" ކޮންމެ ވާހަކައެއްވެސް މަންމަ ގާތު ބުނަން ޖެހޭނީ ހަމަ އެހާ ތަފްސީލްކޮށްތަ؟ "

ޒާރާއަށް ބޭއިޙްތިޔާރުގައި އަހާލެވުނެވެ. އެއާއެކު ފުން ނަޒަރަކުން މުއާޒަށް ޒާރާގެ މޫނަށް ބަލަން ފެށުނެވެ.

Ad
rt

" އަހަރެންގެ ފަރާތުން މަންމަ ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް ފެންނާކަށް އަހަރެން ބޭނުމެއް ނޫން.. ރިހަ ނުކައިގެން އަހަރެންދެކެ ރުޅި އައިސްދާނެތީ އެހާ ސާފުކޮށް މިބުނީ"

ފެންތަށި ދަމާލަމުން މުއާޒް ބުންޏެވެ.

" އަވަހަށް ތަށިތައް ދޮވެލާ! "

ފޯނަށް ބަލައިލަމުން އަނެއްކާވެސް މުއާޒް ބުންޏެވެ.

***

ހެނދުނު ބޭރަށް ދިޔަ ގޮތަށް އާރިފާ އަދިވެސް ގެއަކަށް ނާދެއެވެ. އެކަމާ ހިތްހަމަ ނުޖެހުނު ނަމަވެސް އެއްވެސް ޝަކުވާއެއް ކުރާކަށް މިފަހަރު ޖުމާ ބޭނުމެއް ނުވިއެވެ. ޒާރާ ދިޔަފަހުން ޖުމާ އުފުލަންޖެހޭ ބުރަ އިތުރުވެގެން ދިޔައެވެ.

" ދަރިފުޅަށް މިހާރު އެނގޭދޯ ރިހަ ކައްކަން"

ވާހިދު ހިނިތުންވެލަމުން ބުންޏެވެ.

" ތިއްތަ ކައްކާ ރިހަ ވަރަށް މީރު"

އޭރު ޝާމްވެސް އިނީ ސްކޫލުން އައިސް ބަތް ކާށެވެ. ޝާމް އަބަދުވެސް ޖުމާދެކެ ވަރަށް ލޯބިވާކަން ޖުމާއަށް އިޙްސާސް ކުރެވެއެވެ. އެހެންކަމުން ޝާމްއާމެދު ޖުމާ ވަރަށް ޚާއްސަ ގޮތެއް ބަހައްޓަން ބޭނުންވެއެވެ. ނަމަވެސް އެކަމާ އާރިފާ ހިތްހަމަ ނުޖެހޭކަން ޖުމާއަށް އެނގެއެވެ.

" އެހެންތަ؟ ޝާމްއަށް މީރުވާނެ މީރެއްނު ތިއްތަ ކައްކާ ހުރިހާ އެއްޗެއްވެސް..."

ޝާމްގާތު އިށީނދެލަމުން ޖުމާ ބުންޏެވެ. ވަގުތަކީ އާރިފާ ގެއަށް އައިސް ވަތް ވަގުތެވެ. އޭރު އޭނާގެ މޫނުމަތި ހުރީ ވަރަށް ބޮޑަށް އުދާސްވެފައެވެ. އޭނާ އައި ގޮތަށް އައިސް ކާމޭޒު ކައިރީ އިށީނުމަށްފަހު، އަވަސް އަވަހަށް ތައްޓަށް ބަތް އަޅަން ފެށިއެވެ. އޭނާގެ އަވަސް ހަރަކާތްތަކަށް ބަލަން އެންމެންނަށް ތިބެވުނީ ހައިރާންވެފައެވެ.

