ކުރީގެ އަދަދާއިގުޅޭ،

" އަހަރެން ރުހިގެން ހުންނާނެތަ؟ އަހަރެން ވަރަށް އެއްޗެހި ގޮވިން އޭނައަށް.. އޭނަ ފަހުން ކިޔަމުން ދިޔައީ އޭނަ ލައިކްވާ ވާހަކަ.. ކިހިނެއްތަ އަހަންނަށް ބުނަން ކެރޭނީ ބައެއްގެ ދިރިއުޅުން ރޫޅިދާނެތީވެސް.. އެކަމަކު އަހަންނަށް ޔަޤީން އަހަރެންގެ ދިރިއުޅުން ރޫޅިގެން ނުދާނެކަން."

Ad
rt

ޔަޝްމީ ގެނެސް މޭގައި ޖައްސާލަމުން ހާރޫން ބުނެލިއެވެ. އެއާއިއެކު ޔަޝްމީ ބާރުބާރަށް ދުރަށް ޖެހިލިއެވެ. އޭރު ޔަޝްމީގެ މޫނުމަތީގައިވަނީ ހިތާމައިގެ އަސަރުތަކެވެ. އެހެންކަމުން ހާރޫންގެ ހިތް ވަރަށް ބޮޑަށް ނުތަނަވަސްވިއެވެ.

" ކުރީ ދުވަހެއްގައި އަހަރެން އަހަންވެސް އެހިން... އެއްވެސް އަންހެނެއްގެ ގައިގައި... "

" އަހަރެން ދޮގު ހެދީއޭ ބުނަންތަ ތިއުޅެނީ؟ "

ޔަޝްމީ ބުނަން އުޅުނު ޖުމްލަ މެދުކަނޑާލަން ޖެހުނީ ހާރޫން ވާހަކަ ދައްކަން ފެށުމުންނެވެ.

" އެއީ އަހަރެން ގަސްތުގައި ކުރި ކަމެއް ނޫން. އެހެން ނޫނަސް އަހަރެން ރަނގަޅަކަށް ހޭވެރިކަމެއްނުވެ! އޭނަގެ ގައިގައި އަތްލެވުނު ކަމުގެ އެއްވެސް އަސަރެއްނެތް.. އަނެއްކާ އޭނަ އޭރުވެސް އަހަންނާމެދު ދެކެމުން އަންނަ ގޮތުން ދުވަހަކަށްވުރެ ދުވަހެއް އަހަރެން އޭނަދެކެ ފޫހިވި.. ދެން ކޮބާ މައްސަލައަކީ؟ އަހަރެން އޭނައާ ލައިކްވީ ނަމަތާ ތިގޮތަށް ވާހަކަ ދައްކަން ޖެހޭނީ"

ޔަޝްމީގެ ދެކޮނޑުގައި ހިފާލަމުން ހާރޫން ވާހަކަ ދެއްކީ އޭނާއަށް ވިސްނައިދިނުމުގެ ގޮތުންނެވެ. އެހާމެ އޯގާތެރިކަމާއެކުއެވެ. ޔަޝްމީގެ ބޮޑު ދެލޮލަށް ހާރޫން ބަލައިލުމާއެކު ޔަޝްމީ އިސްޖަހާލިއެވެ.

" އެކަމަކުވެސް ބިރުގަތީ.. ހާރޫން އަހަރެންގެ ޙަޔާތުން ބީވެދާކަށް އަހަރެން ދުވަހަކުވެސް ނޭދެން.."

ހާރޫންގެ ގައިގައި ބައްދާލަމުން މަޑުމަޑުން ޔަޝްމީ ބުނެލިއެވެ. ޔަޝްމީގެ ބޮލު މެދުގައި ދަތްދޮޅި ޖައްސާލަމުން ހާރޫން ޔަޝްމީގެ ގައިގައި ހިފާ ބާރުކޮށްލިއެވެ.

