ކުރީގެ އަދަދާއިގުޅޭ،

" ޔެސް! އެހެންވީމަ ބަރލީއަށް ދާން ރެޑީތަ؟ "

Ad
rt

ޔަޝްމީ އަވަސް އަވަހަށް ބޯ ޖަހާލުމާއިއެކު ލިފްޓްގެ ދޮރު ހުޅުވުނެވެ. އެއާއިއެކު އެމީހުންގެ އެޕާރޓްމަންޓް ދޮރުމަތީގައި މުސްކުޅިފުރާ އަންހެނަކު ހުރިތަން ފެނި، ދެމީހުންނަށްވެސް ލިބުނީ ހައިރާންކަމެވެ. ހާރޫންގެ ފަހަތުން އަވަސް އަވަހަށް ޔަޝްމީ ނިކުތެވެ. އެއާއިއެކު އެ އަންހެން މީހާ އެނބުރި ހާރޫންގެ މޫނަށް ބަލައިލީ ހިނިތުންވަމުންނެވެ. އެއަށްފަހު ހާރޫންއާ ދާދި އެއްހަމައެއްގައި ހުއްޓި ހުރި ޔަޝްމީއާ ދިމާލަށް ނުދަންނަ ނަޒަރަކުން ބަލަން ފެށިއެވެ. ދޫ ހައުސްކޯޓެއް ލައިފައި ހުރި ހިކިތޮޅި އެ އަންހެން މީހާ އެގެއަށް އައީ ކޮން ބޭނުމެއްގައިތޯ އޮޅުން ފިލުވާ ހިތުން ޔަޝްމީ ހުރީ ކެތްމަދު ވެފައެވެ. ހާރޫންއާ ދިމާލަށް އޭނާ ބަލާގޮތުން، އޭނާއަށް ހާރޫން ވަރަށް ރަނގަޅަށް އެނގޭކަން ޔަޝްމީއަށް އެނގުނެވެ.

" ތިއީ ހާރޫންތަ؟"

އޭނާ ހެވިފައި ހުރެ އަހާލިއެވެ. އެއާއިއެކު ހާރޫން ބޯ ޖަހާލަމުން ހިިނިތުންވެލިއެވެ.

" ދައްތަގެ ފިރިމީހާ ވަރަށް ބަލި! ދައްތައަށް އެހީތެރިކަމެއް ލިބޭތޯ މިއައީ! "

ދެރަވެފައި އެ އަންހެން މީހާ ވާހަކަ ދައްކަން ފެށުމާއެކު ހާރޫން ޖީބުން ވޮލެޓް ނަގައި ފަސްސަތޭކައިގެ ނޫޓު ތަކެއް ދިއްކޮށްލީ ގުނައިލުމެއް ނެތިއެވެ.

" ހާދަ ރަނގަޅޭ! ތިޔަ ދެކުދިންނަށް އުފާވެރިކަން ދެއްވާށި! އާމީން"

އިތުރަށް އެއްވެސް އެއްޗެއް ނުބުނެ އެމީހާ އެނބުރި ލިފްޓާ ދިމާލަށް ހިނގައިގަތުމުން ޔަޝްމީއަށް ހާރޫންގެ މޫނަށް ބަލައިލެވުނީ ނުތަނަވަސްކަމާއެކުއެވެ.

" ކިހިނެއް އެނގެނީ އޭނަ އެ ހެދީ ތެދެއް ކަމެއް؟"

ޔަޝްމީ އެހެން ބުނުމުން ހާރޫން އެއް މިޔަކަނުން ހީލިއެވެ. އަދި ޔަޝްމީގެ ކޮނޑަށް އަތް ވައްޓާލަމުން ދޮރަށް ތަޅުދަނޑި ޖަހާލިއެވެ.

" ކިހިނެއް ދޯ އެނގޭނީ؟ އެކަމަކު އަހަރެން ގާތަށް އެހީއަކަށް އެދި އަންނަ އެއްވެސް މީހަކު ހުސްއަތާ ފޮނުވައެއް ނުލާނަން! އެއީ ޔަޤީންކަމެއް... ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާނީ މާތްﷲ.. އެހެންވީމަ އެމީހަކު ކުރިކަމެއް އެމީހަކަށް.. މިހެން ދީގެން އިންޝާﷲ އަހަރެންގެ އަތުން އެއްވެސް އެއްޗެއް މަދެއް ނުވާނެ! އަހަރެން މިގޮތަށް ކަންތައް ކުރާތީ ކަންނޭނގެއެއްނު އަހަންނަށް ހުރިހާ ކަމެއްވެސް ކާމިޔާބު މިވަނީ"

ހާރޫންގެ ވާހަކައިން ޔަޝްމީއަށް އިތުރަށް އޭނާއާ ގަޔާވެވުނެވެ. އެހެންކަމުން ގެއަށް ވަދެވުމާއެކު އޭނާ ހާރޫންގެ މެދުހަށީގައި ބައްދާލުމަށްފަހު ބުންޏެވެ.

