ކުޑައިރު، ފީނަން ގޮސް އުޅޭއުޅުމުގައި ފެނިފައިހުރި މުރަކައިގެ ރީތި ބަގީޗާތައް މިހާރު އެޒުވާނުންނަށް ފެންނަނީ ދިރުމެއްނެތް ތަނެއްގެ ގޮތުގައެވެ. އޭރު ފެނުނު ބޮޑެތި ގާތަކުގައި ހުރި، ރީތި ޗާލު މުރަކަތައް މިހާރު ހުރީ މަރުވެ، ފުނޑުފުނޑުވެފައެވެ. ގާތަކުގައި ހުރި، ކުލަކުލައިގެ ތަފާތުވައްތަރުގެ މުރަކަތައް ނެތްކަމީ، އެޒުވާނުން މާޔޫސްވެ، މިކަމާއިމެދު ވިސްނަން މަޖުބޫރުކުރިވި ކަމެކެވެ. ގާތަކުގެ ވަށައިގެންހުރި، މުރަކަތަކުގެ ތެރޭގައި އޭރު ދުވެލަ ދުވެލާ އުޅު ކުދި ރީތި މަސްތައް، މިހާރަކު ނޫޅެއެވެ. ޤުދުރަތުން ދެއްވާފައިވާ އެރީތިކަން މަކުނުދޫ ފަޅުގެ ގިނަ ސަރަޙައްދުތަކަކުން މިހާރުވަނީ ނެތި ގޮސްފައެވެ.
އެމުރަކަތައް ހިމާޔަތް ކުރުމަށް ހދ. މަކުނުދޫ މުޙައްމަދު އަޙްމަދާއި އަޙްމަދު ތަޙުސީމް އަދި ސަމާޙް އަބޫބަކުރު ނިކުތީ އެމީހުންގެ އެރީތި ހަނދާންތައް ރައްކާކުރުމުގެ މަޤްޞަދުގައެވެ. އެމަންޒަރު އަލުން ކުލަކޮށް ވެށި ދިރުވުމުގެ އަޒުމްގައެވެ.
ރާއްޖޭގެ އެހެން ރަށްރަށާއި ވަކިން މާ ދުރުގައި އޮންނަ ހދ މަކުނުދޫގެ ފަޅުގައި 14 މޭލު ހުރެއެވެ. މި ބޮޑު ފަޅުގައި އުފެދިފައިވާ ފަރުތަކަކީ އެރަށަށް ޒިޔާރަތްކުރާ މީހުންގެ ޝައުޤުވެރިކަން ދަމައިގަނެފައިވާ އަޖައިބެއްފަދަ ޤުދުރަތީ ރީތި މަންޒިލެކެވެ. މުރަކައިގެ މިވެށި ދިރުވާ އާލާކުރުމަށްޓަކައި އެރަށުގެ 3 ޒުވާނުންވަނީ ޢަމަލީގޮތުން މަސައްކަތްފަށާފައެވެ. ދެހާހުގެ ކުރީކޮޅުގެ އަހަރުތަކުގައި ފަރުތަކަށް ގެއްލުންވުމާއި މުރަކަ ހުދުވެ، މަރުވަމުންދާ ވާހަކަ ފުރަތަމަ މިމީހުންނަށް އިވެންފެށީ ޚަބަރުތަކުންނެވެ. އެހެނަސް އޭރު އެކަންކަމަށް ޙައްލެއް ހޯދުމަށްޓަކައި ކުރެވޭނެ އެއްވެސް ކަމެއް އޮތްކަމަކަށް މިމީހުން ނުދެކެއެވެ. މި ޒުވާން އެކުވެރިންގެ ވިސްނުމުގައި މުރަކަ ދިރުވާ އާލާކުރުމުގެ ޚިޔާލު ފުރަތަމަ އުފެދުނީ 2018 ވަނަ އަހަރުގެ ފަހުކޮޅެވެ.
