ކުރީގެ އަދަދާއިގުޅޭ،

" ފާތުންއާއެކު ކޮފީއަށް އަންނަ ވާހަކައެއްނު ބޭބެ ގާތު ބުނީ ؟ "

Ad
rt

މޭޒާ ދިމާލަށް ހިނގައިގަންނަމުން ބޭބެ ބުނެލީ މާހިލަށް ބަލަހައްޓައިގެން ހުރެއެވެ. އެއަޑުގައި ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް ހުރިކަން މާހިލަށް ފާހަގަ ކުރެވުނެވެ. ހިތްބިރުގަނެފައި އިން މާހިލަށްވެސް ރީނާއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

"ރީނާ..ބޭބެއަށް ދޮގުވެސް ހަދަންތަ؟ "

ލަސް ހިނގުމެއްގައި އައިސް ރުޝްދީ ހުއްޓުނީ މޭޒު ކައިރީގައެވެ. އޭރުވެސް ރީނާ އިނީ އިސްޖަހާލައިގެންނެވެ.

" މާހިލަކީ ރީނާގެ ކާކުތަ؟ "

މޭޒުގައި ދެއަތް ޖައްސާލުމަށް، ރުޝްދީ ގުދުވެލީ ރީނާއާ ދިމާލަށެވެ. އެއާއެކު މާހިލާ ދިމާލަށް ރީނާ ބަލައިލީ ނުތަނަވަސް ކަމާއެކުގައެވެ.

" ރައްޓެއްސެއް! "

ރީނާގެ ތުންފަތް ހަރަކާތްކޮށްލީ ނުހަނު މަޑުމަޑުންނެވެ.

" ބޭބެއަށް ދޮގު ހަދާފަ، ރައްޓެއްސެއްގާތަކަށް ނާންނާނެ"

ރުޝްދީގެ ހަރުކަށި ރާގުން މާހިލް އިތުރަށް ބިރުގަންނަން ފެށިއެވެ.

" މިއީ ކޮއްކޮގެ ބޯއީފްރެންޑްތަ؟"

ރުޝްދީ އެހެން ބުނުމާއެކު ރީނާއަށް ލަދުރަކިގޮތަކަށް ހީލެވުނެވެ. އޭނާގެ މޫނުމައްޗަށް އަރައިގަތް ކުލަވަރުން ރުޝްދީއަށް އެކަން ޔަޤީންވެސް ކުރެވުނެވެ. ދެލޯބޮޑުކޮށްގެން އިން މާހިލާ ދިމާލަށް ރުޝްދީ ބަލައިލީ ހިނިތުންވުމާއެކުގައެވެ.

" ތެދެއްތަ އެއީ ؟"

ރުޝްދީގެ ތޫނު ސުވާލަށް ނޫނެކޭ ބުނާކަށް މާހިލަކަށް ނުކެރުނެވެ. ރީނާގެ ހުށަހެޅުން ފާޑަކަށް އޭނާއަށް އޮތީ ޤަބޫލުވެސް ކުރެވިފައެވެ. އިސްޖަހާލަމުން މާހިލް ބޯ ޖަހާލިއެވެ. އެއާއެކު ރުޝްދީ، މާހިލްގެ ކޮނޑުގައި އަތް ޖައްސާލިއެވެ..

" އަހަންނަކީ ހަރުކަށި، ރުޅިގަދަ މީހެއްގެ ގޮތުގައި ރަށުތެރެއަށް މަޝްހޫރުވެފައިވީ ނަމަވެސް، އަހަންނަކީ ހެޔޮ ވެއްޖެއްޔާ އެހާ ހެޔޮ މީހެއް! އެކަމަކު ނުބައި ވިއްޔާ އެއްވެސް ކަމެއް ކުރާކަށް ފަހަކަށް ނުޖެހޭނެ! އަހަރެންގެ ކޮއްކޮއަށް ދެރަގޮތެއް ހަދަން ޚިޔާލު ނުކުރައްޗޭ! އެއީ އަހަރެންގެ ފުރާނަ!"

މާހިލްގެ ކޮނޑަށް ތަދުވާވަރަށް ފިތާލުމަށްފަހު ރުޝްދީ ހިނގައިގަތީ އެތަނުން ނިކުންނާށެވެ. އޭނާގެ ފަހު ޖުމްލަ އޭރުވެސް މާހިލްގެ ސިކުނޑީގައި އެނބުރެމުން ދެއެވެ.