" އަޅެ އަހަންނަށް ހާދަ ގިނަ ދުވަހެއް ބޭކާރު ކުރެވުނޭ! ކީއްވެގެންތަ؟ "

ޔަޝްމީގެ ގައިގައި އަތް ޖައްސާލަމުން ހާރޫން އޭނާ ދުުރުކޮށްލީ ހެމުންނެވެ.

" ކީއްވެގެންތަ؟ އަސްލުވެސް ހާދަހާ ގިނަ ދުވަހެއް ބޭކާރުވިއޭ! އެހެން ނޫން ނަމަ ކިހިނެއް އެނގޭނީ މިހާރު އަހަރެމެން ދެމީހުންގެ ލޯބިލޯބި ދަރިއެއް ނުހުންނާނެ ކަމެއްވެސް"

ހާރޫންގެ ޖުމްލައިން ޔަޝްމީ ފަރުވާތެރިކަމާއެކު އޭނާގެ މޫނަށް ބަލައިލިއެވެ. އޭރުވެސް ހާރޫން ހުރީ ފުޅާ ހިނިތުންވުމެއްގައެވެ. ކަޅާއި ހުދު އިސްތަށި އެކުވެފައިވާ އޭނާގެ ތުނި ތުނބުޅީގައި ޔަޝްމީ ފިރުމާލަމުން ވާހަކަ ދެއްކިއެވެ.

" އަހަރެމެންނަށް ލިބޭ ދަރިފުޅު ހާދަ ނަސީބު ރަނގަޅުވާނެޔޭދޯ! "

މަޑުމައިތިރިކަމާއެކު ޔަޝްމީ އެހެން އަހާލުމުން ހާރޫން ބޯ ޖަހާލީ އެކަމާ އެއްބަސް ވުމުގެ ގޮތުންނެވެ.

" އެދަރިފުޅުގެ މަންމަ އަދި މާ ނަސީބު ރަނގަޅުވާނެ! "

އެއާއިއެކު ޔަޝްމީއަށް ހެވުނެވެ. އެމަންޒަރު ފެނި، ޔަޝްމީގެ ދަތްދޮޅީގައި ހާރޫން އިނގިލި ޖައްސާލިއެވެ.

" އަސްލުވެސް މިބުނީ! އަހަރެމެން ނެތް ދުވަހަކުންވެސް އަހަރެމެންގެ ދަރިފުޅަށް އުފަލުގައި ތަނަވަސްކަމުގައި އިރާދަކުރެއްވިއްޔާ އުޅެވޭނެ! އަދި ދަރިފުޅުގެ މަންމައަކީ މި ދުނިޔެމަތީގައި އެންމެ އުފަލުގައި އުޅޭނެ މީހަކަށް ވާނެ! އަހަރެންގެ މިލްކިއްޔާތުގެ ފަންސާސް ޕަސެންޓް ދަރިފުޅަށް... އަނެއް ބައި މަންމީއަށް!"

ހާރޫން ޔަޝްމީގެ މޫނުގައި ފިރުމާލަމުން ބުންޏެވެ. އެއާއިއެކު ޔަޝްމީގެ ދެލޮލުން ކަރުނަ ހިލިގެން ދިޔައެވެ.

" އަހަރެންގެ ހުރިހާވެސް އުފަލަކަށްވާނީ ޔަޝްމީއާ އަހަރެމެންގެ ބޭބީ!"

ހާރޫން އިތުރު ކޮށްލިއެވެ. ހާރޫން އަސަރާއިއެކު ދެއްކި ވާހަކަ ތަކުން ޔަޝްމީއަށް ބޮޑު އުފަލެއް ލިބުނެވެ.

***

ދެފައި ވަށްކޮށްގެން ޝަހާނާ އިނީ އެނދުގެ މެދުގައެވެ. އަދިވެސް އޭނާ އިނީ ނުހަނު ބިރުންނެވެ. އޭނާގެ ސިކުނޑީގައި އަދިވެސް އެނބުރެމުންދަނީ ރަބީޢުގެ މެސެޖް ކިޔަމުން ދިޔައިރު އޭނާއަށް ވަމުން ދިޔަ ގޮތްތަކެވެ. ހަމަ އެވަގުތެވެ. ޖާވިދް ފާހާނާގެ ދޮރު ހުޅުވާލި އަޑަށް ޝަހާނާއަށް ހަޅެއް ލަވައި ގަނެވުނެވެ. އެއާއިއެކު ބާރުބާރަށް އައިސް ޖާވިދް އެނދަށް އަރާ، ޝަހާނާގެ ދެކޮނޑުގައި ހިފައި އޭނާއާ ގާތްކޮށްލިއެވެ.

" ޝަހާ! މީ އަހަންނޭ! "

ޖާވިދް އެހެން ބުނުމާއެކު ޝަހާނާއަށް ގިސްލެވެން ފެށުނެވެ.

" ޖާވިދް! އަހަރެން އަދިވެސް ވަރަށް ބިރުގަނޭ!.. އަހަންނަށް ދުވާލުވެސް އެކަނި މިތާ އިންނާކަށް ނުކެރޭނެ"

ޝަހާނާ ވާހަކަ ދެއްކީ ލަސްލަހުންނެވެ. ޝަހާނާއަށް އަންނަމުންދާ ބަދަލުތަކުން ޖާވިދަށްވެސް މިހާރު ހުންނަނީ އުނދަގޫވެފައެވެ.

