހަކަ ދައްކަން ބޭނުންވިއެވެ.

" ހާދަ ފާޑަކަށް ތި އޮންނަނީ؟ "

އެނދުގެ މަގަތުގައި އިށީންދެލަމުން ނަޖީބު ބުންޏެވެ. އެއާއެކު ލޮލުން ފޭދިފައިވާ ކަރުނަތައް ފޮހެލަމުން ކަފީލާ ކުޑަކޮށް ތެދުވެލިއެވެ.

" ނަޖީބޫ! މުއާޒް މިހާރު ހާދަ ބަދަލު ވެއްޖެޔޭ! އަހަރެން އެކަނި އިންތަން ފެނުނަސް މަންމާއޭ ކިޔާ ގޮވައިވެސް ނުލާ! ގިނަ ފަހަރަށް ނުވެސް ކައި! "

ކަފީލާ ވިސްނަމުންދަނީ މުއާޒާމެދުގައިކަން އެނގުމުން ނަޖީބު ޝައުޤުވެރިވިއެވެ. މުއާޒަށް އަންނަމުންދާ ބަދަލުތައް ނަޖީބަށްވެސް މިހާރު ފާހަގަ ކުރެވެން ފަށައިފިކަން އޭނާ ކަފީލާއަށް އަންގައިދޭން ބޭނުންވިއެވެ.

" އަހަންނަށްވެސް މިހާރު ތިކަން އެނގެޔޭ! ފިހާރައިގެ ކަންކަމުގައިވެސް ކުރިން އުޅޭ ގޮތަކަށް ނޫޅޭ! މިހާރު ކޮންމެ ކަމެއްވެސް ބުނީމަ ކުރަނީ. އަހަރެންވެސް އެކަމާ ވަރަށް ކަންބޮޑުވޭ.. އަހަންނަށް ހީވަނީ މުއާޒްމެންގެ ދަރިފުޅު ބީވެދިޔުމާއެކު ޒާރާއާވެސް ދުރުގައި އުޅެން ޖެހޭތީ އެކަމާ އޭނަ ވިސްނަނީހެން"

ނަޖީބުގެ ވިސްނުމާމެދު ކަފީލާ ލަހެއްފަހެއްނެތި ދެކޮޅު ހެދިއެވެ.

" އެކަމާ ދެން ވިސްނަންޖެހޭތަ؟ މުއާޒަށް މަދުވާ އެއްވެސް އެއްޗެއް ނޯންނާނެއެއްނު.. ޒާރާ އަމިއްލައަށް އޭނާގެ ކޮއްކޮ ފަހަތުން ދިޔައީ! މުއާޒް ބުނެގެންތަ ޒާރާ ދިޔައީ؟ މުއާޒް އެކަނިކޮށްލީ ހަމަ ޒާރާ! އެހެންވީމަ އޭނަ ކޮންކަމަކާ ޒާރާއާމެދު ވިސްނަންވީ! ބުނަންތަ ނަޖީބު؟ ދަރިންގެ މުސްތަޤްބަލް ހަލާކުވެދާތަން ބަލަން މައިންބަފައިންނަކަށް ނުތިބެވޭނެ މިހެން ދެއަތް އުރާލައިގެންނެއް.. އަހަރެން ބޭނުން މުއާޒާ ވާހަކަ ދަައްކަން. އޭނައަށް ޖެހޭނީ ޒާރާ ދޫކޮށްލަން "

ރުޅި އައިސް އިނދެ ކަފީލާ ނުރުހުންތެރިކަމާއެކު ވާހަކަ ދައްކަމުންދާތީ ނަޖީބު އިތުރަށް ކަންބޮޑުވިއެވެ.

" ކަފީލާ! ތިއީ އެހާ ފަސޭހައިން ވާނެ ކަންކަމެއް ނޫނޭ... މުއާޒް އޭނާގެ އަންހެނުން ވަރިއެއް ނުކުރާނެ. އަހަރެމެން އެކަހަލަ ވާހަކަ ދެއްކީމަ ކިހާ ހުތުރު.. އެކުދިން ދެން އަހަރެމެންނަށް ނަފްރަތު ކުރާނީ"

" ހޫމް.. ނަޖީބަކަށް ނޭނގޭނެ ކަންތައްތައް ކުރަން ޖެހޭނެ ގޮތެއް. ނަޖީބު ހުރޭ އެމީހުން ރުޅި އައިސްދާނެތީ ބިރުން! މިފަހަރު ކަންތައް ކުރާނެގޮތް އެނގޭނީ އަހަންނަށް"

އެހެން ބުނުމަށްފަހު ބާރުބާރަށް ކަފީލާ ގޮސް ފާޚާނާއަށް ވަނެވެ. ކަފީލާއަށް ބަލަހައްޓައިގެން އިނދެ ނަޖީބަށް ދެފަރާތަށް ބޯ ހޫރާލެވުނީ ފޫހިކަމާއެކުގައެވެ.

