ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. އެކި މީހުންގެ ގައިގައި ހުންނާނީ އެކި ހުނަރެވެ. އެ މީހަކަށް ޤުދުރަތީގޮތުން ލިބިފައި ހުންނަ ހުނަރެއް ނުވަތަ ޝަޢުޤުވެރިވާ ދާއިރާއެއް ގިނަފަހަރަށް ފާހަގަވާން ފަށަނީ ތަޢުލީމް ހާސިލް ކުރަމުން އަންނަ ދުވަސްވަރު ސްކޫލުގެ މާހައުލުންނެވެ. ކުރެހުމުގެ ދާއިރާއިން ކުރިއަށް ދިޔުމުގެ މާބޮޑު ވިސްނުމެއް ނެތް ނަމަވެސް ސްކޫލުގައި ބާއްވާ އިވެންޓްތަކަށް ޑެކަރޭޓް ކުރުމާއި، ސްކޫލުގައި ބާއްވާ ކުރެހުން މުބާރާތްތަކުގައި ހދ. ކުޅުދުއްފުށީ، ލައިޓްހައުސް/ މުސްތަފާ މުޙައްމަދު ބައިވެރިވަމުން އައީ ހިތުގައި އެކަމަށް އޮންނަ ޝަޢުޤެއްގެ ބޮޑުކަމުންނެވެ.
މުސްތޮ ފާހަގަކުރާ ގޮތުގައި އޭނާ ކުރެހުމުގެ ދާއިރާއަށް ޝަޢުޤު އިތުރުވި ސަބަބުތަކުގެ ތެރޭގައި ބައްޕަ އެ މަސައްކަތް ކުރާތީ ފެނި ތަޖުރިބާ ކޮށްލަން ލިބުން ހިމެނެއެވެ. މިހާރު ބައްޕަ ކުރެހުމުގެ މަސައްކަތް ކޮށް ނޫޅުނު ނަމަވެސް، ކުރީ އެ ރަށުގައި ބާއްވާ ހިތާނީ އިވެންޓް ތަކަށާއި އަދި މިނޫންވެސް ބައެއް ކަހަލަ އިވެންޓްތައް ޑެކަރޭޝަން ހެދުމަށް ބޭނުންވާ ކުރެހުންތައް ފުލައިވުޑް ފިލާފަދަ ތަކެތީގައި ބައްޕަ ކުރަހައި އުޅުނެވެ.
ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުން އޯލެވެލްއަށް ކިޔެވުން ނިންމާލުމަށް ފަހު ވެސް ރަށުގައި ހުރި ދުވަސްވަރު ހިތާނީ އިވެންޓްތަކަށް ޑެކަރޭޝަންތައް ހެދުމާއި ގޭގޭގެ ފާރުތަކުގައި ކުރެހުމާއި އަދި މި ނޫން ވެސް ތަފާތު ކުރެހުމުގެ މަސައްކަތް މުސްތޮ ކުރަމުން އައީ ޕްރޮފެޝަންއެއްގެ ގޮތިގައި އެކަން ކުރެވިދާނެ ކަމުގެ މާ ބޮޑު އުންމީދެއް އޮވެގެނެއް ނޫނެވެ.
މުސްތޮގެ ފަންނުވެރި ކުރެހުމެއް
މުސްތޮ ބުނެފައިވާ ގޮތުގައި އެ ދުވަސްވަރު ކުރެހުމުގެ ދާއިރާއާއި މެދު މީހުން ދެކޭ ގޮތް ވަރަށް ތަފާތެވެ. މިގޮތުން އެއީ އާމްދަނީ ހޯދުމަށް ކުރެވޭ ނުވަތަ ކުރެވިދާނެ މަސައްކަތެއްގެ ގޮތުގައި ގިނަބަޔަކު ނުދެކަމަށާއި ނަމަވެސް މިހާރު އެ ވިސްނުން ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަން މުސްތޮވަނީ ފާހަގަ ކޮށްފައެވެ.
