ކުރީގެ އަދަދާއިގުޅޭ،

އެއަޑަށް އަނިދިރިކޮށްފައި އޮތް ސިޓިންގރޫމް މެދުގައި ހުރި ޝަހާނާ، ފަޔަށް ބާރުލައިފައި ގޮސް އޭނާގެ ކޮޓަރި ތެރެއަށް ދެމިގަތެވެ. ދޮރު ތަޅުލުމަށްފަހު އަތުގައި އޮތް ހާރޫންގެ ބޫޓަށް އޭނާއަށް ބަލައިލެވުނީ ވިހަ ހިނިތުން ވުމެއްގައި ހުރެއެވެ.

Ad
rt

އެނދުމަތީގައި އިށީނދެ ޝަހާނާ ހަމަޖެހިލިއެވެ. އަދި ރަބީޢު ފޮނުވާފައި އޮތް މެސެޖް ކިޔަން ފެށިއެވެ.

" ކިޔަވަމުން ދާއިރު ފަހަރެއްގައި އުނދަގޫތަކެއް ކުރިމަތި ވެދާނެ! އެއްވެސް ވަރަކަށް ޖެހިލުން ނުވާތި! "

އެންމެ ފަހު ރޮނގު ކިޔާލުމާއެކު ޝަހާނާ ހިތް ބިރުގަތެވެ. ކަމުގެ ނުރައްކާތެރިކަމާއި ނުބައިކަން އެހިސާބުން އޭނާގެ ހިތަށް ވަޒަން ކުރެވުނެވެ. ނަމަވެސް ދުނިޔޭގެ އުފަލަށްޓަކައި ހާރޫން ޙާޞިލްކުރަން އޭނާ ހުރީ ތައްޔާރަށެވެ.

***

ތައްޔާރުވެގެން ޔަޝްމީ ނިކުތް އިރު ހާރޫން އިނީ ކޮފީއެއް ހިފައިގެން ސޯފާގައެވެ. ޔަޝްމީ ފެނުމާއެކު ހާރޫން ޝަހާނާގެ ކޮޓަރިއަށް ބަލައިލަމުން ބުނެލިއެވެ.

" ޝަހާނާ އަދިވެސް ނުނިކުމޭ! މިހާރު ލޯންޗް އޮންނާނީ ރެޑީގައި! "

ހާރޫން އެހެން ބުނުމުން ޔަޝްމީ އަވަސް އަވަހަށް އެދިމާލަށް ހިނގައިގަތެވެ.

" އަނެއްކާ ހޭ ނުލެވުނީބާ؟ "

ޝަހާނާގެ ކޮޓަރި ދޮރުގައި ދެފަހަރަކު ޖަހާލަމުން ޔަޝްމީ ހާރޫންއަށް އިވޭ ވަރަށް ބުންޏެވެ. ޝަހާނާގެ ޚަބަރެއް ނުވުމުން ޔަޝްމީ ތަންކޮޅެއް ބާރަށް ޖަހާލިއެވެ.

" ދައްތާ! ދައްތާ! "

ދުރުގައި ހުރި ހާރޫންއަށް ބަލައިލަމުން ޔަޝްމީ ދެކޮނޑު އަރުވާލީ އެތެރެއިން އެއްވެސް ހިލަމެއް ނުވުމުންނެވެ. އެންމެ ފަހުން ޝަހާނާ އެއްވެސް ޖަވާބެއް ނުދިނުމުން ޔަޝްމީ ގޮސް ހާރޫން ގާތު މަޑުކޮށްލިއެވެ. ވަގުތަކީ ޖާވިދް ޔަޝްމީގެ ފޯނަށް ގުޅި ވަގުތެވެ.

" އަހަރެމެންވެސް މިތިބީ ހަބަރެއް ނުވެގެންނޭ! އާނ! އޯކޭ މިދަނީ ހުޅުވާލަން"

ޖާވިދްގެ ފޯނު ކަނޑާލި އިރު ޔަޝްމީގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފެންނަން ހުއްޓެވެ.

" ދޮންބެ ބުނީ ވަރަށް އިރު ވެއްޖެޔޯ ގުޅަނީވެސް.. ޑަބަލް ތަޅުދަނޑިން ހުޅުވާށޯ ބުނީ.. އަހަރެން މި އަންނަނީ އިނގޭ"

ހާސްވެފައި ހުރެ ޔަޝްމީ ބާރު ބާރަށް ހިނގައިގަތެވެ. ތަޅުދަނޑި ހިފައިގެން އައިސް ޝަހާނާގެ ކޮޓަރި ތަޅަށް ތަޅުދަނޑި ޖަހާލުމުން ހާރޫންވެސް ތެދުވެގެން އެދިމާލަށް ހިނގައިގަތެވެ.

ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ޔަޝްމީގެ ދެލޯ ދިޔައީ ބޮޑު ވެގެންނެވެ. އެތެރެއަށް ވަންނަން ނުކެރި ހުރެ، އޭނާ އަވަސް އަވަހަށް އަތުގެ އިޝާރާތުން ހާރޫންއަށް ގޮވިއެވެ. އެއާއިއެކު ހިނގުން ބާރުކޮށްލުމަށްފަހު ހާރޫން އައިސް ހުއްޓުނީ ޔަޝްމީގެ ފަހަތުގައެވެ. ފަސްއެނބުރި ޔަޝްމީއަށް ހާރޫންގެ މޫނަށް ބަލައިލެވުނީ ނުހަނު ހާސްކަމާއިއެކުއެވެ. އޭރު ސޯފާގައި އޮތް ޔަޝްމީގެ ފޯނުވެސް ރިންގް ވަމުންދާ އަޑު އިވެއެވެ.

" ދައްތާ؟! "

ދޮރުމަތީގައި ހުރެ ޔަޝްމީ ގޮވާލިއެވެ. އެނދު ބިއްދަށުގައި ޝަހާނާ އިނީ މުޅި ގައިގައި ބެޑްޝީޓް އޮޅައިގެންނެވެ. ޔަޝްމީގެ އަޑަށް އޭނާ ބެޑްޝީޓް ތިރިކޮށްލުމަށްފަހު ޔަޝްމީއަށް ބަލައިލިއެވެ.

" ޔަޝްމީ؟ އަހަރެން.. އަހަރެން ސަލާމަތްކޮށްދީ! "

ރޮވިފައި ޝަހާނާ އެހެން ބުނެލުމުން ޔަޝްމީއަށް ލިބުނީ ހައިރާންކަމެވެ.

" ދޭބަލަ ޝަހާނާ ކައިރިއަށް.."

ޔަޝްމީގެ ފަހަތުގައި ހުރެ ސިއްރުސިއްރުން ހާރޫން އެހެން ބުނެލުމުން ކަންބޮޑުވެ ހުރެ ޔަޝްމީ މަޑުމަޑުން އެތެރެއަށް ވަނެވެ. ފަހަތުން ހާރޫންވެސް ވަނެވެ.

" ދައްތައަށް ކިހިނެއްތަ ވީ؟ "

އެނދު މަގަތުގައި އިށީންނަމުން ޔަޝްމީ އަހާލިއެވެ. އެއާއިއެކު މުޅި ކޮޓަރި ތެރެއަށް ޝަހާނާ ނަޒަރު ހިންގާލީ ބިރެއް ފެނިގެން ކަހަލަ ގޮތަކަށެވެ.

" އަހަރެން މަރާލަން މީހަކު އެބައުޅޭ! އަހަރެން ސަލާމަތްކޮށްދީ! "

ގައިގައި އޮޅާފައި އޮތް ބެޑްޝީޓް ނަގަމުން ޝަހާނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

" އަހަރެން ބިރުގަންނަނީ! އަހަރެން ބިރުގަންނަނީ! ކޮންމެވެސް މީހަކު އަހަރެން މަރާލަން އުޅޭހެން ހީވަނީ.. އަހަރެން ރަށަށް ދާން ބޭނުން "

" ކާކުތަދެން މިތަނަށް ވަންނާނީ! ދައްތައަށް ހުވަފެނެއް ފެނުނީ ކަމަށްވާނީ! އަހަރެން އެބަ އަންނަން ފެންތައްޓެއް ހިފައިގެން"

ޝަހާނާގެ މޫނުމައްޗަށް ފައިބައިފާ ހުރި އިސްތަށިތައް އެއްފަރާތް ކޮށްލުމަށްފަހު ޔަޝްމީ ތެދުވޮއެވެ. އެވަގުތު ޔަޝްމީގެ ފައިގައި އެއްޗެއް ޖެހުމުން އޭނާއަށް ތިރި ބަލައިލެވުނެވެ. އަވަސް އަވަހަށް ޔަޝްމީ ގުދުވެލާފައި އެ ބޫޓު ކިބަ ނެގި އިރު އޭނާގެ މޫނުމަތީގައިވަނީ ހައިރާންކަމުގެ އަސަރުތަކެވެ.