" ޝަހާއަށް ތިހެން ވާންޖެހުނީ ކީއްވެތަ؟ އަހަރެން މިހާރު އެބަ ބިރުގަނޭ! "

ޖާވިދްގެ ޖުމްލަ ނިމުމާއެކު ބޭރުން ޖާވިދަށް ފާއިޒާ ގޮވާލި އަޑު އިވުނެވެ. ޝަހާނާގެ ބޮލުގައި ފިރުމާލުމަށްފަހު ޖާވިދް ތެދުވެގެން ގޮސް ގަޔަށް ޓީޝާޓް މަހާލުމަށްފަހު ދޮރާއި ދިމާލަށް ހިނގައިގަތެވެ. އޭރުވެސް ޝަހާނާ އިނީ ޖާވިދަށް ބަލަހައްޓައިގެންނެވެ.

" ޝަހާނާ ކޮބައިތަ؟ "

ފާއިޒާ އެހެން އަހާލުމާއެކު އެތެރޭގައި ހުރެ ޖާވިދް ފަސްއެނބުރި ޝަހާނާއަށް ބަލައިލިއެވެ. ޖާވިދްގެ ހަރަކާތްތަކަށް ބަލަން ހުރެ ފާއިޒާވެސް އެތެރެއަށް ބޯ ދިއްކޮށްލުމަށްފަހު ޝަހާނާއަށް ބަލައިލިއެވެ.

" މިހާރު ރަނގަޅުތަ؟ ހިނގާ ސައިބޯން ދާން"

ފާއިޒާ އެހެން ބުނުމުން ޝަހާނާ މަޑުމަޑުން އެނދުން ތެދުވެގެން ދޮރާއި ދިމާލަށް ހިނގައިގަތެވެ. އޭރު އޭނާގެ މޫނުމަތި ހުރީ ވަރަށް ބޮޑަށް ދުޅަވެފައެވެ. މުޅި މީހާ ހީވަނީ ބޮޑު ބައްޔެއް ތަޙައްމަލްކުރަމުންދާ މީހެއް ހެންނެވެ. ކުރީގައި އެހާ އަނގަގަދަ މީހަކު މިހާރު އެހާ މަޑުން ހުންނާތީވެސް އޭނާއަށް ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަން އެނގެއެވެ. ގޭ މައިދޮރުން ނިކުތީ ތިން މީހުން އެއްފަހަރާ ކަހަލަ ގޮތަކަށެވެ. އޭރު އެންމެ ފަހަތުގައި ހުރީ ޝަހާނާއެވެ.

" ކޮބައި އޭނަ؟ އޭނަ ގެނޭ! އޭނަ މަގޭ އަތު ޖައްސާ! ފިލައިގެންނެއް ނޫޅެވޭނެ"

ބާރުބާރަށް ދުވެފައި އައިސް ގޯތި ތެރެއަށް ވަތް ނާއިފްގެ ޓީޝާޓްގައި އޭނާ ފަހަތުން އައި ބަކުރަށް ހިފުނީ ހަމަ ކިރިޔާއެވެ. ބަކުރު ނާއިފްގެ ގައިގައި ފަހަތުން ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނާއިފް ފެނުމުން ޝަހާނާގެ މޭގަނޑު ނެގިނެގިފައި ޖެހެންފެށި ކަހަލައެވެ. ދެލޯ ބޮޑުވެ މުޅި މީހާ ފިނިވެގެން ދިޔައެވެ. އޭރު އޭނާގެ ހިތުގެ ވިންދުވެސް އަވަސް ވަމުންދާކަން އޭނާއަށް އިޙްސާސް ކުރެވެއެވެ.

ނާއިފްގެ ރުޅިވެރި ޖުމްލަތައް އަމާޒުވަނީ ކާކަށް ކަމެއް ނޭނގި އެންމެންނަށްވެސް ތިބެވުނީ ނާއިފަށް ބަލާށެވެ.

" އޭ ޝަހާނާ! ޔަޝްމީގެ ފަހަރީ! ޖާވިދްގެ އަނބިމީހާ! ކަލެޔާ މަ މި ވާހަކަ ދައްކަނީ.. މާ އެނގި ގަނެގެން ކަލެއަކަށް ނުޖެހޭނެ ނުބައިކޮށް ކަންތައް ކުރާކަށް.. އެންމެންނޭ! މިހުރީ ސިހުރު ހަދާ އަންހެނެއް... "

އަޑުގެ ކޮޅަށް ނާއިފް އެހެން ގޮވަމުން ދިޔައީ ރުޅިވެރިކަމާއެކުއެވެ. އެ ޖުމްލަތަކުން ޖާވިދް ގާތަށް އިންތިހާއަށް ރުޅި އައެވެ. އޭރު އެ ސަރަހައްދަށް މީހުން އެއްވަމުން ދިޔައެވެ. އެހެންކަމުން ޖާވިދް ބޭނުންވީ ވީހާވެސް އަވަހަކަށް ނާއިފް އެގެއިން ނެރޭށެވެ. އޭރު ޝަހާނާ ހުރީ ފާއިޒާގެ ފުރަގަހަށް ވަދެ ނިވާ ވެގެންނެވެ.

