" އެ ގެނައިން.. ނުގެނެސް ކޮންތާކަށް ދާނީ؟ "
ވާހަކަ އެހިސާބަށް ދިޔައިރު މާހިލަށް ގެއާ ހަމައަށް އާދެވިއްޖެއެވެ. އެހެންކަމުން ފޯނު ބޭއްވުމަށްފަހު ދޮރާށި ހުޅުވާ އެތެރެއަށް ވަނުމާއެކު މާހިލަށް ލިބުނީ ކުއްލި ސިހުމެކެވެ. ގޭގެ ފާރުގައި ލެނގިލައިގެން ހުރެ ރޮމުންދިޔަ ޖުމާއަށްވެސް މާހިލް ފެނުމާއެކު ތެޅިގަނެވުނީ ނުހަނު އަވަހަށެވެ. އޭރުވެސް މާހިލަށް ހުރެވުނީ ހުރި ފިޔަވަޅުމަތީގައެވެ. އަތުގެ ނުފުށުން މޫނު ފުހެލުމަށްފަހު ޖުމާ އަވަސްވެގަތީ ގޭތެރެއަށް ވަންނާށެވެ.
" ޖުމާ! "
ނަމަވެސް އޭނާ އެތެރެއަށް ވަނުމުގެ ކުރިން ބޭއިޙްތިޔާރުގައި މާހިލަށް ގޮވާލެވުނެވެ. ކަންބޮޑުވެފައިވާ އަޑަކުން މާހިލް ގޮވާލުމާއެކު ޖުމާގެ ފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ.
" ކިހިނެއްވީ؟"
މާހިލް އަހާލިއެވެ. އެއާއެކު އިސްޖަހައިގެން ހުރެ ޖުމާ މާހިލާ ދިމާލަށް އެނބުރިލިއެވެ. އޭރުވެސް އޭނާއަށް މަޑުމަޑުން ގިސްލެވެއެވެ.
" މިގަޑީގައި ބޭރުގައި ހުރެގެން ކީއްވެ ތި ރޮނީ؟"
އަނެއްކާވެސް މާހިލް އަހާލިއެވެ. ދެރަވެފައި ހުރި ވަރުން ޖުމާއަށް ހުރެވުނީ އަނގައިން ބުނަންވެސް އުނދަގޫވެފައެވެ. ނަމަވެސް ހިތްދަތިވެފައި ހުރި ވަރުން އޭނާ ބޭނުންވަނީ ލިބެމުންދާ އުނދަގޫތައް ހިތުން ބޭރުކޮށްލާށެވެ.
" ދޮންމަންމަ ގުޅީ! "
ޖުމާއަށް ބުނެވުނީ އެހިސާބަށެވެ. އަނެއްކާވެސް އޭނާއަށް ރޮވިއްޖެއެވެ. އެވާހަކަ އޭނާ ފެށީ މާހިލާ ހިއްސާކުރަން ބޭނުންވާތީކަން އެނގުމުން މާހިލް ބޭނުންވީ ޖުމާއަށް ވަގުތު ދޭށެވެ.
" ހިނގާބަލަ ގަސްދޮށުގައި އެހުރި ޖޯލިފަތީގައި އިށީނދެލަން! ދާން ކެރޭނެތަ؟ "
މާހިލް އަހާލީ މަޑުމަޑުންނެވެ. އެއާއެކު ޖުމާ އަނެއްކާވެސް ދެއަތުން މޫނު ފުހެލިއެވެ. އަދި ބީރައްޓެހި ގޮތަކަށް މާހިލަށް ބަލައިލުމަށްފަހު އޭނާ އެދިމާލަށް ހިނގައިގަތެވެ. މާހިލް ދިޔައީ ޖުމާގެ ފަހަތުންނެވެ. ޖުމާ ގޮސް އިށީނުމާއެކު އެއް ޖޯލި ދޫކޮށްލުމަށްފަހު މާހިލް އިށީނެވެ. އެއާއެކު ދެމީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. ދެމީހުންނަށްވެސް ތިބެވުނީ އިސްޖަހާލައިގެންނެވެ.
" ދޮންމަންމަ އަހަންނަށް ވަރަށް އިހާނެތިކޮށް ކަންތައްކުރަނީ! އެހެންވެ ބައްޕަ އަހަރެން މިރަށަށް ފޮނުވާލީވެސް.. މިހާރު އަހަރެން ނެތީމަ ބުރަބޮޑުވެގެން އަހަރެން އެރަށަށް ނުގޮސްގެން އެއުޅެނީ.."