" ހާރޫންގެ ބޫޓު.. މިކޮޓަރީގައި؟ "

ހާރޫންއަށް ބޫޓު ދައްކާލަމުން ޔަޝްމީ އަހާލިއެވެ. އެހިނދު ހާރޫންއަށްވެސް ލިބުނީ ބޮޑު ސިހުމެކެވެ. އޭނާގެ ބޫޓު ޝަހާނާގެ ކޮޓަރީގައި އޮންނަންވީ ސަބަބެއް އޭނާއަކަށްވެސް ނުވިސްނުނެވެ. އޭރުވެސް އިސްޖަހައިގެން އިނދެ ޝަހާނާ ދިޔައީ ރޮމުންނެވެ.

" އަހަރެން ނުގެންނަން..."

ބޫޓުގައި ހިފަމުން ހާރޫން އެހެން ބުނެލުމާއެކު ޔަޝްމީއަށް ބަލައިލެވުނީ ޝަހާނާއާ ދިމާލަށެވެ.

" ދައްތާ! ހުއްޓާލަބަލަ! އަހަރެން މިހާރު އެބަ ބިރުގަނޭ..."

ޔަޝްމީ ގޮސް އަނެއްކާވެސް އިށީނީ ޝަހާނާގެ ފައިލާކޮޅުގައެވެ. ވަގުތަކީ ހާރޫންގެ ފޯނަށް ޖާވިދް ގުޅި ވަގުތެވެ. އެއާއެކު ހާރޫން ޔަޝްމީއަށް ފޯނު ދިއްކޮށްލިއެވެ.

" ޖާވިދް... ކީކޭ ބުނާނީ؟"

ހާރޫން އެހެން ބުނުމުން ޔަޝްމީ ފޯނުގައި ހިފިއެވެ. އޭރުވެސް ހުއްޓައިނުލާ އިނދެ ޝަހާނާ ގިސްލަމުން ދިޔައެވެ.

" ދޮންބޭ!."

ޔަޝްމީ އެހެން ބުނުމާއެކު ޝަހާނާ އެފޯނު ޖަހައިގަތެވެ. އަދި ރޮއިގަނެފައި ޖާވިދަށް ގޮވިއެވެ.

" ޖާ...ވިދް! އަހަރެން ބަލައި އާދޭ! ހެޔޮނުވާނެ އަހަރެން މިތަނުން ގެންދޭ.. އޭނަ އަހަރެން މަރާލާނަމޯ"

އެހިސާބަށް ބުނެވުމާއެކު ޔަޝްމީ ގޮސް ޝަހާނާގެ ގައިގައި ހިފަހައްޓާ އޭނާގެ ބޮލުގައި ފިރުމަމުން ދިޔައެވެ. އެމަންޒަރުތައް ބަލަން ހުރި ހާރޫންއަށް ފުންކޮށް ވިސްނެމުން ދިޔައެވެ.

" ޖާވިދް! ހަމަޖެހިލާ! އަހަރެން އިރުކޮޅަކުން އެބަ ގުޅަން.. ޝަހާނާ ހަމައަކަށް އެޅުނީމަ އަހަރެމެންނަށް އެއްޗެއް އެހޭނީވެސް.."

ޔަޝްމީގެ އަތުން ފޯނު ނެގުމަށްފަހު ހާރޫން ވާހަކަ ދެއްކީ ޖާވިދާއެވެ. އޭރު ވަރުބަލިކަމާއެކު ޝަހާނާގެ ދެލޯވެސް މެރެނީއެވެ.

" މި ބޫޓު މިތަނަށް ވަންނަންވީ ގޮތެއް ނޭނގޭތީ އަހަރެން ވަރަށް ކަންބޮޑުވޭ!"

ޖީބަށް ފޯނު ޖަހާލަމުން ހާރޫން ބުންޏެވެ. އެއާއިއެކު ކުއްލިއަކަށް ޝަހާނާ ދެލޯ ހުޅުވާލުމަށްފަހު ޔަޝްމީއާ ދުރަށް ޖެހުނެވެ.

" އަހަންނަކަށް ނޭނގެ! އަހަންނަކަށް ނޭނގެ! އަހަރެން ބޭނުމީ އަވަހަށް ރަށަށް ދާން.. ޖާވިދް ގާތަށް ދާން.. އަހަރެން ގެންގޮސްދީ! ހެޔޮނުވާނެ.. އަހަރެން ގެންގޮސްދީ! "

ޝަހާނާ ރޮވިފައި އިނދެ ކިޔަމުން ދިޔައެވެ. އެހެންކަމުން ހާރޫން ނިންމީ ޝަހާނާ ގޮވައިގެން ހާރޫންއާއި ޔަޝްމީވެސް އެރަށަށް ދާށެވެ.