" އަހަރެން ބޭނުންވަނީވެސް ހަމަ ތިޔަކަހަލަ އަނތްބެއް.. ދުވަހަކުވެސް އަހަރެންގެ ހިތް ތި ނޫން މީހަކަށް ނުލެނބޭނެ! އަހަންނަށް ހަމަ ޔަޤީން"

ލޯތްބާއިއެކު ހާރޫން އެހެން ބުނެލުމުން ޔަޝްމީއަށް ހިނިތުންވެލެވުނެވެ.

***

އެނދުމަތީގައި ބަންޑުން އޮވެ ޖާވިދް ވިސްނަމުން ދިޔައެވެ. ޝަހާނާގެ ހަނދާންތަކާއި އަސަރުތައް އޭނާގެ ހިތުން އަވަހަކަށް ފިލައިގެން ނުދާނެކަން ޖާވިދަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް ޝަހާނާ ކަންތައް ކުރިގޮތުން ޖާވިދު އޭނާއަށް ނަފްރަތު ކުރެއެވެ. މަޑުމަޑުން އޭނާގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށީ، ޖާވިދްގެ ލޯބީގައި ކޮޅުފައިން ޖަހައި، އޭނާ އިތުރު މީހަކު ބޭނުންވީކަން ހަނދާން ވުމުންނެވެ. އަދި ބޭވަފާތެރިވެ، އޭނާ ކުރި ނުބައި ޢަމަލު ހިތަށް އެރުމުންނެވެ. ޝަހާނާދެކެ ޖާވިދް ވީ ލޯބި، ދުވަހަކުވެސް އެހެން މީހަކު ދެކެ ނުވެވޭނެކަން ޖާވިދް ޤަބޫލު ކުރެއެވެ. އެހެންކަމުން ދެން އިތުރު ޙަޔާތެއް ފަށާނެ ހިތްވަރުވެސް އޭނާގެ ނެތް ކަހަލައެވެ.

" ޖާވިދް! ޖާވިދް"

ބާރުބާރަށް ފާއިޒާ ދޮރުގައި ތަޅައިގަތް އަޑަށް ފުންމައިގެން ގޮސް ޖާވިދް ދޮރު ހުޅުވިއެވެ. އޭރު ފާއިޒާ ހުރީ ނުހަނު ކަންބޮޑުވެފައެވެ.

" ޝަހާނާ ޞިއްޙީމަރުކަޒަށް ގެންގޮއްސިޔޯ! މިހާރު އަތޮޅު ހޮސްޕިޓަލަށް ފޮނުވާލަން އުޅޭ ވާހަކަ އަޑުއަހައިފިން.."

ފާއިޒާގެ ޖުމްލައިން ޖާވިދްގެ ހިތް ތެޅިގަތެވެ. އަދި އޭނާއަށް ވަރަށް ބޮޑަށް އަސަރުވެސް ކުރިއެވެ. ނަމަވެސް ހިތްހަރުކޮށްލުމަށްފަހު، ފަރުވާލެއްނެތް ގޮތަކަށް އޭނާ ދެފަރާތަށް ބޯ ހޫރާލަމުން ކޮޓަރިއަށް ވަނެވެ. އަދި ތަންކޮޅެއް ބާރަށް ވާހަކަ ދައްކަން ފެށިއެވެ.

" މަންމާ! މިހާރު އެއީ އަހަންނާ ބެހޭ މީހެއް ނޫނޭ! އޭނަގެ މައިންބަފައިން ތިބޭނެއެއްނު.. މަންމަވެސް ދެން އޭނަގެ ވާހަކަ ދައްކަން އަހަރެންގާތަށް ނާދޭ! އެ ނަން އަޑުއަހަންވެސް، އަހަރެންގެ ދުލުން ބޭރު ކުރަންވެސް އަހަރެން ބޭނުމެއް ނޫން.."

ޖާވިދްގެ ފަހަތުން ފާއިޒާ ކޮޓަރިއަށް ވަދެ، ޖާވިދްގެ ކުރިމައްޗަށް އަރަމުން ކަންބޮޑުވެފައި ބުންޏެވެ.

