ވަގުތަކީ ޝަހާނާ އައިސް ދޮރުމަތީގައި ހުއްޓުނު ވަގުތެވެ. ހާރޫންގެ އަތުގެ ހިމާޔަތުގެ ދަށުގައި ހުރި ޔަޝްމީ ފެނުމާއެކު ޝަހާނާގެ ދެލޯވެސް ބޮޑުވެގެން ދިޔައެވެ. އޭނާއަށްވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ.
" ޔަޝްމީ؟"
މަޑުމަޑުން ޝަހާނާގެ ތުންފަތް ހަރަކާތް ކޮށްލިއެވެ. ދޮރުކަނީގައި އަތް ޖައްސާލަމުން ޝަހާނާއަށް ފުންނޭވާތައް ދޫ ކުރެވެމުންދިޔައީ އަވަސް އަވަހަށެވެ.
ހާރޫން، ޔަޝްމީގެ ދެކޮނޑުގައި ހިފައި އޭނާގެ ގަޔާ ދުރުކޮށްލި ވަގުތު، ދުރުގައި ހުރި ޝަހާނާ ފެނުނެވެ. ހާރޫންގެ ލޯ އޭނާއަށް އަމާޒުވުމާއެކު ލަސްތަކެއް ނުވެ، ޝަހާނާ އޭނާގެ މޫނުމައްޗަށް ހިތާމައިގެ ކުލަވަރު ގެނުވިއެވެ. އެއާއިއެކު ހިނިތުންވެފައިވާ ހާރޫންގެ މޫނުމައްޗަށް ކަންބޮޑުވުމުގެ އަސަރުތައް ފާޅުވެއްޖެއެވެ.
" އަހަރެން އައީމަ ހާރޫން އުފަލެއްވެސް ނުވޭތަ؟ "
އިސް އުފުލައިގެން ހުރެ ޔަޝްމީ ހާރޫންގާތު އަހާލިއެވެ. އޭރުވެސް ހާރޫންގެ ނަޒަރު ހުއްޓިފައިވަނީ ދުރުގައި ހުރި ޝަހާނާއަށެވެ. ޝަހާނާ ހުރިކަން ޔަޝްމީއަށް ނޭނގޭ ހާލު އަނެއްކާވެސް ޔަޝްމީ ހާރޫންގެ މޭގައި މޫނު ޖައްސާލިއެވެ. މަންޒަރު ބަލަން ދޮރުމަތީގައި ހުރި ޝަހާނާ ދެއަތުން އަނގަމަތީގައި އަތް އެޅުމަށްފަހު ދުރަށް ދުއްވައިގަތެވެ. އަނެއްކާވެސް ހާރޫން ޔަޝްމީގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.
"އަހަރެންގެ އިނގިލި ކުރި ޖެހެންވެސް ބޭނުން ނުވާއިރު ތިހެން ކަންތައް ކުރީމަ ހައިރާންވެފައި މިހުރީ"
ހާރޫން އެހެން ބުނުމުން ޔަޝްމީ އިސްޖަހާލިއެވެ.
" އަހަރެން ކިބައިން ސަލާމަތްވާން ބޭނުންވާލެއް ބޮޑުކަމުންތަ އަވަހަށް ތިއައީ؟ "
ހާރޫންގެ ދެވަނަ ޖުމްލައިން ޔަޝްމީއަށް ސިހިފައި ހާރޫންގެ މޫނަށް ބަލައިލެވުނެވެ.
" ފޯނުންވެސް އެކަން ނިންމާލަދޭނަމޭ އަހަރެން ބުނިން... ޔަޝްމީ ތިއުޅެނީ އަހަރެން ތަޅުވަންތަ؟ މިއަދު އަހަރެންގެ މޭމަތީގައި ބޯއަޅާލައިގެން އޮވެ ރޮއިލައިފައ މާދަމާ ބުނާނެ ޔަޝްމީގެ ދިރިއުޅުން ބަރުބާދުކުރަނީ އަހަންނޭ! ހުރިހާ އުފަލަކުން މަޙްރޫމްކުރުވީވެސް އަހަންނޭ! "
ހާރޫން ވާހަކަ ދެއްކީ ގަސްތުގައި ޔަޝްމީ ދެރަކޮށްލާ ކަހަލަ ގޮތަކަށެވެ. ކަންތައްވީވެސް އެހެންނެވެ. އިސާހިތަކު ޔަޝްމީގެ މޫނު ކަރުނައިން ފޯވެއްޖެއެވެ.