ޕްރޮފެޝަންއެއްގެ ގޮތުގައި ކުރަހަން ބޭނުންވި ނަމަވެސް އެއީ ކުރެވިދާނެ ކަމެއްތޯ؟ ކުރަހައިގެން ނުވަތަ އެ ދާއިރާއާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދިދާނެ ތޯ؟ މިއީ މުސްތޮ މިކަމުގެ ތެރެއަށް ނުކުތްއިރު އޭނާއަށް ވެސް ޖަވާބު މުޅީން ސާފުނުވާ ސުވާލުތަކެވެ. ނަމަވެސް ހިތްވަރާއިއެކު ނުކުމެ ކުރެހުމާއި ގުޅުންހުރި ގިނަ މަސައްކަތް ދަސްކޮށް މުސްތޮވަނީ އެ ސުވާލުތަކުގެ ޖަވާބު ހޯދާފައެވެ.
މުސްތޮ ދަނީ އޭނާގެ ހުނަރު ސްކޫލް ދަރިވަރުންނަށް ދަސްކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުން
ކުރެހުމުގެ ދާއިރާއާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއް މުސްތޮ މިހާރު ކުރެއެވެ. މިގޮތުން އޭނާ ކުރާ މަސައްކަތްތަކުގެ ތެރޭގައި ކުރެހުމާއި ޑިޖިޓަލް އާޓްގެ މަސައްކަތާއި، ވީޑީއޯގްރަފީއާއި އެނިމޭޝަންގެ މަސައްކަތްތަކުގެ އިތުރުން ލޯގޯއާއި ޕޯސްޓަރ ޑިޒައިންން ފެށިގެން ގޮސް އޮފީސްތަކުގެ ބްރޭންޑިންގެ މަސައްކަތްތައް ވެސް ހިމެނެއެވެ.
މުޖުތަމަޢަށް އަންނަ ބަދަލުތަކަށް ކުރެހުންތެރިން ހޭނުމަކީ މުހިންމުކަމެއް ގޮތުގައި ފާހަގަ ކުރަމުން މުސްތޮ ބުނެފައި ވަނީ ހަމައެކަނި އެއްޗެއް ކުރަހާލައިގެން ބޭނުންވާ އާމްދަނީ ހޯދުމަކީ ރާއްޖޭގައި އަދި ދަތިކަމެއް ކަމަށެވެ. ހުރިހާއެއްޗެއް ވެސް ސްމާޓްވަމުން އަންނައިރު، އާޓިސްޓުން ވެސް ކޮމިއުނިޓީ ބޭނުންވާ ގޮތަށް މަސައްކަތް ބައްޓަން ކުރަންޖެހޭ ކަމަށެވެ. މިގޮތުން އޭނާ ވެސް ކުރެހުމަށް ވުރެ ބޮޑަށް ޑިޖިޓަލް މަސައްކަތްތަކަށް ވަގުތު ދެވެނީ އެކަމުން ލިބޭ އާމްދަނީ އިތުރުވެ ޑިގިޓަލް އާޓަށް ލޯބިކުރާ މީހުން އިތުރުވަމުން އަންނާތީއެވެ.
މުސްތޮގެ ފަންނުވެރި ކުރެހުންތަކެއް
މުސްތޮ އާންމުންގެ ތެރެއަށް އެންމެ ބޮޑަށް މަޝްހޫރު ވެފައިވަނީ މާނަ ފުން މޮޅެތި ހިޔާލީ ކުރެހުން ކުރަހާ ފަންނާނެއްގެ ގޮތުގައެވެ. ނުވަތަ މުޖުތަމަޢަށް ވަރަށް މުހިންމު މެސެޖްތަކެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފޯރުކޮށްދޭ މޮޅެތި ހިޔާލީ ކުރެހުން ކުރަހާ ކުރެހުންތެރިއެގެ ގޮތުގައެވެ.