***

ޖާވިދް އިންތިޒާރު ކުރަމުން ދިޔައީ ލޯންޗް އަންނާނެ ވަގުތަކަށެވެ. ޝަހާނާއަށް ވެގެން އުޅޭ ގޮތެއް ނޭނގޭތީ ޖާވިދްގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.

" ބައްޕާ! މަންމަ ކޮބައިތަ؟ ހެނދުނު ބޭރަށް ދިޔަ ގޮތަށް އަދިވެސް ނާދޭ!"

ޖާވިދް އެހެން ބުނުމުން ޝާކިރު ބަލައިލީ އަތުކުރީގައި އަޅާފައި އޮތް ގަޑިއަށެވެ.

" އާނ! މަންމަ ނައިސްގެން ބައްޕަވެސް މި ހުންނަނީ މިސްކިތް ދޮށަށް ނުދެވިފައި! ދަރިފުޅާ މިހާރު އެ ލޯންޗް އަންނަން އުޅޭނެއެއްނު.. ދާންވީއެއްނު ބަނދަރު މައްޗަށް"

ޝާކިރު ބުނެލިއެވެ. ލަސްކުރާކަށް ޖާވިދުވެސް ބޭނުމެއް ނުވިއެވެ. އަތުން ބޯ އޮމާންކޮށްލަމުން އޭނާ ހިނގައިގަތެވެ. ޖެޓީއާ ހަމައަށް ދެވުނު އިރު ލޯންޗް ވައްދާތަން ފެނުނެވެ. އެއާއިއެކު ޖާވިދްގެ ހުރިހާ ހިއްސެއް އެއްފަހަރާ އެދިމާލަށް ހުއްޓުނު ކަހަލައެވެ. ޝަހާނާ ދެކޭހިތުން އޭނާ ހުރީ ކެތްމަދު ވެފައެވެ. ޝަހާނާއަށް ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން އިންތިހާއަށް އޭނާ ހުރީ ބޭނުންވެފައެވެ.

***

ހިނގާފައި އައި މަގުމަތީގައިވެސް ޝަހާނާ އަނގައިން ބަހެއް ނުބުނެއެވެ. ހާރޫންގެ އެދުމަށް ޖާވިދްވެސް ހުރީ މަޑުމަޑުންނެވެ. އެއްވެސް ވާހަކައެއް ނުދައްކައެވެ. ލަސް ހިނގުމެއްގައި ގޮސް އެންމެންނަށް މަޑުކޮށްލެވުނީ ގޯތި ތެރޭގައި ހުރި ގަސްދޮށުގައެވެ. އެއާއިއެކު ޖޯލީގައި އިން ޝާކިރު އަވަސް އަވަހަށް ތެދުވިއެވެ.

" އަނހަ! މަންމައަށް އެ އާދެވުނީ އަދި ކިރިޔާ! އަޅެ ފާއިޒާ ހާދަ ލަހަކުން ތިޔަ އައީ؟ މިކުދިންނަށް ޖޫހެއް އެއްޗެއްވެސް ތައްޔާރުކޮށްލަން އައީއެއްނޫން.."

ހިތްހަމަ ނުޖެހޭ ރާގެއްގައި ޝާކިރު އެހެން ބުނުމާއެކު ފާއިޒާ ފުންނޭވާއެއް ދޫކޮށްލިއެވެ.

" ކިހިނެއް އާދެވޭނީ؟ އެ ނާއިފް ސަކަރާތް ވެގެން... އެގޭދަށުގައި މަޑުކުރީ.."

ފާއިޒާގެ ޖުމްލައިން ޝަހާނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާއަށް ހިންދިރުވާލެވުނީ ގަތްބިރުންނެވެ.

" ނާއިފޭ؟ ނާއިފަށް ކިހިނެއްވީ؟"

ޝާކިރު އެހެން އަހާލި އިރު ޔަޝްމީވެސް ހުރީ ޖަވާބު ބޭނުން ވެފައެވެ.

" ނޭނގެ ރޭ ދަންވަރު އެސޮރަށް ކޮންމެވެސް ގޮތެއް ވިއްޔޯ! އެސޮރު މަރާލަން މީހަކު އަންނަނިއްޔޯ ކިޔައިގެން ތެޅިފޮޅުނިއްޔޯ ބިރުން.. އަދިވެސް ހަމަ މޮޔަ ގޮވަނީ.. މިހާރު އެބައުޅޭ ރުޤްޔާ ކުރާ މީހަކު ގެންނަން ވެގެން"

ފާއިޒާ އެއް ނޭވައިން ހުރިހާ ވާހަކައެއް ދައްކާ ނިންމާލި އިރު ޝަހާނާގެ މޫނު ދާހިއްލާ ފޯވެއްޖެއެވެ. އޭނާއަށް ނޭވާވެސް ލެވެނީ ބާރުބާރަށެވެ.