" އަހަރެމެންގެ ގުޅުމަށް ބޭބެގެ ރުހުން ލިބުނީމަ ވަރަށް އުފާވެއްޖެ"

އުފާވެރި ރާގެއްގައި ރީނާ އެހެން ބުނެލި ނަމަވެސް އޭރު މާހިލްގެ ހިތް ނެގިނެގިފައި ޖެހެމުންދެއެވެ. ވެއްޓެން މިއުޅެނީ ކޮންކަހަލަ އަނގަދަވަޅަކަށް ކަމެއް ނޭނގޭ ޙާލު، ވާން އުޅޭ ގޮތާމެދު އޭނާއަށް ވިސްނެމުން ދިޔައެވެ.

" މިގުޅުން ކުރިއަށް ނުދިޔައްޔާޔޯ؟"

މާހިލަށް ބޭއިޙްތިޔާރުގައި ބުނެވުނެވެ. އެއާއެކު ރީނާ ލުއިގޮތަކަށް ހީލިއެވެ.

" ތިހެން ނުބުނޭ! އަހަރެންގެ ފަރާތުން މާހިލް ނުރުހޭނެ ފަދަ އެއްވެސް ކަމެއް ނުފެންނާނެ.. އަހަންނަށް މާހިލް ވަރަށް ކަމުދޭ! ކުޑަކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި އަހަރެންގެ ހިތް މާހިލް ފަތަޙަކުރި! އެހެންވީމަ މުޅި އުމުރަށްވެސް އަހަރެން މާހިލް ގެންގުޅޭނީ ވަރަށް އުފަލުން! ޕްލީޒް... އަހަރެންދެކެ ލޯބިވާން މަސައްކަތްކުރޭ! "

މާހިލްގެ އަތްމަތީގައި އަތް ބާއްވާލަމުން ރީނާ ބުންޏެވެ. އެއާއެކު މާހިލަށް ރީނާގެ ދެލޮލަށް ބަލައިލެވުނެވެ. އެދެލޮލުގައިވަނީ އޭނާއަށްޓަކައިވާ ލޯބި ފެނުނު ނަމަވެސް މާހިލްގެ ހިތެއް ޝައުޤުވެރިއެއް ނުވިއެވެ. އެހެންކަމުން ގަދަކަމުން އޭނާ ހިނިތުންވެލީ ބޯ ޖަހާލަމުންނެވެ.

***

ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ޒާރާ އޮތީ ޖުމާގެ އިންތިޒާރުގައެވެ. ބޭރުން އިވުނު ސައިކަލްގެ އަޑަށް ޒާރާ އަވަސް އަވަހަށް ތެދުވެ ދޮރާއްޓާ ދިމާލަށް ހިނގައިގަތީ ކެތްމަދުވެފައި ހުރެއެވެ. އެހިސާބަށް ނުދެވެނީސް މުއާޒާއެކު ޖުމާ އެތެރެއަށް ވަދެއްޖެއެވެ. އޭރު ޖުމާގެ މޫނުމަތީގައިވަނީ އުފާވެރިކަމެވެ. ނަމަވެސް ޖުމާ ފެނުމާއެކު ޒާރާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.

" ހާދަ ބޮޑަކަށް ހިކިފައި ތިހުރީ؟ "

ޖުމާގެ ދެއަތުގައި ހިފަހައްޓައިގެން ހުރެ ޒާރާ ބުނެލިއެވެ. އެއާއެކު އިސްޖަހާލަމުން ޖުމާ އޭނާގެ ހަށިގަނޑަށް ބަލައިލިއެވެ.

" ހިކޭނެ އެއްނު ދޮންތަ ނެތީމަ މީރު އެއްޗެއްސެއް ނުލިބެޔޭ!"

މަޖާ ރާގަކަށް ޖުމާ ބުނެލިއެވެ. އޭރު ޖުމާގެ ފޮށި ހިފައިގެން މުއާޒް ގޭތެރެއަށް ވަދެއްޖެއެވެ.

" ދޮންތަ ނެތީމަދޯ ތި އިސްތަށިގަނޑަށްވެސް ފަރުވާ ނުބަހައްޓަނީ؟ އުޅޭ މިއަދު ރީތިކޮށް އެއްވަރު ކޮށްލަން!"