މަކުނުދޫ އާއި އެރަށުގެ ފަޅުތެރޭގައި އޮންނަ ފެންބޯ ހުރާ، ފޮޓޯ: ވާސި ފޮޓޯ/މަކުނުދޫ
މަކުނުދޫއާ އެރަށުގެ ފަޅުތެރޭގައި އޮންނަ ފަޅުރަށެއް ކަމުގައިވާ އިންނަފުއްޓާ ދޭތެރޭގައި ވަރަށް ރީތި މުރަކަތަކެއް ކުރިން އަބަދުވެސް ފެންނަކަމުގައި މިއެކުވެރިން ބުންޏެވެ. އެހެނަސް އެމުރަކަތަކާއި، އެސަރަޙައްދުގައި ހުރި ނިލަމެހި އަޅާ މުރަކަތައްވެސް ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި މަރުވެ ގޮސްފައިވާކަމުގައި އެ ޒުވާނުން ފާހަގަކުރިއެވެ. އަދި ފަޅުތެރޭގައި އޮންނަ ފެންބޯހުރާ އާއި މަކުނުދޫ އާ ދޭތެރޭގައި ހުރި މުރަކައިގެ ބަގީޗާތައް މިހާރުވަނީ ދިރުމެއްނެތް ފުނޑު ގާތަކަކަށްވެފައެވެ. އަބަދުވެސް ފީނާ، މަސްބާނަން ގޮސްއުޅޭ މި 3 ޒުވާނުންގެވަރަށް ބޮޑު ކަންބޮޑުވުމަކަށް މިކަންވެގެން ދިޔައެވެ.
ފަރުމަސްވެރިކަމާ ދިޔުމަކީ މި ތިން ޒުވާނުންގެ އުފަލެކެވެ. ކޮންމެ ހަފުތާއަކުވެސް އާއިލާއާއިއެކު ނުވަތަ އެކުވެރިންނާއިއެކު ފަރުމަހާ ދިޔުމަކީ މިމީހުންގެ އާދައެކެވެ. ކޮންމެ މީހެއްގެ އަމިއްލަ ޑިންގީއެއް އޮތުމުގެ ފަސޭހައަކަށްވެފައިވަނީ ބޭނުން ކޮންމެ ވަގުތެއްގައި ފަޅުތެރެއަށްނުކުމެ، ފަޅުގޮވާންކުރެވުމެވެ. ދިރިއުޅުމުގެ ބޮޑުބައެއް މޫދާއި ގުޅިފައިވާ މިމީހުންގެ ވިސްނުންހުރީ ތިމާވެށި ހިމާޔަތްކުރުމާއިވެސް ގުޅިލާމެހިފައެވެ.
"މީގެ ފަސްވަރަކަށް އަހަރުކުރިން އަޅުގަނޑުމެންނަށް ސޯޝަލް މީޑިއާއިން ފެންނަން ފެށީ މުރަކަ ގްރޯކުރަން މަސައްކަތްކުރާތަން. ދެން އެކަން ކުރާގޮތް ކުޑަކޮށް ސްޓަޑީކޮށްލީ. އަޅުގަނޑުމެންނަށް މިކަން ކުރެވިދާނެތޯ ބަލާލަން ބޭނުންވީ. ކޭބަލްޓައި އާއި ސިމެންތި ބޭނުންކޮށްގެން ދަގަނޑުން ހެދީ ސްޕައިޑަރވެބް 3 ފްރޭމް.އެކަންކުރީ ޔޫޓިޔުބްއިން ބަލައިގެން. އަޅުގަނޑުމެން މިކަހަލަ ކަމެއްކުރާކަމުގެ މަޢުލޫމާތު ލިބިގެން އެން.ޑީ އަޒީ އަޅުގަނޑުމެންނަށް ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދިން.. މި ފުރުޞަތުގައި އަޒީއަށް ޝުކުރު ދަންނަވަން." މިކަމުގައި ހަރަކާތްތެރިވާ ތަހުސީމް ބުންޏެވެ.