" ތިހެން ވާހަކަ ދެއްކުމުގެ ބަދަލުގައި އަހަރެން އެކަނިމާއެކަނި ހާރޫންގާތަށް މިހާ އަވަހަށް މިއައީ ކީއްވެތޯ އަހާލާނެ ނަމަ... "
ޔަޝްމީއަށް ބުނެވުނެވެ. ޔަޝްމީގެ ޖުމްލަތަކުން ހާރޫންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވިއެވެ. އޭރުވެސް ޔަޝްމީ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ މޫނު ހާރޫންއަށް ފޮރުވާށެވެ. ހާރޫން އަވަސް އަވަހަށް ، ޔަޝްމީގެ ކޯތާފަތުގައި ދެއަތުން ހިފަހައްޓާލިއެވެ. އަދި ގަދަކަމުން ކަހަލަ ގޮތަކަށް މޫނު އުފުލާލިއެވެ. އެންމެ ފަހުން ޔަޝްމީއަށް ޖެހުނީ އިސްއުފުލާލައި ހާރޫންއަށް ބަލައިލާށެވެ. އޭނާގެ މޫނު ހާރޫން ނުހަނު ލޯބިން ފުހެލަދިނުމުން ޔަޝްމީގެ ހިތަށް ބަޔާންކުރަން ދަތި އުފަލެއް ލިބިގެން ދިޔައެވެ.
" އަހަންނަށްޓަކައި ޔަޝްމީގެ ހިތުގައިވަނީ ކޯއްޗެއް؟ "
ޔަޝްމީގެ ރީތި މޫނާ ، މޫނު ކައިރި ކޮށްލަމުން ހާރޫން އަހާލިއެވެ. އޭރު ޔަޝްމީގެ މޫނު ލަދުން ރަތްވަމުންދާތަން ހާރޫންއަށް ފެނުނެވެ.
" ބުނެބަލަ! "
ހާރޫންގެ ތުންފަތް ހަރަކާތްކޮށްލިއެވެ. އެއާއިއެކު ޔަޝްމީގެ ނަޒަރު ހުއްޓުނީވެސް ހާރޫންގެ ތުންފަތަށެވެ. އެއާއިއެކު ތެޅިގަނެފައި ޔަޝްމީ ހާރޫންއަށް ފުރަގަސްދިނެވެ. އޭރު އޭނާގެ މޫނުމަތީގައިވަނީ ލަދުވެތިކަމުގެ އަސަރުތަކެވެ. މޫނުމައްޗަށް ފައިބައި ހުރި އިސްތަށިތައް އެއް އަތުން ކަންފަތު ފުރަގަހުގައި ހައްޔަރުކޮށްލަމުން އޭނާ ދުރަށް ހިނގައިގަތެވެ.
" ބުނެދޭކަށް ނޭނގެ! ތަފާތު އިޙްސާސްތަކެއް"
ޔަޝްމީ ލަދުން ހުރެ އެހެން ބުނުމާއެކު ފަހަތުން އޭނާއާ ދާދި ގާތުގައި ހާރޫން ހުއްޓުނެވެ.
" ކިޔައިދީބަލަ"
ޔަޝްމީގެ ކަންފަތާ ދިމާލަށް ކުޑަކޮށް މޫނު ކައިރި ކޮށްލަމުން ހާރޫން އަހާލިއެވެ. އެހިނދު ޔަޝްމީއަށް ބޯ އަރިކޮށްލެވުނެވެ. އޭނާ ދެއަތް އުރާލީ ހަށިގަނޑު ފިނިވަމުންދާތީއެވެ.
