" ކަންތަކާ ލައިގަތީއޭމި! މީނަ ކައިރި މަޖަލަކަށްވެސް އެއްޗެއް ބުނެވޭކަށް ނޯންނާނެ! "
ރުޅި އައިސް އިނދެ މާހިލް ހާނިމާ ދިމާލަށް ބުނެލިއެވެ. އޭރުވެސް ހާނިމް އިނީ ފާޑަކަށް ހޭށެވެ.
" ބްރޯ! މާބޮޑު ކަމަަކަށް ހަދާނެކަމެއް ނެތޭ! ތި ނަންބަރަށް ގުޅާލަބަލަ!"
މާހިލް ދެފަރާތަށް ބޯ ހޫރާލީ އެކަމާ ދެބަސް ވުމުގެ ގޮތުންނެވެ. ނަމަވެސް ހާނިމް އިނީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ ދެވަނަ ފަހަރަށްވެސް މާހިލާ ދިމާކުރަން ފެށިއެވެ.
" މަ އަބަދުވެސް ބުނަމެއްނު އަންހެންކުދިންގެ ކަންތަކުގައި ތިއީ ބޮޑު ފިނޑިއެކޭ! ތިވަރުގެ ހުރިހާ އެންމެން އެއުޅެނީ ބިޓުން ނަގައިގެން ތުންޑިތައްމަތީގައި އުޑުން ތަރި ގުނަން! ކަލޭ އަބަދު ގޭގަ ތި އޮންނަނީ "
" ސީރިއަސްނުވެ މިކަހަލަ ކަންތައްތަކެއް ނުކުރެވޭނެ! ދެން އޭނަ މަށާ ލައިކްވިއްޔާޔޯ! މަ ފަހަތުން ނެއްޓެން ގޭނގިގެންވެސް އުޅެދާނެ! ނުގުޅާނަން"
ޓިޝޫ ބޮނޑިކޮއްލަމުން މާހިލް ބުނެލިއެވެ.
" އޭނަ ލައިކްވީމަތާ ނަންބަރު އެދިނީ! މަގޮސް ނަންބަރު ދޭށޭ ބުންޏަކަސް އަދި ގަޔާނުވާ މީހަކަށް ނަންބަރެއް ނުދޭނެދޯ! އެއީ ހުތުރު ކުއްޖެއްވެސް ނޫން.. ކަލޭ އަޅެ ޓްރައި އެއް ދީބަލަ!"
ހާނިމްގެ ރާގުގައި ސީރިއަސްކަން އެކުލެވިފައިވާތީ މިފަހަރު މާހިލަށްވެސް އެކަމާމެދު ވިސްނަން މަޖުބޫރުވިއެވެ. އެހެންކަމުން މުށުތެރޭގައި ބޮނޑިކޮއްލާފައި އޮތް ޓިޝޫކޮޅު މަޑުމަޑުން ނިއުޅާލިއެވެ.
***
މެންދުރު ނަމާދުން ފައިބައިގެން މުއާޒް ގެއަށް އައި އިރު ޒާރާ އުޅެނީ ކާން ހަދާށެވެ. އޭނާގެ މޫނުމަތީގައިވާ އުޖާލާކަން ފެނި މުއާޒްގެ ހިތަށް ފިނިކަން ލިބުނު ކަހަލައެވެ. މޭޒުކައިރީގައި ހުރި ގޮނޑި ދަމާލުމަށްފަހު އޭނާ އިށީންދެލީ ޒާރާއަށް ހިނިތުންވެލަމުންނެވެ.
" ހާދަ އުފާވެފައި؟ މާ ޚާއްސަ ދުވަހަކީތަ؟ "
މޭޒުމަތީގައި ބަތް ކަހަނބު ބަހައްޓަން ޒާރާ ކައިރިވި ވަގުތު އޭނާގެ އަތުގައި ހިފަމުން މުއާޒް ބުންޏެވެ. އެއާއެކު ޒާރާ އިތުރަށް ހިނިތުންވެލިއެވެ. އަދި މުއާޒާ ޖެހިގެން ހުރި ގޮނޑީގައި އިށީނުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ.