" މަންމައަށް އެހެންވެ ނާދެވުނީ.. ދަރިފުޅުމެން ހިނގާ ފިނި އެއްޗެއް ބޯލަން ދާން.."

ފާއިޒާ ޔަޝްމީގެ ބުރަކަށީގައި އަތް ޖައްސާލަމުން ބުންޏެވެ. އެއާއިއެކު ހާރޫން ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ.

" މަންމަ މިހާރު ކިހިނެއްތަ؟ ކުރިއަށް ވުރެ ރަނގަޅުހެން ހީވޭ"

ހާރޫން އޯގާތެރިކަމާއެކު ވާހަކަ ދެއްކުމުން ފާއިޒާ ނުހަނު އުފަލުން ޝާކިރަށް ބަލައިލިއެވެ.

" އަންހެން ދަރިޔަކަށް ދޫނުކުރާ ފިރެހެން ދަރިއެއް މަށަށް މި ލިބުނީ! ޖާވިދެކޭ ހާރޫނެކޭ އެއްވަރުހަމަ.. މަންމަ މިހާރު ވަރަށް ބޮޑުތަން ރަނގަޅު"

އެއާއިއެކު އެއްލި ކަޅިއަކުން ހާސްވެފައިވާ ޝަހާނާގެ މޫނު ފެނި ފާއިޒާގެ ހިނިތުންވުން ގެއްލުނެވެ. އޭރު ޖާވިދް ވީ ދަބަސްތައް ގެއަށް ލާން ގޮހެވެ.

" ޝަހާނާ!؟ ބަލީތަ ދަރިފުޅު"

ފާއިޒާގެ އަޑު އިވުމާއެކު ޝަހާނާ ދިޔައީ ސިހިގެންނެވެ.

" މަންމާ! ނާއިފް ކިހިނެއްވިއްޔޭ! ނާއިފް މަރާލީތަ؟ ކާކު ނާއިފް މަރާލީ؟"

ފާއިޒާގެ އަތުގެ މުލައްދަނޑީގައި ހިފައި ތަޅުވައި ގަންނަމުން ޝަހާނާ ބިރުން ހުރެ ސުވާލު ކުރަމުން ދިޔައެވެ. އޭރު ޖާވިދްވެސް ބާރު ބާރަށް ގަސްދޮށަށް އާދެއެވެ.

" ނާއިފް މަރައެއްނުލައޭ! އޭނަ މޮޔަ ގޮވަނީ.. ވީ ކަމެއް ނޭނގެ! ދަރިފުޅު ހާދަ ބިރެއް ތި ގަތީ"

ޝަހާނާއާ ބެހޭ އެއްވެސް ވާހަކައެއް ފާއިޒާއަކަށް ޖާވިދް ނާންގައެވެ. އޭރު ޖާވިދްވެސް އައިސް އެހިސާބަށް އަރާ ހަމަވެއްޖެއެވެ. އޭނާ އައިގޮތަށް އައިސް ޝަހާނާގެ އަތުގައި ހިފައިގެން ގެއާ ދިމާލަށް ހިނގައިގަތެވެ.

" ހިނގާބަލަ އިހަށް..."

ޖާވިދްގެ ހަރަކާތްތައް ހުރި ގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ފާއިޒާއަށް އެނގުނެވެ. ޔަޝްމީއާ ހާރޫންގެ މޫނުމަތީގެ ކުލަވަރު ހުރިގޮތުންވެސް އެކަން އޭނާއަށް ޔަޤީން ކުރެވުނެވެ. އެހެންކަމުން ފާއިޒާ ޔަޝްމީއާ ސުވާލު ކުރިއެވެ. މަންމައަށް ސިއްރު ނުކޮށް ޔަޝްމީ ކަންވީގޮތް ކިޔައިދިނެވެ.

" އެހެންތަ؟ ތިއީ ހާދަ އެހެން ކަހަލަ ކަމެކޭ! ހުވަފެނެއް ފެނިގެންވެސް އޭނައަށް އެވަރެއް ނުވާނެދޯ! ބިރުން ސިހިސިހި ހުންނަހެން ޝަހާނާ ހުންނަނީވެސް ދޯ! "

ފާއިޒާ ޖޯލީގައި އިށީނެވެ. ޔަޝްމީވެސް މަންމައާއި ބައްޕަގެ މެދުގައި އިށީނެވެ. އެވަގުތު ޖީބުން ފޯނު ނަގަމުން ހާރޫން ޔަޝްމީއަށް ބަލައިލިއެވެ.