" ބިރެއް ފެނިގެން އުޅޭހެން މަށާ ދިމާލަށް އެންމެން ތި ބަލަނިއްޔޯ؟"

ބަތް ސުވައެއް އަނގަޔަށް ލުމަށްފަހު، އަނގަ ފުރާލައިގެން އިނދެ އާރިފާ ސުވާލު ކުރިއެވެ. އެއާއެކު ވާހިދު އޭނާއަށް ފެންތައްޓެއް ދިއްކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެމެން ނޫޅެމޭ ބިރެއް ފެނިގެންނެއް... ފުރަތަމަ ތި އަނގަ ހުސްކޮށްބަލަ! "

ވާހިދުގެ ޖުމްލައިން އާރިފާ ގާތަށް އިތުރަށް ރުޅި އައެވެ. އެހެންކަމުން ވާހިދު ދިއްކޮށްލި ފެންތަށީގެ ހިފުމުގެ ބަދަލުގައި އޭނާ، ޖަގު ނަގައި، ފެން ތައްޓެއް އަޅާލިއެވެ.

" މަންމަ ކީއްވެތަ އަބަދު ރުޅި އައިސް ތި ހުންނަނީ؟ "

އިސްޖަހާލައިގެން އިނދެ ޝާމް އަހާލިއެވެ. އެއާއެކު އާރިފާ، އަތުގެ ނުފުށުން ޝާމްގެ ބޮލުގެ ފުށްކިބައިގައި ޖަހާލިއެވެ.

" މިހާރު މިސޮރުވެސް މަށާ ޒުވާބު ކުރަން ދަސްކޮށްފި! "

އާރިފާ އެހެން ބުނުމުން ޝާމްއަށް ބަލައިލެވުނީ ޖުމާގެ މޫނަށެވެ. އެއާއެކު ޖުމާ ހިނިތުންވެލީ ޝާމްގެ މޫނުމަތިން ނުތަނަވަސްކަން ފެނުމުންނެވެ.

" ހައިދަރު އަނެއްކާވެސް ގެންގޮއްސި! ކޮންމެވެސް ގެއަކުން ވައްކަން ކުރިއްޔޯ!"

ބާރުބާރަށް ތެދުވަމުން އާރިފާ ބުނެލީ ވާހިދާ ދިމާލަށެވެ. އެއާއެކު ވާހިދަށް ދެފަރާތަށް ބޯ ހޫރާލެވުނީ ހިތްހަމަ ނުޖެހިގެންނެވެ.

" އޭނަ މިހާރު އެހުރީ މީހަކަށް ބެލޭނެ ޙާލަތެއްގައެއް ނޫނޭ! ކޮންމެ ފަހަރަކު ދޫކޮށްލީމަ އައިސް ކޮންމެވެސް ކަމެއް އެކުރަނީ! އާރިފާއަކަށްވެސް އޭނައެއް ނުބެލޭނެ"

ވާހިދުގެ ވާހަކަ އަޑު އިވިފައި އާރިފާ ގާތަށް އިތުރަށް ރުޅި އައެވެ. އަތް ދޮވެގެން އަނެއްކާވެސް އާރިފާ އައިސް މޭޒު ކައިރީ ހުއްޓުނީ ވާހިދާ ޒުވާބު ކުރާހިތުން ނުހުރެވިގެން ކަހަލަ ގޮތަކަށެވެ.

" ހޫމް! ފެށީ.. މަގޭ ކޮއްކޮދެކެ މީނަ ހާދަ ރުޅިއެކޭ މި އަންނަނީ! އޭނަ ކަލެޔަށް ކޮން އުނދަގުލެއްތަ ކުރީ؟ "

އުނަގަނޑުގައި އަތް ވިދެލައިގެން ހުރެ އާރިފާ އެއްޗެހި ކިޔަން ފެށުމުން ވާހިދު ތެދުވެއްޖެއެވެ. އަދި އެއްޗެއް ނުބުނެ އޭނާ ދިޔަގޮތަށް ކާގެއިން ނިކުމެއްޖެއެވެ. ވާހިދު ނިކުތުމާއެކު އަވަސް ހިނގުމެއްގައި އާރިފާވެސް އޭނާގެ ފަހަތުން ދިޔައެވެ.