މުސްތޮ ކުރަހާފައިވާ ބައެއް ފާހަގަ ކޮށްލެވޭ މާނަ ފުން ކުރެހުންތަކުގެ ތެރޭގައި ފާއިތުވި އަހަރު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި "އަންވެއިލިންގ ވިޝަންސް" އާޓް އެގްޒަބިޝަންގައި އޭނާ ބައިވެރި ކުރި ބޮޑު ފެންމީޓަރު ކުރެހުން ފާހަގަ ކޮށްލެވެއެވެ. އެ ކުރެހުމުން ދައްކުވައިދެނީ ބޮޑު ދެ ފެންމީޓަރެވެ. ވަރަށް ބޮޑަށް ބާވެ ދަބަރު ޖަހައިފައިވާ ދެ ފެންމީޓަރެވެ. ދެ ފެންމީޓަރު ދެމެދުގައި ތާށިވެފައި ފެންފުޅިއެއް އިނދެއެވެ. އަދި އެ ފެން މީޓަރު ކައިރީގައި ކުޑަކުޑަ މީހަކު ހުންނަތަން ވެސް ފެނެއެވެ. ފެންމީޓަރުގެ ފަހަތުން ފެންނަނީ ހަނަފަސް ސަހަރާއެކެވެ. މިއީ މުޅި އެ އެގްޒިބިޝަންގައި ވެސް ބެހެއްޓިފައި ހުރި އެންމެ މޮޅު އަދި އެންމެ ގިނަ ބަޔަކު ގަޔާވި ކުރެހުމެވެ.
"އަންވެއިލިންގ ވިޝަންސް" އާޓް އެގްޒަބިޝަންގައި މުސްތޮ ބައިވެރިކުރި ކުރެހުމުގެ ކައިރީ އޭނާ ހުއްޓިލައިގެން
ހަމަ މިގޮތަށް "އަންވެއިލިންގ ވިޝަންސް 2019" ގައި މުސްތޮ ބައިވެރި ކުރެހުމަކީ ވެސް މުޖުތަމައަށް މުހިންމު މެސެޖްތަކެއް ދިން މޮޅު ކުރެހުމެކެވެ. މައިގަނޑު ގޮތެއްގައި ރީނދޫކުލަ ބޭނުން ކޮށްގެން ކުރަހާފައިވާ މި ކުރެހުމުގައި ފެންނަނީ ފާހާނާ ތައްޓަކަށް ފޮތްތަކެއް އަޅާލާތަނެވެ. ދެން ފެންނަނީ ފާހާނާ ތައްޓާއި ގުޅިފައިވާ ހޮޅިން ރުފިޔާ ނުކުންނަ މަންޒަރެވެ.
މިފަދަ ކުރެހުން ކުރަހަން ހިޔާލާއި ވިސްނުން ހޯދައި އެކަން ކުރިއަށް ގެންދާ ގޮތާއި ގުޅޭގޮތުން މުސްތޮ ބުނެފައި ވަނީ ކުރަހަން ބޭނުންވާ ޚިޔާލެއް ފުރަތަމަ ނޯޓް ކުރަނީ ކަމަށެވެ. އެ ހިޔާލު ނުސީދާ ގޮތެއްގައި އެންމެ ފުރިހަމައަށް ގުޅުވޭނީ ކޮންއެއްޗެއް ކުރެހުމުގައި ހިމަނައިގެންތޯ ބަލައި އެ ވެސް ނޯޓް ކުރަމުން ގެނދިޔުމަށް ފަހު ކުރެހުން ކުރަހަން ފަށަން ވެސް ދިގު މުއްދަތެއް ބައެއް ފަހަރު ހޭދަވާ ކަމަށެވެ. ހޭދަވާ ދިގު މުއްދަތުގައި އެކަމާ އިތުރަށް ވިސްނައި ރަނގަޅު ހިޔާލުތައް ލިބޭވަރަކަށް ކޮންސެޕްޓަށް އެއާއި ގުޅޭ ބަދަލު ގެންނަ ކަމަށެވެ. މިގޮތަށް ބައެއް ކުރެހުން ކުރަހަން މަސްދުވަސް ނުވަތަ ނުވަތަ ތިންމަސް ނުވަތަ އަހަރެއް ވެސް ނަގާފާނެ ކަމަށެވެ.