ޖުމާ ވާހަކަ ދެއްކީ ލަސްލަހުން އެހާމެ ސާދާ ކަމާއެކުގައެވެ.
" ކީކޯ ބުނީ ؟"
ޝައުޤުވެރިކަމާއެކު މާހިލް އެހިއެވެ. އެއާއެކު ޖުމާ ވާހަކަ ދައްކަން ފެށީ ފުންނޭވާއެއް ދޫކޮށްލަމުންނެވެ.
" ވީހާވެސް އަވަހަކަށް އަންނާށޯ! އަހަރެން މިތަނަށް އައިސް މި ހުންނަނީ މަސައްކަތް ނުކުރަން ވެގެންނޯ! ދޮންތައާ ދެމީހުން އެއްބަސް ކިޔައިގެންނޯ އަހަރެން މިއައީ.. އަހަރެން އެންމެ ދެރަވީ ބައްޕައަށް ކާކަށްވެސް ނުދޭނަމޯ ބުނީމަ.. މާހިލްއަށް އެނގޭތަ؟ އަހަރެމެން ނެތިއްޔާ އަސްލު ބައްޕަ ވަރަށް ޙާލުގައި އުޅޭނީ.. "
ޖުމާގެ ވާހަކަތައް އަޑުއަހަން އިން މާހިލް ޖުމާއާ ދިމާލަށް ފުން ނަޒަރަކުން ބަލައިލިއެވެ.
" ދެން ޖުމާ ބޭނުންވަނީ މިރަށުން ދާންތަ؟"
" ދާންވެސް ބޭނުން.. އެކަމަކު އަހަރެން ފާހެއްވެސް ނުވާނެ އެތާ ހުރެގެން! ކިޔަވަން ވަގުތެއް ނުވާނެ"
ޖުމާގެ ވިސްނުން ހުރި ގޮތް އޭނާ ބުނެދިނެވެ.
" ދާނެ ކަމެއް ނެތް.. ޖުމާ ވިސްނަން ޖެހޭނީ ޖުމާގެ ކިޔެވުމާމެދު.. ތިގޮތަށް މުޅި އުމުރު ހޭދަކުރާކަށް ނުވާނެ.. ބައްޕަގެ ދަރިންނަށް ދޮންމަންމަ އެހާ ގޯސްއިރުގައިވެސް ބައްޕަ ކީއްވެ އޭނައާއެކު އެ އުޅެނީ؟ "
މާހިލް ސުވާލު ކުރިއެވެ.
" ޝާމްކޮއްކޮއަށްޓަކައި... ބައްޕަ ކެތްކުރާނެ.. އެހެންވެ ބައްޕަ އަހަރެންވެސް އެ ފޮނުވާލީ.. ބައްޕަ ބޭނުމެއް ނުވާނެ އަހަރެން ގެންދާކަށެއް..ބައްޕަ ހުންނާނީ ދޮންމަންމަގެ އާދަތަކަށް ހޭނިފައި.. އެކަމަކު ދެރަވަނީ ކާން ނުލިބޭނެތީވެ. ބައްޕަގެ ތިމާގެ މީހަކުވެސް އެރަށަކު ނޫޅޭނެ"
ދުރަށް ބަލައިލަމުން ޖުމާ ބުންޏެވެ. އެއާއެކު މާހިލް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
" އަހަންނަށް ވެދެވޭނެ އެހީތެރިކަމަކީ ޖުމާގެ ބައްޕައަށް ފައިސާ ދެވިދާނެ.. ރަށުގައި ކެފޭ ހުރިއްޔާ ކެފޭއިން ކައިގެންވެސް ބައްޕައަށް އުޅެވޭނެއެއްނު.. ޖުމާ ކުރަންވީ ކަމަކީ ރަނގަޅަށް ކިޔަވަންވީ"
ހަމަޖެހިލާފައި މާހިލް އެހެން ބުނުމުން ހައިރާންކަމާއެކު ޖުމާއަށް މާހިލްގެ މޫނަށް ބަލައިލެވުނެވެ. ހަނދުވަރުގެ އަލީގެ ތެރެއިން ޖުމާއަށް މާހިލްގެ މޫނު ފެންނަނީ ނުހަނު އަނދިރިކޮށެވެ.