***

އޮފީސް ނިންމާފައި ލަމްހާއަށް ގެއަށް އާދެވުނު އިރު ވަރަށް ލަސްވެއްޖެއެވެ. ނަމަވެސް ޖުމާއާ ވާހަކަ ދައްކާލާފައި ނޫނީ ކޮޓަރިއަށް ނުދާން، އޭނާ ފުރަތަމަ ވަނީ ޖުމާގެ ގެއަށެވެ.

" ހާދަ ލަހަކުން ތިއައީ؟ "

ދޮރު ހުޅުވާލި ގޮތަށް ޖުމާއަށް ބުނެވުނެވެ. އެއާއެކު ލަމްހާ އެތެރެއަށް ވަދެ ގޮސް ކާމޭޒު ކައިރީ ހުރި ގޮނޑީގައި އިށީނދެލިއެވެ. އަދި ކޮނޑުގައި އޮތް ދަބަސްވެސް ކާމޭޒުމަތީ ބާއްވާލިއެވެ.

" އާނ! މިއަދު ފުރަތަމަ ދުވަސްވީމަ ލަސްވީ! ޖުމާ! އަހަރެން ވަރަށް ވަރަށް ހިތްހަމަޖެހިފައޭ މިހުރީ"

ކުރިމަތީގައި އިށީން ޖުމާގެ މޫނަށް ބަލައިލަމުން ލަމްހާ ވާހަކަ ދެއްކީ އުފާވެރި ރާގެއްގައެވެ. ޝައުޤުވެރިކަމާއެކު އަޑުއަހަން އިން ޖުމާ ހިނިތުންވެލީ ލަމްހާގެ ވާހަކަ އަޑުއަހާ ހިތުންނެވެ.
" އެހެންތަ؟ މާ ރަނގަޅު ތަނަކަށްދޯ ތި ދެވުނީ"

" ތަނެއްވެސް ނޫން... މަސައްކަތެއްވެސް ނޫން.... ހިތްހަމަ ޖެހުނީ އަހަންނަށް އެތަނުން ލިބުނު ނިއު ބޯއީއާމެދު.. ވާއޯ! ހާދަ ސްމާޓޭ،، ހާދަ ހޭންޑްސަމްއޭ.. އެހެރަ ޖާދުވީ ބަލައިލުމެއް... އެ ހިނިތުންވުން.. ހައެ ހައޭ..."

މޫނުމަތީގައި އެއް އަތް ޖައްސާލަމުން ލަމްހާ ބާރުބާރަށް ހޭންފެށިއެވެ. އެއާއެކު ޖުމާއަށްވެސް ހެވުނެވެ.
" ހާދަ ވަރަކަށް ބަލައިފިއޭދޯ! އެކަމަކު ލަމްގެ ހިތް ހާދަ އަވަހަކަށޭ ތި ދޫވީ؟ ކުރީ ދުވަހު މަ ގާތު ބުނި ފިރެހެން ކުދިންނަށް އެހާ އަވަހަކަށް ލަމްގެ ހިތެއް ނުދެވޭނެޔޭ!"

ޖުމާގެ ވާހަކައިން ލަމްހާއަށް އަނެއްކާވެސް ހެވުނެވެ.

" އެއީ އަޖައިބެއް ކަހަލަ ފިރެހެނެއް.. އޭނަގެ އެ ސަމާސާ ކުރުމާ ފިރެހެންވަންތަކަން ވަރަށް ފުރިހަމަ! އޭނަ ބުނެލާ ކޮންމެ ޖުމްލައަކުން އަހަރެންގެ ހިތް ނަށައިގަނޭ.. ދެން ނޭނގެ.. މާގިނަ ދުވަހު އަހަންނަކަށް މިކަމެއް ސިއްރެއްވެސް ނުކުރެވޭނެ.. ހިތް ދެވިއްޖެ! ދީވާނާ ވެއްޖެ! ގަޔާ ވެއްޖެ! ދެން ނޭނގެ! އެންމެ ދުވަހެއްގެ އެންމެ އަށްވަރަކަށް ގަޑި އިރުގެ ތެރޭގައި އޭނަ އަހަރެންގެ ހިތް މިލްކް ކޮށްފި! ޖުމާ ބުނެބަލަ އަހަރެން އޭނަ ގާތު ބުނަންވީތަ؟ "