"ކޮންމެ ދުވަހަކުވެސް ދެކޭ ހިތްވޭ! ކޮންމެ ވަގުތަކުވެސް ބޭނުންވަނީ ކައިރީގައި ހުންނަން! ދެން.. އިތުރަށް ބުނެދޭނީ ކިހިނެއްކަމެއް ނޭނގެ"
ދުރަށް ބަލަހައްޓައިގެން ހުރެ ޔަޝްމީ އެހެން ބުނެ ނުނިމެނީސް ހާރޫން އޭނާގެ ކުރިމައްޗަށް އެރިއެވެ. އަދި މަޑުމަޑުން އޭނާ ޔަޝްމީގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އެހިނދު ޔަޝްމީއަށް ދެލޯ މަރާލެވުނީ ދެވަނަ ފަހަރަށް އެހާ ގާތުން ހާރޫން ފެނުމުންނެވެ. ޔަޝްމީގެ ހިތުގައި އާދަޔާ ޚިލާފް ޖަޒްބާތު ތަކެއް އުފަންވެގެން ދިޔަކަން ޔަޝްމީއަށް އެނގެއެވެ. ލޯބީގެ އޮއިވަރުގައި އާ ވިންދެއް ޖަހާކަންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް އަދިވެސް އެވާހަކަ ދުލުން ހާމަކުރުމަކީ އޭނާއަށް އުނދަގޫކަމެކެވެ. އެފަދަ ޚިޔާލްތަކެއްގައި ހުއްޓާ ހާރޫން މަޑުމަޑުން ގުދުވެލާފައި ޔަޝްމީގެ ނިތްކުރިއަށް ބޮސްދިނެވެ. އެއާއިއެކު ޔަޝްމީއަށް ދެލޯ ހުޅުވާލެވުނެވެ.
" އަހަރެންދެކެ ލޯބިވެޔޭ ބުނަން ބޭނުން ނުވަނީތަ؟ "
ޔަޝްމީގެ ކޮލުގައި އިނގިލި ޖައްސާލަމުން ހާރޫން ބުނެލިއެވެ. އެހާ ފަސޭހައިން އޭނާއަށް އެބީދައިން ވާހަކަ ދައްކަން ކެރުނީ ޔަޝްމީ އޭނާދެކެ ލޯބިވާކަން ހާރޫންއަށް ޔަޤީންކުރެވުމުންނެވެ. ހާރޫން ބޭރުކޮށްލި ޖުމްލައާއެކު ޔަޝްމީގެ މޫނުމައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވިއެވެ.
" ހިތްއެދޭ ކަންކަން ޙާޞިލްކުރަން ވަރަށް ވަގުތު ނަގާނެ! ކެތްކުރުމަކީ ބައެއް މީހުން އެހާ ކުރާ ހިތްވާ ކަމެއް ނޫން! ކެތްނުވެގެން އެހެން ގޮތްގޮތް ހޯދާ މީހުން ވަރަށް ގިނަ ވާނެ! އެކަމަކު ހާރޫން އަހަންނަށްޓަކައި އެހާ ދުވަހު ކެތްތެރިކަމާއެކު އިންތިޒާރު ކުރީމަ އަހަންނަށް އެވަރުން ފުދޭ! "
ޔަޝްމީ އެހެން ބުނުމާއެކު ހާރޫންގެ ޚިޔާލުގައި ޝަހާނާގެ ތަސްވީރު ކުރެހުނެވެ. އެއާއެކު އޭނާގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ. އޭނާއަކީ ކުށްވެރިއެއް ކަމުގައި ޝަހާނާ އޮތީ ނިންމާފައެވެ. އެކަން ވަކިގޮތަކަށް ނިންމަންވެސް ހާރޫން ބޭނުމެވެ. އެހެންކަމުން ޝަހާނާއާ ކޮންމެހެންވެސް ބައްދަލު ކުރުމަށް އޭނާގެ ހިތް އެދެން ފެށިއެވެ.
" ކިހިނެއްވީ؟ މޫޑު ބަދަލުވެއްޖެހެން ހީވަނީ "
ކަންބޮޑުވެފައިވާ ހާރޫންގެ މޫނަށް ބަލަހައްޓައިގެން ހުރެ ޔަޝްމީ އަހާލިއެވެ. އެއާއެކު ހާރޫން ގަދަކަމުން ހިނިތުންވެލިއެވެ.
" ޔަޝްމީއަށް އަހަރެން ވަރަށް ރަނގަޅަށް އެނގޭދޯ! "
ހާރޫން އަނެއްކާވެސް ޔަޝްމީއާ ތަންކޮޅެއް ކައިރިވެލިއެވެ. ނަމަވެސް ހާރޫންގެ މޭގައި އަތްތިލަ ޖައްސާލަމުން ޔަޝްމީ އޭނާ ދުރަށް ޖައްސާލިއެވެ.