" އަހަރެން ނުބުނަމެއްނު އެއްވެސް އެއްޗެއް ދޭށެކޭ.. އަމުދުން ލާރިއެއް ބޭނުމެއް ނޫން"
ޖުމާ އިންކާރު ކުރިއެވެ. އެއާއެކު މާހިލް ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.
" އަހަރެންގެ ނަޒަރުގައި ތިކަހަލަ ޕަރސަނަލް ވާހަކަތަކެއް އަހަންނާ ހިއްސާކުރާނީ ޖުމާއަށް އަހަރެން ކޮންމެވެސް ވަރަކަށް ހާއްސަވީމަ. ތާކު މީހަކު ހުއްޓަކަސް އަދި ޝެއަރ އެއް ނުކުރާނެތާދޯ! އެހެންވެ އަހަންނާ ޝެއަރ ކުރީމަ އަހަރެން ބޭނުން ޖުމާއަށް ތިކަމުގައި ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ވެދޭން"
މާހިލްގެ ވާހަކަ އެހިސާބަށް ދިޔުމާއެކު ޖުމާ ތެދުވެއްޖެއެވެ. އަދި މާހިލްއަށް ބަލައިލަމުން ބުންޏެވެ.
" ހާއްސަވީމައެއް ނޫން! އެވަގުތު އަހަރެން ހުރީ ވަރަށް ބޮޑަށް ދެރަވެފައި.. ވެގެން އުޅެނީ ކީއްތޯ ސުވާލު ކުރީމަ އަހަންނަށް ކިޔައިދެވުނީ! އެއްވެސް ޙާލެއްގައި މާހިލްގެ ފަރާތުން ފައިސާގެ އެހީތެރިކަން ބޭނުން ވެގެންނެއްނޫން އަހަރެން މިވާހަކަތައް ޝެއަރ ކުރީ"
ޖުމާގެ ރާގުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ހުރިކަން މާހިލްއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން އޭނާއަށްވެސް ތެދުވެވުނެވެ.
" އަހަރެން ނުބުނަމެއްނު ޖުމާ އަހަރެންގާތު އެހީއަށް އެދުނެކޭ! އަހަރެން ބޭނުންވަނީ ޖުމާއަށް ހެލްޕެއްވާން.. "
" ނޫން މާހިލް.. ދައްތަ ގާތު ބުނެގެން މުއާބެވެސް ތިގޮތަށް އެހީތެރިވެދީފާނެ! މާހިލް މިކަމުގެ ތެރެއަށްވަނީމަ ފަހަރެއްގައި މިގޭ މީހުން ދެކޭގޮތް ތަފާތު ވެދާނެ"
ޖުމާގެ ހިތުގައިވާ ނުތަނަވަސްކަން މާހިލަށް އެނގުނީ ދެނެވެ. އެހެންކަމުން އޭނާއަށް ލާނެތް ގޮތަކަށް ހީލެވުނެވެ.
" އަހަރެމެން ދެމީހުންގެ ދެމެދުގައި ގުޅުމެއް އޮތްކަމަށް ހީކޮށްފާނެތީ ބިރުގަތީތަ؟ "
މަޑުމަޑުން މާހިލް ކޮށްލި ސުވާލަށް ކުރު ޖަވާބެއް ދެމުން ޖުމާ ބަލައިލިއެވެ.
" ހޫމް.. ބިރުގަނޭ.."
" އެހެންވިއްޔާ މިހާ ދަންވަރު މިތާ އަނދިރީގައި އަހަންނާއެކު ނުވެސް ހުންނާނެދޯ! "
ދެޖީބަށް އަތް ޖަހާލަމުން މާހިލް ބުންޏެވެ. އެއާއެކު ޖުމާއަށް ބަލައިލެވުނީ ގެއާ ދިމާލަށެވެ. ތެދެކެވެ. މީހަކަށް ފެނުނިއްޔާ އޭނާ ބޭޒާރުވާނެއެވެ. ބޮލުގައި ހުތުރު ނަމެއް އެޅި ބަދުނާމުވެސް ވާނެއެވެ. އެފަދައިން ވިސްނުމާއެކު އިތުރަށް މަޑުކުރާ ޚިޔާލެއް އޭނާ ނުކުރިއެވެ. އިތުރަށް އެއްޗެއް ނުބުނެ އަަވަސް އަވަހަށް ހިނގައިގަތީއެވެ. ނަމަވެސް ޖުމާގެ ހަރަކާތްތަކަށް ވިސްނައިގެން ހުރި މާހިލް ޖުމާގެ އަތުގައި ހިފީ ނުހަނު ބާރަށެވެ. އެއާއެކު ސިހިފައި އޭނާ ހުއްޓުނެވެ.
