ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ދިވެހިން އާންމުކޮށް ގޮސް އުޅޭ މޯލްއެއްގައި ދިން ބަޑީގެ ހަމަލާގައި ދިވެއްސަކަށް އަނިޔާވިތޯ ބެލުމުގެ މަސައްކަތް ފަށައިފިއެވެ.
ބެންކޮކުގެ މެދުތެރޭގައި ހުންނަ ސިއާމް ޕެރަގަން މޯލަށް ދިން ހަމަލާގައި ތިން މީހަކު މަރާލައި، ފަސް މީހަކު ވަނީ ޒަހަމްވެފައެވެ. ހަމަލާ ދިން ކަމުގެ ތުހުމަތުގައި 14 އަހަރުގެ ކުއްޖަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ މޯލް ތެރެއިންނެވެ.
ބެންކޮކުގެ މެދުތެރޭގައި ހުންނަ ސިއާމް ޕެރަގަން އަކީ މުޅި އޭޝިއާގައި އެންމެ ގިނައިން މީހުން ޒިޔާރަތްކުރާ މަޝްހޫރު އެއް ތަނެވެ. އެ މޯލަށް ތައިލެންޑުގެ ރައްޔިތުންގެ އިތުރުން ޓޫރިސްޓުން ވެސް ޒިޔާރަތް ކުރެއެވެ. އެ ތަނުގައި ވަރަށް ގިނަ ބްރޭންޑްތަކުގެ އެއްޗެހި ވެސް ވިއްކަން ހުރެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ހަމަލާ ދިން ވަގުތު އެ މޯލްގައި އެއްވެސް ދިވެއްސަކު ހުރިތޯ އާއި ދިވެއްސަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެންކޮކުގައި ހުންނަ ދިވެހި އެމްބަސީ އާއި ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސާފުކުރަމުން އަންނަ ކަމަށެވެ.
މި ހަމަލާގައި އެއްވެސް ދިވެއްސަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ހަމަލާގައި އެއްވެސް ދިވެއްސަކަށް އަނިޔާވެފައިވާ ކަމުގެ އެއްވެސް މައުލުމާތެއް ލިބިއްޖެނަމަ ފޮރިން މިނިސްޓްރީގެ ހޮޓްލައިން 7983400 އަށް ނުވަތަ ބެންކޮކުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަމްބަރު 66611766502+ އަށް ގުޅުއްވުމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!