ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ތަކަންދޫ ކައުންސިލުގެ ލޯގޯއެއް ފަރުމާކުރުމުގެ ބޭނުމަކީ އެ ކައުންސލުގެ ރަސްމީ ލިޔުންތަކުގައި ބޭނުން ކުރާނެ ރަސްމީ ލޯގޯއެއް އޮތުންކަމަށާއި، އެ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތްތަކާއި، ބައިވެރިވާ ހަރަކާތްތަކާއި، އެކި އެކި ރަސްމިއްޔާތުތަކުގައި ބޭނުންކުރުމަށް ކަމުގަ އެވެ.
އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ފަރުމާކުރެވޭ ލޯގޯއަކީ ތަކަންދޫ ރަމްޒުކޮށްދޭފަދަ އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ.
މިގޮތުން އެ ރަށަކީ ޒަމާނުއްސުރެ ތަޢުލީމަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ރަށަކަށްވުމާއިއެކު ލޯގޯ ފަރުމާކުރުމުގައި އެކަން ހިމެނުމަށާއި މީގެ އިތުރުންވެސް އެ ރަށަށް ޚާއްސަ ސިފަތަކާއި ކަންކަމާއި، ތަކެތި ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.
ކޮންމެ ފަރާތަކަށް ވެސް އެންމެ ގިނަވެގެން ދެ ލޯގޯ ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާއިރު، ލޯގޯ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ މާޗް މަހުގެ 12 ވަނަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން ލޯގޯ އީމެއިލް ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. އީމެއިލް ކުރައްވާނީ procurement@thakandhoo.gov.mv އަށެވެ.
ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ތަކަންދޫ ކައުންސިލުން ބޭނުންކުރުމަށް ފައިނަލްކުރާ ލޯގޯ ފަރުމާކުރާ ފަރާތަށް 6000 (ހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!