" ދެން އިވޭނީ ޒުވާބުގެ އަޑު"

ޝާމް އެހެން ބުނެލުމާއެކު ޖުމާއަށް ތެޅިގަނެވުނެވެ.

" ކޮއްކޯ! ތިކަހަލަ އެއްޗެހި ނުބުނާނެއެއްނު.."

" ކީއްވެ ނުބުނަންވީ؟ ތިއްތައަށްވެސް އެނގެއެއްނު މަންމަ އަބަދު އެއްޗެހިގޮވާއަޑު އިވޭކަން! ޝާމް ވަރަށް ފޫހިވޭ މިގޭގައި އުޅެން.. ޝާމް ބޭނުމީ ދޮންތަ ކައިރިއަށް ދާން"

ޝާމްގެ މޫނުމަތިން ފެންނަމުންދިޔަ ނުރުހުންތެރިކަމާއި ފޫހިކަން، ޖުމާއަށް ވަޒަން ކުރެވުނެވެ. އެހެންކަމުން ޖުމާ އިތުރަށް މަސައްކަތް ކުރަމުން ދިޔައީ ޝާމް ހަމައަކަށް އެޅުވޭތޯއެވެ. އޭނާއަށް ވިސްނައިދެވޭތޯއެވެ.

" ޝާމް ކިޔަވާ ނިންމަން އަދި އެބައޮތް ތިން ވަރަކަށް އަހަރު! ރަނގަޅަށް ކިޔަވައިގެން ރަނގަޅު ވަޒީފާއަކަށް ދެވޭނީވެސް.. މަންމަމެން އުޅޭ ގޮތަކަށް ވިސްނާނެ ކަމެއްނެތް.. ކޮއްކޮއަށް މަންމަ ވަރަށް ރަނގަޅެއްނު"

ޝާމްގެ ބޮލުގައި ފިރުމާލަމުން ޖުމާ ބުންޏެވެ. އިތުރަށް އެއްޗެއް ބުނުމަކާނުލައި ޝާމް ތެދުވެގެން ހިނގައިގަތެވެ. އެއާއެކު ޖުމާގެ ސިކުނޑި ހާސްކަމުގެ ތެރެއަށް ޣަރަޤުވެގެން ދިޔައެވެ.

***

ދުވަސްތައް މަޑުމަޑުން ފާއިތުވަމުންދެއެވެ. ޒާރާ މަސައްކަތް ކުރަމުން ދިޔައީ މުއާޒްގެ މަންމަގެ ހިތް ފަތަޙަ ކުރެވޭތޯއެވެ. މަންމަގެ ލޯތްބަށް އެދި ގޮވަމުންދާ އޭނާގެ ހިތް ތާއަބަދު އެކަމަށް އެދެމުންދާކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ކަފީލާ ހިތްހަމަ ޖެހޭ ގޮތަށް ކަންތައްތައް ކުރުމަށް އޭނާ ނުހަނު އިސްކަން ދެއެވެ. އެގޮތުން އާދައިގެ މަތިން މިއަދުވެސް ފަތިހު ތެދުވެ ޒާރާ ސައިކައްކާ ނިންމާލިއެވެ. ހުނިރޮއްޓާއި ވަޅޯމަހު މަސްހުންޏަކީ ހެނދުނުގެ ނާސްތާއަށް އެގޭ މީހުންނަށް ވަރަށް ކަމުދާ އެއްޗެއްކަން ފާއިތުވި މަހެއްހާ ދުވަސްތެރޭގައި ޒާރާއަށް އެނގުނެވެ.