ލަމްހާގެ ކެތްތެރިކަމެއްނެތް ހިތުގައި ޖަހާ ވިންދުގެ އަޑު ޖުމާއަށްވެސް އިވުނު ކަހަލައެވެ. ލަމްހާގެ ސުވާލާއެކު ޖުމާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

" ނޫން.. އަދި އޭނަ ގާތު ބުނާނެ ކަމެއް ނެތް.... އޫމް ކޮން ނަމެއްތަ ތި ހީރޯއަށް ކިޔަނީ؟"

އަވަސް އަވަހަށް ޖުމާ އަހާލިއެވެ. އެއާއެކު އަނެއްކާވެސް ލަމްހާގެ މޫނު ރަތްވެގެން ދިޔަތަން ޖުމާއަށް ފެނުނެވެ.

" ނަން ދޯ! އޭނަގެ ނަންވެސް އެހާ ރީތި.. އަހަންނަށް އެ ނަން ދުލުން ކިޔާކަށްވެސް ނުކެރޭ... އެހެންވެ އަހަރެން އޭނައަށް ކިޔަނީ ބޯއީ.. ޖުމާވެސް ކިޔާ ބޯއީ"

" ހޫމް.. ލަމް ތިހުރީ ހަމަ ރަނގަޅަށްވެސް މޮޔަވެފަ! ލޯބިވެޔޭ ބުނަންވާނެ ދެން.. ލަސްނުކޮށް އަވަހަށް ބުނޭ"

އަތް ޖަހާލަމުން ޖުމާ ބުނެލީ ސަމާސާގެ ރާގަކަށެވެ. އެއާއެކު ލަމްހާ ހެމުން ހެމުން ތެދުވިއެވެ. އަދި މޭޒުމަތީގައި އޮތް ދަބަސް ނެގުމަށްފަހު ކޮޓަރިއާ ދިމާލަށް ބަލައިލަމުން ވައި އަޑުން ވާހަކަ ދައްކަން ފެށިއެވެ.

" ހޭ! ކޮބައި ދަޮންތަ؟ ނުބުނައްޗޭ އިނގޭ"

ލަމްހާ ނިކުމެގެން ދިޔައިރުގައިވެސް ޖުމާއަށް އިނދެވުނީ ހޭށެވެ.

***

ސިޓިންގރޫމްގައި ހުރި ކޮމްޕިޔުޓަރ ކައިރީ ޝާހު އިނީ މުޙިއްމު މަސައްކަތެއް ކުރާށެވެ. ނަމަވެސް އޭރުވެސް އޭނާގެ ސިކުނޑީގައި ކުރެހެމުންދަނީ ޖުމާގެ ތަސްވީރެވެ. ޖުމާ ފެންނަ ކޮންމެ ވަގުތަކު އޮބި ނޯންނަ ވަރަށް އޭނާގެ ހިތް ތެޅޭކަން އޭނާއަށް އެނގެއެވެ. އެކަމުގެ ސަބަބުން ޝާހުއަށް މިހާރު އުޅެން އުނދަގޫވާ ދަރަޖައަށް ގޮއްސިއެވެ.

" ބޭބެ؟ ހާދަ ދަންވަންދެން ތި އިންނަނީ؟ ކޮފީއެއް ގެނެސްދެން؟ "

ފެންފުޅިއެއް ބަލައި ނިކުތް ލަމްހާއަށް ޝާހު ފެނުމާއެކު ބުނެލިއެވެ. އެހިނދު ލުއި ގޮތަކަށް ހީލަމުން ޝާހު ނޫނެކޭ ބުންޏެވެ.

" ކޮއްކޮ ބުނެގެންތަ ޖުމާ ކާން ތައްޔާރު ކުރަން އަންނަނީ؟"
ކޮޓަރިއާ ދިމާލަށް ލަމްހާ ހިނގައިގަތުމާއެކު ޝާހު އަހާލިއެވެ. ޝާހުގެ އަޑަށް ހުއްޓި، ލަމްހާ ބޯ ޖަހާލީ ނުތަނަވަސްކަމާއެކުގައެވެ.

" ކިހިނެއްވީ؟ "

ލަމްހާ ސުވާލުކުރުމުން ޝާހު އަނެއްކާވެސް ހީލިއެވެ.

