ނ ހޮޅުދޫ މޭނާ ސްކޫލަކީ މުޅި ބޮޑު އުތުރުގެވެސް ފަޚުރެއްކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މޭނާ ސްކޫލުގެ އަލިމަސް ޔޫބީލްގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މޭނާ ސްކޫލަކީ މުޅި ރާއްޖޭގައި މިހާރު ހިނގަމުންދާ ސްކޫލު ތަކުގެ ތެރެއިން، 75 އަހަރު ފުރުނު 4 ވަނަ ސްކޫލު ކަމަށެވެ.
އެހެން ކަމުން މި ސްކޫލަކީ ތަޢުލީމީ ގޮތުން މުޅި ބޮޑު އުތުރުގެވެސް ފަޚުރެއްކަމުގައި ރައީސް ވިދާޅުވިއެވެ.
މޭނާ ސްކޫލު ތަޢުލީމީ ގޮތުން ޙާޞިލު ކުރަމުން އަންނަ ކާމިޔާބީ ތަކަށް އަލިއަޅުވާ ލައްވަމުން، ނ .އަތޮޅުގައި މަތީ ސާނަވީ މަރުޙަލާގައި މެދުކެނޑުމެއް ނެތި ދެ ސްޓްރީމަށް މިހާރު ކިޔަވައިދޭ ހަމައެކަނި ސްކޫލަކީ ވެސް މޭނާ ސްކޫލުކަމާއި ސާނަވީ އަދި މަތީ ސާނަވީ މަރުޙަލާގައި މި ސްކޫލްގެ ދަރިވަރުން ޤައުމީ ފެންވަރުގައި ރަން ވަނަތައް ޙާޞިލު ކުރަމުން އަންނަކަން ރައީސް ފާހަގަ ކުރެއްވިއެވެ.
މޭނާ ސްކޫލް ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ މަޝްރޫޢު ތަކަށް އަލިއަޅުވާ ލައްވަމުން މިހާރު ދެ ކެމްޕަހެއްގައި ސްކޫލުގެ ކިޔެވުން ކުރިޔަށް ގެންދިއުމުގައި ކުރިމަތިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން މިހާރު ހުރި އައު ކެމްޕަހުގެ ކައިރީގައި ސްކޫލްގެ އައު ޢިމާރާތް ބިނާކޮށް ދެ ޢިމާރާތް ގުޅުވައިލައި ދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަސައްކަތް ކުރިޔަށް ގެންދާނީ ސްކޫލުން އެދިފައިވާ ގޮތަށް 22 ކްލާސްރޫމާއި އިދާރީ ކަންތައްތައް ކުރުމަށް ބޭނުންވާ އިމާރާތާއެކުގައި ކަމަށެވެ.
މީގެއިތުރުން ސްކޫލްގެ ބައު ކެމްޕަހަށް ޒުވާނުންގެ މަރުކަޒު ބަދަލުކޮށް، އިންޑޯ ކުޅިވަރުތަކާއި އެކަށީގެންވާ ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް އެތަނުގައި ޤާއިމު ކޮށްދެއްވާނެބކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!