ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫޢުގެ ދަށުން "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯއްޗަށާއި، "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓަށް އެދުނު މީހުންގެ ލިސްޓް މިއަދު ޢާންމުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، ބިންވެރިޔާ ސްކީމު ފޭސް 2 އަދި ގެދޮރުވެރިޔާ ސްކީމް ފޭސް 2 އަކަށް ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފޯރމް ހެށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ފޯރމް ހުށަހަޅުއްވާފައިވާ ފަރާތް ތަކުގެ ލިސްޓް މިއަދު އާންމުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ގެދޮރުވެރިންޕޯޓަލް އަށް ފޯރމް ހުށައަޅާފައިވާ ފަރާތްތެއް، މިއުލާނާއެކު ނެރެފައިވާ ލިސްޓްގައި ހިމެނިފައިނުވާނަމަ އެކަމުގެ ޝަކުވާ 30 ނޮވެމްބަރ 2023 ގެ 14:00 ގެ ކުރިން gedhoruverin@planning.gov.mv އަށް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.
މި ފަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ގިރާވަރު އުތުރުފަޅުންނެވެ. މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5,525,000 އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ ގޯތި ދިނުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުނީމަ ކަމަށް ސަރުކާރުން ވިދާޅުވެފަވެއެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި، ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500 ގޯއްޗަށް ހުޅުވާލައި، އެތަންތަަނަށް ކުރިމަތިލި މީހުންގެ ލިސްޓް ނެރުނުއިރު، މިއަދަކީ މި ސަރުކާރުގެ އެންމެ ފަހު ދުވަހެވެ. މިއަދު ހަވީރު 16:45 ގައި އައު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވައި އައު ސަރުކާރާ ހަވާލުވެވަޑައިގަންނަވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!