މުސްތޮގެ ކުރެހުންތަކުން މުޖުތަމައަށް މުހިންމު މެސެޖުތަކެއް އަންނަނީ ފޯރުކޮށްދެމުން
މުސްތޮގެ ފާހަގަ ކޮށްލެވޭ ބައެއް މަސައްކަތްތަކުގެ ތެރޭގައި މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީން ދ.ރިނބުދޫގައި ޤާއިމްކުރި ސަޤާފީ މަގުގައި މުސްތޮ ޕެއިންޓް ކުރި ދޮރޯށީގެ އިތުރުން ރެޕް މިއުޒިކްގެ ރަސްގެފާނުގެ ގޮތުގައި ފާހަގަ ކުރެވޭ ސިމްބޮލިކް ރެކޯޑްސް އިން ނެރުނު ފުރަތަމަ އެނިމޭޓެޑް ލަވަ "ދަތިތައް" ގެ އެނިމޭޝަން މަސައްކަތް ހިމެނެއެވެ.
މުސްތޮ ޕްރޮފެޝަންއެއްގެ ގޮތުގައި އާޓްގެ މަސައްކަތްތައް ފަށައިގަތްތާ ފަސްވަރަކަށް އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، މި ދާއިރާއިން ކުރިއަށް ދިޔުމުގައި މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަކަން އޭނާ ވަނީ އުފަލާއިއެކު ފާހަގަ ކޮށްފައެވެ. މުސްތޮ މިވަގުތު ގެންދަނީ މޯލްސިވްސް އާޓިސްޓް ކޮމިއުނިޓީގެ ކްރިއޭޓިވް ޑައިރެކްޓާގެ މަޤާމު ވެސް ފުރަމުންނެވެ.
އާކިޓެކްޗާގެ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުން އަންނަ މުސްތޮއަކީ އޭނާއަށް ލިބިފައިވާ ހުނަރު އެހެން މީހުންނަށް ކިޔައިދިނުމަށް ވެސް ލޯބިކުރާ ޒުވާނެކެވެ. މިގޮތުން އޭނާ އަންނަނީ ލިބިފައިވާ ހުނަރު ސްކޫލްތަކުގެ ދަރިވަރުންނަށް ދަސްކޮށް ދިނުމުގެ މަސައްކަތް ކުރަމުންނެވެ.
މުސްތޮ ދަނީ އޭނާގެ ހުނަރު ސްކޫލް ދަރިވަރުންނަށް ދަސްކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުން
މުސްތޮވަނީ މިހާތަނަށް އޭނާ ނިސްބަތްވާ ތިލަދުންމަތީގެ ފަސް ސުކޫލެއްގައި ވޯކްޝޮޕްތައް ބާއްވައި 200 އަށް ވުރެ ގިނަ ދަރިވަރުންނަށް ކުރެހުމުގެ ބޭސިކް ހުނަރުތައް އުނގައްނައި ދީފައެވެ. މިގޮތުން ކުޅުދުއްފުށީގައި ތިން ވޯކްޝޮޕެއް ބާއްވާފައިވާއިރު، ނެއްލައިދޫއާއި ކުރިނބީގައި ވެސް އޭނާ ވަނީ ވޯކްޝޮޕް ހިންގާފައެވެ. ވޯކްޝޮޕްތަކުގައި ކިޔަވައި ދިނުމަށް ބޭނުންވާ މެޓީރިއަލްސް ވެސް ތައްޔާރު ކުރަނީ އޭނާ އަމިއްލައަށެވެ.
މުސްތޮ ސޯޝަލް ޕްލެޓްފޯމްތަކުގައި މަޝްހޫރުކަން ހޯދާފައި ވަނީ "ކުލަފިހި" ގެ ނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!