" ބުނެބަލަ! "
ޔަޝްމީ އޮޅުން ފިލުވަން ބޭނުންވެގެން އުޅޭތީ ހާރޫން ބޭނުންވީ މައުޟޫ ބަދަލުކޮށްލާށެވެ.
" ކުއްލިއަކަށް ޔަޝްމީ ފެނުނީމަ އެގޮތް މިގޮތަށް ވިސްނޭ! އަހަންނަށް ފެންނަ ހުވަފެނަކަށްވެސް ވެދާނެއެއްނު"
ހާރޫންގެ ޖުމްލައިން މިފަހަރު ޔަޝްމީއަށް ހިނިތުންވެލެވުނެވެ.
" ދުރަށް ދިޔައީމަ މާ ބޮޑަށް ހަނދާންވާނީ ލޯބި ވާތީހެން ހީވަނީ! އެކަނިވެރިކަން އިޙްސާސްވާނީ ހާރޫންއަށް ހިތް އެދޭތީހެން ހީވަނީ! "
ޔަޝްމީއަށް ބުނެވުނީ މަޑުމަޑުންނެވެ. އެހިނދު ހާރޫން ހީލަމުން ފަހަތަށް ފިޔަވަޅު އަޅަން ފެށިއެވެ.
" ޔަޤީން ނުކުރެވޭތަ؟ ބައެއް ފަހަރު ހީވާ ހީވުން، ނިމިގެންދާނީވެސް ހީވުމެއްގައި އޮވެ! "
ހާރޫންގޮސް ކޮޓަރީގެ ދޮރު ލައްޕާ ތަޅުލިއެވެ. އެއާއެކު އޭނާއާ ދިމާލަށް ޔަޝްމީވެސް ހިނގައިގަތެވެ.
" އަހަރެން ހާރޫން ކައިރިއަށް މިއައީ އެކަން ޔަޤީން ކުރަންވެގެން! އަހަރެން ބޭނުމެއްނޫން ވަރިވާކަށް! އެކުގައި އުޅެން ބޭނުމީ!"
ހާރޫންއާ ހަތަރުކަޅި ހަމަކޮށްލަމުން ޔަޝްމީ ބުންޏެވެ. އޭރު ހާރޫންއަށް ހުރީ ހެވިފައެވެ. އޭނާގެ މޫނުމަތި އުޖާލާވެގެން ދިޔަތަން ޔަޝްމީއަށް ފެނުނެވެ. އެއާއެކު އޭނާ ޔަޝްމީގެ އުނަގަނޑުގައި އަތް އަޅުވާލުމަށްފަހު އޭނާއާ ދިމާލަށް ދަމައިގަތެވެ.
" ފަހުން ފަހުން އައިސް ޔަޝްމީގެ ހިތުގެ ޙާލު އަހަންނަށް އެނގުނު.. އަހަރެންގެ ހިތަށް ތި ހުރިހާ ކަމެއް އެނގުނު! ޔަޝްމީ އަހަރެންދެކެ ލޯބިވާކަންވެސް އެނގުނު... އެ ހުރިހާ ކަމެއްވެސް އަހަންނަށް ބުނެދިނީ ޔަޝްމީގެ ހަމަހިމޭންކަން! ފަހުން ފަހުން އައިސް ޔަޝްމީއަށް ބަދަލުތަކެއް އަންނަން ފެށިކަން އަހަންނަށް އެނގުނު! ބަސްމަދުވެ، ދެރަވެފައި ހުންނަކަން އެނގޭ! އަހަރެންދެކެ ލޯބިވާކަން އެނގެން ފެށީވެސް އެހިސާބުން..އެކަަމަކު އަހަރެން ބޭނުންވީ އެކަން ޔަޝްމީ އަމިއްލައަށް އިޙްސާސް ކުރުވަން! އެހެންވެ އަހަރެން ހިތާ ދެކޮޅަށްވެސް ޔަޝްމީ ރަށަށް ފޮނުވާލީ! "
ހާރޫން ޔަޝްމީގެ މޫނުގައި މޫނު ޖައްސާލަމުން ބުރަކަށީގައި ފިރުމާލިއެވެ.