" މިގޭގައި ހޭދަވާ ކޮންމެ ދުވަހަކީ އަހަންނަށް ވަރަށް ޚާއްސަ ދުވަހެއް! އެނގޭތަ؟ މިއަދު ހުރިހާ އެއްޗެއްވެސް ކެއްކީ އަހަރެން! އަސްލު މުއާގެ މަންމަ ވަރަށް ރަނގަޅު.. އެއީ މާތް އިންސާނެއް.. އޭރު މަންމަ އަހަންނާމެދު އެގޮތަށް ކަންތައް ކުރީ މާހިލްއާއި މުއާ މަންމައާ ދުރުވަނީކަމަށް ހީކޮށްފައިހެން ހީވަނީ! "
އިސްޖަހާލައިގެން އިނދެ ޒާރާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އެއާއެކު މުއާޒަށްވެސް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
" ކުރީ ދުވަހު އަހަންނަށް ވަރަށް ރޮވުނު މަންމަގާތު! އަހަންނަކީ ކިހާ ނިކަމެތިކަމެއްގައި ބޮޑުވި މީހެއްކަމާ އަހަރެން އުޅުނު ގޮތް ކޮންމެވެސް ވަރަކަށް ކިޔައިދިނިން.. އަސްލު މުއާ ކީއްވެ އަހަރެންގެ ހުރިހާ ޙަޤީޤަތެއް މަންމަމެންނަށް ކިޔައި ނުދިނީ؟"
އިސްއުފުލާލުމަށްފަހު މުއާޒްގެ މޫނަށް ބަލައިލަމުން ޒާރާ އަހާލިއެވެ. އެއާއެކު މުއާޒް ޒާރާގެ ކަންފަތާ ދިމާލުން އިސްތަށިގަނޑުގެ ތެރެއަށް އޭނާގެ އަތް ވައްދާލަމުން ބުނެލިއެވެ.
" އެވާހަކަތައް ހިއްސާކުރީމަ މަންމަމެން ދެކޭނެ ގޮތަކާމެދު އަހަރެން ވަރަށް ވިސްނިން! ޒާ އުޅެމުން ދިޔަގޮތާ ޒާގެ ފެންވަރު ބުނެދީފިނަމަ އަހަންނާ އިންނަން އެމީހުން ޤަބޫލެއް ނުވާނެޔޭވެސް ހީކުރެވުނު! އަދި ޒާއަކީ ވަރަށް ބޮޑު ނިކަމެއްޗެއްގެ ގޮތުގައިވެސް ހީކޮށްފާނެ! ދުނިޔޭގައި ކަންހިނގާ އުޞޫލަށް ވިސްނާލައިފިނަމަ އާންމުކޮށް ނިކަމެތިންނާމެދު މީހުން ކަންތައްކުރަނީ ވަރަށް އިހާނެތިކޮށް..އެއްވެސް އިޙްތިރާމެއް ނުކުރާނެ.. އެމީހުން ތިބޭނީ ދަށް ކޮއްލާފައި! ދުނިޔެއަކީ މުއްސަނދިންގެ ތަނަކަށް ވެފައި އޮންނަނީ! މުއްސަނދިން ގުޅޭނީވެސް މުއްސަނދިންނާ! ނިކަމެތި ޙާލުގައި ބޮޑެތިވާ ކުދިންނަށް އެއްވެސް އުފަލެއް ނޯންނާނެ! "
މުއާޒްގެ ވިސްނުން ހުރިގޮތް ކިޔައިދިނުމުން ޒާރާ ފެންކަޅިވެގެން ދިޔައެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް އަނެއްކާވެސް ހިނިތުންވެލަމުން ދެއަތުން މޫނު ސާފުކޮށްލިއެވެ.