" މީނަ ގެންދޭ މިތަނުން.. ތާކު ހުރި މޮޔަޔަކު ދައްކާ ވާހަކަ ކަލޭމެން ޤަބޫލު ނުކުރާތި"

ބަކުރާ ދިމާލަށް ބަލައިލަމުން ޖާވިދް ބާރު ބާރަށް ބުންޏެވެ. އެއާއިއެކު ނާއިފް ބާރުބާރަށް ހޭން ފެށިއެވެ. އޭރުވެސް ބަކުރު ހުރީ ނާއިފްގެ ޓީޝާޓްގައި ބާރަށް ހިފަހައްޓައިގެންނެވެ.

" މޮޔައެކޭ؟ މަމީ މޮޔައެއް؟ މަށަކީ މޮޔައެއް ނޫނޭ! މަ ދައްކާ ވާހަކަ ޤަބޫލު ނުކުރަންޏޭ ކަލޭ އަންހެނުން ގާތު އަހާބަލަ... އަހާބަލަ މަ މި ބުނާ ގޮތަށް... އަހާބަލަ ކަލޭ އަންހެން ކޮއްކޮ ޔަޝްމީގެ ފިރިމީހާ ހާރޫންގެ ލޯބި ޙާޞިލް ކުރަން ސިހުރު ނުހަދަންތޯ.. އަހާބަލަ އެކަންތައް ކުރަން ކަލޭ ކޮއްކޮ ޔަޝްމީގެ ބޮލުގެ އިސްތައްޓާ، ކޮއްކޮ ފިރިމީހާ ހާރޫންގެ ބޫޓު ކިބައެއް ނުހޯދަންތޯ.. "

ފަހަރަކު ޖުމްލައެއް ނާއިފް ބޭރު ކުރަމުން ދިޔައީ ލަސްލަހުންނެވެ. އެއާއިއެކު އެންމެންނަށްވެސް ޝަހާނާއަށް ބަލައިލެވުނީ ހައިރާންކަމާއެކުއެވެ. އެހިނދު އެކި މީހުން މަޑުމަޑުން ތުންތަޅުވަމުން ދާތަންވެސް ފެނުނެވެ. އަދި ސިއްރުސިއްރުން ވާހަކަ ދައްކާ މަންޒަރުވެސް ފެނުނެވެ.

" އަ..އަ..އަހަރެން ނުކުރަން އެއްވެސް ކަމެއް.. އަހަރެން ކީއްކުރަން ކުރާ ކަމެއް؟ މީނަ ފޮނުވާލާ ޖާވިދް"

އާގަންނަމުން ޝަހާނާ ބެލީ ދިފާޢު ވެވޭތޯއެވެ. ނަމަވެސް ޖާވިދްގެ އިތުރުން ފާއިޒާގެ މޫނުމަތިންވެސް ފެންނަމުންދާ ކަންބޮޑުވުމުގެ ސަބަބުން ޝަހާނާ އިތުރަށް ބިރު ގަންނަން ފެށިއެވެ.

" ރޯނުބައިކޮށް ހުރިހާ ކަމެއްވެސް މީނަ ކުރީ! މަގޭ ޔަޝްމީވެސް މަށަށް ނުލިބުނީ އެހެންވެ.. އެންމެ ފަހުން ރަބީޢުވެސް މަގޭ ލާރިގަނޑު އަތުލައިގެން ފިލީ! "

އަޑުގެ ކޮޅަށް ނާއިފް ގޮވަމުން ދިޔައެވެ. އެއާއިއެކު މަގުމަތިން ހިނގާފައިދާ ކޮންމެ މީހަކުވެސް އެގޭދޮށަށް ޖަމާވަމުން ދިޔައެވެ.

ޖާވިދްގެ އަތުގެ މުލައްދަނޑީގައި ޝަހާނާ ހިފަމުން ޝަހާނާ ދެފަރާތަށް ބޯ ހޫރަމުން ދިޔައެވެ. ކުއްލިއަކަށް ނާއިފްގެ މަންމައާއިއެކު ރުޤްޔާކުރާ މީހާ އެތަނަށް އަތުވެއްޖެއެވެ. އެހިނދު ނާއިފް އިސްޖަހާލިއެވެ. އަދި މައިތިރިވެސް ވިއެވެ.

" ކުޅި ބަލަން އައިސް ތިބި އެންމެން ދެން މިގެއިން ދާން ވެއްޖެއެއްނު..."

ބާރުބާރަށް ޝާކިރު އެހެން ބުނުމާއެކު މީހުންތައް ފެޔަށް ޖެހި ގޯތި ތެރެއިން ނިކުމެއްޖެއެވެ. ނަމަވެސް މަގު އަރި އަރި މަތީގައި މަޑުކޮށްގެން ބައިގަނޑުގަނޑަށް އެމީހުން ތިބީ ވާހަކަ ދައްކާށެވެ.