" މާހިލް؟ ކިހިނެއްވީ؟ "
މާހިލްގެ އަތުގެ ތެރެއިން އަތް ދަމައިގަންނަން މަަސައްކަތް ކުރަމުން ޖުމާ ބުނެލިއެވެ. އެއާއެކު މާހިލް ބާރުބާރަށް ޖުމާގެ އަތަށް ދަމައިގަތެވެ. އެއާއެކު ޖުމާގެ މޫނު ޖެހުނީ މާހިލްގެ މޭމަތީގައެވެ. އަނެއްކާވެސް ޖުމާ ތެޅިގަނެފައި ދުރަށް ޖެހިލިއެވެ.
" މާހިލް! ކިހިނެއް ތި އުޅެނީ؟ "
ކަންބޮޑުވުމާއެކު ހައިރާންކަން އެކުލެވިފައިވާ އަޑަކުން ޖުމާ ސުވާލުކުރީ ނުހަނު މަޑުމަޑުންނެވެ.
" ބުނެދޭނެ ގޮތެއް އަހަންނަކަށްވެސް ނޭނގެޔޭ! އެނގޭހާވެސް އެއްޗަކީ ޖުމާއާ ވާހަކަ ދައްކާއިރު އަހަރެންގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބެމުންދާކަން "
އޭރުވެސް އޭނާ ޖުމާގެ އަތުން ދޫކޮށެއް ނުލައެވެ.
" މާހިލް! ތިހެން ވާހަކަ ނުދައްފާނަންތަ؟ އަހަރެމެން ދެމީހުން އުޑާއި ބިމާހާވެސް ތަފާތު.. ތިގޮތަށް ވާހަކަ ދައްކައިގެން އަހަރެންގެ ހިތް ލެނބިދާނެ! އެހެން އެކަން ވާކަށް އަހަންނެއް ބޭނުމެއް ނޫން.."
އަތް ފޮޅުވާލަމުން ޖުމާ ބުންޏެވެ. ފަހަތަށް ދެތިން ފިޔަވަޅު އެޅުނު ނަމަވެސް ޖުމާއަކަށްވެސް ދުރަކަށް ނުދެވުނެވެ. މާހިލް ދައްކާނެ ވާހަކައެއްގެ އިންތިޒާރުގައި އޭނާއަށްވެސް ހުރެވުނީއެވެ. މާހިލްގެ ދުލުން އެފަދަ ޖުމްލަތަކެއް ބުނެލާ އަޑުއަހަން ހިތް އެދެން ފެށި ނަމަވެސް ހިތުގައި ވަނީ ބިރުވެރިކަންވެސް އުފެދިފައެވެ.
" ކީއްވެ ބޭނުން ނުވާންވީ؟ ޖުމާ ހިތްއެދޭ ކަހަލަ ސިފައެއް އަހަންނަށް ލިބިފައި ނެތީތަ؟ "
މާހިލް އެހިއެވެ. އެއާއެކު ޖުމާއަށް އިސްޖަހާލެވުނެވެ. މާހިލްގެ ސޫރަ ފެނުނު ފުރަތަމަ ދުވަހުވެސް އޭނާއަށް މާހިލް ރީތިވިއެވެ. ވަރަށް ކަމުދިޔައެވެ. އޭނާގެ ފިރެހެންވަންތަކަމަށް ހިތް ދަމައިގަތެވެ. ނަމަވެސް ޖުމާގެ ހިތުގައި އުފެދެމުންދިޔަ ޖަޒްބާތުތައް ހުއްޓުވާލީ އޭނާގެ ސިކުނޑިއެވެ. ޖުމާގެ ޙާލަތާއި ފެންވަރާމެދު އޭނާއަށް ވިސްނަން މަޖުބޫރުވީވެސް އެހިސާބުންނެވެ.