" އަހަންނަށް މިދުނިޔެއިން ޒާއަށްވުރެ މުޙިއްމު އެއްވެސް މީހަކު ނުހުންނާނެ! ޤަބޫލުކުރޭ! އަހަރެން ޒާދެކެ ލޯބި މިވާވަރު ޒާއަކަށް އިޙްސާސެއް ނުކުރެވޭނެ"
ސިއްރުން ކަހަލަ ގޮތަކަށް މުއާޒް އެހެން ބުނެލުމާއެކު މަންމަގެ ކޮޓަރި ދޮރު ހުޅުވި އަޑު އިވުނެވެ. ތެޅިގަނެފައި އޭނާ ޒާރާއާ ދުރަށް ޖެހިލުމަށްފަހު މޭޒުމަތީގައި އަތުރާފައިވާ ކާއެއްޗެއްސަށް ބަލައިލިއެވެ. ޒާރާވެސް އަވަސް އަވަހަށް ތެދުވެ، އިސްތަށިގަނޑު ރީތި ކޮށްލިއެވެ.
" ދަރިފުޅު ކާން އައީދޯ! ކޮބާ ބައްޕަ؟ އަދިވެސް މިސްކިތުގައިތަ އިނީ؟"
ކަފީލާ އައި ގޮތަށް އައިސް އިށީނެވެ. އޭރު ޒާރާ ހުރީ އުނދުން ކައިރީގައެވެ.
" ޒާރާ! މާހިލް ނާދޭތަ އަދިވެސް ގެއަށް؟ "
ފުރަގަސްދީގެން ހުރި ޒާރާ ފެނުމާއެކު ކަފީލާ ގޮވާލިއެވެ. އެއާއެކު ތެލުލިމަސްތަށި ހިފައިގެން ޒާރާ އެނބުރިލީ ހެވިފައި ހުރެއެވެ.
" ނޫނޭ! ކޮފީއެއް ބޮައިގެން ގޮސް ކޮޓަރިއަށްވަނީ! މަންމަވެސް ކާންވީއެއްނު"
ޒާރާ އެހެން ބުނެލުމާއެކު ކަފީލާ ކުޑަކޮށް ހިނިތުންވެލިއެވެ. އެއަށްފަހު އޭނާ މުއާޒަށް ބަލައިލަމުން ވާހަކަ ދައްކަން ފެށިއެވެ.
" ދަރިފުޅާ މުއާޒް! މާހިލަށް ނަޞޭޙަތްދީބަލަ ނަމާދުކުރަން! މިގޭ އެންމެން ނަމާދަށް އެހާ ފަރުވާތެރިވާނެ! މާހިލް އެއްގޮތަކަށްވެސް ނުދަނީއޭ މިސްކިތަށް! ބައްޕަވެސް ކޮންމެ ދުވަހަކު ބުނޭ މިސްކިތަށްދާން.. ހުކުރަށްވެސް އެދަނީ މަންމަ ރުޅިއައިސް އެއްޗެހި ގޮވީމަ! ދަރިފުޅު އަޅެ އެވާހަކަ ދައްކާލަބަލަ.. ހެޔޮނުވާނެއެއްނު އެހެން އުޅެން"
ކަފީލާގެ ނުތަނަވަސްކަން ފެނި މުއާޒް ދެރަވިއެވެ. ނަމަވެސް މުއާޒަކީ އާއްމުކޮށް އޭނާގެ އިޙްސާސްތައް ބޭރުކުރާ މީހަކަށް ނުވާތީ ހަމައެކަނި ބޯ ޖަހާލުމަކުން ފުއްދާލިއެވެ.
" ހާދަ އޮލަ ވާހަކައެއްގައި"
ކުއްލިއަކަށް އެންމެންނަށް އެއްފަހަރާ ބަލައިލެވުނީ ގެއަށް ވަދެގެން އައި ނަޖީބު ފެނުމުންނެވެ. އޭނާގެ މޫނުމަތީގައިވާ ހިނިތުންވުން ފެނި، އެންމެންނަށްވެސް އުފާވެރިކަމާއެކު ހީލެވުނެވެ.