" އަހަރެން އެއްވެސް ކަމެއް ނުކުރަން... އަހަރެން ނުކުރަން. ޖާވިދް އަހަރެންގެ ވާހަކަ ޤަބޫލު ކުރޭ"

ޝަހާނާ ޖާވިދްގެ އަތުގައި ހިފައިގެން ހުރެ ރޮމުން ދިޔައެވެ.

" ނާއިފް އެ ހަދަނީ ތެދު. މި ދެމީހުން އެއްބައިގައި ކުރި ކަމެއްއެއީ.. ހާރޫން ނަމަކަށް ކިޔާ މީހަކާ ޔަޝްމީ ނަމަކަށް ކިޔާ އަންހެން ކުއްޖަކު ހާޞިލް ކުރުމަށް މި ދެމީހުން ހެދި ސިހުރެއް ކަމަށްވަނީ.. އެދެމަފިރިން ދުރުކުރުވާ މި މީހުންނަށް ހިތް ކިޔާގޮތް ހަދަންވެގެން ޖިންނީން މެދުވެރި ކުރަން މި ދެމީހުން މަސައްކަތް ކުރީ! އެކަމަކު އޭގެ އުނދަގޫ މި ޖެހުނީ މި މީހުންނަށް! މިއީ ކިހާ ނުބައި ކަމެއް! "

ރުޤްޔާ ކުރާ މީހާ ވާހަކަ ދެއްކީ ޖާވިދާއެވެ. އޭރުވެސް ދާދި ކައިރީގައި ހުރެގެން ޝަހާނާ ރޮމުން ދިޔައެވެ. އޭރު ޖާވިދް ހުރީ ކުއްލި ޝޮކެއްގައެވެ.

" ނާއިފް ގެއަށް ގެންދަން އުޅޭ! ދެން ރަނގަޅު ކުރެވޭތޯ މަސައްކަތްކުރާނަން"

ބަކުރާ ދިމާލަށް އޭނާ ބުންޏެވެ. އޭނާ ނާއިފްގެ އަތުގައި ހިފުމަށްފަހު ކޮންމެވެސް އެއްޗެއް ކިޔަވާލިއެވެ. އަދި ނާއިފް ގޮވައިގެން ހިނގައިގަތުމަށް ބަކުރަށް އަމުރު ކުރިއެވެ. އޭރުވެސް ޖާވިދުގެ އިތުރުން ފާއިޒާއާއި ޝާކިރަށްވެސް ހުރެވުނީ ޝަހާނާގެ މޫނަށް ބަލަހައްޓައިގެންނެވެ.

" ޔާ ރައްބި! ޝާކިރު.."

ރޮވިފައި ހުރެ ފާއިޒާގޮސް ޝާކިރު ގާތު ހުއްޓުނެވެ. އޭރުވެސް ޝަހާނާ އިސްޖަހައިގެން ހުރެ ރޮމުން ދިޔައެވެ.

" އެއީ ތެދެއްތަ؟ "

ޖާވިދް ޝަހާނާގެ މޫނަށް ބަލަހައްޓައިގެން ހުރީ ފެންކަޅިވެފައިވާ ލޮލަކުންނެވެ. އެހިނދު ޝަހާނާ ދެފަރާތަށް ބޯ ހޫރަން ފެށިއެވެ.

" އަހަރެން.. އައަހަރެން އެއީ... އެއީ ދޮގެއް.. ދޮގެކޭ އެއީ.. ޕްލީޒް ޤަބޫލު ނުކޮށްބަލަ! ޕްލީޒް"

ޝަހާނާ އަނެއްކާވެސް ޖާވިދްގެ އަތުގައި ހިފަން މަސައްކަތް ކުރިއެވެ.

" ދެން މިތާ ނުތިބެ ގެއަށް ވަންނަން އާދޭ! "

ހަރުކަށި ގޮތަކަށް ޝާކިރު އެހެން ބުނެ ގެއާދިމާލަށް ހިނގައިގަތެވެ. ޖާވިދްވެސް ޝަހާނާގެ އަތުގައި ހިފައިގެން ބާރުބާރަށް ގެއަށް ދިޔައެވެ. ސިޓިންގރޫމަށް ވަދެވުމާއެކު އޭނާ ޝަހާނާގެ އަތުން ދޫކޮށްލުމަށްފަހު ގުޅީ ޔަޝްމީއަށެވެ.

" ކޮބާ ހާރޫން؟ "

ޔަޝްމީ ހަލޯއޭ ބުނުމުގެ ކުރިން ޖާވިދް ވާހަކަ ދެއްކިއެވެ. ޖާވިދްގެ އަޑުގައިވާ ހަރުކަށިކަން ފާހަގަ ކުރެވި، ޔަޝްމީއަށް ކޮށްލެވުނީ ސުވާލެކެވެ.

" ކިހިނެއްވީ ދޮންބެ ހާދަ ރުޅި އައިސްގެން؟"

" މިއުޅެނީ ވަރަށް ބޮޑު ކަމެއް ވެގެން...."

ޖާވިދް އެހެން ބުނުމަށްފަހު ދާދި ދެންމެއަކު ކަންތައްވީ ގޮތް ޔަޝްމީއަށް ކިޔައިދިނެވެ. އެއާއިއެކު ބުނާނެ އެއްޗެއް ނޭނގި ޔަޝްމީއަށް ހުރެވުނީ ހުއްޓުން އަރާފައެވެ.

