ކުރީގެ އަދަދާއިގުޅޭ،

" ޕްލީޒް.. އަހަންނާމެދު ތިހެން ނުދެކިބަލަ! ޝަހާނާއާމެދު އެފަދަ އެއްވެސް ޝައުޤުވެރިކަމެއް ނެތޭ! ޕްލީޒް ތިހެން ވާހަކަ ނުދައްކާ! "

Ad
rt

ސިއްރުސިއްރުން ހާރޫން އެހެން ބުނެ ތެދުވިއެވެ. އަދި މަޑުކުރުމެއް ނެތި ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެމަންޒަރު ބަލަން ޝަހާނާ އިނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

" ކިހާ ދުވަހަކު ތިހެން އުޅެވޭތޯ ބަލާނަން"

ޝަހާނާއަށް ބުނެވުނެވެ.

***

ރީތިވެލައިގެން ކޮޓަރިން ނިކުތް ޝަހާނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ސޯފާގައި ތިބި ޔަޝްމީއާ ހާރޫންއެވެ. ހާރޫންގެ މޫނުމަތީގައިވާ އުފާވެރިކަން ފެނި، ޝަހާނާއަށް ބޭއިޙްތިޔާރުގައި ރުޅި އާދެވުނެވެ. މޫނުމަތިން އެކަން ނުދައްކާވޭތޯ އޭނާ ގަދަކަމުން ހިނިތުން ވެލަމުން އެދިމާލަށް ދިޔައެވެ.

" ހާދަ އޮލަ ވާހަކައެއްގައި.."

ކުރިމަތީގައި ވަކިން ހުރި ސޯފާ ގޮނޑީގައި އީށީނދެ، އުނގުމަތީގައި ކުޝަން ބާއްވާލަމުން ޝަހާނާ އަހާލިއެވެ. އެއާއެކު ސޯފާއަށް ވެއްޓިގަނެފައި އޮވެ، ޔަޝްމީ ތެދުވެ ހަމަޖެހިލަމުން ވާހަކަ ދެއްކިއެވެ.

" ދޮންބެ ބުނީ މިހާރު އެއްވެސް ބޯޓެއް މާލެއަކު ނޯންނާނެޔޯ "

ޔަޝްމީގެ ޖުމްލައިން ޝަހާނާގެ މޫނުމައްޗަށް އުފާވެރިކަން ވެރިވެގަތެވެ. ރަށަށް ދާން ބޭނުން ނުވެފައި ހުއްޓާ، ލިބުނު ޚަބަރުން ޝަހާނާގެ ހިތް ތެޅިފޮޅިގަތެވެ.

" އެކަމަކު... ހާރޫން ބުނީ ލޯންޗެއްގައި ފޮނުވައިދޭނަމޯ! ދޯ ހާރޫން"

ފޯނާ ކުޅެން އިން ހާރޫންއަށް ދޯ އެއްލަމުން ޔަޝްމީ ބުނެލިއެވެ. އެއާއިއެކު ހާރޫން ޔަޝްމީއަށް ބަލައިލަމުން ބޯ ޖަހާލީ ހެވިފައި އިނދެއެވެ. ސިކުންތު ކޮޅެއްގެ ކުރިން ޝަހާނާއަށް ލިބުނީ ވަގުތީ ހިތްހަމަ ޖެހުމެއްކަން އޭނާއަށް ޔަޤީން ކުރެވުމާއެކު މޫނުމަތީގެ ކުލަވަރު ބަދަލުވެ، ހިތުގައި ރުޅިވެރިކަން ކެކި ގަތެވެ.

" ދެން އެހާ ދުވަސް ވަންޏާ ދޮންބެވެސް ވަރަށް ފޫހިވާނެއެއްނު.. އެހެން ނޫނަސް ދައްތަ ބިރެއްވެސް ނުގަނޭތަ ދޮންބެ އެކަނި އެހާ ގިނަ ދުވަހު ރަށުގައި ބަހައްޓަން..."

މަޖަލަކަށް ހަދާފައި ޔަޝްމީ ބުނެލިއެވެ. އެއާއިއެކު ދެލޯ ކުޑަކޮށްލަމުން ޝަހާނާއަށް ބަލައިލެވުނީ ހާރޫންއާ ދިމާލަށެވެ.

" ހާރޫން އެހާ ގިނަ ދުވަހު މާލޭގައި ބަހައްޓަން ޔަޝްމީވެސް ބިރެއް ނުގަންނަމެއްނު! "

ޝަހާނާ އަޑު ބަރު ކޮށްލަމުން އެހެން ބުނުމުން ޔަޝްމީ ހެވިފައި އިނދެ ހާރޫންގެ މޫނަށް ބަލައިލިއެވެ. އޭރު ހާރޫންއަށް އިނދެވުނީ ޝަހާނާ ކިޔަން އުޅޭ އެއްޗެއް ނޭނގޭތީ ޖެހިލުން ވެފައެވެ.

" އަހަރެން އޭރުވެސް ހާރޫންއަށް ވަރަށް އިތުބާރު ކުރިން.."

ހާރޫންއަށް ބަލަން އިނދެ ޔަޝްމީ ބުންޏެވެ. އެއާއެކު ޝަހާނާ އެއްމިޔަކަނުން ހީލަމުން އެއްފައި މައްޗަށް އަނެއްފައި އެއްލިއެވެ.

" ކޮއްކޯ! އެއްވެސް ފިރެހެނަކަށް ތިހާ ވަރަށް އިތުބާރު ކުރާކަށް ނުވާނެ! އިތުބާރުކޮށްގެން އުޅެނިކޮށް އޭނަ ނުބައި މަގަކުން ދާއިރުވެސް، ތިމާ ހުންނާނީ ވާނުވާގައި! ބައެއް ފިރެހެނުން ވަރަށް މަކަރު ގަދަވާނެ! އެކަހަލަ މީހުން ހިތްއުފާ ކުރާނެ ކިތަންމެ ގޮތެއް ހުންނާނެ! "

އެމައުޟޫއަށް މާ ފުޅާކޮށް ޝަހާނާ ވާހަކަ ދައްކަން ފެށުމުން ޔަޝްމީ ލަދުގަތެވެ. އޭނާއަށް ދެފަހަރަކު ހާރޫންއާ ދިމާލަށްވެސް ބަލައިލެވުނެވެ.