" ހާދަ މީރޭ! އަހަންނަށް ހީވަނީ ދައްތަ އައިފަހުން އަހަރެން ވަރަށް ބަރު ވެއްޖެހެން"

ސަމާސާ ރާގަކަށް މާހިލް ބުންޏެވެ. އެއާއެކު ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށް ކަފީލާއަށް ބަލައިލެވުނީ މާހިލްގެ މޫނަށެވެ. އޭރު މުއާޒް އިނީ ނުހަނު އުފަލުން ޒާރާއަށް ބަލަހަައްޓައިގެންނެވެ.

" ދެން މަންމަ އެކަނި އުޅުނު އިރު މާހިލް އުޅުނީ ނުކައިތަ؟ "

ހިތުތެރޭގައި ނުބޭއްވިގެން ކަފީލާއަށް އެ ޖުމްލަ ބޭރުކޮށްލެވުމާއެކު އެންމެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ކަފީލާގެ ރާގު ހުރިގޮތުން އޭނާ ކޮށްލީ ސަމާސާއެއް ނޫންކަން އެންމެންނަށްވެސް ދެނެގަނެވުނެވެ.

" އެހެންނެއް ނުބުނަމެއްނު... މަންމަ ކައްކާ މީރުމީރު އެއްޗެހި ކައިގެންދޯ އަހަރެން މިވަރު ވެފައި މިހުރީ"

ކަފީލާ ހިތްހަމަ ޖައްސާލުމަށްޓަކައި މާހިލް ބުނެލީ ނުހަނު އަވަހަށެވެ. ނަމަވެސް އޭރު ކަފީލާގެ މޫޑުވަނީ މުޅިން ގޯސްވެފައެވެ.

" ކަފީލާ ފަދައިން މޮޅަށް ކައްކާ ދަރިޔަކު މިގެއަށް އައީމަ އެކަމާ އުފާކުރަންވީނު"

ހެވިފައި އިނދެ ނަޖީބު ބުނެލީ މުއާޒަށް ބަލައިލަމުންނެވެ. އޭރުވެސް ޒާރާ އިނީ އިސްޖަހާލި ގޮތަށް ދެރަވެފައެވެ.

***

" މީގެ ކުރިން އަހަންނާ އެ ދެފިރެހެންދަރިންގެ ގުޅުން ވަރަށް ރަނގަޅު! އަބަދާއަބަދު މާހިލްވެސް މަންމާ އެވެނި އެއްޗެއް ކައްކަބަލަ! މިވެނި އެއްޗެއް ހަދާބަލަ! މިހެން ކިޔާލަ ކިޔާލަ ހުންނަނީ! އެކަމަކު މިހާރު އެމީހުން ބޭނުމެއް ނުވޭ އަހަރެން ކައްކާ އެއްޗެއް ކާކަށްވެސް.. މުއާޒްވެސް ކުރީ ދުވަހެއްގައި އަހަރެން ރިހަ ކައްކާފައި ހުއްޓާވެސް ބިސްކޯދު ކާން އިންދާ ދުށިން"

ނިދާ ހެދުން ލައިގެން އައިސް ކަފީލާ އޮށޯވެލީ ނަޖީބާ ވާހަކަ ދައްކަމުންނެވެ. އޭނާގެ ވާހަކަތައް އަޑުއަހަން އޮތް ނަޖީބު ދެތުންފަތް ތަޅުވާލަމުން ރައްދުގައި ވާހަކަ ދައްކަން ފެށިއެވެ.

" ކަފީލާގެ ވިސްނުން ތި ހުރި ގޮތަކުން އަހަރެން ހަމަ އަޖައިބުވެއްޖައިން! ޒާރާއަކީ ކޮންފަދަ ރަނގަޅު ކުއްޖެއް؟ ކިތަންމެ ނިކަމެތި ކުއްޖަކަސް އެއީ ހާދަ ކިޔަމަންތެރި ދަރިއެކޭ! އެހާ މުރާލި، މަސައްކަތްކުރަން ދަންނަ ކުއްޖެއް! ކަފީލާ މިއަދު އުފާކުރަންވީއެއްނު.. ޒާރާ އުޅޭތީ ކަފީލާއަށްވެސް ކިހާ ފަސޭހަ"

ނަޖީބު ބޯ ހިއްލާލައިގެން އޮވެ ދެއްކި ވާހަކަތަކަށް ކަފީލާ އެއްވެސް އެއްޗެއް ނުބުންޏެވެ. އެހެންކަމުން އަނެއްކާވެސް ނަޖީބު ވާހަކަ ދައްކަން ފެށިއެވެ.