" އޮލަ ކުރިޔަސް ވާނެ ކަމެއް ނޯންނާނެއެއްނު! މި ދައްކަނީ މާހިލް ނަމާދު ނުކުރާ ވާހަކަ! މިހާރު އެހުރީ އަމިއްލައަށް ތަންދޮރު އެނގޭ ވަރަށް ބޮޑު ވެފައި! ދެން ކިހިނެއް ގަދަ ބާރުން ކުރުވާނީ! އަޅެ އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫންތަ؟"
ނަޖީބާ ދިމާލަށް ބަތް ކަހަނބު ޖައްސާލަމުން ކަފީލާ ބުންޏެވެ.
" ކަންބޮޑުވޭ! ދުޢާވެސް ކުރަން ދަރިންނަށްޓަކައި.. ދެން މާހިލަށް ވިސްނައިދޭންވީ މުއާޒް! މުއާޒް ބުނާގޮތް އޭނަ ހަދާނެ"
" ލައްބަ ބައްޕާ! "
މުއާޒް މަޑުމަޑުން ބުނެލިއެވެ. އޭރު އޭނާގެ މޫނަށް ބަލަހައްޓައިގެން ޒާރާ ހުރީ މޭޒު ކައިރީ ކޮޅަށެވެ. މުއާޒްގެ މަޑުމައިތިރިކަމާ، މައިންބަފައިންނަށް ކުރާ އިޙްތިރާމްފެނި ޒާރާގެ ހިތް އޭނާއާމެދު އިތުރަށް ލޯބިން ފުރެމުންދިޔައެވެ.
" ދަރިފުޅުވެސް ކާން އިށީނދެބަލަ! "
ޒާރާއަށް ބަލައިލަމުން ނަޖީބު ބުންޏެވެ. އެއާއެކު ފުޅާ ހިނިތުންވުމެއްގައި ހުރެ ޒާރާ ދެފަރާތަށް ބޯ ޖަހާލިއެވެ.
" އެއްޗެހި ރަހަ ބަލާބަލާ އަޅުގަނޑު ބަނޑަކު ނެތް ކާނެ ޖާގައެއް"
ޒާރާގެ ޖުމްލައިން އެންމެ ފުރަތަމަ ހޭންފެށީ ކަފީލާއެވެ.
" މަންމަ ކައްކާ ގޮތަށް ކައްކަން ދަސްކުރަނިއްޔޯ ކިޔާފަ މިއަދު އެކަނިމާއެކަނި ބަދިގޭގައި އުޅުނީ! އަހަންނަށް ހީވީ އެހެން ގޮތެއްހެން.. ދުވަހަކުވެސް މިހާ ފަސޭހައެއް ނުވެ"
ކަފީލާ ހިތްހަމަޖެހިފައިވާވަރު ފެނި ނަޖީބަށްވެސް ހީވަނީ އުފާވެރިކަން ލިބިފައި އިންހެންނެވެ. އުފާވެރި މޫނަކައިގެން މުއާޒްވެސް ދިޔައީ ސިއްރުސިއްރުން ޒާރާގެ މޫނަށް ބަލަމުންނެވެ. މިވަގުތު ޒާރާ އުފާވާނެވަރު އޭނާއަށް އެނގެއެވެ.
***
މާހިލްގެ ކޮޓަރި ދޮރުގައި މުއާޒް ޓަކި ޖަހާލުމާއެކު ދޮރު ހުޅުވިއެވެ. އޭރުވެސް އޭނާގެ މޫނުމަތީގައިވަނީ ނިދީގެ އަސަރުތަކެވެ.
" ދޮންބެ ކީއްކުރަން؟ "
ދޮރުމަތީގައި ހުރެ އާފުރެމުން މާހިލް ބުންޏެވެ.