" ދަރިފުޅާ! ޝަހާނާ އިނީ ދަރިފުޅުގެ ދަރިޔަކަށް ބަލިވެއޭ! "

ރޮވިފައި ފާއިޒާ އެހެން ބުނުމާއެކު ޝޮކެއް ޖެހޭ ފަދަ ގޮތަކަށް ޖާވިދް، ފާއިޒާއަށް ބަލައިލިއެވެ. އިންތިހާއަށް އޭނާ އެދެމުން ދިޔަ ކަމެއް ޙާޞިލްވީ ކަމުގެ އުފާވެރިކަން ހިތަށް ލިބުމާއިއެކު ހިތް މިލާ މޯޅިވީ މާޔޫސްކަމާއެކުއެވެ. އެހިނދު ޖާވިދްގެ ދެލޮލުން ކަރުނަ ވިދަން ފެށިއެވެ.

" ލޭ ފައިބާތީ ފޮނުވާލަނީ... އަތޮޅު ހޮސްޕިޓަލަށް ގޮއްސަ ސްކޭން ކުރީމަޔޯ އެނގޭނީ ރަނގަޅު ކަމެއްވެސް..."

ފާއިޒާގެ ޖުމްލައިން ޖާވިދަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. ހިންދިރުވާލަމުން އޭނާ ފާއިޒާއަށް ފުރަގަސްދިނެވެ.

" ދެންމެ މިހެން ދިޔަ މީހަކު ބުނީ މަންމަގާތުވެސް. ޝަހާނާގެ މަންމަ ބުންޏޯ މިއަދު ބަނޑުގައި ރިއްސާތީ މަރުކަޒަށް ދިޔައީމައޭ އެނގުނީވެސް.. ޖާވިދަށް އަންގާލަންވެސް ދާކަށް ނުކެރޭނެޔޯ ބުންޏޯ"

ފާއިޒާގެ ވާހަކަތައް އަޑުއަހަން ހުރި ޖާވިދަށް ކޮޅަށް ހުރެވެނީ ކިރިޔާއެވެ. އޭނާ ލަސް ފިޔަވަޅުތަކެއްގައި ގޮސް އެނދުގައި އިށީނދެލީ ބަހެއް ބުނުމެއް ނެތިއެވެ.

" މަންމަ މިދަނީ މަރުކަޒަށް..."

ޖާވިދުގެ ހަމަހިމޭންކަން ފެނި އޭނާއަށް އަސަރުކުރާނެވަރު ހިތަށް އެރުމުން ފާއިޒާ އިންތިހާއަށް ދެރަވިއެވެ. އެހެންކަމުން އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް އޭނާއަކަށް ނުވެސް ކެރުނެވެ. ފާއިޒާ ނިކުތުމާއެކު ޖާވިދުގެ ލޮލުތެރޭގައި ހުރި ކަރުނަތައް ފައިބައިގަތެވެ.

" ޝަހާ ކީއްވެ އަހަންނަށް ތިހާ ބޮޑު އަނިޔާއެއް ތި ދިނީ؟ އަހަރެމެން ދެމީހުންގެ ދަރިފުޅު ދުނިޔެއަށް އައުމުގެ ކުރިން އެ ދަރިފުޅުގެ މަންމައާއި ބައްޕަ ދެތަން ވާން ޖެހިއްޖެ! ޔާﷲ! މަގޭ ދަރިފުޅު ސަލާމަތް ކުރައްވާށި! ސަލާމަތް ކުރައްވާށި! "

އެހިނދު ޖާވިދަށް ގިސްލާ ރޮވެން ފެށުނެވެ. އިންތިހާއަށް އޭނާ އެދަރިފުޅު ބޭނުމެވެ. އެހިނދު އެދަރިފުޅު ހެޔޮޙާލުގައި ލެއްވުން އެދި ހިތާހިތުން ދުޢާ ކުރެވެން ފެށިއެވެ.