" ބުނެބަލަ! މިއީ ދޮގެއްތަ؟ ތެދުތެދަށް ބުނާނަމަ މިގޭތެރޭގެ ހުރިހާ ޒިންމާއެއްވެސް އެ ނަގަނީ ހަމަ ޒާރާ! އެއްވެސް ޝަކުވާއެއް ނުކުރެ.."

" އަހަންނަށް ތިކަން އެނގެޔޭ! އެކަމަކު.. އަހަރެން ދެރަވަނީ އަހަރެންގެ ދެ ދަރިން އަހަންނާ ދުރުވާތީ"

އަސަރާއެކު ކަފީލާ ބުންޏެވެ.

" ތިހެން ވިސްނަން ހެޔޮވާނެތަ؟ އަހަރެމެން ދަރިން ބޮޑެތިކޮށް، އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭތޯ މަސައްކަތްކުރަނީ އެކުދިން އަމިއްލަ ފައިމައްޗަށް ތެދުވެ، އެކަނި އުޅެވޭނެ ގޮތް ދަސްކޮށްދިނުމަށްޓަކައި! އެހެންވީމަ މިއަދު އެކުދިން ދިރިއުޅުމެއް ފެށީމަ އެކަމަށް ފުރިހަމަ މިނިވަންކަން އަހަރެމެން ދޭން ޖެހޭނެ.. ކަފީލާގެ ކަންތައްތައް ކޮށްދޭން އަދި އަހަރެން މިހުރީ ދުނިޔޭގައި! މުއާޒަކީ އަދި އިހަށްދުވަހު ކައިވެނިކުރި ކުއްޖެއް.. އެކުދިން އަދި އާވެސް ވާނެ.. ކަންތައްތައް ދަސްކުރަން ވަގުތު ނަގާނެ.. އޭގެ މާނައަކީ މަންމައާ އޮންނަ ގުޅުން ކުޑަވަނީއެއް ނޫނޭ"

ނަޖީބުގެ ވާހަކަތައް އަޑުއަހަން މަޑުމަޑުން ކަފީލާ އޮތެވެ.

" އަހަރެން ޤަބޫލު ކުރަން ތިއީ ވަރަށް ކިޔަމަންތެރި އަނތްބެއްކަމަށް! އަހަރެމެން ދެމީހުންގެ ދިރިއުޅުން ވަރަށްވެސް ރިވެތި! އެހެންވީމަ މުއާޒްވެސް ބޭނުންވާނެ އޭނަގެ މައިންބަފައިން ނަމޫނާއަކަށް ބަލައިގެން އުޅެން.. އަހަރެމެން އަޑު އުފުލާ، ހުތުރު ބަސްމަގުން ވާހަކަ ދައްކާ އަޑެއް ދުވަހަކުވެސް ދަރިންނަކަށް ނީވޭނެ! އެކަމަކު މިހާރު ބައެއްފަހަރު ކަފީލާއަށް ކަންތައް ކުރެވޭގޮތް އަހަންނަށް މިހާރު އެހާ ކަމަކު ނުދޭ... ތިކަމުގެ ސަބަބުން އެކުދިންގެ ދިރިއުޅުމުގައި ކުނި ޖެހޭކަށް އަހަރެން ބޭނުމެއް ނުވެ"

ވާހަކަ ދައްކާ ނިންމާލުމަށްފަހު ނަޖީބު އަވަސް އަވަހަށް ކަފީލާއަށް ފުރަގަސް ދިނެވެ. އޭނާގެ ބަހެއް ލިބޭނެ ކަމުގެ އުއްމީދުގައި އޮތް ނަމަވެސް ކަފީލާ ނިދީ އިތުރަށް އެއްވެސް ޝަކުވާއެއް ކުރުމެއް ނެތިއެވެ.