" އެ ލޯންޗުން އަހަރެމެން ދާންޖެހޭނެ! މާދަމާ ވަރަށް ޚާއްސަ މީޓިންގއެއްވެސް އޮންނާތީ މިފަހަރު މަޑުކުރެވޭކަށް ނެތް ބައްޕާ! "

ޝާކިރަށް ބަލައިލަމުން ހާރޫން ބުންޏެވެ. އެއާއިއެކު ޔަޝްމީވެސް ފާއިޒާގެ އަތުގައި ހިފާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

" އެއީ ތެދެއް މަންމާ! އަހަރެމެން މިއައީވެސް ދައްތަ އެގޮތަށް އުޅޭތީވެ އެކަނި ފޮނުވަން ނުކެރިގެން.. ހާރޫން ފްރީ ދުވަސްވަރެއްގައި އަދި އަންނާނަން"

ފާއިޒާއަށް ބަލައިލެވުނީ ޝާކިރުގެ މޫނަށެވެ. އެވަގުތު ޝާކިރުވެސް ލުއިގޮތަކަށް ހިނިތުންވެލިއެވެ.

" ދެން އެކުދިން އަދި އަންނާނެޔޭ! އެހާ ވަރަށް ކަންބޮޑު ނުވެބަލަ ފާއިޒާ! "

ޝާކިރު ބުންޏެވެ. އެހިނދު ހާރޫންއަށްވެސް ހިނިތުން ވެލެވުނެވެ.

****

ޝަހާނާ އެނދުގައި ބައިންދައިގެން ޖާވިދަށް އެތައް ބައިވަރު ސުވާލުތަކެއް ކުރެވުނެވެ. ނަމަވެސް ޝަހާނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭނާ ހަމަ އިސްޖަހާލައިގެން އިން ގޮތަށް އިނީއެވެ.

" ޝަހާއަށް ވާ ގޮތް ކިޔައިދީބަލަ ހެޔޮނުވާނެ! ބިރުގަންނަންވީ ސަބަބެއްވެސް އޮންނާނެއެއްނު.. އެންމެ ފަހަރަކުވެސް ބުނެބަލަ ހުވަފެނެއް ފެނުނިއްޔޭ! "

ޖާވިދްގެ ފަހު ޖުމްލައިން ޝަހާނާ އިސް އުފުލައި ބަލައިލިއެވެ. އަދި ބިރުން އިނދެ ދެފަރާތަށް ބޯ ހޫރަން ފެށިއެވެ.

" ނޫން.. ނޫން،،. އެއީ ހުވަފެނެއް ނޫން.. އަހަރެން އިނީ ހަމަ ހޭލާ! ކުއްލިއަކަށް ކުރިމައްޗަށް އަރާފައި ބުނީ މަރާލާނަމޭ! ދެން ގެއްލުނީ.. ކަޅު ހިޔަންޏެއް.. އެއީ ކަޅު ހިޔަންޏެއް.. އޭނަ އަހަރެން މަރާލާނެ"

ޝަހާނާ ބިރުން އިނދެ ފުންމައިގެން ޖާވިދްގެ ގައިގައި ތަތްވެގަތެވެ. ޖާވިދް ޝަހާނާގެ ބުރަކަށީގައި ފިރުމަމުން ދިޔައީ އޭނާއަށް ނަޞޭޙަތް ދެމުންނެވެ.

" އަވަހަށް ނަމާދުކޮށްލަން އުޅޭ! އޭރުންވެސް ވަސްވާސްތައް ފިލައިދާނެ! އަހަރެން މިހުރީނު ޝަހާ ގާތު.. އަހަރެން އަބަދުވެސް ޝަހާއާ އެކުގައި ވާނަން"

ޖާވިދް އެހެން ބުނުމުން ޝަހާނާއަށް ދެލޯ ހުޅުވާލެވުނެވެ. އެއާއިއެކު ތުން ފިތި، އޭނާއަށް އަނެއްކާވެސް ރޮވިއްޖެއެވެ.

" އަހަރެން ދޫކޮށްފައި ޖާވިދް ދާނެ! އެދުވަސް މާ ދުރެއް ނޫން.."

ޝަހާނާގެ ޖުމްލައަށް ޖާވިދް މާ ބޮޑު ސަމާލު ކަމެއް ނުދިނެވެ. އޭނާ ޝަހާނާގެ ބުރަކަށީގައި ފިރުމާލަ ފިރުމާލަ އިނީއެވެ. އިސާހިތަކު ޝަހާނާއަށް ނިދިއްޖެއެވެ.