" ދެން އަހަރެމެން ދެމީހުން މިގޮތަށް އެކަހެރިވުމުގެ އެއްވެސް ބޭނުމެއް ނެތް ކަންނޭނގެ!.. އަހަރެން ދެން ދަނީ! "
ޖުމާގެ ފަހު ޖުމްލައާއެކު އޭނާ ގެއާ ދިމާލަށް އެނބުރިގަތެވެ. އިތުރަށް ޖުމާ ހުއްޓުވަން ބޭނުން ނުވާ ޙާލު މާހިލް އަނެއްކާވެސް ޖޯލީގައި އިށީނެވެ. ޖުމާ ގޮސް ގެއަށް ވަތްއިރުގައިވެސް އޭނާ އޮތީ ޖޯލީގައެވެ.
***
ސައިބޯން ނުފަށާ ނަޖީބު އިންތިޒާރު ކުރަމުން ދިޔައީ މުއާޒް އަންނާނެ އިރަކަށެވެ. އޭރު ކަފީލާގެ އިތުރުން މާހިލްވެސް އައިސް އިށީނދެއްޖެއެވެ.
" ދަރިފުޅާ! މުއާޒް ކޮބާ؟ "
ތަށިތައްޓަށް ފެން އަޅަން ހުރި ޒާރާ ގާތު ނަޖީބު އަހާލުމާއެކު، ނަޖީބާ ދިމާލަށް ފެންތައްޓެއް ޖައްސާލަމުން ޒާރާ ހިނިތުންވެލިއެވެ.
" މި ނިކުންނަނީއޭ ބުނި... "
" މިތާ އުޅެއުޅެފައި ޖުމާވެސް ސައިބޯންވާއިރަށް ދިޔައީދޯ"
ދުރަށް ބަލައިލަމުން ކަފީލާ ބުންޏެވެ. ޒާރާއާއެކު ބަދިގެތެރޭގެ މަސައްކަތުގައި ޖުމާ ބައިވެރިވާތީ ކަފީލާ ހުންނަނީ ނުހަނު ހިތްހަމަ ޖެހިފައެވެ. ޒާރާއަށްވުރެ ގިނައިން އޭނާ ޖުމާއާ ވާހަކަ ދައްކާ ހަދައެވެ. ޒާރާއާ ޚިލާފަށް ޖުމާއަކީ އަނގަ ގަދަ، ސަކަ މިޒާޖެއްގެ ކުއްޖެއްކަން ޚުދު ކަފީލާއަށްވެސް ފާހަގަ ކުރެވެއެވެ.
" ހޫމް.. ފަހުންނޯ ސައިބޯނީ ބުނި"
ޒާރާ އެހެން ބުނުމާއެކު މުއާޒްވެސް އަތުވެއްޖެއެވެ. އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ މޭޒުކައިރީގައި އިން މާހިލެވެ. އެހެން ދުވަސްތަކާ ޚިލާފަށް މާހިލް އެހާ ހެނދުނާ ފެނުމުން މުއާޒަށްވެސް ލިބުނީ ހައިރާންކަމެކެވެ. ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ވާހަކައެއް އޭނާ މާހިލް ގާތަކު ނާހައެވެ.
" ދަރިފުޅާ ކޮބާ މިހާރު ސައިކަލެއް ބަލައިފިންތަ؟ "
މުއާޒް އައިސް ހަމަޖެހިލުމާއެކު ނަޖީބު ބުނެލިއެވެ. ނަޖީބު ނެގި މައުޟޫގެ ސަބަބުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނީ މާހިލަށެވެ. އެކަން އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމުން ހާމަވެއެވެ.
" ދޮންބެ ބަލާބަލަ! ދޮންބެގެ ޗޮއިސް އެންމެ ރަނގަޅުވާނީ! "
ހިނިއައިސް އިނދެ މާހިލް ބުންޏެވެ. އެއާއެކު ނަޖީބު ދެކޮނޑު އަރުވާލަމުން މުއާޒަށް ބަލައިލިއެވެ.
" ކޮއްކޮއަށް ސައިކަލް ގަންނަން ދަރިފުޅުދޭ ވިހިހާސް ރުފިޔާ އަނބުރާ ކޮއްކޮ އަތުން ހޯދަން ޖެހޭނެ! "
ނަޖީބުގެ ޖުމްލައިން އެންމެންނަށްވެސް ލިބުނީ ހައިރާންކަމެވެ. ހައިރާންކަމުގެ އިތުރުން ކަފީލާގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރުތައްވެސް ފެންނަން ފެށިއެވެ.