" އަހަރެންގެ ހާރޫން އެކަހަލަ މީހަކަށް ނުވާނެ އިންޝާﷲ! އަދި ބުނަންތަ؟ ދޮންބެވެސް އެއީ ދައްތަ ތިބުނާ ކަހަލަ މީހެއް ނޫން.. ދޮންބެ ވަރަށް މިސްވާނެ ދައްތަ މަތިން"

ޔަޝްމީ ހިނިއައިސް އިނދެ ވާހަކަ ދެއްކިއެވެ. އޭރު ހާރޫންގެ މޫނުމަތިން ޝަހާނާއަށް ފެންނަނީ ނުތަނަވަސްކަމެވެ.

" މާދަމާ ހެނދުނު ހަތެއް ޖަހާއިރަށް ފުރަން ރެޑީ ވައްޗޭ! ލޯންޗް އޮތީ ހަމަޖެހިފައި"

ފޯނަށް އައި މެސެޖެއް ބަލައިލުމަށްފަހު ހާރޫން ޝަހާނާއާ ދިމާލަށް ބަލައިލަމުން ބުންޏެވެ. އެއާއިއެކު ޝަހާނާވެސް ފުން ނަޒަރަކުން ހާރޫންއަށް ބަލައިލިއެވެ.

" އަޅެ! އަހަރެން އެބަ އަންނަން މަންމަމެންނަށް ފޮނުވަން ގަނެފައި ހުރި އެއްޗެހިތައް ހިފައިގެން. އަލަމާރިއަށް ލެވުނު ގޮތަށް ހަނދާން ނެތިފައި އެހުރީ! ދައްތަ ފުރާއިރުވެސް ހަނދާނެއް ނުވާނެ ރަނގަޅަށް ވިއްޔާ! "

ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ޔަޝްމީ އެހެން ބުނުމަށްފަހު ތެދުވެގެން ބާރުބާރަށް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

" އެހާ އަވަހަށް އަހަރެން ތި ފޮނުވާލަނީ ޔަޝްމީ އައީމަތަ؟ "

ޔަޝްމީ ދިޔުމާއެކު ޝަހާނާ ވާހަކަ ދައްކަން ފެށީ ކުރިއަށް ޖެހިލަމުންނެވެ. އޭރުވެސް ހާރޫންގެ ނަޒަރު ހުއްޓިފައި ހުރީ ޔަޝްމީ ވަތް ކޮޓަރިއާ ދިމާލަށެވެ.

" ކިހިނެއް ވެގެންތަ ތިއުޅެނީ؟ ޝަހާނާ ،މޮޔަވީތަ؟ އަލަށްތަ ފިރެހެނެއް ފެނިގެން ތިއުޅެނީ؟ އަހަރެން ނުދެކެން ތިހާ ވިޔާނުދާ އަންހެނެއް"

ލިބުނު ވަގުތު ކޮޅު ހާރޫންވެސް ބޭނުންވީ އޭނާގެ ކުށެއް ނެތް ގޮތަކަށް ޝަހާނާއާ ކުރިމަތި ލާށެވެ. ނަމަވެސް ޝަހާނާ އެއަށްވުރެ މާ ހުށިޔާރެވެ.

" އާޗާ! ހާދަ ރީއްޗޭ ވާހަކަ! މިހާރު އަހަންނެއްނު ގޯސްވީ! އަހަރެން ފެންވަރަން ހުއްޓާ ކާކުތަ ވަނީ؟ ދެން ކުރީރޭ ކާކު ގޮވައިގެންތަ ގޮސް އެނދުގައި އޮތީ؟ އަހަރެންތަ ވިޔާނުދަނީ؟ ބަލަ މަށަކީ ޔަޝްމީގެ އާއިލާ މީހެއް ނޫނޭ! އަހަންނަނީ އޭނައަށް ބޭރު ހިލޭ މީހެކޭ.. އެހެންވީމަ ހާރޫންއާމެދު އަހަރެންގެ ހިތުގައި ލޯބި އުފެދިގެން ހާރޫން ނުޖެހޭނެ އަހަންނަށް ތިފާޑަށް ވާހަކަ ދައްކާކަށް! އެހެން ނޫނަސް އަހަރެން މި ޖަޒްބާތުގައި ޖެހުނީވެސް ހަމަ ހާރޫންއާ ހެދި"

ޝަހާނާ އަވަސް އަވަހަށް ވާހަކަ ދައްކާ ނިންމާލިއެވެ.

" އެހާ ބަރެއް ނޫން އިނގޭ ދައްތާ! މި ގެންދެވޭނެތަ؟"

ދޮރު ހުޅުވާލަމުން ޔަޝްމީ ވާހަކަ ދައްކަން ފެށި އަޑަށް ޝަހާނާ އަވަސް އަވަހަށް ފަހަތް ބަލައިލިއެވެ. އޭރު ކޮތަޅެއް ހިފައިގެން ޔަޝްމީ އާދެއެވެ. ޔަޝްމީ ފެނުމުން ހާރޫންއަށްވެސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

" ކޯއްޗެއްތަ އެވަރުން ނުފޮނުވިގެން ތިއުޅެނީ؟ "

ޔަޝްމީ ދިއްކޮށްލި ކޮތަޅުގައި ހިފަމުން ޝަހާނާ އަހާލިއެވެ. އޭރު ޔަޝްމީގޮސް ހާރޫންއާ ދާދި ގާތުގައި އިށީންދެއްޖެއެވެ.

" ތީ ކުދިކުދި ކަހަނބު! އައިސްއަލަމާރިއަށް އެއްޗެހި ލާންވެގެންނޯ! "

ޔަޝްމީ އެހެން ބުނުމުން ކޮތަޅު ހުޅުވައި އޭގެ އެތެރެ ޝަހާނާ ބަލައިލިއެވެ. ހަމަ އެވަގުތެވެ. ހާރޫން ތެދުވެ ފޯނު ޖީބަށް ލަމުން ޔަޝްމީއަށް ބަލައިލިއެވެ.

" އަހަރެން މިދަނީ އިއްބެ ކޮފީއަކަށް ގުޅީމަ.."

އިއްބެގެ ނަން އިވުމާއިއެކު ޔަޝްމީގެ މޫނުމަތި އުދާސްވި ތަން ފެނި ހާރޫން ހިނިތުންވެލިއެވެ.