***

ނިދިން ހޭލެވުނު އިރު ޖާވިދެއް ނެތެވެ. އެހެންކަމުން ޝަހާނާ އަވަސް ވެގަތީ ރަބީޢުއަށް ގުޅާށެވެ. ރަނގަޅަށް ނިދާލެވުމުން ކޮންމެވެސް ވަރަކަށް ޝަހާނާގެ ސިކުނޑިއަށް ލުއި ލިބުނު ކަހަލައެވެ. ރަބީޢުގެ ނަންބަރަށް އެތައް ފަހަރަކު ޝަހާނާ ގުޅިއެވެ. ނަމަވެސް އިވެނީ ހަމަ އެންމެ ޖުމްލައެއްގެ އަޑެވެ. އެއީ މިހާރު ބޭނުން ކުރާ ނަންބަރެއް ނޫނެވެ. ހަދާނެ ގޮތް ހުސްވުމުން އޭނާ ބޭނުންވީ ނާއިފްއާ ބައްދަލު ކުރާށެވެ. ނަމަވެސް އިސާހިތަކު ޚިޔާލަށް އައީ ފާއިޒާ ދެއްކި ވާހަކަ ތަކެވެ. އެހެންކަމުން އޭނާ ބޭނުންވީ ބޭރަށް ނުގޮސް ގޭގައި މަޑުކުރާށެވެ.

***

" ދޮންބެ ބުނީ މިހާރު ދައްތަ ހަމައަކަށް އެޅިއްޖެޔޯ! އެކަމަކު އަދިވެސް ފާޚާނާއަށްވެސް ވަންނާކަށް ނުކެރެޔޯ އެކަންޏެއް! ވަރަށް ބިރުންނޯ ހުންނަނީ އަދިވެސް.. އަސްލު އެވީ ކިހިނެއްބާ؟ "

ކާރަށް އެރުމަށްފަހު ޔަޝްމީ ބުންޏެވެ. އެއާއިއެކު ހާރޫން ދެކޮނޑު އަރުވާލީ އެކަމާ ބެހޭގޮތުން އޭނާއަށްވެސް އެއްޗެއް ބުނަން ނޭނގޭތީއެވެ.

" އަހަންނަށް ވިސްނެނީ އެންމެ ކަމެއް.. އަހަރެންގެ ބޫޓު އެ ކޮޓަރިއަށް ދާންވީ ގޮތެއް ނޭނގެނީ"

ހާރޫންގެ ޖުމްލައިން ޔަޝްމީއަށްވެސް އެކަމާމެދު ވިސްނެން ފެށުނެވެ. އެހެން ކަމުން އޭނާއަށްވެސް އިތުރަށް އެއްޗެއް ބުނާކަށް ނޭނގުނެވެ.

" އެއީ އަހަރެން ރެކްގައި ބެހެއްޓި ބޫޓެއް! އެކަމާ ވިސްނެން ފެށީމަ ވަރަށް އުނދަގުވެސް ވޭ! "

ހާރޫން އިތުރު ކޮށްލިއެވެ. އެއާއިއެކު ޔަޝްމީ، ހާރޫންގެ ކޮނޑުގައި ބޯ ޖައްސާލިއެވެ.

" ދެން އެކަމާ ނުވިސްނާ! ވެދާނެ ދައްތަގެ ފައިވާންތައް ފޮއްޓަށް އަޅަން ގެންދިޔަ އިރު ގެންދެވުނީ ކަމަށްވެސް.. ދެން އެކަމާ އަޅައިނުލާބަލަ"

އެކަމާ ވިސްނަން ޔަޝްމީ ބޭނުން ނުވާކަން އެނގުމުން ހާރޫން ބުނެލިއެވެ.

" އޯކޭ ދެން މެޑަމް ބޭނުންވާ ގޮތަށްދޯ ހުރިހާކަމެއްވެސް ކުރެވޭނީ.. އެންމެ ރަނގަޅު.. އަހަރެން އެކަމަކާ ދެން ނުވިސްނާނަން.. އެކަމަކު ވިސްނަންޖެހޭ އިތުރު ކަމެއް އަދި އެބައޮތް"

ހާރޫން އުފާވެރި ރާގަކަށް އެހެން ބުނުމާއެކު ޔަޝްމީ ބޯ ހިއްލައި ބަލައިލިއެވެ. އަދި ނުވިސްނޭ ފަދަ ގޮތަކަށް ދެބުމަ ހިއްލައިލީ ހާރޫންގެ ފަރާތުން ޖަވާބު ބޭނުންވެގެންނެވެ.