" އެއީ ތެދެއް! ހާރޫންގެ ބޫޓު އޮތް އެތާ! އެ ކޮޓަރީގައި އެބޫޓު އޮވެގެން ހާރޫން ވަރަށް ކަންބޮޑުވެގެންވެސް އުޅުނު"

ޔަޝްމީ އެހެން ބުނުމާއެކު ޖާވިދް ފޯނު ކަނޑާލިއެވެ. އަދި ރުޅިވެރި ލޮލަކުން ޝަހާނާއާ ދިމާލަށް ބަލައިލިއެވެ. ޖާވިދް ބުނަން އުޅޭ އެއްޗެއް ނޭނގިގެން ފާއިޒާގެ އިތުރުން ޝާކިރުވެސް ހުރީ ނުހަނު ކަންބޮޑުވެފައެވެ.

" ތިއީ ކަލޭގެ ދީން ޝައިޠޯނާއަށް ވިއްކައިލައިފައި ހުރި މުޑުދާރު އަންހެނެއް! ތިއީ މާތްﷲއަށް ކުފުރު ވެފައިވާ މީހެއް! "

ޖާވިދް ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކަށް ޝަހާނާއަށް ފަހަތަށް ޖެހެވެއެވެ. އޭރު ޝަހާނާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދެއެވެ. ނަމަވެސް ޖާވިދްގެ މޫނުމަތިން ރުޅިވެރިކަން ފިޔަވައި އިތުރު އެއްޗެއް ޝަހާނާއަށް ނުފެންނަ ކަހަލައެވެ.

" ތިއީ މިހާރު މުސްލިމެއް ނޫން.. އަހަރެން ދެން ކަލޭ ބޭނުމެއްވެސް ނޫން! މާތްﷲއަށް ބިރުވެރި ނުވާ މީހަކު ދެން ކޮންކަމަކަށް ވަކި ބިރު ގަންނާނީ؟ އަހަރެންގެ ކޮއްކޮގެ ދިރިއުޅުން ރޫޅާލައިގެން އޭނަގެ ފިރިމީހާއާ އޭނާގެ މުދާތަކުގެ ބޭނުމުގައި ކަލޭ ތިކުރީ ކޮންފަދަ ނުބައި....ހުއް! "

ޖާވިދް އައި ރުޅިން ޝަހާނާގެ މޫނުމަތީގައި އެތިފަހަރެއް ވިހެލިއެވެ. އެއާއިއެކު ޝަހާނާ ބާރުބާރަށް ރޮއިގަތެވެ.

" ދަރިފުޅާ! އަނިޔާ ނުކުރޭ! ދުރުގައި ހުރޭ"

ފާއިޒާ ބާރު ބާރަށް އެހެން ބުނުމާއެކު ޖާވިދް އިތުރަށް ރުޅި ގަދަވި ކަހަލައެވެ.

" މީނަ މެރިޔަސް ފާފަވެރިއެއް ނުވާނެ ކަންނޭނގެ! "

ޖާވިދް އެހެން ބުނި އިރު ތައުފީޤާއި ވަދީފާ އައިސް ތިބީ އެގޭ ދޮރުމަތީގައެވެ. އޭރު އެދެމީހުންގެ ލޮލުގައިވެސްވަނީ ކަރުނައިގެ އަސަރުތަކެވެ. ޝަހާނާގެ މައިންބަފައިން ފެނުމުން ޖާވިދަށް އިތުރު ބާރެއް ލިބުނު ކަހަލައެވެ. އޭނާ އެއްޗެއް ބުނަން އަނގަ ހުޅުވާލުމާއިއެކު ތަޢުފީޤް އަތް އުފުލާލީ އަޑުއަހަން ބޭނުން ނުވެޔޭ ބުނާ ފަދަ ގޮތަކަށެވެ.

" ހުރިހާ އެއްޗެއް އެނގިހުރެ މިއައީ.. މިއަދު އަހަރެމެން ވަރަށް ލަދު ގަނެއްޖެ! މުސްކުޅިވީ ދުވަހު މުޅި ރަށަށް އަހަރެމެން ގިނަ ވެއްޖެ! "

ތަޢުފީޤް ރޮވިފައި އެހެން ބުނުމާއެކު ޝަހާނާއަށް މޫނުގައި އަތް އެޅުނެވެ. ކުރެވުނު ކަންތަކާއިމެދު އިންތިހާއަށް އޭނާ ދެރަވީއެވެ. ބިރުގަތީއެވެ.މުޅި ރަށުތެރޭގައިވެސް އޭނާގެ ވާހަކަ ދައްކާނެކަން އެނގި ލަދުގަތީއެވެ. އިންތިހާއަށް ޖެހިލުންވީއެވެ. އޭނާއާމެދު މީހުން ދެކޭނެ ގޮތް ހިތަށް ވަޒަން ކުރެވުނީއެވެ. ފާރުގައި ލެނގިގެން ހުރެ ރޮމުން ދިޔަ ޝަހާނާގެ ކުރިމަތީގައި ހުއްޓުމަށްފަހު ޖާވިދް ވާހަކަ ދައްކަން ފެށިއެވެ.