" އެއީ... އެއްކަލަ ދުވަހު... އައި އިއްބެތަ؟ "

ހާރޫންއާ ބެހޭގޮތުން ޔަޝްމީގެ ހިތުގައި ކުށްހީ އުފައްދަން އިއްބެ މަސައްކަތްކުރި ހަނދާން، އާކޮށްލަމުން ޔަޝްމީ އަހާލިއެވެ.

" ހޫމް.. އެއީ އޭނަ"

ހާރޫން ހިނގައިގަތުމާއެކު ޔަޝްމީއަށް ކޮޅަށް ތެދުވެވުނެވެ. އޭރުވެސް މަންޒަރު ބަލަން ޝަހާނާ އިނީއެވެ. ހާރޫން އިތުރަށް މަޑުނުކޮށް ނިކުމެގެން ދިޔުމާއެކު ޝަހާނާ އަހާލިއެވެ.

" އިއްބެއެއްގެ ވާހަކަ ބުނީމަ ޔަޝްމީއަށް ހާދަ ވަރެއް ތިވީ؟ އެއީ އަދި ބޯއީއެއްނު"

ލާނެތް ގޮތަކަށް ޝަހާނާ އެހެން ބުނުމުން ޔަޝްމީ އަނެއްކާވެސް ސޯފާގައި އިށީނެވެ. އަދި ޝަހާނާގެ މޫނަށް ބަލައިލުމަށްފަހު އޭނާ ވާހަކަ ދައްކަން ފެށިއެވެ.

" ބޯއީ އަކަސް އެ އިއްބެއަކީ ވަރަށް ނުބައި މީހެއް.. ހާރޫންއާ އެހާ ކައިރިން އުޅެފައި އޭނަ އުޅުނީ ހާރޫންއަށް ދޯކާ ދޭންވެގެން"

ޔަޝްމީ ދައްކަމުންދާ ވާހަކަތައް ރަނގަޅަށް ފަހުމު ނުވެގެން ޝަހާނާ ކުޑަކޮށް ބޯ ހޫރާލިއެވެ.

" މަޑުކޮށްބަލަ! ދޯކާއޭ؟ ލާރި ބޭނުން ވެގެން އުޅޭ މީހެއްދޯ!"

" ނޫނެކޭ ދައްތާ! އޭނަ ބޭނުންވީ އަހަރެން! ހާރޫން ނެތް ވަގުތު މިގެއަށް އައިސް އަހަރެންގާތު ހާރޫންއޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދެއްކީއެއްނު.. އޭނަ ރިސޯޓުގައި ގޮސް ގަންނަ ގަނޑު އެނގޭހޭ ކިޔައިގެން.. އެކަމަކު އެނގޭތަ އޭނަ އެއީ ހާރޫންގެ އެންމެ ގާތް މީހުންގެ ތެރޭގައި މަސައްކަތްކުރާ މީހެކޭ! ކިހާ ގޯސް"

ޔަޝްމީ މަޑުމަޑުން އިނދެ ކިޔައިދިނެވެ. ޝައުޤުވެރިކަމާއެކު އަޑު އަހަން ޝަހާނާއަށް އިތުރަށް ވިސްނަން ޖެހުނު ކަހަލައެވެ.

" އޯހް! އެހެންދޯ! އެކަމަކު ދެން ހާރޫން ކީއްވެ އަނެއްކާވެސް އޭނައާ ގުޅާލައިގެން އެއުޅެނީ؟ އަހަންނަކީ ހާރޫން ނަމަ އޭނަ ވަޒީފާއިން ވަކި ކޮށްފައި ގުޅުންވެސް ކަނޑައިލީމުސް"

ޝަހާނާ އެހެން ބުނުމުން ޔަޝްމީ ބޯ ޖަހާލަމުން ތުންފަތުގައި ދަތް އަޅާލިއެވެ.

" ހާރޫންއަކީ މީހުންނާމެދު ވަރަށް ރަޙުމު އުފެދޭ މީހެއް! އޭނަ ކޮންމެވެސް ވާހަކައެއް ދައްކާލީމަ ސިމްޕަތީވީ ކަމަށް ވާނީ.. ދެން އައީމަ އެނގޭނީ"

ޔަޝްމީ ދެއަތުން މޫނު ފުހެލީ އިތުރަށް ވިސްނަން ބޭނުން ނުވާ ފަދަ ގޮތަކަށެވެ.

" ޔަޝްމީ! ސިކުނޑީގެ އެއްފަޅިން ވިސްނައިގެން ނުވާނެ އަސްލު! ވެދާނެ އެއްނު ހާރޫންއަކީ ހަމަ އޭގެ މީހެއް ކަމަށް.. ތިބުނާ އިއްބެއަށް ހާރޫންގެ ގޮތް އެނގޭނެތާ! ދެން... ވެދާނެ އެއްނު އޭނަ ހާރޫން ކިބައިން ޔަޝްމީ ސަލާމަތް ކުރަން ބޭނުންވީ ކަމަށްވެސް.. "

ޔަޝްމީގެ މޫނަށް އަންނަމުންދާ ބަދަލުތަކަށް ބަލަމުން ޝަހާނާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އޭނާގެ ޖުމްލަތަކަށް ފުންކޮށް ޔަޝްމީ ވިސްނަމުން ދާކަންވެސް ޝަހާނާއަށް އެނގުނެވެ.

" ހިއެއްނުވޭ! އަސްލު އަހަންނަކަށް ހާރޫންއެއް ނޭނގެ! އެކަމަކު އޭނަ އަހަރެންދެކެ ވަރަށް ލޯބިވާކަން އެނގޭ! އެހެން ނޫން ނަމަ އޭނަ މިހާ ދުވަހު އަހަންނަށްޓަކައި އިންތިޒާރެއްވެސް ނުކުރީސް"

ދުރަށް ބަލަން އިނދެ ޔަޝްމީ ވާހަކަ ދެއްކީ މާޔޫސްވެރި ރާގެއްގައެވެ. އެވަގުތު ޝަހާނާގެ ތުންފަތް މައްޗަށް ހިނިތުންވުން ވެރިވެގަތެވެ.