" އަހަރެން މިދުވަސް ދެކެން ބޭނުންވި ވަރު ޝަހާއަށް އެނގޭނެ! އެކަމަކު އެ ޚަބަރު ލިބުނު އިރު އަހަރެން މިހުރީ ދަރިފުޅާ މާ ދުރުގައި.... ބައްޕައަށް މަޢާފްކުރޭ ދަރިފުޅު..."

އެނދުން ފައިބައިގެން ޖާވިދަށް ތިރީގައި އިށީނދެވުނެވެ. އޭނާގެ ވިސްނުމާއި ޚިޔާލުތައް ޝަހާނާއާއިއެކު ވީ ނަމަވެސް އެތަނަށް ދާކަށް ހިތެއް ނޭދުނެވެ. އެހެންކަމުން ފާއިޒާ އެނބުރި އަންނަންދެން ޖާވިދް ބޭނުންވީ މަޑުކުރާށެވެ.

***

" އަހަރެން ބޭނުން ގޭގައި ކައްކަން... އަހަރެންގެ ފިރިމީހާއަށް މީރުކޮށް ކައްކާފައި ކާންދޭހިތެއް ނުވާނެތަ؟"

ހާރޫން އައިސް ގެއަށް ވަނުމާއެކު ޔަޝްމީ ބުނެލިއެވެ. އޭރު އޭނާ ހުރީ ކޮފީ މެޝިން ކައިރީގައެވެ.

" އަހަންނަށްވެސް ކޮފީއެއް.."

ވަރުބަލިކަމާއެކު ސޯފާގައި އިށީންނަމުން ހާރޫން ބުންޏެވެ. އެއާއިއެކު ޔަޝްމީ އަވަސް އަވަހަށް ހާރޫންއަށްވެސް ކޮފީއެއް ހެދިއެވެ. އަދި ދެތަށި ހިފައިގެން އައިސް ސޯފާގައި އިށީނެވެ.

" މިއަދު ހާދަ މޫޑު ސަކަރާތްހެން ހީވެޔޭ"

ހާރޫންގެ މޫނަށް ބަލައިލުމަށްފަހު ޔަޝްމީ އެހިއެވެ. އެއާއިއެކު ހާރޫން ގަދަކަމުން ހީލަމުން ބޯ ޖަހާލިއެވެ.

" މިހާރު އަހަރެންގެ މޫޑު ބަދަލުވާކަންވެސް އެނގޭތަ؟ އެހާވަރަށް އަހަންނަށް ސަމާލުކަންދެންދޯ! "

ހާރޫން ތަޢުރީފްކޮށްލުމުން ޔަޝްމީ އިސްޖަހާލީ ލަދުންނެވެ.

" މީހުން ބުނޭދޯ ނޭނގި ވެވޭ ލޯބި މާ ވަރުގަދަ ވާނެޔޭ! "

ދުރަށް ބަލައިލަމުން ޔަޝްމީ އެހެން ބުނުމާއިއެކު ހާރޫންގެ ފޯނު ރިންގްވާ އަޑު އިވުނެވެ. އެހިނދު ކުޑަކޮށް ތެދުވެލާފައި ހާރޫން ޖީބުން ފޯނު ނެގިއެވެ.

" ސައިޑް ކަބަޑުގައި ބަހައްޓާފައި މިއައީ.. އެ ބޭސްތައް ދޭނީ މާދަމާއާ ހަމައަށް! އަހަރެން މިއައީ ބައްޕައަށް ނިދުނީމަ.. ދެން ހޭލީމަ ބޭސް ދީ! "

ހާރޫން އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. އެއާއިއެކު ހައިރާންވެފައި ބައްޕައަށް ކިހިނެއްވީތޯ ޔަޝްމީ ސުވާލު ކުރިއެވެ.