" ތި ދަރަޖައަށް ކަލޭ ވެއްޓިދާނެ ކަމަކަށް އަހަރެން ފަހަރެއްގައިވެސް ހިއެއް ނުކުރަން..އަހަރެން ދެން ކަލޭގެ މޫނު ދެކެންވެސް ބޭނުމެއް ނޫން! ތިހުރީ ވަރިކޮށްފައި! "

އަވަސް އަވަހަށް އެހެން ބުނުމަށްފަހު ޖާވިދް ޝަހާނާއަށް ފުރަގަސްދިނެވެ. އަދި ޝަހާނާގެ މަންމައާއި ބައްޕަގެ މޫނަށް ވަކިވަކިން ބަލައިލުމަށްފަހު އޭނާ އަވަސް އަވަހަށް ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. އެހިނދު ރުޅިވެރިކަމާއެކު ފޫހި ގޮތަކަށް ޝަހާނާއަށް ބަލައިލުމަށްފަހު ފާއިޒާވެސް އެތަނުން ގޮއްސިއެވެ.

" ދެން.. ތައުފީޤުމެން ޝަހާނާ ގެންދޭ! "

ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޝާކިރު ބުނެލިއެވެ. އެއާއިއެކު ޝަހާނާ ދުވެފައި ބޭރަށް ނިކުތީ އެއްވެސް މީހަކަށް ބެލުމެއް ނެތިއެވެ.

***

" ބުނާނެ އެއްވެސް އެއްޗެއް ނޭނގުނު ހަމަ.. ޝަހާނާއަށް އެހާ ހިތްވަރު ލިބުނުތަ އެވަރުގެ ކަމެއް ކުރަން؟"

ކޮޓަރިއަށް ވަދެ ޔަޝްމީ ދެއްކި ވާހަކަތައް އަޑުއަހަން ހުރި ހާރޫންއަށް ކުއްލި ސިހުމެއް ލިބިގެން ދިޔައެވެ. ނަމަވެސް ފާއިޒާ ގުޅައިގެން ދެއްކި ހުރިހާ ވާހަކައެއް ޔަޝްމީ، ހާރޫންއަށް ކިޔައިދިނެވެ.

" މާތްﷲ އަހަރެމެން އެކަމުން ސަލާމަތް ކުރެއްވީތީ ޝުކުރު ކުރަން.. އެކަމަކު.. ދޮންބެގެ ދިރިއުޅުން ރޫޅުނީމަ ވަރަށް ދެރަވެއްޖެ"

" އެކަހަލަ ވިޔާނުދާ އަންހެނެއް ކައިރިން ޖާވިދް ދުރުވާން މާ ލަސްވެސް ވެއްޖެ! އެއީ ވަރަށް ގޮތެއް ނެތް އަންހެނެއް.. އަހަރެން ވަރަށް ފޫހިވޭ ޝަހާނާ ދެކެ"

ބޭއިޙްތިޔާރުގައި ހާރޫން އެހެން ބުނުމުން ޔަޝްމީއަށް ނުސީދާ ގޮތަކަށް ހާރޫންގެ މޫނަށް ބަލައިލެވުނެވެ.

" ތި ބުނި ގޮތުން ހީވަނީ ކުރިންވެސް ހާރޫންއަށް އެއްޗެހިތަކެއް އެނގިގެންހެން"

ހާރޫންގެ ކުރިމަތީގައި ޔަޝްމީ އިށީނދެލިއެވެ. އެއާއިއެކު ލެޕްޓޮޕް ލައްޕާލަމުން ހާރޫން ފުން ނޭވާއެއް ދޫކޮށްލިއެވެ.

" އާހް! އެނގޭ! އެނގެނީ އެއީ ވަރަށް ހުށިޔާރު އަންހެނެއްކަން"

މިފަހަރުވެސް ހާރޫން ބުނެލި ޖުމްލައިން ޔަޝްމީއަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ.

" ތަންކޮޅެއް ތިލަކޮށް ބުނެބަލަ! ޝަހާނާ ހާރޫން ބޭނުންވާކަން ކުރިންވެސް އެނގޭތަ؟ "

ޔަޝްމީގެ ސުވާލަށް ހާރޫން ބޯ ޖަހާލިއެވެ. އެއާއިއެކު ޔަޝްމީއަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. ނުތަނަވަސްވެފައި އިނދެ އޭނާ ހާރޫންއަށް ބަލަން ފެށުމުން ހާރޫން އެއްމިޔަކަނުން ހީލިއެވެ. އަދި ޔަޝްމީގެ އަތުގައި ހިފާލަމުން އޭނާގެ އުނގުމަތީގައި ބާއްވާލިއެވެ.

" އޭނަގެ ރޭވުންތެރިކަން މިހާރު އަދި މި ވިސްނެނީ.. ޔަޝްމީ ރަށުގައި ހުއްޓާ އޭނަ އެދުވަހު އައިސް މި ކޮޓަރި ފާޚާނާގައި ހުރީ ބަރަހަނާ ޙާލުގައި.. ތަޅުވެސް ނުލައި"

ހާރޫން އެހެން ބުނުމާއެކު ޔަޝްމީ، އޭނާގެ އަތް ދަމައިގަތެވެ. އަދި ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށް ހާރޫންއަށް ބަލަން ހުރެ ބުނެލިއެވެ.