" އޭނަ އެއްވެސް އެއްޗެއް ކޮއްކޮގާތު ކީތަ؟ "

ޝާހުގެ ސުވާލުން މިފަހަރު ލަމްހާއަށް ކުޑަކޮށް ހެވުނެވެ. އެނާ އައިސް ޝާހުގެ ކުރިމަތީގައި ހުއްޓުމަށްފަހު ބޯ ހޫރާލިއެވެ.

" ބޭބެއާ ބެހޭގޮތުން އެއްވެސް ވާހަކައެއް އޭނަ ނުދައްކާ! އަނެއްކާ ކަމެއް ވީތަ؟ "

ލަމްހާ އެހެން ބުނުމާއެކު ޝާހު މަޑުމަޑުން ބޯ ޖަހާލިއެވެ.
" ހޫމް.. ތަންކޮޅެއް ގާތްކޮށް ވާހަކަ ދެއްކުނީ... ދެން ޖުމާ ބުނީ އެއްވެސް މީހަކަށް ޓްރަސްޓެއް ނުކުރަމޯ! އޭނަ ވަރަށް ފޫހިވެޔޯ ފިރެހެނުންދެކެ.."

ޝާހުގެ މާޔޫސްވެރި އަޑުގެ ސަބަބުން އޭނާ އެހީތެރިކަމަށް އެދޭ މިންވަރު ލަމްހާއަށް އެނގުނެވެ.

" ދެން ބޭބެވެސް މާ އަވަހަށޭ ތި ގާތްކުރަން އުޅުނީ! ތިއީ އެންމެ ދުވަހަކުން ވާނެ ކަންކަމެއް ނޫން! ފުރަތަމަ ފްރެންޑްލީކޮށް ވާހަކަ ދެއްކި ނަމަ އޭނަ ރުޅިއެއް ނައީސްދޯ! އެހެން ނޫނަސް ބޭބެއަށް އެނގޭތަ؟ އަހަރެން އޭނަ ގާތު ހުރިހާ ވާހަކައެއް ދެއްކިޔަސް ދުވަހަކުވެސް ޖުމާ، ޖުމާގެ ޕަރސަނަލް އެއްވެސް ވާހަކައެއް އަހަންނަކަށް ކިޔައެއް ނުދޭނެ.."

ލަމްހާގެ ރާގުން ޝާހު ކަންބޮޑުވިއެވެ.

" ވެދާނެއެއްނު އޭނަގެ ދިރިއުޅުމުގައި މުޅިންވެސް ހިތްދަތިކަން ލިބިފައި ހުރީކަމަށް... ފިރެހެނުންދެކެ ފޫހިވާނީ ކޮންމެވެސް ކަމެއްވީމަދޯ! އަޅެ ކޮއްކޮ އޭނައާ ވާހަކަ ދައްކަބަލަ!"

ޝާހުގެ އެދުމަށް ލަމްހާ ވަގުތުން ދެކޮޅު ހެދިއެވެ.

" ނޫން.. މިހާރު ކޮންމެ ދުވަހަކުވެސް ބޭބެއާ ޖުމާ ބައްދަލްވާނެ އެއްނު.. ބޭބެ އޮޅުން ފިލުވާ!"

ޝާހު އެއްޗެއް ނުބުނެ އެކަމާ ވިސްނަން ފެށުމުން ލަމްހާ އަވަސް އަވަހަށް ކޮޓަރިއަށް ހިނގައިގަތެވެ.

" އާނ! އަހަރެން ބޭނުން ޖުމާ! އަހަންނަށް އޭނަ ވަރަށް ކަމުދޭ"

ޝާހަށް ހިތާހިތާ ކިޔާލެވުނެވެ.

***

ސިޓިންގރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ކަފީލާ އިންތިޒާރު ކުރަމުން ދިޔައީ މުއާޒް އަންނާނެ ވަގުތަކަށެވެ. އިރުއިރުކޮޅުން ގަޑި ބަލައިލަމުން ބޭރު ދޮރަށް އޭނާ ދިޔައީ ބަލަމުންނެވެ. އޭނާ އެހެން ހުންނަތާ އިރުގަނޑެއްވީ ފަހުން ދޮރާށި ހުޅުވާފައި މުއާޒް އަންނަތަން ފެނި ކަފީލާ ފަޔަށް ބާރު ލުމަށްފަހު ދޮރު ކައިރިއަށް ޖެހިލިއެވެ.

" ދަރިފުޅާ މުއާޒް.. މަންމައަށް ކަމެއް ކޮއްދީބަަލަ! "

އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ކަފީލާ އެދުނެވެ. އެއާއެކު ސުވާލުގެ ނަޒަރަކުން މުއާޒް ކަފީލާގެ މޫނަށް ބަލައިލިއެވެ.