" އަހަރެން ވާހަކައެއް އަހާލަންތަ؟ "
ދެލޯ މަރާލައިގެން ހުރި ހާރޫންގާތު ޔަޝްމީ އެހިއެވެ. އެހިނދު ހާރޫން ހޫމް އަޅުވާލިއެވެ.
" އެއްޗެކޭ ހީ ނުކުރައްޗޭ! ޢުމުރުން މިހާތަނަށްވެސް ހަމަ އެއްވެސް އަންހެނެއްގެ ގައިގައި ނުބީހެންތަ؟ "
ޔަޝްމީގެ ސުވާލުން އަނެއްކާވެސް ހާރޫންގެ ލޮލުތެރޭގައި ސިފަވެގެން ދިޔައީ ރޭގެ ހާދިސާއެވެ. އެއާއެކު އޭނާއަށް ޔަޝްމީގެ ގައިން ދޫކޮށްލެވުނެވެ. އަދި ހާސްވެފައި ހުރެ ޔަޝްމީއަށް ބަލަމުން ދިޔައެވެ. ހާރޫން ބަލާ ގޮތުން ޔަޝްމީގެ ހިތްވެސް ނުތަނަވަސްވިއެވެ.
" އަހަންނަށް އިތުބާރު ނުކުރަނީތަ؟ "
ހާރޫން އަހާލީ މަޑުމަޑުންނެވެ. އެހިނދު ޔަޝްމީ އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރާލަމުން އައިސް ހާރޫންގެ އަތުގައި ހިފާލިއެވެ. ޔަޝްމީ، އެނާގެ ދެއަތުން ހާރޫންގެ އަތްތިލައިގައި ހިފައި މޭގައި ޖައްސާލިއެވެ.
" ހާރޫންއަށް އަހަރެން އިތުބާރު ނުކޮށްފާނެތީތަ ތިހާ ކަންބޮޑުވީ؟ އަހަރެންގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް އިތުބާރު ކުރަން! އެނގޭތަ އެއީ ކީއްވެގެންކަން؟ "
ޔަޝްމީ ލޯތްބާއިއެކު އެހިއެވެ. ނަމަވެސް ހާރޫން އެއްވެސް ޖަވާބެއް ނުދެއެވެ. އަދިވެސް އޭނާ ހުރީ ވަރަށް ބޮޑަށް އުދާސްވެފައެވެ.
" ހާރޫންއަށް އަހަރެން ޙަލާލު ވުމުންވެސް އަހަރެންގެ ނުރުހުމުގައި އިނގިލިކުރިވެސް ޖައްސައިނުލީތީވެ! ކެތްތެރިކަމާއިއެކު ހާރޫން އަހަންނަށް އިންތިޒާރު ކުރީތީވެ! އެއަށްވުރެ ބޮޑު އިތުބާރެއް ކޮބާ؟"
ޔަޝްމީ އަނެއްކާވެސް ހާރޫންގެ ގައިގައި ލެނގިލިއެވެ. އެހިނދު ހާރޫން ޔަޝްމީގެ ގައިގައި ހިފަހައްޓާލީ ކަންބޮޑުވެ ހުރެއެވެ.
***
ޝަހާނާ އިނީ ސޯފާގައެވެ. ހާރޫން ކޮޓަރިން ނިކުންނާނެ ވަގުތަކަށް އޭނާ އިންތިޒާރު ކުރާތާ ކިތަންމެ އިރެކެވެ. އޭރު ޔަޝްމީއާމެދު އޭނާގެ ހިތުގައި ނަފްރަތުގެ ހުޅުގަނޑު ބާރަށް އަނދަމުންދެއެވެ. ޓީވީ ހުޅުވައިގެން އިން ނަމަވެސް އޭނާގެ ދެލޯ އަމާޒުވެފައިވަނީ ސީދާ ހާރޫންގެ ކޮޓަރި ދޮރަށެވެ.