***

" އަހަރެން ވާހަކައެއް ބުނަންތަ؟ "

މުއާޒްގެ މޭމަތީގައި ބޯ އަޅާލައިގެން އޮތް ޒާރާ މަޑުމަޑުން ބުނެލިއެވެ. އެއާއެކު މުއާޒް ހޫމް އަޅުވާލިއެވެ. އެއް އަތުން ޒާރާގެ ބޮލުގައި ފިރުމާލަ އޮތް މުއާޒަށް ދެވަނަ ފަހަރަށް ކިހިނެއްވީތޯ އަހާލެވުނީ ޒާރާ އިތުރަށް އެއްވެސް އެއްޗެއް ނުބުނެ އޮތުމުންނެވެ.

" ބުނެބަލަ! ކޮން ވާހަކައެއްތަ؟ "

" އަހަންނަކަށް ނޭނގެ މިވާހަކަ ދައްކަންވީ ގޮތެއްވެސް... އަހަންނަށް ހީވާ އެއްޗެއް ބުނެލަން ބޭނުން"

ޒާރާގެ އަޑުގައިވާ މޯޅިކަން މުއާޒަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން އޭނާގެ ހިތް ކޮންމެވެސް ވަރަކަށް ނުތަނަވަސް ވެގެން ދިޔައެވެ.

" ހޫމް.. ޒާގެ ކޮންމެ ވާހަކައެއްވެސް އަހަރެން ހަމަ އަހާ ހިތުން އަޑުއަހާނަމޭ! "

ޒާރާގެ ބޮލުގައި ދަތްދޮޅި ވިއްދާލަމުން މުއާޒް ބުނެލިއެވެ.

" މުއާގެ މަންމަ އަހަންނާމެދު ހިތްހަމަ ޖެހޭތަ؟ "

ދެލޯ މަރާލަމުން ޒާރާ ސުވާލު ކުރިއެވެ.

" ކީއްވެ ތިހެން ތިބުނީ؟ "

މުއާޒަށްވެސް ކޮށްލެވުނީ ސުވާލެކެވެ.

" އެނގެއެއްނު މިއަދުވެސް މާހިލް އަހަންނަށް ތައުރީފް ކުރީމަ މަންމަ އެހާ ހިތްހަމައެއް ނުޖެހުނުކަންނޭނގެ.. މަންމަ އަބަދުވެސް ބުނެލަނީ އެކަހަލަ އެއްޗެއް.."

ޝަކުވާގެ ރާގުގައި ޒާރާ ބުންޏެވެ. އެހިނދު ދެމީހުންގެ ދެމެދުގައި ހަމަހިމޭކަން ވެރިވެގެން ދިޔައެވެ. މުއާޒް ދައްކާނެ ވާހަކައެއްގެ އިންތިޒާރުގައި ޒާރާ އޮތީ ނުހަނު މަޑުމަޑުންނެވެ.

" އަހަރެމެން ތިބެނީ މަންމަގެ ރަހަ ތަކަށް އާދަވެފައި.. އެހެންވެ ދެން ކޮންމެ ދުވަހަކު މީރޭމީރޭ ނުކިޔާނެތާދޯ! އެކަމަކު ޒާގެ ކެއްކުންގަނޑުގެ މީރުކަން އަދި އަލަށްތާ އަހަރެމެންނަށް މި އެނގެނީ! އެހެންވެ މާހިލް އެގޮތަށް އެ ކިޔަނީ.. ވެދާނެ މަންމަ އަސްލުވެސް ދެރަވީ ކަމަށް.. އެކަމާ އަޅާނުލައި"