" މިސާލަކަށް ހާރޫން އެހެން ކަމެއް ކުރާކަން އެނގުނިއްޔޯ! ދެން"

ޝަހާނާގެ ޖުމްލަ އަޑު އިވުމާއެކުވެސް ޔަޝްމީގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ. އެގޮތް އޭނާ ބޭނުން ނުވާކަން އިޙްސާސް ކުރެވުނެވެ. އަދި ހާރޫން ގެއްލިދާނެ ކަމުގެ ބިރުވެސް ހިތަށް ވެރިވެގަތެވެ.

" އެހިސާބުން ޖެހޭނީ އަހަރެން ދޫކޮށްލަން.. އަހަންނެއް ނޫޅޭނަން.."

ޔަޝްމީ ބޯ ޖަހާލަމުން ބުންޏެވެ. އޭރުވެސް ޝަހާނާ އިނީ ހެވިފައި ޔަޝްމީގެ މޫނަށް ބަލަހައްޓައިގެންނެވެ. ޔަޝްމީގެ ވިސްނުން ހުރި ގޮތް ދާދި ފަސޭހަ ކަމާއެކު އޭނާއަށް ބަލައިލެވުމުގެ ހިތްހަމަ ޖެހުމުގައި އިނދެ ޝަހާނާ ތެދުވިއެވެ.

***

ކޮޓަރިއަށްގޮސް ވަނުމާއެކު ޝަހާނާގެ ފޯނު ރިންގްވާން ފެށިއެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ފޯނުގެ ސްކްރީނަށް ބަލަން ހުރެ، ފޯނު ނެގި އިރު އޭނާގެ މޫނުމަތީގައިވެސް ވަނީ ނުތަނަވަސްކަމެވެ.

" ޝަހާނާ؟ "

އެއީ ފިރެހެނެއްގެ ބަރު އަޑެވެ. މީގެ ކުރިން ދުވަހަކުވެސް އިވިފައި ނުވާ އަޑެކެވެ. އިސާހިތަކު ޝަހާނާގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ.

" ކާކު؟ ތިއީ ކާކު؟ "

އަވަސް އަވަހަށް ޝަހާނާ އަހާލީ، ކޮޓަރި ތަޅުލަމުންނެވެ. ދެން އޭނާއަށް އިވުނީ އެމީހާގެ ހުނުމުގެ އަޑެވެ.

" މިއީ ކާކުތޯ ބަލަންތަ ބޭނުންވަނީ؟ ނޫނީ ޝަހާނާގެ މަޤްޞަދް، ޙާޞިލް ކުރަންތަ ބޭނުންވަނީ؟"

ހިނިގަނޑަކާއެކު ކުރި ސުވާލުތަކުން ޝަހާނާއަށް ހިންދިރުވާލެވުނެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވެރިވުމާއެކު އެނދުގައި އިށީނދެވުނެވެ.

" ކާކުތަތީ؟ އަހަރެން ބޭނުންވަނީ ތިއީ ކާކުތޯ ބަލަން"

ރުޅިވެރި ރާގަކަށް ޝަހާނާ ބުންޏެވެ. އެއާއިއެކު އޭނާ އަނެއްކާވެސް ޖަހާލީ ހިނިގަނޑެކެވެ.

" އަހަންނަކީ ލާމު އަތޮޅު މީހެއް! "

" ދެން؟ ދެން އަހަންނާ ކަލެޔާ އޮތީ ކޮން ގުޅުމެއް؟ "

ޝަހާނާއަށް ރުންކުރު ގޮތަކަށް އަހާލެވުނެވެ.

" ގުޅުމެއް ނެތް! އެކަމަކު މިހާރު މިއުޅެނީ ގުޅުމެއް އުފައްދަން! "

ނުދަންނަ އެ އަޑުން އޭނާ ބުނެލާ ކޮންމެ ޖުމްލައަކުން ޝަހާނާއަށް ދަނީ ސިހުން ލިބެމުންނެވެ. އޭނާގެ ހިތުގައި ސުވާލަކަށްފަހު ސުވާލެއް ފުނި ޖެހެމުންދެއެވެ. ނަމަވެސް އެމީހާގެ މަޤްޞަދަކީ ކޮބައިކަމެއް ނޭނގޭ ޙާލު، އެއްވެސް އެއްޗެއް ބުނާކަށް ޝަހާނާ ބޭނުމެއް ނޫނެވެ.

" ނުވިސްނުނުދޯ! އަދި ވިސްނޭނެ! ވިސްނޭ ގޮތަށް އަހަރެން މިއުޅެނީ ކިޔައިދޭން.."

އޭނާގެ ވާހަކަ އަޑުއަހަން ޝަހާނާ އިނީ ބިރުންނެވެ.

" އަހަންނަކީ ލާމު އަތޮޅު ރަށަކަށް ނިޞްބަތްވާ މީހެއް! ޝަހާނާ އަހަންނަށް ކިޔަންވީ ރަބީޢު! އަހަރެންގެ ވަރަށް ގާތް މީހެއްގެ ދަރިއެއްގެ އެދުމަށް ޝަހާނާއަށް މިގުޅީ! ކަލޭގެ ފިރިމީހާގެ ކޮއްކޮގެ ދިރިއުޅުން ރޫޅާލަން ކަލޭ ބޭނުންވާކަމަށް އޭނަ އެބަ ބުނޭ! "

ރަބީޢުގެ އަޑުން ޝަހާނާއަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. އޭރު ޝަހާނާގެ ދެލޮލުގައިވަނީ އިންތިހާ ރުޅިވެރިކަމުގެ އަސަރުތަކެވެ.

" ނާއިފް؟ ނާއިފް؟ "

ޝަހާނާއަށް ބޭއިޙްތިޔާރުގައި ބުނެވުނެވެ. އެއަޑު އިވި، ރަބީޢު އަނެއްކާވެސް ބާރު ބާރަށް ހޭން ފެށިއެވެ.

" މިހާރު އަހަންނަށް ޔަޤީން ވެއްޖެ ކަލޭ އެކަން ކުރަން ހަމަ ބޭނުން ވާކަން! ނާއިފް އެ ހެދީ ތެދުކަންވެސް އަހަންނަށް ކަށަވަރު ވެއްޖެ! "

އޭނާގެ ވާހަކައިން މިފަހަރު ޝަހާނާ ގާތަށް އައީ ރުޅިއެވެ.