ކުއްލިއަކަށް ދޮރު ހުޅުވާފައި ނިކުތީ ޔަޝްމީއެވެ. އޭނާގެ މޫނުމަތީގައިވާ ތާޒާކަން ފެނި، ޝަހާނާ އިތުރަށް ރުޅިގަދަވިއެވެ. ހަސަދައިގެ އަލިފާން ހިފާފައިވާ އެ ހިތް އޭރުވެސް ހީވަނީ ވިރެމުންދާހެންނެވެ.
" ދޮންބެ ގުޅި ޔަޝްމީއަށް އާދެވުނުތޯ ބަލަން! ގެއަށް އައިސްވެސް ނުގުޅަންތަ؟ "
ރުޅިވެރިކަން ފޮރުވަން ބޭނުންވި ނަމަވެސް ޝަހާނާއަށް ވާހަކަ ދެއްކުނީ ރުންކުރު ގޮތަކަށެވެ. ލަސްލަހުން އައިސް ޔަޝްމީ ސޯފާގައި އިށީނުމަށްފަހު ހިނިތުންވެލިއެވެ.
" އަދި ނުގުޅަން! އަސްލު އަހަންނަށް މި އާދެވުނީވެސް ދޮންބެ އަހަންނަށް ދިން ހިތްވަރުން.. އަހަރެންގެ ކައިވެނި ރޫޅިގެންދާކަށް ދޮންބެވެސް ބޭނުމެއް ނުވޭ! އެހެންވެ އިއްޔެ ފުރި ލޯންޗުން ދޮންބެ އަހަރެން ފޮނުވީވެސް"
ޝަހާނާއަށް ބަލަހައްޓައިގެން އިނދެ ޔަޝްމީ ވާހަކަ ދެއްކިއެވެ. އެހިނދު ޝަހާނާއަށް ޖާވިދް ދެކެވެސް ރުޅި އާދެވުނެވެ.
" ދެން މަންމަޔޯ؟ އަހަރެން އަދި ޑޮކްޓަރަށް ދައްކާވެސް ނުނިމޭ"
ޝަހާނާ މޫނު ހަދާލުމަށްފަހު އެހެން ބުނުމުން ޔަޝްމީ ހިނިތުންވެލިއެވެ.
" މަންމަވެސް މިހާރު ކުރިއަށްވުރެ ރަނގަޅު! "
ވާހަކަ އެހިސާބަށް ދިޔުމާއެކު ކޮޓަރިން ހާރޫން ނިކުމެއްޖެއެވެ. އެއާއިއެކު ޝަހާނާގެ ނަޒަރު ގޮސް ހުއްޓުނީ ހާރޫންއަށެވެ. ހިނގައިގަންނަމުން ހާރޫންއަށްވެސް ޝަހާނާއަށް ބަލައިލެވުމާއެކު ޝަހާނާގެ މޫނުމަތީގެ ޝުޢޫރުތައް ހާރޫންއަށް ދެނެގަނެވިއްޖެއެވެ. އެހެންކަމުން އޭނާއަށް ހުރެވުނީ ހިނިތުންވާންވެސް ނޭނގިފައެވެ.
" އަހަރެން މި އަންނަނީ ރީތި ވެލައިގެން.. "
ހާރޫން ފެނުމުން ޔަޝްމީ ބުންޏެވެ.
" ކޮންތާކަށް ދާން؟ "
ބޭއިޙްތިޔާރުގައި ޝަހާނާއަށް އަހާލެވުނީ ޔަޝްމީއަށް ބަލައިލަމުންނެވެ. އެވަގުތު ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން ޔަޝްމީ ޝަހާނާއަށް ބަލައިލިއެވެ.
" ހާރޫންގެ ބައްޕަ ގާތަށް ގޮސްލަން ވެގެން..."
ދިޔަ ބާރުމިނުގައި ގޮސް ޔަޝްމީ ކޮޓަރިއަށް ވަނުމާއެކު ހާރޫން ސޯފާގެ ކޮޅުގައި އިށީނދެ ފޯނާ ކުޅެން ފެށީ ޝަހާނާއަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. ހާރޫންގެ ހަރަކާތްތައް ކަޅި ޖަހައިނުލާ ބަލަހައްޓައިގެން އިން ޝަހާނާއަކަށް އެއްޗެއް ނުބުނެ މާ ގިނަ އިރަކު ނީނދެވުނެވެ.