ފަހަތަށް ދޫކޮށްލާފައި އޮތް ޖުމާގެ ފަން ދިގު އިސްތަށިގަނޑަށް ބަލައިލަމުން ޒާރާ ބުންޏެވެ. އެއާއެކު ޖުމާ ދެފަރާތަށް ބޯ ހޫރާލިއެވެ.

" ދޮންތާ! ދެން މިހާރު ކަތުރު ގެންނާނީއެއް ނޫން! އަހަރެން މިހުރީ ވަރަށް ބަނޑުހައިވެފައި.."

ބަނޑުގައި އަތް ޖައްސާލަމުން ޖުމާ ބުނެލިއެވެ. އެއާއެކު ޒާރާ މަޑުމަޑުން ޖުމާ އޭނާއާ ގާތްކޮށްލިއެވެ. އަދި ދެމީހުން އެކުގައިގޮސް ގެއަށް ވަނެވެ.

" ދޮންތަ މި އަންނަނީ ފާޚާނާއަށް ވަދެލާފައި.. ރަނގަޅަށް ކާތި"

ޖުމާގެ ބޮލުގައި ފިރުމާލުމަށްފަހު ޒާރާ ހިނގައިގަތެވެ. ޒާރާ ދިޔުމުން ޖުމާ ބޭނުންވީ އަވަހަށް ކައިގެން ޒާރާގެ ކޮޓަރިއަށް ދާށެވެ. އެހެންކަމުން ލަސްކުރުމެއްނެތި އޭނާ ކަމުން ދިޔައެވެ.

" ކާކު؟ "

ފަރުވާކުޑަ ގޮތަކަށް މީހަކު ބުނެލި އަޑު ޖުމާއަށް އިވުނެވެ. ހިތްއަވަސްވީވަރުން ކުއްލިއަކަށް އޭނާ ކޮށިއަރާ ވަރަށް ބާރަށް ކެއްސަންވެސް ފެށުނެވެ. އެމަންޒަރު ފެނި ދޮރުމަތީގައި ހުރި މާހިލް ބާރުބާރަށް އެތެރެއަށް ވަދެ، އައިސްއަލަމާރިއާ ދިމާލަށް ދިޔައެވެ. އޭރުވެސް ޖުމާ ދިޔައީ މޫނުމަތީގައި އަތް އަޅައިގެން ހުރެ ކެއްސަމުންނެވެ. އައިސްފެންފުޅިއެއް ހިފައިގެން އައިސް މާހިލް ޖުމާއަށް ދިއްކޮށްލީ ނުހަނު އަވަސް ޚަރަކާތްތަކާއެކުގައެވެ.

" މި ބޯލަބަލަ! "

މާހިލްގެ އަޑަށް މޫނުން އަތް ނަގަމުން ޖުމާ ބަލައިލިއެވެ. އެއާއެކު ދާދި ގާތުން އޭނާއަށް މާހިލްގެ މޫނު ފެނުނެވެ. ނުދަންނަ މީހަކަށް ބަލާފަދަ ގޮތަކަށް މާހިލް ޖުމާއަށް ބަލަމުން ދިޔައެވެ. އޭރު އޭނާއަށް ހުރެވުނީ އަތުގައި އޮތް ފެންފުޅި ޖުމާގެ މޫނާ ހަމައަށް މައްޗަށް އުފުލައިގެންނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވީ އިރުގައިވެސް ޖުމާގެ ކެހިގަނޑު ފިލައިގެން ނުދެއެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ފެންފުޅީގައި ހިފުމަށްފަހު މާހިލަށް ފުރަގަސްދިނެވެ. އަދި މޫނު އުފުލާލުމަށްފަހު އަނގަޔަށް ފެންފުޅި އޮއްސާލިއެވެ. ދެތިން ކޯވަރު ބޯލުމާއެކު އޭނާއަށް ލިބުނު އުނދަގޫ ފިލައިގެން ދިޔައެވެ.