" ލޭގެ ޕްރެޝަރ މަތިވީ! ޑޮކްޓަރަށްވެސް ދައްކާފައި ގެއަށް ގެންގޮސް މިއައީ... ހަފްތާއަކު ދެ ދުވަހު ޗެކް ކުރަން ނަރުހަކު ގެނެވޭކަން ނަސީބޭ ހިތަށް އަރާ.. "

ހާރޫން ދެއަތުން މޫނު ފުހެލިއެވެ. އަދި ކުޑަ މޭޒުމަތީގައި ހުރި ކޮފީތަށި ނެގުމަށްފަހު އެތިފޮދެއް ބޯލިއެވެ.

" ދެން އެވާހަކަ ބާއްވާ! ކީކޭ؟ ކައްކަން ބޭނުންވަނީއޭ! ތިކަން ވެދާނެ ހަމަ... މާދަމާ ހިނގާދޯ އެއްޗެހި ގަންނަން ނިކުންނަން.."

ހާރޫން އެހެން ބުނުމުން ޔަޝްމީ ބޯޖަހާލިއެވެ.

" ދެން އަހަރެމެން ބާރލީއަށް ދާއިރު ބައްޕަގެ ކަންތައްތައް އެހާ ގާތުން ބަލަހައްޓާނީ ކާކު؟ "

ޔަޝްމީ އަހާލިއެވެ. އެއާއިއެކު ހާރޫން ޔަޝްމީއާ ގާތަށް ޖެހިލާ، އޭނާގެ އަތުގައި ހިފާލަމުން ބުންޏެވެ.

" އަހަރެން ވިއެޓްނާމްއަށް ދިޔައިރުވެސް އެގޭގައި ގެންގުޅުނު މީހުން.. އެއީ މަންމައާއި ބައްޕަގެ ހުރިހާ ކަމެއްވެސް ކޮށްދޭ މީހުންނަކީ! ވަރަށް އޯގާތެރި ބައެއް އެއީ.. އަހަރެން ކޮންމެ ދުވަހަކު އެގެއަށް ދާއިރުގައިވެސް ދުވަހަކުވެސް ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް ނުފެނޭ!"

ހާރޫން ހިތްހަމަ ޖެހިފައި ހުރުމުން ޔަޝްމީ އުފަލުން ހިނިތުންވެލިއެވެ.

" މި ހަފްތާ ބޭރަށް ފުރަން އަހަރެން ވަރަށް ގިނަ ކަންތައްތައ އެބަ ނިންމަން... އޭރުން ހަމަޖެހިލައިގެން އެތަނަށް ގޮސް އުޅެވޭނީ. އެހެން ނޫނީ އަބަދުވެސް ޖެހޭނީ ކޮންމެވެސް ފޯން ކޯލެއްގައި ހުންނަން.."

ހާރޫން ބުންޏެވެ. އެވަގުތު ޔަޝްމީ ތަންކޮޅެއް ބާރަށް ހީގަތެވެ.

" އަހަންނަށް އެނގެޔޭ ތިއީ ރިސޯޓެއްގެ އޯނަރުކަން! ފޯންކޯލްތައް އަންނާނެކަން. އެހުރިހާ ކަމަކަށް ކެތްކުރެވޭތޯ ބަލާނަން.."

" ނޫނޭ ނޫނޭ! އަހަރެމެންގެ ޗުއްޓީއަކީ ހަމަ ޗުއްޓީ! އޭރުން އަހަރެންގެ ހުރިހާ ވަގުތެއްވެސް ހަދިޔާކުރާނީ ހަމައެކަނި އަހަރެންގެ ވައިފްއަށް"

ލޯތްބާއިއެކު ހާރޫން ބުނެލިއެވެ. އެއާއިއެކު ޔަޝްމީ ހިނިއައިސް ހުރެ، ޓީވީ އަޅުވާލިއެވެ.

" ޖާވިދަށް ގުޅިންތަ؟ "

ހާރޫން އަހާލިއެވެ. އެއާއިއެކު ޔަޝްމީގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލި ފޫހިކަން ވެރިވީތަން ހާރޫންއަށް ރީތިކޮށް ފެނުނެވެ.