" އަހަރެން ވަރަށް ދެރަވޭ! "
މޮޅިވެރި ރާގެއްގައި ޝަހާނާ އެހެން ބުނެލުމާއެކު އަޑުއައި ދިމާލަށް ހާރޫންއަށް ކަޅި ހިންގައިލެވުނެވެ. ނަމަވެސް އޭނާ އިނީ ޝަހާނާއާ ދިމާލަށް ނުބަލައެވެ.
" ހާރޫންގެ ސަބަބުން އަހަރެން އުފުލަމުންދާ ހިތްދަތިކަން ހާރޫންއަކަށް ނޭނގޭނެ!"
ޝަހާނާ އަނެއްކާވެސް ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އެހިނދު ހާރޫން އިންގޮތަށް އިނދެ ބޯ އަރިކޮށްލައި ޝަހާނާއަށް ބަލައިލިއެވެ.
" ޝަހާނާއަށް އަހަރެން ދިނީ ކޮން ހިތްދަތިކަމެއް؟ ނޭނގުމެއްގެ ތެރޭގައި ވީކަމެއްވީ! އަހަރެންގެ ހިތުގައި އެއިން އެއްވެސް ކަމެއް ނެތް! ހަނދާނެއްވެސް ނެތް"
ހާރޫން އެހެން ބުނުމާއެކު ޝަހާނާގެ އެތެރެހަށި ހޫނުވެގެން ދިޔައެވެ. އިންތިހާއަށް އޭނާ ރުޅި ގަދަވި ނަމަވެސް ހާރޫންގެ ކުރިމަތީގައި އޭނާ ބޭނުންވަނީ ސާދާ މީހަކަށް ވާށެވެ. އެހެންކަމުން ނޭވާ ހިފަހައްޓާލުމަށްފަހު އޭނާ އިސްކުރީ ކެތްތެރިކަމެވެ.
" ބުނެލަން ފަސޭހަ ވެދާނެ! އެކަަމަކު ކަންތައްވީގޮތް އަހަރެންގެ ސިކުނޑީގައްޔާ ހިތުގައި އަދި ޚިޔާލުތަކުގައިވެސް ތާއަބަދު ސިފަވަމުންދަނީ.. ލަދުގަންނާނީވެސް އަހަރެން.. އެކަމަކު ހާރޫންއަށް އެއީ އެއްވެސް ކަމެއް ނޫން"
ޝަހާނާ އެވާހަކަތައް އާކުރާތީ ހާރޫންއަށް ނުހަނު އުނދަގޫވެއެވެ.
" ހާރޫންއަށް އެއީ އެއްވެސް ކަމަކަށް ނުވަންޏާ ޔަޝްމީގާތު އެވާހަކަތައް ކިޔައިދީބަލަ! ބުނެބަލަ އަހަރެން ފެންވަރަން ހުއްޓާ ތިމާއަށް އެތަނަށް ވަދެވުނު ވާހަކަ! ދެން ބުނެބަލަ އަހަރެން ގައިގައި ބައްދާލެވުނު ވާހަކަ! އަހަރެންގެ މުޅި ގައިގައި ފިރުމި ވާހަކަ! ތި ދެމީހުންގެ އެނދުގައި ރޭގައި އަހަރެން ގޮވައިގެން އޮތް ވާހަކަވެސް ބުނެބަލަ! ދެން ބުނޭ ތިމަންނަ މިހާރު ހަނދާންވެސް ނެތޭ އެކަމެއް.. ހިތުގައި ލައިގެންނެއް ނޫނޭ މިއުޅެނީ"
އެއްފައްޗަކަށް ޝަހާނާ ހުރިހާ ވާހަކައެއް ދައްކާ ނިންމާލިއެވެ. އެއާއިއެކު ހާރޫންއަށް ކޮޅަށް ތެދުވެވުނެވެ. ދިރިއުޅުމަށް އެކަމުގެ އަސަރު ކުރާކަށް ފަހަރެއްގައިވެސް ހާރޫން ބޭނުމެއް ނޫނެވެ. ހާރޫން ތެދުވުމުން ޝަހާނާވެސް ތެދުވެއްޖެއެވެ.