" އެތެރެއަށް ވަދެލަން ވެގެން "
ދެޖީބަށް އަތް ޖަހާލަމުން މުއާޒް ބުންޏެވެ. އެއާއެކު ވަނުމަށް ހުއްދަ ދެމުން މާހިލްވެސް އެތެރެއަށް ހިނގައިގަތެވެ. މާހިލްގެ ކޮޓަރި ފެނުމާއެކު މުއާޒް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. ފެން ހުސްކުރި ފުޅިތަކާއި ކޯކު ފަދަ ލުއި ބުއިންތައް ހުސްކޮށްފައި ހުރި ދަޅު ފުޅީގެ އިތުރުން ޒާތްޒާތުގެ ކޭކު، ބިސްކޯދުގެ އުރަތައް ކޮޓަރީގެ އެތަންމިތަނުގައި ހުއްޓެވެ. އެނދުގައި އަޅާފައި އޮތް ބެޑްޝީޓް އޮތީ ކެހިގެން ގޮސް މުށިތައްމައްޗަށް އެއްބައި ފައިބައިފައެވެ. ބައެއް ބާލީހުގެ އުރަ ފެންނަން ނެތެވެ. އެނދުމަތީގައި ގުޅައަކަށް ޖަހާފައި އޮތް ތުވާލިން ދުވާ ތަތްމުޑުވަހުން މުޅި ކޮޓަރި ތެރޭގައި ދުވަނީ ނޭވާއަށް އުނދަގޫ ކުރާ ޒާތުގެ ވަހެކެވެ. ދާވަށިގަނޑު ފުރިގެން މުށިތައްމަތީގައިވެސް ހުރީ ހުސް އަންނައުނެވެ. އަލަމާރީގެ ހުރިހާ ދޮރުފަތްތަކެއް ހުރީ ހުޅުވާފައެވެ.
މާހިލްގެ އުޅުން ހުރިގޮތް ފެނި މުއާޒް ހައިރާނެއް ނުވެއެވެ. މާހިލަކީ ކަންނެތްކަމާއި މުޑުދާރުކަން ހައްދުފަހަނަ އަޅާފައިވާ ކުއްޖެއްކަން ކުރިންވެސް އޭނާއަށް އެނގެއެވެ. މީގެ ކުރިން މާހިލްގެ ކޮޓަރިއަށް ވަންނަ ކޮންމެ ފަހަރަކު މަންމަ އަޑުގަދަކުރާ އަޑު އޭނާއަށްވެސް އިވެއެވެ. ސްކޫލް ނިމުނު ފަހުން މަންމަ އޭނާއަށް ކޮޓަރީގެ ތަޅުދަނޑި ދިނީ އަމިއްލަ މިނިވަންކަން ދޭށެވެ. މިހާރު މަންމައަށްވެސް އެތަނަށް ވަދެވެނީ މާހިލް ހުއްދަ ދިނިއްޔާއެވެ.
" ނިދިފައޭ މިއޮތީ!"
އެނދުގައި އިށީނދެލަމުން މާހިލް ބުންޏެވެ. މުއާޒް އޭރުވެސް ހުރީ އޭނާއަށް ކުރިމަތިލައިގެން ކޮޅަށެވެ.
" ކޮއްކޮ ނަމާދުކުރަން ފަށަންވީނު! ނަމާދުނުކޮށް އުޅޭ މީހުންނަށް ފަހުން ވާނެގޮތްވެސް އެނގޭނެ!"
ބޭކާރު ވާހަކަތައް ނުދައްކާ މުއާޒް ބޭނުންވީ ސީދާ އޭނާއައި ބޭނުން ފުއްދާށެވެ. އެއާއެކު މާހިލް ބޯ ޖަހާލިއެވެ.
" ކުރާނަމޭ! "
އަނެއްކާވެސް އާފުރެމުން މާހިލް އޮށޯވެލިއެވެ.
" ތިހެން ބުންޏަސް މިސްކިތުންވެސް ކޮއްކޮއެއް ނުފެނެ! މިސްކިތަށް ދާން ޖެހޭނެ! ނުދެވެންޏާ ގޭގައިވެސް ކުރަންޖެހޭނެ! "
މުއާޒް އެހެން ބުނެލި އިރު މާހިލް ދެލޯ މަރައިފިއެވެ. އިތުރަށް އަޑު ނާހާނެކަން އެނގުމުން މުއާޒް މަޑުނުކޮށް ނިކުމެގެން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އޭރު ޒާރާ ހުރީ ފޯނެއްގައެވެ. މުއާޒް ފެނުމާއެކު ފޯނު ބޭއްވުމަށްފަހު އޭނާ ވާހަކަ ދައްކަން ފެށިއެވެ.