" ނޫން.. އެ ގޮތެއްނެތް އަންހެންމީހާގެ ވާހަކަ އަހަން އަހަރެން ނުގުޅާނަން.. ދޮންބެ މާ ދެރަވާނެ އެކަމާބެހޭ ވާހަކަތައް އަނެއްކާވެސް ދެއްކީމަ.. މަންމަ ބުނި އޭނާ ވަރިކޮށްފައި ފޮނުވާލި ވާހަކަ.. އާނ އެވަރުގެ މީހަކާއެކު އިނދެގެން ނޫޅެވޭނެ"

ޔަޝްމީގެ ރާގުގައިވެސް ވަނީ ނުރުހުންތެރިކަމެވެ. ނަމަވެސް ހާރޫންގެ ވިސްނުމުގައިވަނީ މުޅިން އެހެން ކަމެކެވެ.

" ޝަހާނާގެ ވާހަކައެއް ނޫނޭ ދައްކާނީ! ވަރިކޮށްފައި ފޮނުވާލިއްޔޭ ބުނާއިރު ޖާވިދްގެ ހިތަށް ކުރާނެ އަސަރުތައް އެނގޭތަ؟ އޭނަ ކިހާ ހިތާމައެއް ކުރާނެ! ޝަހާނާ ކިތަންމެ ނުބަޔަސް، އެކަން އެއްކިބައިގަ އޮއްވާ ރޫޅިގެން އެދިޔައީ ޖާވިދްގެ ކައިވެނި! ނަފްސާނީގޮތުންވެސް ކިހާ އަސަރު ކުރާނެ.. އަސްލު މިއަދު ޔަޝްމީވެސް ޖެހޭނެ ޔަޝްމީގެ ދޮންބެއަށް ގުޅައިގެން ވާހަކަ ދައްކަން.. އެހެން ނޫނީ އޭނަ ވިސްނާވިސްނާ ހަލާކުވެދާނެ. "

ހާރޫންގެ ވާހަކަތައް އަޑުއަހަން ޔަޝްމީ އިނީ ނުހަނު ލޯބިން ބަލަހައްޓައިގެންނެވެ. ޔަޝްމީ ބަލަމުންދާ ގޮތުން ހާރޫންވެސް ހިނިތުންވެލިއެވެ.

" މި އުޑު ދަށުން ތިއަށްވުރެ ރަނގަޅު މީހަކު އަހަންނަކަށް ނުލިބޭނެ! އަހަރެންގެ މި ނުވިސްނޭ ސިކުނޑި ހަރުދަނާ ކުރަނީވެސް ހަމަ ހާރޫން! "

ޔަޝްމީ ހާރޫންގެ ގައިގައި ލެނގިލިއެވެ.

" އަހަރެން މިއަދު ދޮންބެއަށް ގުޅާނަން.. ހިތްވަރުވެސް ދޭނަން.."

އަސަރާއިއެކު ޔަޝްމީ ވާހަކަ ދެއްކިއެވެ.

***

" އެސޮރު ނުވެސް ކައި... އަހަރެން ހާދަ ކަންބޮޑުވެޔޭ! "

ފާއިޒާ ވާހަކަ ދެއްކި ޝާކިރާއެވެ. އޭރު ޝާކިރު އިނީ މެންދުރުގެ ކެއުމަށް އިންސާފު ކުރުމުގައެވެ.

" ދެން ދޭބަލަ ގޮވާލަން.. ބުނޭ ބައްޕަ ބުންޏޭ ކާން އަންނާށޭ!"

ޝާކިރު އެހެން ބުނުމުންވެސް ފާއިޒާ އިނީ ނުދާށެވެ. މޭޒުމަތީގައި އަތުރާފައިވާ ކާއެއްޗެއްސަށް ބަލަން އިނދެ ފާއިޒާ ވާހަކަ ދައްކަން ފެށިއެވެ.