މުއާޒް ވާހަކަ ދެއްކީ ލޯބިން ކަމުގައި ވީ ނަމަވެސް ޒާރާ ހިތުގައި ޖެހިފައިވާވަރު އޭނާއަށް އިޙްސާސް ނުވާކަން ޒާރާއަށް އެނގުނެވެ. އެހެންކަމުން ޒާރާ އެކަމާ އިތުރަށް ދެރަވިއެވެ. މުއާޒްގެ މޭމަތިން ބޯ ހިއްލާލުމަށްފަހު ބާލީހުގައި ބޯ އަޅާލަމުން ޒާރާ ވާހަކަ ދައްކަން ފެށިއެވެ.

" މުއާ ހީނުކުރައްޗޭ އަހަރެން މުއާގެ މަންމައާމެދު ޝަކުވާ ކުރަނިއްޔޭ! އަހަރެން މިއައީ މިއަށްވުރެ މާ ތަފާތު ތަނެއްގައި އުޅެފައި... އެތާވެސް އަހަރެން ޝަކުވާއެއް ނުކުރަން.. މާތްﷲ އަހަންނަށް މިންވަރުކުރައްވާ ކޮންމެ ގޮތަކަށް އަހަރެން ޝުކުރުވެރިވަން.."

ޒާރާ މުއާޒަށް ފުރަގަސް ދިނުމުން މުއާޒް އިތުރަށް ކަންބޮޑުވިއެވެ. އެހެންކަމުން އޭނާ އިތުރަށް ޒާރާއާ ގާތްވެލިއެވެ.

" އަހަންނާއެކު މޫދަށް ދާން ކިޔާތާވެސް ކިތައް ދުވަސް ވެއްޖެ! މުއާ ބޭނުމެއް ނުވެ އަހަރެން ފޫހި ފިލުވާލަން ތާކަށް ގޮސްލާކަށްވެސް"

ޒާރާ ޝަކުވާގެ ރާގެއްގައި ބުންޏެވެ.

" އަހަންނަކަށް ނުކެރޭނެ ދެމީހުން އެކަނި ދާކަށް.... އެކަމަކު.. މިތާ ކައިރި ފަޅުރަށަކަށް ދެވިދާނެ މިގޭ އެންމެން.. ދަތުރެއް ހަދާލަން"

މުއާޒް އެހެން ބުނުމާއެކު ޒާރާއަށް ހައިރާންކަމާއެކު މުއާޒްގެ މޫނަށް ބަލައިލެވުނެވެ.

" ދެމީހުން އެކަނި ދިޔުން އެއީ މައްސަލައެއްތަ؟ އަހަރެމެން ދެމީހުންނަކީ ދެމަފިރިންނެއްނު.. ތުނޑީ މޫދު ކިހާ ރީތި.. އަހަންނާއެކު ފަތާލަން ދެވިދާނެއެއްނު"

މުއާޒް އޭރުވެސް އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރަމުން ދެއެވެ.

" މައްސަލައެއް ނޫން.. އެކަމަކު އަހަންނަކީ ވަރަށް ޕްރައިވަސީ ބޭނުންވާ މީހެއް... އެންމެންގެ ތެރޭގައި މޫދަށް އެރި ސަކަރާތް ޖެހުމަކީ އަހަރެން ކުރާހިތްވާ ކަމެއް ނޫނޭ.. ކޮންމެ ދުވަހަކުވެސް އެ ތުނޑީ މޫދަަށް މީހުން ދާނެ.."

މިފަހަރު މުއާޒްގެ ވިސްނުމާ ޒާރާގެ ޚިޔާލްތައް ތަފާތު ވެއްޖެއެވެ. މުއާޒް އެކަމަށް އެއްބަސް ނުވުމުން ޒާރާއަށް ޖެހުނީ ގޮތްދޫކޮށްފައި އެ ވާހަކަ ހުއްޓާލާށެވެ.

( ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

(ނިމުނީ)