" ކަލޭގެ ބޭނުމަކީ ކޮބާ؟ ކަލޭ މަށަށް ގުޅަން ޖެހޭތަ؟ "

ދަތްތައް ފިއްތައިގެން ހުރެ ޝަހާނާ އެހެން ބުނުމާއެކު ރަބީޢުގެ ހިނިގަނޑު މައިތިރި ކޮށްލިއެވެ. އަދި ޝަޢުޤުވެރިކަމާއެކު އޭނާ ބުންޏެވެ.

" އެމީހަކު ލޯބިވާ މީހަކު ހޯދައިދޭން އިސްތިރި ހަދަން އަހަންނަށްވުރެ މޮޅު މީހަކު ލާމު އަތޮޅަކު ނުހުންނާނެ! ނާއިފް މަށަށް ގުޅީ އެކަން ކުރަން.. ޔަސްމީ ނަމަކަށް ކިޔާ އަންހެން ކުއްޖަކު ހޯދަން! އޭނަ ދިން މަޢުލޫމާތު ތަކުން، އެކަން ކުރަން ބޭނުންވާ އިތުރު މީހަކުވެސް އެބަހުރި. އެއީ ކަލޭކަމަށްވަނީ! ކަލޭ މިވަގުތު ޔަސްމީއާއެކު މާލޭގައިދޯ ތިއުޅެނީ؟ އަހަރެން ބޭނުންވަނީ ކަލޭގެ އެހީތެރިކަން"

އޭރުވެސް ޝަހާނާ ހުރީ ބިރުގަނެފައެވެ. ބުނާނެ އެއްޗެއް ނުވިސްނިފައި އިންދާ އަނެއްކާވެސް ރަބީޢު ވާހަކަ ދައްކަން ފެށިއެވެ.

" ސިއްރުން ކުރާ ކަންތައްތައް ފަޅައެއް ނާރާނެ.. އަހަންނަށް ހީވަނީ ޝަހާނާވެސް ކޮންމެވެސް އެދުމެއް އޮންނާނެހެން! ފިރިމީހާގެ ކޮއްކޮއާ އެހާ ބޮޑު ހަސަދަވެރިކަމެއް އޮންނަންވީ ކީއްވެ؟ "

" އަހަރެން ބޭނުންވަނީ އޭނަގެ ފިރިމީހާގެ މުއްސަނދި ދިރިއުޅުން.."

ބޭއިޙްތިޔާރުގައި ޝަހާނާއަށް ބުނެވުނެވެ. އެއާއެކު ރަބީޢުގެ ހިނިގަނޑު މައިތިރިނުވާ ފަދަ ގޮތަކަށް ފިތިގެން ދިޔަ އަޑު ޝަހާނާއަށް އިވުނެވެ.

" ހާތްތެރީ! ތިއީ އަހަރެން ބޭނުންވާ ފަދަ ވަރުގަދަ ޢަޒުމެއްގައި ހުރި އަންހެން ކުއްޖެއް! ތިޔަކަންވާނެކަމުގައި ހީކުރޭ! އަހަރެން ބޭނުންވަނީ ކަލޭގެ އެހީތެރިކަން"

ރަބީޢު ބުންޏެވެ.

" އަހަރެން މާދަން ފުރަން! "

އަވަސް އަވަހަށް ޝަހާނާ ބުނެލިއެވެ.

" މާ ރަނގަޅެއްނު! އަވަހަށް ފުރައިގެން ދިޔައީމައޭ ތިކަން ވާނީ.. އޭގެ ކުރިން ކަލޭ ކުރަންވީ ކަންތައްތައް އަހަރެން ބުނަންތަ؟ އަހަރެން އެބަ ފޮނުވަން މެސެޖެއް! އެ މެސެޖުގައިވާ އެއްޗެހި އޭގައިވާ ޢަދަދަށް ކިޔާފައި ދެން އެބުނާ ގޮތަކަށް ކަންތައް ކުރޭ! ބޭނުންވާނީ އެ ދެމީހުންގެ ބޮލުގެ އިސްތަށި! މެސެޖް އެބަ ފޮނުވަން.. އޭގައިވާގޮތަށް ޢަމަލު ކުރޭ!"

ޝަހާނާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އޭނާ ފޯނު ކަނޑާލުމާއެކު ޝަހާނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

" އިސްތަށި؟ އަހަރެން ކިހިނެއް އިސްތަށި ހޯދާނީ؟ "

ކޮޓަރީގެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރުމަށްފަހު ޝަހާނާ ކޮޓަރިން ނިކުމެއްޖެއެވެ. އޭރުވެސް ޔަޝްމީ އިނީ ސޯފާގައި ޓީވީ ބަލާށެވެ.

" ހާރޫން ނާދޭދޯ! އަހަރެން ތި ކޮޓަރި ފާޚާނާއަށް ވަދެލަންތަ؟ ފާޚާނާގައި ހޯނެއް އޮވެގެން ބިރުން..."

ޝަހާނާ އެހެން ބުނުމާއެކު ޔަޝްމީ ހިނިގަނޑެއް ޖަހާލިއެވެ.

" ދައްތަ މިހާރު ހޯނު ދެކެވެސް ބިރުގަނޭތަ؟ ރަށުގައި އަޅެ ހޯނު އުޅޭ! "

ޔަޝްމީގެ ޖުމްލައިން ޝަހާނާގެ މޫނުމަތި ނުތަނަވަސްވީ ނަމަވެސް އޭނާ ގަދަކަމުން ހޭން ފެށިއެވެ.