" ހާދަ ފާޑަކަށް ތިހުރީ؟ "
ޒާރާގެ ސުވާލު ރަނގަޅަށް ނުނިމެނިސް، ދާދި ދެންމެއަކު މާހިލްގެ ކޮޓަރިން ފެނުނު މަންޒަރުތަކާއި އޭނާއާ ކުރެވުނު މުޢާމަލާތުގެ ވާހަކަތައް މުއާޒް، ޒާރާއާ ހިއްސާކުރިއެވެ.
" އަހަރެން ވާހަކަ ދައްކަންތަ؟ "
ވިސްނާލުމަށްފަހު ޒާރާ ބުންޏެވެ. އެއާއިއެކު މުއާޒް ވަގުތުން ދެފަރާތަށް ބޯ ހޫރާލިއެވެ.
" އޭނައަކަށް ނުވިސްނޭނެ! ޒާ މިއަދު އޭނަ ގާތު ބުނެގެން ތަޅުދަނޑި ނަގައިގެން އެތަން ސާފުކޮށްލާތި! މަންމައަށް ފެނުނިއްޔާ އަނެއްކާ އިވޭނީ ހަޅޭއްލަވާ އަޑު! "
މުއާޒް ހިތްހަމަ ނުޖެހިފައި ހުރި ވަރުން ޒާރާއަށްވެސް ލިބުނީ ނުތަނަވަސްކަމެކެވެ.
" އަހަރެން މިދަނީ ފިހާރައަށް. މިއަދު މުދާ އަންނާތީވެ ތަންކޮޅެއް ލަހުން ކަންނޭނގެ ގެއަށް އާދެވޭނީ"
މުއާޒް އެހެން ބުނުމާއެކު ޒާރާ އަވަސް އަވަހަށް ތެޅިގަތެވެ.
" މުއާ! އަހަރެން ވާހަކައެއް ބުނަން ބޭނުން.. ބައްޕަ ދެންމެ ގުޅާފައި ބުނެފި ކުޑަ ދުވަސްކޮޅަކަށްވިޔަސް ޖުމާ ގެނެސްބަލާށޯ! ޖުމާގެ ޗުއްޓީ ދުވަސްކޮޅެއްވީމަ! "
" ޒާއެއްނު ބުނީ ބައްޕައަށް އުނދަގުވާނެތީ ޖުމާ ނުގެންނާނަމޭ! އަހަންނަށް އޯކޭ ޖުމާ އައިސް އެއްކޮށް މިގޭގައި އުޅުނަސް! ޒާ ހިތްހަމަޖެހޭ ގޮތަކަށް ހަދާ! "
ޒާރާގެ މޫނުގައި އަތް ޖައްސާލަމުން މުއާޒް ބުނެލިއެވެ. އެއާއެކު ޒާރާ ހިނިތުންވެލިއެވެ.
" އާނ! ޖުމާ އަޔަސް ތިކަން އޮތީ ތިހެން! އެކަމަކު ބައްޕަ ބުނީއޭ"
" ލޯންޗް ފޮނުވަންވީތަ؟"
މުއާޒް ފޯނު ނަގަމުން ބުނެލިއެވެ. އެއާއެކު ޒާރާ އަވަސް އަވަހަށް މުއާޒްގެ އަތުގައި ހިފެހެއްޓިއެވެ.
" ނޫން ނޫން.. މާދަމާ އެރަށުން ބަޔަކު ވިޔަފާރި ދަތުރެއް އަންނަނީ މިކޮޅަށް! އެ ދަތުރުގައި އަންނަންވެގެން"
ޒާރާ އެހެން ބުނުމުން މުއާޒް ހީލިއެވެ. އަދި ލަސްވާ ކަމަށް ބުނެ ބޭރަށް ނިކުންނަން އޭނާ ހިނގައިގަތެވެ. މުއާޒް ދިޔުމާއެކު ޒާރާއަށް ދޮރުގައި ލެނގިލެވުނީ އުފަލުންނެވެ. ދުވަަަސްގަނޑަކަށްފަހު ލޯބިވާ ކޮއްކޮއާ ބައްދަލްވާތީ އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.