" ކޮންމެ ވާހަކައެއްވެސް ވަކިވަކިން މިހެން ކިޔައިދިނީމަ ހާރޫންއަށްވެސް ހާރޫންއަށް ކަންތައް ކުރެވުނު ގޮތް އިޙްސާސް ކުރެވިއްޖެއެއްނު! ނޭނގި ނަމަވެސް އަހަންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑެތި އަސަރުތަކެއް އެބަ ކުރޭ ހާރޫން.. "
ޝަހާނާ ބުންޏެވެ. އެވަގުތު ފަރުވާކުޑަ ގޮތަކަށް ހާރޫން ޝަހާނާގެ މޫނަށް ބަލައިލަމުން އޭނާ ސުވާލު ކުރިއެވެ.
" ތިބުނީ؟ "
" މިބުނީ އެކަންކަން ހަނދާން ނައްތައެއް ނުލެވުނޭ! އަހަންނަށް މާ ބޮޑަށް ވިސްނެނީ.. އަހަންނަށް....އަހަންނަށް.... ހާރޫންގެ އެ ޢަމަލުތަކުން..މްމްމް.. އަހަންނަށް ހާރޫން... ހާރޫންދެކެ ލައިކް...ލައިކް ވެއްޖެ"
ބިރުން ހުރެ ވަރަށް އުނދަގުލުން ޝަހާނާ އެހެން ބުނެލުމާއެކު ހާރޫންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
" ހާރޫން އަހަންނާ އެހާ ގާތް ނުވިނަމަ މިހެންނެއް ނުވީސް"
ޝަހާނާ އިތުރު ކޮށްލިއެވެ. އެހިނދު ހާރޫންއަށް ހިންދިރުވާލެވުނެވެ.
" ތިކަމެއް ނުވާނެ! ތިވާހަކަ ޝަހާނާ ހިތުގައި ބާއްވާ! ހެޔޮނުވާނެ ތިހެން ނުބުނޭ! ހަތަރު މީހުންގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއްގެ ވާހަކަ ތި ދައްކަނީ"
ހާރޫން ސޯފާގައި އިށީނެވެ. އަދި ކޮޓަރިއާ ދިމާލަށް ބަލަހައްޓައިގެން އިނީ ޔަޝްމީ ނިކުމޭތޯ ބަލާށެވެ. އެހިނދު ޝަހާނާވެސް އިށީނެވެ.
" އަހަރެން ކުށްވެރި ކުރާތީ ހިތާމަ ކުރަން.."
އަނެއްކާވެސް ހާރޫން ބުނެލިއެވެ.
" ހާރޫންއަށް ފެނުނެއްނު.. އަހަރެންގެ..."
ޝަހާނާ އެހެން ބުނުމާއެކު ސިހުންލިބޭ ފަދަ ގޮތަކަށް ހާރޫން އޭނާގެ މޫނަށް ބަލައިލިއެވެ.
" ހާރޫން ލައިކެއް ނުވޭތަ؟ ބުނެބަލަ އަހަރެން ހުތުރީތަ؟ "
ޝަހާނާ އެހެން ބުނި އިރުގައިވެސް ހާރޫންއަށް އިނދެވުނީ ޝަހާނާއަށް ބަލާށެވެ.
" ޕްލީޒް.. އަހަންނާމެދު ތިހެން ނުދެކިބަލަ! ޝަހާނާއާމެދު އެފަދަ އެއްވެސް ޝައުޤުވެރިކަމެއް ނެތޭ! ޕްލީޒް ތިހެން ވާހަކަ ނުދައްކާ! "
ސިއްރުސިއްރުން ހާރޫން އެހެން ބުނެ ތެދުވިއެވެ. އަދި މަޑުކުރުމެއް ނެތި ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެމަންޒަރު ބަލަން ޝަހާނާ އިނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.
" ކިހާ ދުވަހަކު ތިހެން އުޅެވޭތޯ ބަލާނަން"
ޝަހާނާއަށް ބުނެވުނެވެ.
( ނުނިމޭ )
މިވާހަކަ ގެނެސްދެނީ ކޮންމެ އާދިއްތަ ދުވަހަކުން ބުރާސްފަތި ދުވަހަށެވެ.
( ނުނިމޭ )
މިވާހަކަ ގެނެސްދެނީ ކޮންމެ އާދިއްތަ ދުވަހަކުން ބުރާސްފަތި ދުވަހަށެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!