އެންމެ ފުރަތަމަ ފްރޭމްތަކުގައި ޖެހީ ތިންވައްތަރެއްގެ މުރަކައެވެ. އެއަށްފަހު ފްރޭމްތައް ބެހެއްޓީ މޫދުގެ ތިލަ ހިސާބެއްގައެވެ. ދެން މުރަކަތައް ބޮޑެތިވާގޮތް، ދިރާސާކުރުމުގެ ޝައުޤުވެރިކަން އުފެދި، އެކަން ބެލި ބެލުމުން އެމީހުންނަށް އެނގުނީ އެންމެ އަވަހަށް ބޮޑުވެ ހެދިގަންނަނީ ބްރާންޗްކޮރަލްކަމެވެ. ފްރޭމްގައި މުރަކަ އިންދިތާ ހަތަރުމަސް ދުވަހުގެ ތެރޭގައި ބްރާންޗްކޮރަލް ކަފިވެ، ބޮޑެތިވާންފެށިކަމަށް އެމީހުން ބުންޏެވެ. އެމަންޒަރު ފެނުމުން އެޓީމްގެ އުއްމީދު އާވެ، އިތުރަށް މިމަސައްކަތާއިގެން ކުރިއަށްދިޔުމުގެ ހިތްވަރުލިބުނެވެ. މަސްހިފަން ގޮސްއުޅޭ މީހުންގެ ފަރާތުންނާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ފްރޭމްތަކުގައި ބޮޑެތިވަމުން އަންނަ މުރަކަތައް ފުނޑުފުނޑުވާކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. އެހެންކަމުން އަލުން ދެފަހަރެއްގެ މަތިން ފްރޭމްތަކުގައި މުރަކަ ހަރުކޮށް، މި ޒުވާން ހުނަރުވެރިން، ފްރޭމްތައް ބަރާބަރަށް ބަލަމުން ގެންދިޔައެވެ.
" އެހިސާބުން އަޅުގަނޑުމެންނަށް އެނގިއްޖެ، ހިތްވަރު ހުރިއްޔާ މިއީ ވެދާނެކަމެއްކަން.އަޅުގަނޑުމެން ބޭނުންވަނީ ފަޅުތެރޭގައި ހުރި ބޮޑެތި ގާތަކުގައި އަލުން ކޮރަލް އިންދައިގެން އެތަނަށް ދިރުމެއް ގެންނަން .. އަދި ވަރަށް ބޭނުން އަޅުގަނޑުމެން އަމިއްލަ ކުޑަކުޑަ ރީފެއް ހަދަން...އެއްވެސް މުރަކައެއް ނެތް ތަނެއްގަ މުރަކަ ޖަހައިގެން އަމިއްލަ ރީފެއް އުފެއްދުމަށް މިހާރު މަޝްވަރާކުރަމުން މިދަނީ" ޓީމުގެ އިތުރު ބައިވެރިއެއްކަމަށްވާ މުޙައްމަދު ބުންޏެވެ.
މުސްތަޤްބަލްގައި ތިލަދުންމަތީގައި ފަތުރުވެރިކަން އުފެދިގެން ދާނެކަމުގެ އުއްމީދުބޮޑެވެ. އެހެންކަމުން ޓޫރިސްޓުން، އެމީހުންގެ ކޮރަލް ގާރޑަން ބަލާލަން އައުމަކީ ޒުވާން ޓީމުން ދެކޭ ވަރަށް ބޮޑު ހުވަފެނެކެވެ.
މުރަކަ އިންދައި އާލާ ކުރުމަށް މަކުނުދޫ ފަޅުތެރޭ ޖަހާފައިވާ ފްރޭމެއް، ފޮޓޯ: މުހައްމަދު
"އަޅުގަނޑުމެންގެ ތަސައްވުރަކީ މިކަމަށް ޝައުޤުވެރިކަން ހުންނަ މަކުނުދޫގެ ފަރާތްތަކުން އަޅުގަނޑުމެންނާއެކު މިކަމުގައި ބައިވެރިވެ، މިކަން ފުޅާކުރުމަށް މަސައްކަތްކޮށް، ރީތި ޗާލު މުރަކަތަކުން މިރަށުގެ ފަޅުތެރެއަށް ދިރުމާ އާރޯކަން ގެނެސްދިނުން " ފުރިހަމަ އިތުބާރާއެކު ތަހްސީމް ބުންޏެވެ.