" ކިހިނެއްވީ؟ "

ކާގެއަށް ވަތް ޒާރާގެ އަޑަށް ޖުމާގެ އިތުރުން މާހިލްވެސް ސިހިފައި ފަހަތް ބަލައިލިއެވެ. އެއާއެކު ފަހަތަށް ދެތިން ފިޔަވަޅު އެޅުމަށްފަހު މާހިލް އެނބުރިގަތީ ބޭރަށް ނިކުންނާށެވެ.

" މާހިލް ނުކަނީތަ؟ "

ޒާރާ ސުވާލުކޮށްލިއެވެ. އެއާއެކު މާހިލް ބޯ ޖަހާލުން އަވަސް އަވަހަށް ނިކުމެގެން ދިޔައެވެ.

" އޭނަ ފަހަތުގައި ހުރެފައި ކާކުހޯ ބުނި އަޑަށް ސިއްސައިގެން ގޮސް ކޮށިއެރީ! އާހް! ވަރަށް ވަރު ވެއްޖެ.. ކިރިޔާ ހޮޑު ނުލެވުނީ"

ގޮނޑީގައި އިށީންނަމުން ޖުމާ ބުންޏެވެ.

" އެއީ މިގޭ މީހެއްތަ "

މިފަހަރު ޖުމާ އަހާލީ އާދައިގެ ގޮތަކަށެވެ.

" މުއާގެ ކޮއްކޮ! "

އުނދުނާ ދިމާލަށް ހިނގައިގަންނަމުން ޒާރާ ބުނެލިއެވެ.

" އެހެންތަ؟ ދެން ކޮބާ މުއާބެ މަންމަ؟"

" ނަމާދަށް ގޮސް ވީ! ދެން މާގިނަ ވާހަކަ ނުދައްކާ ޖުމާ ކައި ނިމިގެން ފެންވަރާލަންދޭބަލަ! "

އަތްމަތި އަވަސްކޮށްލައިގެން ޒާރާ އުޅުނީ މޭޒުމަތި ސާފުކުރުމުގައެވެ. އެހެންކަމުން އިތުރަށް އެއްޗެއް ނުބުނެ ޖުމާ ތެދުވެގެން ހިނގައިގަތީ އޭނާއަށް ޚާއްސަކޮށްފައިވާ ކޮޓަރިއަށް ދާށެވެ. އެކި ދިމަދިމާލަށް ބަލަމުން އޭނާ ހިނގަމުން ދިޔައީ މަޑުމަޑުންނެވެ. އެއާއެކު އޭނާ ސިހުނީ ކޮޓަރިއެއްގެ ދޮރު ހުޅުވުނު އަޑަށެވެ. އެދިމާލަށް ބަލަހައްޓައިގެން ހުއްޓާ، އެތެރެއިން ނިކުތް މާހިލް ފެނުމާއެކު ޖުމާއަށް ހިނިތުންވެލެވުނެވެ. މާހިލަށްވެސް ރައްދުގައި ހީލެވުނެވެ. ދެވަނަ ފަހަރުގެ ބައްދަލު ވުމުންވެސް ދެމީހުންގެ މޫނުމަތީގައިވަނީ ބީރައްޓެހިކަމެވެ.

" ތިއީ... ދައްތަގެ ކޮއްކޮތަ؟"

ޖެހިލުމެއްނެތި މާހިލް އަހާލީ އޮޅުން ފިލުވަން ބޭނުންވެފައި ހުރި ގޮތަކަށެވެ.

" ހޫމް."