" ބައްޕަ އަބަދުވެސް ބުނަމުން މިދަނީ މިހާރު މާހިލަކީ އަމިއްލަ ފައިމައްޗަށް ތެދުވެވޭ ވަރުގެ ކުއްޖެކޭ! ދޮންބެވެސް މަސައްކަތް ކޮށްގެން ލާރި އެއްކުރަނީ! އެހެންކަމަށް ވާނަމަ ބައްޕައަށް ދެކުދިން ހަމަހަމަ ކޮށެއް ނުދެވެއެއްނު"
މާހިލަށް ވިސްނައިދިނުމުގެ ގޮތުން ނަޖީބު ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ. ނަމަވެސް މާހިލްގެ މޫނުމަތިން ފެންނަމުންދާ ފޫހިކަމުގެ އަސަރުތަކުން އޭނާއަށް ވިސްނުނުހެންނެއް ހިއެއް ނުވެއެވެ.
" ދަރަންޏަށް ލާރި ނަގައިގެން އަހަންނަށް އެއްޗެހި ހޯދައިދޭނެ ކަމެއް ނެތް "
ބާރުބާރަށް ފަހަތަށް ގޮނޑި ދަމާލަމުން މާހިލް ތެދުވިއެވެ. އެއާއެކު މުއާޒް ދެފަރާތަށް ބޯ ހޫރާލަމުން މާހިލާ ވާހަކަ ދައްކަން ފެށިއެވެ.
" ބައްޕަގެ ކުރިމަތީގައި ތިގޮތަށް ރުޅި ނާދެބަލަ ކޮއްކޯ! ސައިކަލް ގަންނަން ދޮންބެ ދޭ ފައިސާ، އަނބުރާ ބޭނުމެއް ނޫން! ދަރަންޏެއްގެ ގޮތުގައި ދޮންބެ ދުވަހަކުވެސް ކޮއްކޮއަށް ފައިސާ ދިނިންތަ؟ ބައްޕަގެ ވިސްނުމުގައި އެހުރީ ކޮއްކޮ ޒިންމާދާރު މީހަކަށް ހަދަން.. އެކަމާ ރުޅި އައީމަ މަންޒަރު އެހާ ރީއްޗެއް ނޫން"
ފެންތަށި ދަމާލުމަށްފަހު މުއާޒް ތެދުވެގެން ހިނގައިގަތީ އިތުރަށް އެއްވެސް އެއްޗެއް ބުނުމެއް ނެތިއެވެ. ކައިރީގައި އިން ޒާރާއަށްވެސް ތެދުވަން ނޭނގިފައި އިނދެވުނީ މުއާޒް ނިކުމެގެން ދިޔަތަން ބަލާށެވެ.
" ބައްޕައޭ ހުރިހާ ކަމެއް ގޯސްކުރަނީ! "
ރުޅި އައިސް ހުރެ މާހިލް އެހެން ބުނުމަށްފަހު އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެއާއެކު ކަފީލާ ނުރުހުމުގެ ލޮލަކުން ނަޖީބަށް ބަލައިލަމުން ބުނެލިއެވެ.
" ކޮބާ ހީވޭ ކަމެއްހެން؟ އަހަރެން ބުނީމެއްނު މާހިލް ރުޅި ނާރުވާށޭ! އެއީ ރުޅިގަދަ ކުއްޖެއް... ދެން ތިވަރުން އޭނައަށް ސައިކަލް ގަނެދޭންވީ ކީއްކުރަން؟ ތިވަރަށް އެއްޗެހި ނުކިޔަސް އެ ގަންނަންޏާ ގަނެވޭނެ ދޯ"
" އަހަރެން މިތާ އެއްޗެހި ކިޔައިފިންތަ؟ ޒުވާން އުމުރުގައި އަހަރެމެން ކޮށައިދޭ މަގުން ހިނގައިގެން ނޫނީ ދަރިންނަށް ފަހި ދިރިއުޅުމެއް ނޫޅެވޭނެ! ނުވިސްނޭ ކުދިންނަށް ވިސްނައިދިނުމަކީ މައިންބަފައިންގެ ޒިންމާއެކޭ! "
ރަނގަޅަށް ސައި ނުބޮއި ނަޖީބުވެސް ނިކުމެގެން ހިނގައްޖެއެވެ. ބުނާނެ އެއްޗެއް ނޭނގޭ ޙާލު އޭރުވެސް ޒާރާ އިނީ އަތުގައި އޮތް ރޮށިކޮޅު ފުނޑުވާލަފުނޑުވާލައެވެ.
