ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫއިން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ދޫކުރާ ބިންތަކަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ފަތުރުވެރިކަމަށް ހާއްސަކޮށް ފިއްލަދޫއިން ކަނޑައަޅާފައިވާ " ޓޫރިސްޓް ވިލެޖް" އިން 50 އަހަރުގެ މުއްދަތަށް ދޫކުރާ 99 ބިމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން އެ ބިންތަކަށް ޖުމްލަ 110 ފަރާތަކުން ވަނީ ބީލަން ހުށަހަޅާފައެވެ.
ފިއްލަދޫ ޓޫރިސްޓް ވިލެޖުން 99 ބިމެއް ކުއްޔަށް ދޫކުރުމަށް ފިއްލަދޫ ކައުންސިލުން ވަނީ ނިންމާފައެވެ. އެ ބިންތަކުގެ ތެރޭގައި ހިމެނެނީ 5000 (ފަސްހާސް) އަކަފޫޓުގެ ބިމުން ފެށިގެން ގޮސް 115000 (އެއްލައްކަ ފަނަރަހާސް) އަކަފޫޓާއި ދެމެދުގެ ބިންތަކެވެ.
މި ބިންތަކުގެ ތެރޭގައި ހިމެނެނީ ޖުމްލަ ހަތަރު ކެޓަގަރީގެ ބިމެވެ. ބިންތަކަށް ކުރިމަތިލާ ފަރާތްތަކަށް އެންމެ ކުރު މުއްދަތަކަށް ބިން ކުއްޔަށް ނެގޭނެ ކަމަށް ކަނޑައަޅާފައި ވަނީ ހަ އަހަރުގެ މުއްދަތަށެވެ.
ކުލީގެ ގޮތުގައި ބީޗް ފްރޮންޓް ބިންތަކަށް އެންމެ ކުޑަކޮށް ހުށަހެޅޭނީ އަކަފޫޓަކަށް 0.50 (ފަންސާސް ލާރި) އެވެ. ބީޗް ކައިރި ބިންތަކަށް އެންމެ ކުޑަކޮށް ހުށަހެޅެނީ އަކަފޫޓަކަށް 0.45 (ސާޅީސް ފަސް ލާރި) އެވެ. މެދުތެރެ ބިންތަކަށް އެންމެ ކުޑަކޮށް ހުށަހެޅެނީ އަކަފޫޓަކަށް 0.35 (ތިރީސް ފަސް ލާރި) އެވެ. އަދި ފުއްޓަރު ފަރާތު ބިންތަކަށް އެންމެ ކުޑަކޮށް ހުށަހެޅެނީ އަކަފޫޓަކަށް 0.30 (ތިރީސް ލާރި) އެވެ.
މި ބިންތަކަށް ހުށަހެޅި ބީލަންތައް ހުޅުވުމުގެ ބައްދަލުވުން ބާއްވާފައި ވަނީ މި މަހުގެ 4 ވަނަ ދުވަހު ފިއްލަދޫ އިޖުތިމާއީ މަރުކަޒު ހޯލުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!