މި މަސައްކަތާއިއެކު މި ޓީމުގެ މަސައްކަތުގެ މިސްރާބުވަނީ ވަރަށް ދުރަށް ދަތުރުކޮށްފައެވެ. ކުރިއަށް އޮތްތަނުގައި ފަޅުގައި ހުރި ބޮޑެތި ގާތަށް ބަލާ، މުރަކަ އިންދުމުގެ ޢަމަލީ މަސައްކަތްފެށުމަށް މިޓީމުންދަނީ ތައްޔާރުވަމުންނެވެ. ހަރުއަޑުން ބުނަމުންދަނީ މިއީ ނިމުމެއް އަންނާނެ ކަމެއް ނޫންކަމަށެވެ.
މުރަކަތައް ބޮޑުވަމުން ދަނީ، ފޮޓޯ: މުހައްމަދު
މުރަކަތަކާއި ފަރުތަކަށް ގެއްލުންދޭ މޫދުގެ ދިރުމެއްކަމަށްވާ ( ކްރޯން އޮފް ތޯންސް –ސްޓާފިޝް ) ކަށިބޯ ނައްތާލުމުގެ މަސައްކަތެއްވެސް މި ޓީމުންވަނީ ކޮށްފައެވެ. އެގޮތުން ގިނަ ޢަދަދެއްގެ ކަށިބޯތަކެއް ފަރުތަކުން ނައްތާލާ، ބައެއް ފަރުތައް ސާފުކުރުމުގެ މަސައްކަތް ފޯރިއާއިއެކު ކޮށްފައިވާނެކަމަށް އެމީހުން ބުނެއެވެ.
މިކަމުގައި މިޓީމުން ބޭނުންވަނީ ރަށުރައްޔިތުންގެ އެއްބާރުލުމެވެ. ފާއިތުވި ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި މި ޒުވާނުންގެ މަސައްކަތަށް އެއްވެސް ބައެއްގެ ސަމާލުކަން ލިބިފައިނުވަނީ މިކަން މީހުންނަށް ހާމަކޮށްދެވޭނެ ގޮތެއް ފަހިވެފައި ނެތުމުންކަމުގައި އެމީހުން ބުންޏެވެ.
އެ ޒުވާނުން އިންދި މުރަކަތައް ބޮޑެތިވަނީ، ފޮޓޯ: މުހައްމަދު
"ތިމާވެއްޓާ، މިރަށުގެ ފަޅުތެރޭގެ ދިރުންތައް އާލާކުރުމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރާނަން. ފޮރުވިފައިވާ އަޅުގަނޑުމެންގެ މިމަސައްކަތް މީހުންނަށް އަންގައިދިނުމަށްޓަކައި، މި ފުރުސަތު ފަހިކޮށްދެއްވީތީ ތިލަދުންގެ ޓީމަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން" މުޙައްމަދު ބުންޏެވެ.ފަރުތަކުގެ ސަރަޙައްދުތައް ވަކިން ކަނޑައަޅައި ގޫގުލް ޕޮއިންޓް ޖަހާލުމަކީ ފަޅުތެރޭގައި ހުންނަ މުރަކައިގެ ފަރުތަކަށް އެކި ގޮތްގޮތުން ލިބޭ ގެއްލުންތައް ކުޑަކުރެވިދާނެކަމެއްގެ ގޮތުގައި އެމީހުން ދެކެއެވެ.
ބޮޑެތި ގާތަކުގައި އުފެދިފައި ހުންނަ މުރަކަތަކަކީ ކުދިކުދި މަސްތަކުގެ ގެދޮރެވެ.ދުވެލަދުވެލާ އުޅޭ އެމަސްތަކުން ޤުދުރަތީ ރީތިކަމާއި ފުރިހަމަކަން ހާމަވެއެވެ. އެފަދަ ހިތްގައިމު މަންޒަރުތައް ދާއިމީގޮތެއްގައި ރައްކާތެރިކުރެވޭނީ އެކަމަށްޓަކައި ބަޔަކު ތެދުވެގެންނެވެ. ފަރުތަކާއި މުރަކަތައް ހިމާޔަތްކުރެވޭނީ އެންމެން އެއްވާމެއްގައި މަސައްކަތްކޮށްގެންނެވެ. މިއީ މި ހުނަރުވެރީންގެވެސް އެދުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!