" ތަޅުލައިފައި ހުރީ! ޖާވިދު ހަމައަކަށް އެޅެން ވަގުތު ނަގާނެ! އަހަރެމެން އަބަދު ގޮސް އުނދަގޫ ކުރީމަ ކަމަކު ނުދާނެ.. އިރުކޮޅަކުން ދެން ޖޫސްތައްޓެއް ބޮއިތޯ ގޮވާލާނަން"

ފާއިޒާ އެހެން ބުނުމާއެކު، ޖެހިގެން ހުރިގޭ އާބިދާ އައިސް ކާގެ ދޮރުމަތީގައި ހުއްޓުނެވެ. އާބިދާ ފެނުމާއެކު އޭނާ އެއައީ ޚަބަރަކައިގެންކަން ފާއިޒާގެ އިތުރުން ޝާކިރަށްވެސް ޔަޤީންވިއެވެ.

" އެމަންޖެ ބަނޑަށް މިހާރު ދެމަސް ފުރިފަޔޯލަ އިނީ... އަޅެ އެމީހުންނަށް ނުވެސް އެނގޭތަ؟ "

އާބިދާ އެހެން ބުނުމާއެކު ފާއިޒާއަށް ބަލައިލެވުނީ ޝާކިރުގެ މޫނަށެވެ.

" ޝަހާނާއަކީ ޤަވާއިދުން މައްސަރުކަންތައް ޖެހޭ ކުއްޖެއްނޫން. އެހެންވީމަ ނޭނގިދާނެތާ! ކާކުތަ އާބިދާ ގާތު ބުނީ؟"

ފާއިޒާ އެހެން އަހާލުމުން އާބިދާ އެތެރެއަށްވަދެ ގޮނޑިއެއް ދަމާލުމަށްފަހު އިށީނެވެ. އަދި ޝައުޤުވެރިކަމާއެކު އޭނާއަށް އިވުނު އެއްޗެއް ކިޔަމުން ދިޔައެވެ.

" މަ ކުނިބަރޯ އުކާލަން ގޮސް އަންނަނިކޮށް އެ ވަދީފާގެ އެއްބަނޑު އާރިފާ އެވާހަކަ ދައްކާއަޑު އިވިގެން ގާތްކޮށްލީ! މިހާރު ލޭވެސް ނުފައިބަޔޯ! ދަރިފުޅުވެސް ރަނގަޅޯ! "

" އަލްޙަމްދުލިﷲ"

ޝާކިރާއި ފާއިޒާއަށް ޙަމްދު ކުރެވުނީ އެއްފަހަރާއެވެ. އެ ޚަބަރު ޖާވިދަށް ދޭ ހިތުން ފާއިޒާއިނީ އާބިދާ އެތަނުން ނުގޮސްގެންނެވެ.

" މިގޯތި ސޮރުވެސް ކިހާ ދެރަވާނެދޯ! އަޅެ އެމަންޖެ ކުރި ވިޔާނުދާ ކަމަކުން ދިރިއުޅުންވެސް ހަލާކުވީ.. ދެން ބަލިވެ އިނީމަ އަލުން ގުޅިދާނެ ކަންނޭނގެދޯ! އެހެން ނޫނީ ދަރިފުޅަށްވެސް ދެމީހުންގެ ލޯތްބެއް ނުދެވޭނެއެއްނު!"

އާބިދާ ފާއިޒާއަށް ދޯއެއްލުމާއެކު ފަހަތުން އިވުނު އަޑަށް އެންމެންނަށްވެސް ދޮރާއި ދިމާލަށް ބަލައިލެވުނެވެ.

" ދުވަހަކުވެސް އެކަމެއް ދެން ނުވާނެ! އެކަމަކު އަހަރެންގެ ދަރިޔަކަށް އަހަރެންގެ ލޯބި ލިބޭނެ..."

ދޮރުމަތީގައި ހުރި ޖާވިދް ބާރުބާރަށް ބުނެލިއެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.

(ނިމުނީ)