ދެތުންފަތް ބާރުކޮށްލަމުން ޖުމާ އެހެން ބުނެލުމާއެކު މާހިލް އަނެއްކާވެސް ހީލިއެވެ. އޭރުވެސް ޖުމާ ހުރީ ހިނިތުންވެގެންނެވެ. ނަމަވެސް އިތުރަށް މަޑުނުކޮށް ޖުމާ ގޮސް ވަނީ މާހިލްގެ ކޮޓަރިއާ ޖެހިގެން ހުރި ގެސްޓް ރޫމަށެވެ. ލެއްޕިގެން ދިޔަ ދޮރާ ދިމާލަށް މާހިލަށް ބަލަހައްޓައިގެން ހުރެވުނީ ހެވިފައެވެ. އޭނާވެސް އެތެރެއަށް ވަދެ ދޮރު ލައްޕާލީއެވެ. އޭރު އޭނާގެ މޫޑުވަނީ އުފާވެރިކަމަށް ބަދަލުވެފައެވެ. ހިތަށް ލިބިފައިވާ ހަމަޖެހުމެއްގެ ސަބަބުން ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިކުރެވުނެވެ. ހިންދިރުވާލުމަށްފަހު މާހިލަށް ހުއްޓެވުނީ ޑްރެސިންގޓޭބަލްގެ ކުރިމަތީގައެވެ. އެއާއެކު އަމިއްލަ ހަށިގަނޑަށް ނަޒަރު ހިންގާލެވުނެވެ. އޭނާގެ ސިފައަށް ފަރުވާތެރިކަމާއެކު ބަލައިލެވުނެވެ. އެއާއެކު ލޮލުގައި އަޅައިގަތީ ހަމައެއްލަމައެއްނެތި ހާވާލާފައިވާ ބޯ އިސްތަށިގަނޑެވެ. އެހެންކަމުން އަވަސް އަވަހަށް ޖެލް ލައިގެން އޭނާއަށް އިސްތަށިގަނޑު ރީތި ކޮށްލެވުނެވެ. ސްކޫލްގައި އުޅުނު އިރުގައިވެސް މާހިލް މަޝްހޫރުވެފައިވަނީ އޭނާއަށް ޤުދުރަތުން ދެއްވާފައިވާ ފިރެހެންވަންތަކަމާއި ރީތި ކަމަށެވެ. އެ ބަރު އަޑާއި ބައިމަތިފުޅާ ހަށިގަނޑަކީ އަންހެން ކުދިންގެ ހިތް އޭނާއަށް ދޫލިގެންދާ ސިފަތަކެވެ. އެކަން އެނގޭ އިރުގައިވެސް މިހާތަނަށް އޭނާ ހިތް އެދޭފަދަ އެއްވެސް ކުއްޖަކު އަދި ނުފެނެއެވެ. އަންހެން ކުދިންގެ ހުށަހެޅުންތައް އޭނާ ޤަބޫލު ނުކުރަނީ ލޯތްބަކީ އޭނާ ޤަބޫލު ކުރާ އެއްޗަކަށް ނުވާތީއެވެ.

" ދެން.. އަހަންނަށް މިވަނީ ހާދަ ފާޑެއްގެ ގޮތެކޭ! "

ބޮލުގެ ފުށްކިބައިގައި ޖަހާލުމަށްފަހު މާހިލަށް ބުނެވުނެވެ.

***

މުއާޒް ފިހާރައިން އައިސް ވަތް އިރު ޒާރާއަށް އޮތީ ނިދިފައެވެ. ބްލޭންކެޓް ދަށަށް ވަދެ ބޮނދައިގެން ކަހަލަ ގޮތަކަށް އޮތް ޒާރާއަށް ބަލަން ހުރެ މުއާޒް އެއްޗެހި ބަދަލުކޮށްލީ ނުހަނު އަވަސް އަވަހަށެވެ. ސިއްރުސިއްރުން އޭނާ އެނދަށް އެރުމާއެކު ނިދިފައި އޮތް ޒާރާއަށް ހޭލެވި ބޯ ހިއްލާލިއެވެ.

" އެހާ ސިއްރުން އެނދަށް އެރީމަވެސް... ހޭލީ؟"

ބާލީހުގައި މޫނު ޖައްސާލަމުން މުއާޒް ބުނެލިއެވެ. އެއާއެކު ހިނިތުންވެލުމަށްފަހު ޒާރާ މުއާޒާ ތަންކޮޅެއް ގާތަށް ޖެހިލިއެވެ.

" ޖުމާވެސް ނިދި އައިސްގެން ނިދަންވަނީ! އެހެންވެ އަހަރެންވެސް ޖައްސާލީ! ވަރުބަލިކަމުން ނިދުނީ މާ އަވަހަށް"

އާފުރެމުން ޒާރާ ބުންޏެވެ. އެއާއެކު މުއާޒް ޒާރާގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ.

" ދުވަސްކޮޅެއް ވަންދެން ޖުމާ ހުންނާނެދޯ"

މުއާޒް އެހިއެވެ. އެއާއެކު ޒާރާ ބޯ ޖަހާލިއެވެ.

