މީގެ ހަތް އަހަރު ކުރިން ލ. މުންޑޫގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި އެކަކު މެރުމަށް އަދި އެކަމަށް އެހީތެރިވި މީހާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މާޗް، 2015 ގައި ހިންގި މާރާމާރީއެއްގައި މުންޑޫ ނޫވިލު، ޒިޔަދަމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެރަށު ހީނާވިލާ މުހައްމަދު ޝަނޫނާއި އެރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ.

Ad
rt

ކްރިމިނަލް ކޯޓުން ނިންމީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވަނީ ޝަނޫންގެ މައްޗަށް އެކަނި ކަމަށެވެ. އަދި ސިފާމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ދައުވާ ކުރިޔަސް، އޭނާގެ މައްޗަށް ސާބިތުވީ މީހަކު މަރާލުމުގައި އެހީތެރިވުމުގެ ދައުވާ އެވެ.

މިއަދު ކުރި ހުކުމުގައިވަނީ ގަސްދުގައި މީހަކު މެރުމުގެ އަދަބަކީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ ވާރިސުން ބޭނުންވާނަމަ މަރުގެ އަދަބު ދިނުން ކަމަށް ގާނޫނުގައި އޮންނާތީ އާއި ޒިޔަދަމްގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން އެދިފައިވާތީ ޝަނޫން މެރުމަށް ހުކުމްކުރީ ކަމަށެވެ.

މީގެ އިތުރުން މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށަށް ގާނޫނުގައި އޮންނަނީ 15 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ގާޒީ ނިންމެވީ ސިފާމް އެ އަމަލު ހިންގުމުގައި އަމަލުކުރި ގޮތަށް ބެލުމަށް ފަހު 25 އަހަރަށް ޖަލަށްލުމަށެވެ.

އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޝަނޫން މެރުމަށް ހުކުމް ކުރިޔަސް، މަރުގެ އަދަބު ތަންފީޒު ކުރާނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ. ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒު ކުރީ 1953 ވަނަ އަހަރު އެވެ.