***
ފޯނުގައި ސޭވްކުރި ރީނާގެ ނަންބަރަށް ބަލަހައްޓައިގެން މާހިލް އޮތީ ހެވިފައެވެ. ފޫހިފިލުވާލަން ކުރަން ރަނގަޅު ކަމެކޭ ހީކުރެވުމާއެކު އޭނާއަށް އެހާމެ އަވަހަށް ރީނާއަށް ގުޅާލެވުނެވެ.
" ހަލޯ"
ރީނާގެ ތުއި އަޑު، މާހިލްގެ ކަންފަތުގައި ޖެހުމާއެކު މާހިލަށް އެނދުން ތެދުވެވުނީ ހަލޯއޭ ބުނަމުންނެވެ.
" ކާކު؟ "
އިތުރަށް ބުނާނެ އެއްޗެއް ނޭނގި ހުއްޓާ، އަނެއްކާވެސް އޭނާއަށް އިވުނީ ރީނާގެ އަޑެވެ. އެހެންކަމުން މާހިލް ކުޑަކޮށް ކަރު ކެހިލުމަށްފަހު، ވާހަކަ ދައްކަން ފެށިއެވެ.
" ޓިޝޫގައި ތިމާގެ ނަންބަރު ލިޔެފައި މީހުންނަށް ބަހަންޏާ، ގުޅަންވެސް ގުޅޭނެދޯ"
ސަމާސާ ރާގަކަށް މާހިލް ބުނެލިއެވެ. އެއާއެކު ރީނާ ހީލި އަޑު އިވުނެވެ.
" އޯހް! މާހިލްދޯ! އެކަމަކު...އަހަންނަށް އެނގުނު ގޮތުން އަހަރެންގެ ނަންބަރު ނުލިބިގެން ކަންނޭނގެ މާހިލް އުޅުނީ"
ލަދުން ހުރެ ރީނާ ބުންޏެވެ. އެއާއެކު މާހިލް ހިނިގަނޑެއް ޖަހާލިއެވެ.
" ނޫނޭ! ހާނިމް އަބަދުވެސް އުޅޭނީ އަހަންނަށް ލަނޑުދޭންވެގެން.. އަހަރެން އަސްލު އެހެން ބުނީ މަޖަލަކަށް! އެކަމަކު ދެން އޯކޭތާ! ރީނާ ކަހަލަ ރީތި ކުއްޖަކާ ވާހަކަ ދައްކާލެވެންޏާ މިހެން ގޭގައި ފޫހިވެފައި އޮންނާކަށް ނުޖެހޭނެއެއްނު"
މާހިލް ބުންޏެވެ. އެއާއެކު އަނެއްކާވެސް އޭނާއަށް އިވުނީ ރީނާ ހީލި އަޑެވެ.
" ދެން ތިބުނީ އަހަންނަށް ގުޅާނީ ފޫހި ފިލުވާލާށޭދޯ؟ "
" އުނހޫ! އެހެންނެއްނޫން.. އަހަރެން މިހެން ގުޅައިގެން ވާހަކަ ދައްކާނެ އެއްވެސް އަންހެން ކުއްޖަކު ނުހުންނާނެ.. ހާނިމްމެންނަށް ގުޅައިގެން ވާހަކަ ދެއްކުމާ ތަފާތު ވާނެއެއްނު"
މާހިލް އަނެއްކާވެސް ގޮސް އެނދުގައި އޮށޯތެވެ.
" އެހެންތަ؟ ތަފާތު ވާނެތަ؟ ތިބުނީ ކޮންގޮތަކުން ތަފާތުވާ ވާހަކަތަ؟"
ރީނާ ކޮއްލާ ސުވާލުތަކަށް ޖަވާބު ދޭނެ ގޮތެއް، މާހިލަކަށް ނުވިސްނެއެވެ.
