ހއ. އުލިގަން ކައުންސިލުން އެރަށު ރައްޔިތުންނަށް ޢިމާރާތް ކުރުމުގެ އަސާސީ ފަންނުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގަން އިޢުލާނު ކޮށްފިއެވެ.

ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން އުލިގަން ކައުންސިލުގެ ނައިބު ރައީސް އަސަދުﷲ މުޙައްމަދު ވިދާޅުވީ މި ޕްރޮގްރާމަކީ އުލިގަމުގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނެސް ނުވަތަ އަސާ ޖަމިއްޔާގެ އިތުރުން އުލިގަމުގެ ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވަމުން އަންނަ އަލް އަސްރު ޖަމިއްޔާ އާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމުގައެވެ.

Ad
rt

ޢުމުރުން 18 އަހަރުން މަތީގެ ދެ ޖިންސުގެ ފަރާތްތަކަށް ހުޅުވާލާފައިވާ މި ފުރުޞަތު ލިބިގަތުމަށް މިމަހުގެ 21 ވަނަ ދުވަހުގެ ހަވީރު 6 ޖެހުމުގެ ކުރިން ނަންނޯޓު ކުރުމަށް ނުވަތަ މިކަމަށް ކަނޑައެޅިފައިވާ ގޫގުލް ފޯމް ހުށަހެޅުމަށް އުލިގަން ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ޕްރޮފެޝަނަލް ސިވިލް އިންޖީނިއަރިންގ ލެކްޗަރާއަކާ އެކު ކުރިޔަށް ގެންދާ މި ޕްރޮގްރާމްގައި އުލިގަން ރައްޔިތުންނަށް ޢިމާރާތް ކުރުމުގެ އަސާސީ ފަންނުވެރިކަމާއި ބީއޯކިޔު ހަދާނެ ގޮތާއި އިންޖީނިއަރިންގ ޑްރޯވިންގތައް ބަލައިގެން މަސައްކަތް ކުރާނެ ގޮތުގެ ހުނަރުތައް ދަސްކޮށް ދެވޭނެ ކަމަށް އުލިގަން ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

އިތުރު މައުލޫމާތު ސާފުކުރުމަށް 7999529 ނަންބަރު ފޯނަށް ގުޅުމަށް އުލިގަން ކައުންސިލުން މިކަމާގުޅިގެން ކޮށްފައިވާ އިއުލާނެއްގައި އެދިފައި ވެއެވެ.