" މާލޭގައި އަބަދުވެސް މަންމަމެން ގޮސް އުޅޭ ގޭގެ ބޭބެގެ ދަރިޔަކު އެބަ އާދޭ މިރަށަށް.. އެ ޒޯޔާ އެއަންނަނީ މަތިންނެއްވެސް ނޫން.. މާލެއިން މިރަށަށް އަންނަ ލޯންޗަކުން އަންނަނީ.. ތި ސައިކަލަށް ލައިގެން އޭނަ ގެއަށް ގެނެސްދީބަލަ"

ކަފީލާގެ ޖުމްލައިން މުއާޒްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިކަން ކަފީލާއަށް އެނގުނެވެ.

" އަޅުގަނޑަކަށް ނުކެރޭނެ އަންހެން ކުދިން ސައިކަލަށް އަރުވާކަށް"

ފޫހިކަމާއެކު މުއާޒް އިންކާރު ކުރުމުން ކަފީލާވެސް ނުރުހުން ވެއްޖެއެވެ.

" އެއީ އެވަރުގެ ކަމެއް ނޫނޭ ދަރިފުޅާ! އެއީ ހަމަ މަންމަމެންނަށް ދަރިއެއް ފަދަ ކުއްޖެއް. ދަރިފުޅަށްވެސް ޒޯޔާ އެނގޭނެހެން ހީވަނީ.. ދަރިފުޅަށް ފަސްވަރަކަށް އަހަރުގައިވެސް މަންމަމެން އެގެއަށް ދިޔައީމޭ! ޒޯޔާ އޭރު ވަރަށް ތުއްތުވާނެ. އެކަމަކުވެސް ދަރިފުޅުގާތު އަބަދު އުރަން ކިޔައިގެން ރޯނެ.. ހަނދާނެއް ނުހުރޭތަ؟ "

ކުޑަކޮށް ހީލަމުން ކަފީލާ އެހެން އެހުމުން މުއާޒަށްވެސް ހެވުނެވެ.

" ފަސް އަހަރުގައި ވާ ކަންތައްތައް އަޅުގަނޑު ކިހިނެއްތޯ މިހާރު ހަނދާން ހުންނާނީ؟"

މުއާޒްގެ ޖުމްލައިން ކަފީލާ އަނެއްކާވެސް ހިތްހަމަ ނުޖެހުނެވެ. އެހެންކަމުން އޭނާ ވާހަކަ ދައްކަން ފެށީ ރުންކުރު ގޮތަކަށެވެ.

" ހަނދާން ނުހުންނާތީއޭ މިއީ މަންމަކަން ހަނދާން ނެތިގެން ތިއުޅެނީ؟ މަންމަ ބުނާ ކަންކަން ކޮށް ނުދީ ތިއުޅެނީ! މަންމައަށް ފަސޭހައެއް ވާން ބޭނުން ނުވަނީ"
" ދެން މަންމާ! ތިހެން ނުބުނޭ! އަޅުގަނޑަށް އެނގޭ މަންމަ އަޅުގަނޑުމެންނަށްޓަކައި ކޮށްދެއްވާ ހުރިހާ ކަމެއްވެސް"

ކަފީލާގެ ރުޅިވެރި ބަސްތަކުން މުއާޒް ނުހަނު ދެރަވިއެވެ. މުއާޒް ހިތުގައި ޖެހުނުކަން އެނގުމުން ކަފީލާ ބޭނުންވީ އިތުރަށް އޭނާ ދެރަކުރާށެވެ.

" ދެން ޒޯޔާ ގެއަށް ގެނެސްލަ ދިނިއްޔާ މަންމަ ނުޖެހޭނެދޯ ބަރޯ ދަމަމުން އެހާ ދުރަށް ދާކަށްވެސް... އެކަމަކު ދަރިފުޅަށް އެވަރު ނުވަންޏާ މަންމަ މިދަނީ..."

ކަފީލާ ބޭރަށް ނިކުތުމުން މުއާޒަށް އިސްޖަހާލެވުނެވެ. ގަދަ އަވީގައި ބަރޯ ހިފައިގެން މަންމަ ބަނދަރަށް ދާ މަންޒަރު ރީތި ނުވާނެކަން އެނގުމުން މުއާޒަށް މަންމައަށް ގޮވާލެވުނެވެެ.

" އަޅުގަނޑު މިދަނީއޭ.. މަންމަ މަޑުކުރޭ"
މުއާޒްގެ ޖުމްލައިން ކަފީލާއަށް ވަގުވަގަށް ހިނިތުންވެވުނެވެ.

(ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

(ނިމުނީ)