" ފާޚާނާގައި އިންދާ ގަޔަށް ފުންމާލަފާނެތީ ވަރަށް ބިރުގަނޭ! ވަރަށް އަވަހަށް މި ނިކުންނަނީއޭ"

ޝަހާނާ ގޮސް އެ ކޮޓަރިއަށް ވަދެ ފުރަތަމަވެސް ދިޔައީ ޑްރެސިންގ ޓޭބަލާ ދިމާލަށެވެ. ދެމީހުންގެ ދެ ފުނާ ދިމާލަށް ފެންނަން އޮތުމުން އޭނާއަށް އެއް މިޔަކަނުން ހިނިތުން ވެވުނެވެ. އަވަސް އަވަހަށް ގޮސް ޔަޝްމީގެ ފުނަލުން އިސްތަށިބޮނޑިއެއް ދަމައި ގަންނަމުން ހާރޫންގެ ފުނާ ނެގިއެވެ. ނަމަވެސް ހާރޫން ފުނާ އަޅަން ބޭނުން ކުރާ ބުރުހުގައި އެންމެ އިސްތައްޓެއްވެސް ނެތެވެ. އެހެންކަމުން ޝަހާނާއަށް ލިބުނީ ކުއްލި ޝޮކެކެވެ. އިތުރަށް ވިސްނަން ނުހުރެ އޭނާއަށް ކޮޓަރީގެ އެތަން މިތަނަށް ނަޒަރު ހިންގައި ލެވުނެވެ. އެއާއިއެކު ބޭރުން ހާރޫންގެ އަޑު އިވުމުން އަވަސް އަވަހަށް ޝަހާނާ މިސްރާބު ޖެހީ ނިކުންނާށެވެ. މަޑުކުރުމެއްނެތި އޭނާ ޔަޝްމީއަށް ބަލައިލަމުން ހިނިތުންވެލުމަށްފަހު، ކޮޓަރިއާ ދިމާލަށް ދިޔައެވެ.

" ޝަހާނާ ކީއް އެކުރީ އަހަރެމެންގެ ކޮޓަރީގައި؟ "

ޔަޝްމީ ތެދުވުމާއެކު ހާރޫން ސުވާލު ކުރިއެވެ.

" އެކޮޓަރި ފާޚާނާގައި ހޯނެއް އޮވެގެން ބިރުން.. "

ޔަޝްމީ ކޮޓަރިއަށްދާން ހިނގައިގަތް އިރުގައިވެސް ހާރޫން ހުރީއެވެ.

" އަހަރެން ވާހަކައެއް ދައްކަން ވެފައި އެބައޮތް.. "

ތަންކޮޅަކަށް ގޮސް، ފަހަތް ބަލައިލަމުން ޔަޝްމީ ބުނެލިއެވެ. އެއާއިއެކު ހާރޫންވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.

" އިއްބެއާ އަދިވެސް ރައްޓެހިތަ؟ "

ހާރޫން ކޮޓަރިއަށް ވަނުމާއެކު ޔަޝްމީ އެހިއެވެ. އަތުކުރީގައި އޮތް ގަޑި ބާލަމުން އޭރު ހާރޫން ގޮސް ހުރީ އަލަމާރި ކައިރީގައެވެ.

" ހޫމް.... އިއްބެ ގާތު އެވާހަކަ ދެއްކީމަ އޭނަ ވަރަށް ލަދުން ހުރީ.. ވަރަށް މަޢާފަށްވެސް އެދުނު. އަހަރެން މަޢާފްކޮށްފައި ވަޒީފާގައިވެސް އޭނަ ބެހެއްޓިން. އެކަމަކު ކުރިން އޮތް ގާތްކަމެއް ނޯންނާނެ.."

ހާރޫންގެ ވާހަކަ ނިމުމުން ޔަޝްމީ ސުވާލު ކުރިއެވެ.

" އޭނަ ގާތްކަން ބާއްވަން ބޭނުންވާތީދޯ އެގުޅަނީ މިހާރު"

" އޭނަ ބޭނުންވާނެ.. އެކަމަކު އަހަރެން އެވަރު ދަނެގެން މިއުޅެނީ! އެއްވެސް މީހަކަށް ގެއްލުމެއް ދޭން ބޭނުން ނުވާތީ އިއްބެ ވަޒީފާއިން ވަކި ނުކުރީވެސް.. އިއްބެއަށް އިތުރު ތާކުން ވަޒީފާއެއް ނުވެސް ލިބޭނެ. އެހެންވެ ކަންނޭނގެ އެ ހުންނަނީވެސް އަސްލު! ދެން އެވާހަކަ ނުދައްކާ! ޔަޝްމީއާ އަހަރެން ދުރުކުރަން އުޅޭ އެއްވެސް މީހަކާ އަހަރެން އެހާ ގާތެއް ނުވާނަން!"

ހީލަމުން ހާރޫން ބުންޏެވެ. އެހިނދު ޔަޝްމީގެ ލޮލުން ކަރުނަ ހިލިގެން ދިޔައެވެ.

***

" ޔަޝްމީގެ ފިރިމީހާގެ އިސްތައްޓެއް އަހަންނަކަށް ނުލިބުނު! އެކަމަކު ޔަޝްމީގެ އިސްތަށި މިހުރީ އަހަރެން ގެނެސް.."

ޝަހާނާ އައި ގޮތަށް އައިސް ގުޅީ ރަބީޢު އަށެވެ.

" މެސެޖް ބަލާފައި ދެން ކުރިއަށް ގެންދޭ! "

އާދައިގެ ގޮތަކަށް ރަބީޢު ބުންޏެވެ. އޭނާ އެހެން ބުނުމުން ޝަހާނާ ގާތަށް އައީ ނުލަފާ ރުޅިއެކެވެ.

" ދެން މަށަށް އޮތީ ކޮން ފައިދާއެއް.. ޔަޝްމީ ހާރޫން ކައިރިން ވަރިވެގެން ގޮސް ނާއިފާ އިނަސް މަށަށް ކޮން މޮޅެއް ލިބޭނީ؟ މަ ބޭނުންވަނީ ހާރޫންއާ އޭނަގެ މުއްސަނދިކަން.. އަހަންނަށް އެކަން ނުވާނެ ގޮތަކަށް އެއްވެސް އެހީތެރިކަމެއް އަހަންނެއް ނުދޭނަން!"

ގަދަ ބަހުން ޝަހާނާ ބުންޏެވެ. އެހިނދު ވިސްނާލަން ކުޑަ ވަގުތު ކޮޅެއް ނެގުމަށްފަހު ރަބީޢު ވާހަކަ ދެއްކިއެވެ.