" ޔަޝްމީ އެންމެ ދާން ބޭނުންވާ ޤައުމު ބުނެބަލަ! "

ހާރޫން އެހެން ބުނެލުމާއެކު ޔަޝްމީގެ ދެލޮލާއިއެކު އަނގަވެސް ތަންމިނަށް ހުޅުވުނެވެ.

" ދެން.. ތިވަރު ވާކަށް ނުވާނެ އެއްނު.. ބުނެބަލަ"

ހާރޫން ޔަޝްމީގެ ކޮލުގައި ހިފާލަމުން ބުންޏެވެ. އެވަގުތު ޔަޝްމީ ވިސްނާލުމަށްފަހު ވާހަކަ ދެއްކިއެވެ.

" އިންޑިޔާ"

ޔަޝްމީގެ ޖަވާބުން ހާރޫން ބާރުބާރަށް ހޭންފެށިއެވެ. ހާރޫން އެހާވަރަށް ހޭތީ، ޔަޝްމީ ލަދުގަންނަ ގޮތްވިއެވެ. އެހެންކަމުން އޭނާގެ މޫނުމަތީގައިވާ ހިނިތުންވެސް ފިލައިގެން ދާކަށް މާ ގިނަ އިރެއް ނުނެގިއެވެ.

" އަހަރެން އަދި ނުދަމޭ އިންޑިއާ އަކަށް"

ޔަޝްމީ މަޑުމަޑުން ބުނެލިއެވެ. އެވަގުތު ހާރޫން ޔަޝްމީގެ އަތުގައި ހިފާލަމުން ވާހަކަ ދައްކަން ފެށިއެވެ. އޭރުވެސް އޭނާއަށް ކޮންމެވެސް ވަރަކަށް ހެވެއެވެ.

" ހަމަ އިންޑިއާއަށްތަ ދާހިތްވަނީ؟ އަހަރެންގެ ލޯބިލޯބި ވައިފް ގޮވައިގެން އެންމެ ދާހިތްވަނީ ބާރލީއަށް! "

ހާރޫން އެހެން ބުނުމުން ޔަޝްމީ ނުރުހިފައި ބަލައިލިއެވެ. އޭރު ގެއާ ހަމައަށްވެސް އާދެވިއްޖެއެވެ.

" އަހަންނަކަށް ނޭނގެ ތީގެ ޤައުމެއް އޮންނަ ކަމެއްވެސް.. އެހެން ނޫނަސް އަބަދުވެސް އަހަންނަށް އަޑުއިވެނީ ލަންކާ އިންޑިއާގެ ވާހަކަ.. އަހަންނަކީ ރަށްފުށުގައި ބޮޑުވި ކުއްޖެއް... ހާރޫންގެ ފެންވަރެއް ނޫން އަހަރެންގެ ހުންނަނީ.. އެހާ ވަރަށް އަހަންނަށް މަލާމާތް ކުރީމަ ވަރަށް ދެރަވެއްޖެ"

ޔަޝްމީ ވާހަކަ ދެއްކީ ލިފްޓަށް އެރުމަށް ފަހުގައެވެ. ޔަޝްމީ ދެރަވިކަން އެނގުމުން ހާރޫން ވަރަށް ކަންބޮޑު ވެއްޖެއެވެ.

" އޭ ސީރިއަަސް ނުވައްޗޭ! އެއީ އަހަރެން ޔަޝްމީ ދަށްކޮށްލަން ކުރި ކަމެއް ނޫނޭ! ޕްލީޒް ދެން އަހަންނާމެދު ތިގޮތަށް ނުދެކެއްޗޭ! "

ހާރޫން ލޯތްބާއިއެކު ބުނުމުން ޔަޝްމީ ހިނިތުން ވެލިއެވެ. ޔަޝްމީގެ ހިނިތުންވުން ވެގެން ދިޔައީ ހާރޫންއަށް ލިބުނު ހިތްހަމަ ޖެހުމަކަށެވެ.

" ޔެސް! އެހެންވީމަ ބަރލީއަށް ދާން ރެޑީތަ؟ "

ޔަޝްމީ އަވަސް އަވަހަށް ބޯ ޖަހާލުމާއިއެކު ލިފްޓްގެ ދޮރު ހުޅުވުނެވެ. އެއާއިއެކު އެމީހުންގެ އެޕާރޓްމަންޓް ދޮރުމަތީގައި މުސްކުޅިފުރާ އަންހެނަކު ހުރިތަން ފެނި، ދެމީހުންނަށްވެސް ލިބުނީ ހައިރާންކަމެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.

(ނިމުނީ)