" އަބަދުވެސް މާހިލް ގޯސް ވާހަކަ! "
ބާރުބާރަށް ތެދުވަމުން ކަފީލާ ބުނެލީ ހިތްހަމަ ނުޖެހުމުގެ ރާގެއްގައެވެ.
***
ގޭތެރޭގައިވެސް ޖުމާ އުޅޭނީ މާހިލްއަށް ނުފެނި ވޭތޯއެވެ. އެރެއަށްފަހު ދެދުވަސްވަރު ފާއިތުވީ އިރުގައިވެސް ޖުމާއާއި މާހިލް ބައްދަލެއް ނުވެއެވެ. ޖުމާވެސް ގިނައިން އުޅެނީ ކޮޓަރި ތެރޭގައެވެ. މާހިލް އޭނާއާމެދު ޝައުޤުވެރިވާކަން އެނގުމުން ޖުމާ ބޭނުންވަނީ މާހިލާ ދުރުން އުޅޭށެވެ.
" ނުނިކުމެ އޮވެ އަބަދު ކިޔަވާ އެއްޗެއް ނޫނޭ! ތާޒާ ވައިގެ ތެރެއަށް ނިކުމެ ސިކުނޑިއަށް އަރާމެއްވެސް ދޭންވާނެ"
ޖުމާގެ އެނދުގައި އިށީނދެލަމުން ޒާރާ ބުންޏެވެ. ހަވީރުގެ ހިތްގައިމު ވަގުތުކަމުން އޭނާ އިނީ ނުހަނު ރީތި ވެލައިގެންނެވެ. އޭރުވެސް ޖުމާ އިނީ ފޮތެއް ހިފައިގެން ކިޔަވާށެވެ.
" ދެން ތިބުނީ ބޭރަށް ދާށޭތަ؟ އަހަރެން ނުވެޔޭ ދާހިތެއް"
އަތުގައި އޮތް ފޮތް ލައްޕާލަމުން ޖުމާ ބުންޏެވެ. އެއާއެކު އެއް އަތުން އިސްތަށިގަނޑު ރީތިކޮށްލަމުން ޒާރާ ހީލިއެވެ.
" ހޫމް.. އެހެންވިއްުޔާ އޮވޭ! ދޮންތަ މިދަނީ މައިޓުއާއެކު ބޭރަށް.. މުއާބެވެސް އަދި ނާދެ"
ޒާރާ އެހެން ބުނުމުންވެސް ފޫހިވެފައި ޖުމާ އޮތީއެވެ. މާހިލާ ދިމާވެ، އެފަދަ ގޮތަކަށް ވާހަކަ ދެކެވުނު ދުވަހުއްސުރެ ޖުމާއަށް ވިސްނެނީ އެކަމާ މެދުގައެވެ. މާހިލަށް އޭނާގެ ހިތް އެދޭކަން ޚުދު އޭނާއަށްވެސް އެނގެއެވެ. ނަމަވެސް ނަސީބުގައި އެކަންވާން އޮންނާނެހެން އޭނާއަކަށް ހިއެއް ނުވެއެވެ. އެހެންކަމުން ޖުމާ މަސައްކަތްކުރަނީ މާހިލަށް ނުފެނި އުޅެވޭތޯއެވެ.
" އޯހް! ފެންފުޅި ހުސްވެފައި.... "
އެނދުކައިރީގައި ހުރި ފުޅި ނެގުމަށްފަހު ފުޅިން ބޮލުގައި ޖަހާލަމުން ޖުމާއަށް ބުނެލެވުނެވެ. ކަންނެތް ގޮަތަކަށް އެނދުން ތެދުވެ އޭނާ އަވަސް އަވަހަށް ކޮޓަރިން ނިކުތީ ފެންފުޅިއެއް ބަލައި ދާށެވެ. ވަގުތަކީ މާހިލަށްވެސް އޭނާގެ ކޮޓަރިން ނިކުމެވުނު ވަގުތެވެ. އެއާއެކު ދެމީހުންގެ ހަތަރުކަޅި ސީދާވެ، އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނެވެ.
( ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!