" ތިބުނާ ހާރޫންގެ ބޫޓެއް އަތު ޖެހޭތޯ ބަލާ! އަހަރެން ދޭ އިރުޝާދާ އެއްގޮތަށް ކަންތައް ކުރޭ! އޭރުން ކަލޭ ބޭނުންވާ ކަންތައްވެސް އިސާހިތަކު ވެދާނެ! "

ރަބީޢުގެ ވާހަކަ ތަކުން މިފަހަރު ޝަހާނާއަށް ހިތްހަމަ ޖެހުން ލިބުނު ފަދައެވެ. އޭނާ ފޯނު ބޭއްވީވެސް އުއްމީދުގައެވެ.

ފޯނު ބޭއްވުމާއެކު އަނެއްކާވެސް ނުދަންނަ ނަންބަރަކުން ގުޅަން ފެށިއެވެ. އެހެންކަމުން އެގުޅަނީ ނާއިފްކަން ޔަޤީން ކުރަން މާ ގިނަ ވަގުތެއް ނުނެގިއެވެ.

" އަހަރެން ގާތު ނުވެސް ބުނެ އެމީހާއަށް ނަންބަރު ދިނީ ؟ "

ޝަހާނާ ބުނެލީ އާދައިގެ ގޮތަކަށެވެ.

" އޭ! އެއީ އާދައިގެ މީހެއް ނޫނޭ! އޭނަ ބޭނުންވީ ޝަހާނާ އަދިވެސް ހުރީ އެ ޢަޒުމުގައިތޯ ބަލަން. މިކަން ކުރަން ޖެހެނީ ވަރަށް ވިސްނައިގެންނޭ!"

ނާއިފް އެހެން ބުނުމުން ޝަހާނާ ބޯ ޖަހާލިއެވެ.

" އަސްލު ޝަހާނާގެ އެހެން މަޤްޞަދެއްވާކަން އަހަންނަށް އެނގޭ! އެކަމަކު އަހަންނަށް ނޭނގެނީ އެއީ ކޮން މަޤްޞަދެއްކަން؟ އަސްލު އެ ހުރިހާ ވާހަކައެއް ރަބީޢުއަށް ކިޔައިދިނީމަ މިކަން އަވަސް ވާނީ.. އަހަންނަށް މިހާރު ޔަޝްމީއާ ނުލައި ދިރިއުޅެން އުނދަގޫ ވެއްޖެ.. އަހަރެން ވަރަށް ވިސްނާފައި ކުރަން އުޅޭ ކަމެއްމީ"

ނާއިފްގެ ޖުމްލަތަކުން ޝަހާނާއަށް ހެވުނެވެ. އޭނާގެ މަޤްޞަދު ޙާޞިލްކުރަން ނާއިފް މަގުކޮށައިދިނުމުން އިންތިހާއަށް ޝަހާނާ އުފާވެއްޖެއެވެ.

" އަނެއްކާ މިކަން އެއްވެސް މީހަކަށް އެނގޭނެތަ؟ "

ކުއްލިއަކަށް ސިހިފައި ޝަހާނާ އަހާލިއެވެ.

" ނޫނޭ! ނޭނގޭނެ! އެ ރަބީޢަކީ އަހަރެންގެ ބައްޕަމެންގެ އެކުވެރިއެއް. އޭނާގެ ވާހަކަތައް އަހަންނަށް ކިޔައިދިނީ އަހަރެންގެ މަންމަ.. މަންމަގެ ފޯނުން ނަންބަރު ކަޓުވައިލީ! ޝަހާނާއަށް އެނގޭތަ އަހަރެން މިކަން މިކުރަނީ ވަރަށް ގިނަ ފައިސާވެސް ދީގެން.."

މިފަހަރު ޝަހާނާ ނުހަނު ހައިރާން ވެއްޖެއެވެ. އެހެންކަމުން އޭނާ އިތުރަށް އޮޅުން ފިލުވަންވެސް ބޭނުންވިއެވެ.

" ފައިސާއޭ؟ ކީއްވެ އެހާ ގިނަ ފައިސާ ދޭންވީ؟ އަހަންނޭ މިކަން މި ކުރަނީ؟ އަހަންނޭ މިތާ މިހުރީ؟ އޭނަ ފޮނުވާލީ ހަމައެކަނި މެސެޖެއް.. އެހުރިހާ ގަނޑެއް މި ގަންނަން ޖެހެނީ އަހަރެން މިރޭ ނުނިދާ ހުރެ"

ޝަހާނާ އެހިސާބަށް ބުނުމާއެކު ނާއިފް ހީގަތް އަޑު އިވުނެވެ.

" ޝަހާނާ ހީކުރީ އެއްޗެއް ކިޔަވާލީމަ އެ ނިމުނީ ކަމަށްތަ؟ ބަލަ އޭނަވެސް މިރޭ ހުންނާނީ ނުނިދައޭ ! އޭނަ ކުރާނެ މާ ގިނަ މަސައްކަތް"

ނާއިފް އެހެން ބުނުމުން ޝަހާނާ ހަމަޖެހިއްޖެއެވެ. އަދި އޭނާ ފޯނު ބޭއްވީ އެއްވެސް މީހަކަށް މިކަން ނާންގަން ކަމަށް ވަޢުދު ވަމުންނެވެ.

***

ޔަޝްމީ ފާޚާނާއިން ނިކުތް އިރު ހާރޫން އޮތީ އެނދުމަތީ ހަމަޖެހިލައިގެންނެވެ. ލަދުރަކި ގޮތަކަށް ހާރޫންއަށް ބަލަހައްޓައިގެން ހުރެ ޔަޝްމީ ގޮސް ޑްރެސިންގޓޭބަލް ކައިރީ ހުއްޓުމާއެކު ހާރޫންވެސް އޭނާއަށް ބަލައިލިއެވެ. މަޑުފިޔާތޮށި ކުލައިގެ ސެންޓް ފުޅިއެއް ނަގައި އޭނާގެ ދެކަންފަތުގެ ބުޑަށް ބުރުވާލީވެސް ހިނިތުންވެ ހުރެއެވެ. އަދި ލޯޝަންކޮޅެއް އަތަށް އެޅުމަށްފަހު ދެއަތާއި ކަނދުރާގައި ހާކާލަމުން އައިސް އެނދުގެ މަގަތުގައި އިށީނދެ ހާރޫންގެ މޫނަށް ފުން ނަޒަރަކުން ޔަޝްމީ ބަލައިލިއެވެ.