" ހޫމް.. ބައްޕަ ބުނީ ބަހައްޓާށޯ! ދެން އޮންލައިންކޮށް ކިޔެވޭނެއެއްނު މިކޮޅުގައި ހުއްޓަސް.. އަހަރެންވެސް ވަރަށް އުފާވޭ ޖުމާ ހުންނާތީވެ"

ޒާރާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

" އަހަންނަށް މައްސަލައެއްނެތް ! ޖުމާ ބޭނުން ދުވަހަކު ހުރެވޭނެ މިތާ!"

މުއާޒް އުފާވެރި ރާގެއްގައި ވާހަކަ ދެއްކުމުން ޒާރާ ނުހަނު ހިތްހަމަޖެހުނެވެ. އޭނާގެ އުފަލަށްޓަކައި މުއާޒް ކޮންމެފަދަ ކަމެއްވެސް ކުރާނެކަން ޒާރާއަށް އެނގެއެވެ. ދިރިއުޅުމުގައި އޭނާއަށް ލިބޭ އެންމެ ބޮޑު ބާރަކީވެސް އެއީއެވެ.

***

" ރީނާގެ މަޅިފަތީގައި ކަލޭ ހާދަ އަވަހަކަށޭ ތި ޖެހުނީ! ހަމަ އޭނަ ބުނިހާ ކަމަކަށް އޯކޭ ދިނީ؟ "

ހައިރާންކަމާއެކު ހާނިމް ސުވާލު ކުރިއެވެ. އޭރުވެސް މާހިލްގެ މޫނުމަތިން ފެންނަނީ ފޫހިކަމުގެ އަސަރުތަކެވެ.

" ކީކޭ އަހަރެން ބުނާނީ؟ ހުރިހާ ކަމެއް ރޭވިގެން ދިޔައީ ބޭއިޙްތިޔާރުގައި.. ރީނާ އަހަންނަށް ކޮފީއަކަށް ދަޢުވަތު ދިނީމަ ދިޔައީ! އަގުބޮޑު ހަދިޔާއެއް ހިފައިގެން އައިސް އޭނަ އިނީ.. ދެން ބުނެފި އޭނަ ލައިކްވާ ވާހަކަ.. އެއްކޮށް އުޅެވޭތޯ ޓްރައިއެއް ދޭންވީނޫންހޯ! ދެން މަށަކަށް ނުކެރުން ނޫނެކޭ ބުނާކަށް.. އޯކޭއޭ ބުނި ތަނާ އޭނަ ބޭބެ ވައްޓާލައިފި އެތަނަށް.. މަ ހުރީ ބިރުން ފިތްކަނޑައިގެންގޮސް.. އަނެއްކާ އެއީ ރަށު ކައުންސިލަރު. ތަނުންތަނަށް ބޭބެ ގޮއްސި ރުހުން ދީފައި! އަދި މަށަށް ފާޑެއްގެ އިންޒާރެއްވެސް ދިން.. އޭނަ ނުބައިވިއްޔާ ވަރަށް ނުބައިވާނެޔޯ ކަންނޭނގެ ކީ"

މާހިލް ހުރިހާ ޖުމްލަތަކެއް އެއް ފައްޗަކަަށް އަމުނާލި އިރު ހާނިމްގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ.

" އެއީ ތެދެއް! އޭނަ ވަރަށް ރުޅި ގަދަވާނެ.. ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެ އިނގޭ! ކަލޭ ތިޔަ ބެދުނީ ވަރަށް ނުބައި ދޭތެރެއެއްގަ! "

ހާނިމްގެ އަޑުގައިވާ ސީރިއަސްކަމުގެ ސަބަބުން މާހިލް ކޮންމެވެސް ވަރަކަށް ބިރުގަތެވެ. ރީނާއާމެދު އެއްވެސް ޝައުޤުވެރިކަމެއް ނެތް ޙާލު، އޭނާއަށް އާނބަސް ބުނެވުނީތީ މިހާރު މޮޔަ ހީވެއްޖެއެވެ.

" ދެން ކިހިނެއް ހަދާނީ؟ މަށަކަށް ނޫޅެވޭނެ އޭނައާއެކު!"

" އެކަމަކުވެސް... އަދި މަޑުކުރޭ! ކުއްލިއަކަށް ދުރަށް ދިޔައީމަ ބޮނޑިއެއް ލިބިދާނެ"

ހާނިމް ބުނެލިއެވެ.

( ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

(ނިމުނީ)