" ދެން؟ ދެން ކިހިނެއްވީ ؟ "

" ހާދަ އަވަހަކަށް ރުޅި ތިއަންނަނީ؟ އަހަރެން ދައްކާ ވާހަކަ އަޑު އަހަން ޖެހޭނެއެއްނު.. މާ ކުރިން ރުޅި އައީމަ ދެން ކިޔައިދޭހިތެއް ނުވާނެ"

ހާރޫންގެ މޫނުމަތީގައި ފުސްކަމެއް އެކުލެވިއްޖެއެވެ. އެހެންކަމުން އަޑުއަހާހިތުން އިން ޔަޝްމީ އަނެއްކާވެސް އަޑު އަހަން ބޭނުންވާ ކަމުގައި ބުނެލިއެވެ.

" އަހަންނަށް ވަދެވުނީ އެތަނަށް.. "

ހާރޫން ބުންޏެވެ. އެއާއިއެކު ޔަޝްމީގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.

" އާހް.... ހާރޫން ވަނީ ؟ "

ޔަޝްމީ ސުވާލު ކޮށްލުމުން ހާރޫން ބޯ ޖަހާލިއެވެ. އެއާއިއެކު ޔަޝްމީއަށް އަނެއްކާވެސް ރުޅި އާދެވުނެވެ.

" ކީއްވެ ނުބުނީ؟ ހާރޫން އޭނަ މިގޭގައި ބަހައްޓައިގެން މިއޮއްހާދުވަހު ތިޔަ އުޅުނީ އަހަންނަށް އެކަން ސިއްރުވެސް ކޮށްގެން.. "

ބާރުބާރަށް ތެދުވެ ޔަޝްމީ ކޮޅަށް ތެދުވިއެވެ. އަދި ދެއަތް އުރާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ.

" ކިހިނެއް އެނގޭނީ ކައިރީގައި ނުނިދާ ކަމެއްވެސް"

ޖުމްލަ ބޭރުކޮށްލެވުމާއެކު ޔަޝްމީއަށް ސިހުން ލިބުނީ ހާރޫން އައިސް އޭނާގެ ފަހަތުން ބައްދާލުމުންނެވެ.

" ހުރިހާ ކަމެއްވެސްވީ އޭނަގެ ރޭވުންތެރިކަމުން... އަހަރެން ބޮލުގައި ރިއްސާތީ އޮއްވާ، އޭނަ އައީމަ ކޮޓަރިއަށް ދާން އަހަރެން ތެދުވީ.. އެވަގުތު ބޯ އަނބުރައިގަތީ.. ހޭވެރިކަން ވީއިރު އޭނަ އޮތް އަހަރެންގާތު.. "

ހާރޫން ކިޔައިދޭ ވަރަކުން ޔަޝްމީއަށް އުނދަގޫ ވަމުން ދިޔައެވެ. އޭނާ ހާރޫންގެ ދެއަތް ފޮޅުވާލަމުން ދުރަށް ޖެހުނެވެ.

" އޭނ؟ ހާރޫންގެ ގާތުގައޭ؟ ހާރޫން ކީއްވެ އަހަންނަށް ސިއްރުކުރީ؟ ބުނެބަލަ! އަހަންނަށް ކިޔައިދޭން ޖެހޭނެއެއްނު.. އެއީ އަހަރެންގެ ފަހަރިއޭ! އޭނަ އެހާ ހަޔާތްކުޑަކޮށް އުޅުނު އިރުގައިވެސް ހާރޫން ތިހުރީ ހަމަ ރުހިގެން.."

ޔަޝްމީ ބާރުބާރަށް ކިޔަމުން ދިޔައެވެ. އެހިނދު ހާރޫން ދެފަރާތަށް ބޯ ހޫރާލުމަށްފަހު ޔަޝްމީގެ ކޮނޑުގައި ހިފެހެއްޓިއެވެ.

" އަހަރެން ރުހިގެން ހުންނާނެތަ؟ އަހަރެން ވަރަށް އެއްޗެހި ގޮވިން އޭނައަށް.. އޭނަ ފަހުން ކިޔަމުން ދިޔައީ އޭނަ ލައިކްވާ ވާހަކަ.. ކިހިނެއްތަ އަހަންނަށް ބުނަން ކެރޭނީ ބައެއްގެ ދިރިއުޅުން ރޫޅިދާނެތީވެސް.. އެކަމަކު އަހަންނަށް ޔަޤީން އަހަރެންގެ ދިރިއުޅުން ރޫޅިގެން ނުދާނެކަން."

ޔަޝްމީ ގެނެސް މޭގައި ޖައްސާލަމުން ހާރޫން ބުނެލިއެވެ. އެއާއިއެކު ޔަޝްމީ ބާރުބާރަށް ދުރަށް ޖެހިލިއެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.

(ނިމުނީ)