" ހާދަ ފްރެޝްއޭ! "

ޔަޝްމީގެ އަތުގައި ހިފައި ފިތާލަމުން ހާރޫން ބުނެލިއެވެ. އެ ޖުމްލައިން ޔަޝްމީއަށް ހިނިތުންވެލެވުނެވެ. އޭރުވެސް ދެމީހުންނަށް ތިބެވުނީ އެކަކު އަނެކަކަށް ބަލާށެވެ.

" މިގަޑީގައި ތިހެން ސްޕައިކް ޖައްސާ ފުނާ އަޅައިގެން އޮތީމަ އެހާއެއް ނޫންދެން.."

ހާރޫންގެ ވަރުގަދަ އިސްތަށިގަނޑުގެ ތެރެއަށް އަތްކޮއްޕައި، ހާވާލަމުން ޔަޝްމީ ބުންޏެވެ.

" އަބަދުވެސް އެހާ ޑީސެންޓްކޮށްތަ ހުންނަނީ؟ މިހާރު މާ ހޭންޑްސަމް"

ހާރޫންގެ ބޮލުގެ އިސްތަށިތަކާ ކުޅެމުން ޔަޝްމީ ބުނެލީ ލަދުން އިނދެއެވެ. އެއާއިއެކު ހާރޫންގެ ނަޒަރު ހުއްޓުނީ ޔަޝްމީ ލައިފައި ހުރި ހުދު ކުލައިގެ ކުރުތާއާ ދޫ ހަރުވާޅަށެވެ.

" އަދިވެސް އަހަރެން ދިން ނައިޓް ޑްރެސް ނުލަމެއްނު..."

ބޯދަށުގައި އޮތް ބާލީސް ދަމައިގަނެ، ހެޑްބޯޑުގައި ލެނގިލަމުން ހާރޫން ބުނެލީ ޝައުޤުވެރިކަމާއެކުއެވެ.

" އަހަންނަކަށް ނުކެރޭނެ އެ ލާކަށް.. އެއްވެސް ނިވާކަމެއް ނެތް"

އެހެން ބުނުމަށްފަހު ޔަޝްމީ ދަތުން ދޫ ފިއްތާލިއެވެ. އެއާއިއެކު ހާރޫން ހެމުން ހެމުން ޔަޝްމީއާ އިތުރަށް ގާތްވެލިއެވެ.

" އެކަމަކުވެސް.. އަހަރެން ވަރަށް ބޭނުން އެ ހެދުން ލައިގެން ހުއްޓާ ދެކިލަން"

ހާރޫން އާދޭސް ކުރަން ފެށުމުން ޔަޝްމީއަށްވެސް ހެވުނެވެ. އަދި ނޫނެކޭ ބުނަމުން އެނދަށް އަރައި ހަމަ ޖެހިލިއެވެ. އެއާއިއެކު ހާރޫން އަވަސް އަވަހަށް ޔަޝްމީ އޮތް ފަރާތަށް އެނބުރި ޔަޝްމީގެ ބަނޑުމަތީގައި އަތް ބާއްވާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" މި ބަނޑުން އަހަންނަށް ބައްޕާއޭ ކިޔާ ގޮވާލާނެ ދަރިޔަކު އުފަންވާން ބޭނުން"

ޔަޝްމީ ހާރޫންގެ މޫނަށް ބަލައިލީ ހާރޫންގެ ރާގު ބަދަލު ވުމުންނެވެ.

" އެކަމަކު... މަންމައަކަށް ވާން އަހަރެން އަދި ވަރަށް ޅަ ކަންނޭނގެދޯ! "

ޔަޝްމީގެ ޖުމްލައިން ހާރޫން ކުޑަކޮށް މާޔޫސްވިއެވެ. ޔަޝްމީގެ އެވިސްނުން ބަދަލު ކުރަން ހާރޫން ނުހަނު ބޭނުންވެސް ވިއެވެ.

" އެކަމަކު.. އަހަންނަށް މާ ދުވަސް ވެއްޖެ ކަންނޭނގެ! "

ހާރޫން ލަސްލަހުން އެހެން ބުނުމުން ޔަޝްމީ އިރުކޮޅަކު ވިސްނާލިއެވެ. ހާރޫން ދަރިޔަކު ބޭނުންވާނެވަރު އޭނާއަށް އިޙްސާސް ކުރެވުނީ ދެނެވެ. އެހެންކަމުން ޔަޝްމީގެ މޫނުމަތީގެ އަސަރުތައް ބަދަލު ކޮށްލުމަށްފަހު ހާރޫންއާ ދިމާލަށް އެނބުރިލިއެވެ.

" އަހަރެން އެހެން ބުނި އެއްޗެއް ނޫނޭ! ހާރޫން ބޭބީއެއް ބޭނުން ވަންޏާ އަހަރެން އަދި މާ ބޭނުންވާނެއެއްނު! "

ހާރޫން ޔަޝްމީގެ ގައިގައި ބައްދާލީ އުފަލުންނެވެ. އެހިނދު ޔަޝްމީއަށް ހާރޫންގެ ބުރަކަށީގައި ފިރުމާލެވުނެވެ.

"

" ހާދަ މީރުވަސް ދުވައޭ! ހީވަނީ ހިތް ފުރިގެން ބަންޑުން ދާހެން... "

ޔަޝްމީގެ މޫނުގައި މޫނު ޖައްސާލަމުން ހާރޫން ބުނެލިއެވެ. އެހިނދު ހާރޫންގެ ބުރަކަށީގައި ޖަހާލަމުން ޔަޝްމީ ބާރު ބާރަށް ހޭންފެށިއެވެ. އޭނާގެ ހުނުމުގެ އަޑު މުޅި ގޭތެރޭގައިވެސް ގުގުމަމުން ދިޔަ ކަހަލައެވެ.

އެއަޑަށް އަނިދިރިކޮށްފައި އޮތް ސިޓިންގރޫމް މެދުގައި ހުރި ޝަހާނާ، ފަޔަށް ބާރުލައިފައި ގޮސް އޭނާގެ ކޮޓަރި ތެރެއަށް ދެމިގަތެވެ. ދޮރު ތަޅުލުމަށްފަހު އަތުގައި އޮތް ހާރޫންގެ ބޫޓަށް އޭނާއަށް ބަލައިލެވުނީ ވިހަ ހިނިތުން ވުމެއްގައި ހުރެއެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.

(ނިމުނީ)