" ދެން.. ނޭނގެ ކީކޭ ކަމެއް ބުނާނީ! ރައްޓެހި އަންހެން ކުއްޖަކު ހުރީމަ ވަރަށް ތަފާތު ދެން"
ބުނާނެ އެއްޗެއް ނޭނގިގެން މާހިލް އެހެން ބުނުމާއެކު ދެމީހުންނަށް ހޭންފެށުނީ އެއްފަހަރާއެވެ.
" ތިހާ ހޭންޑްސަމްކޮށް ހުންނައިރުވެސް ބިޓެއް ނެތޭ ބުނީމަ ކާކު ޤަބޫލު ކުރާނީ؟ "
އެންމެ ފަހުން ބޭނުންވާ މައުޟޫއާ ދިމާލަށް ރީނާ ދަތުރު ފެށިއެވެ. ރީނާގެ ހިތުގައި އުފެދުނު ޝައްކު ފިލުވައިލަދޭން މާހިލް ބޭނުންވިއެވެ.
" ހަމަ ތެދެއް މިބުނީ! އަހަރެން ބިޓެއް ނުހުންނާނެ! ބިޓެއް ނަގާ ޚިޔާލުވެސް ނުކުރަން.. ވަޒީފާއަކަށް ދިޔުމުގެ ކުރިންތާ މިހެން އުޅެވޭނީ! މިބުނީ އަބަދު ގޭމް ކުޅުމުގައި އަހަރެންގެ ހުރިހާ ވަގުތެއްވެސް މި ހޭދަކުރަނީ"
" އެހެންތަ؟ އެހެންވިއްޔާ ތި ބިޒީ ޝެޑިޔުލްއިން އަހަންނަށް ވަގުތުކޮޅެއް ދީފާނަންތަ؟ ކޮފީއަކަށް ދާން.. ދެމީހުން އެކަނި! "
ރީނާ ވާހަކަ ދެއްކީ ލަސްލަހުންނެވެ. ފޯނުން ވާހަކަ ދެއްކިޔަސް، ރީނާއާއެކު ބޭރަށް ދިޔުމުގެ އެއްވެސް ޝައުޤުވެރިކަމެއް މާހިލްގެ ނެތެވެ. ނަމަވެސް ރީނާގެ ދަޢުވަތު ޤަބޫލު ނުކޮށެއްވެސް އޭނާއަކަށް ނުކެރުނެވެ. އެހެންކަމުން މާދަމާރޭ ކޮފީއަކަށް ދާން އޭނާ އެއްބަސްވިއެވެ.
***
" އޭ! އޭނަ ހަމަ ރަނގަޅަށްވެސް މާހިލާ އަޅައިގަތީދޯ! އެހެން ނޫން ނަމަ އެވަރަކުން ނޫޅޭނެ! "
ހާނިމް ބުނެލިއެވެ. އޭރު މާހިލްގެ މޫނުމަތީގައިވަނީ ނުތަނަވަސްކަމެވެ.
" އަސްލު މަށަކަށް އޭނަ ރީއްޗެއްވެސް ނޫނޭ... އެހާ ލައިކެއް ނުވެ! ކިރިޔާ އެއްޗެއް އަހާލާއިރަށް ފުނިފޫންޏަށް ސުވާލު ކުރަނީ! މަށަށް ހީވަނީ ވަަރަށް ބޮލަށް އުނދަގު ކުރާ ފާޑުހެން"
މާހިލް ބުންޏެވެ.
" ދެން ވައި ފިލުވާލަން އޭނަ ސެޓުކޮށްލަބަލަ! "
ހާނިމް ބުނެލީ ހިނިގަނޑެއް ޖަހާލަމުންނެވެ. އެއާއެކު ފުން ވިސްނުމެއްގައި އިނދެ މާހިލް ދުރަށް ބަލައިލިއެވެ.
( ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!