ޤާނޫނު އަސާސީއެއް ލިޔެ ދުސްތޫރީ ޙުކޫމަތެއް ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އެކަށައެޅިގެން ދިޔައީ ދިވެހީން އެގޮތް ބޭނުންވެގެނެއް ނޫނެވެ. އެކަމަކު އިނގިރޭސީންގެ ބާރުއެޅުމުގެ މަތީންނެވެ. ދުސްތޫރީ ނިޒާމަކަށް ދިވެހީންގެ ވިސްނުމާއި ފިކުރު ޢިލްމީގޮތުން ފުޅާވެ ކުރިއަރައި އެއީ މުހިންމު ކަމެއްކަމަށް ގަބޫލުކުރެވިގެންނެއް ނޫނެވެ. ނަމަވެސް ދައުލަތުގެ އިސް ބައެއް ބޭފުޅުންގެ އަމިއްލަ މަޞްލަޙަތުތަކެއް ކުރިއެރުވިދާނެކަމުގެ އުންމީދެއް އޮވެގެންނެވެ.
ދުވަސްވަރަކީ އިނގިރޭސީންގެ އަޅުވެތިކަމާއި ހިމާޔަތުގެ ދަށުގައި އޮތް ތަންތަނުގައި އެ މީހުން ބޭނުންވާ ފަލްސަފާތަކާއި ނިޒާމުތައް ހިންގަން މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރެވެ. ދިވެހިރާއްޖެ އޮތީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައެވެ. ދިވެހިރާއްޖޭގެ ދާޚިލީ ސިޔާސަތުގެ މައްޗަށް ގޮތްކިޔައި، އިނގިރޭސީން ރުހޭ ގޮތަކަށް ޤާނޫނު އަސާސީއެއް ރާއްޖޭގައި އެކުލަވާލުމަށް މަގު ތަނަސްވީ ރާއްޖޭގެ ވެރިކަމުގެ ތެރޭގައި އޮތް ނުތަނަވަސްކަމުންނެވެ.ރަސްކަމުގައި އިންނެވީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ) އެވެ. ސަރުކާރު ހިންގެވުމުގެ ބާރު އޮތީ ބޮޑު ވަޒީރު އަތިރީގޭ ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނަށެވެ. ޝަމުސުއްދީން ރަދުންނަށްފަހު ދިވެހި ތަޚުތަށް އިސްކުރައްވަން ހުންނެވި އެ ރަދުންގެ ދަރިކަލުން ޕްރިންސް ޙަސަން ޢިއްޒުއްދީނަކީ އެކަމަށް އެކަށީގެންވާ ބޭފުޅެއްކަމަކަށް ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންނަށް ޤަބޫލުފުޅެއް ނުކުރެއްވެއެވެ. ޚާއްޞަކޮށް އަތިރީގޭ ޢާއިލާގެ ބޭފުޅުން އެގޮތް ބޭނުންފުޅެއް ނޫނެވެ.
ރާއްޖެއަށް ދުސްތޫރީ ޙުކޫމަތް ތަޢާރަފުވި ތާރީޚީ ބޮޑު ބަދަލަކީ ކުއްލިއަކަށް އިނގިރޭސީން ވައްޓާލި ބޮމެއް ނޫނެވެ. އެކަމަށް ހާލަތާއި ވަގުތު ގެންގޮސް ދިވެހީންނަށް ނިކުންނަށް ދެއްކި ދޮރެކެވެ. ފުރަތަމަ ތާރީޚުން ފެންނަނީ ރާއްޖޭގައި ސިޔާސީ ގޮތުން ނުފޫޒުގަދަ ޢާއިލާތަކުގެ ޒުވާނުންނަށް އިނގިރޭސި ތަޢުލީމުދިނުމަށް ރާއްޖެއިން ބޭރަށް ގެންދިޔަ ތަނެވެ. ޝަމްސުއްދީން ރަދުންގެ ދަރިކަލުން ޕްރިންސް ޙަސަން ޢިއްޒުއްދީނާއި، ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދެ ދަރިކަލުން ކަމަށްވާ ޙަސަން ފަރީދާއި މުޙައްމަދު ފަރީދުގެ އިތުރުން އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން މުޙައްމަދު އަމީނެވެ. އޭރު އާދައިގެ ރައްޔިތުން ތަޢުލީމު ހާސިލުކޮށް ހެދުމަކީ މަނާކަމެކެވެ. ސިއްރުން ފިއްލަވަލައިގެން ގޮސް އަމިއްލަ ގޮތުން ބައެއް ބޭފުޅުން ތަޢުލީމު ހާސިކުރެއްވިއެވެ. ބޭރުގެ ޔުނިވަރސިޓީތަކުގައި ދުވަސްކޮޅަކު އުޅުއްވުމުން އެ ބޭފުޅުން ތިއްބެވީ އިނގިރޭސީން ބޭނުންވާ ފަދަ ބޭފުޅުންނަށްވެފައެވެ.
އިނގިރޭސީން ޤާނޫނު އަސާސީއެއް ލިޔުމަށް ދިވެހިރާއްޖެއަށް މަޖުބޫރު ކުރި ދުވަސްވަރަކީ ރާއްޖެއިން ބޭރަށް ކިޔަވަން ފޮނުއްވި ބޮޑުންގެ ބޭފުޅުން މާލެ ވަޑައިގެންނެވި ދުވަސްވަރެވެ. ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނުގެ ރިޔާސަތުގައި 13 ބޭފުޅުންގެ ކޮމެޓީއަކުން 1931 މާރިޗު 22 ވަނަ ދުވަހު ޤާނޫނު އަސާސީ ލިޔުމުގު މަސައްކަތް ފެށިއްޖެއެވެ. ޤާނޫނު އަސާސީ އޮންނަންވީގޮތާއި ހިމަނަންވީ މުހިންމު މާއްދާތައް ވިދާޅުވެ، ފަންނީ ލަފާ ދެއްވީ ސިލޯނުގައި ހުންނެވި އިނގިރޭސި ވަގުތީ ގަވަރުނަރު ސަރ ބާނަޑް ބޯޑިލޯނެވެ. އެ ކޮމެޓީގައި އަތިރީގޭ ދެ ފަރީދާއި މުޙައްމަދު އަމީނު އިސް ދައުރެއް އަދާކުރެއްވިއެވެ.
އިނގިރޭސީން ބޭނުންވާގޮތަށް އަދި ޤާނޫނު އަސާސީ ލިޔުމުގައި އިސްކޮށް އުޅުއްވި އަތިރީގޭ ބޭފުޅުން ވެސް ބޭނުންފުޅުވާ ގޮތަށް ޤާނޫނު އަސާސީ ލިޔެ ނިމިއްޖެއެވެ. 92 މާއްދާގެ މައްޗަށް އޮތް ޤާނޫނު އަސާސީގައި މައިގަނޑުގޮތެއްގައި އޮތީ ރަސްކަމުގައި ހުންނަވާ ބޭފުޅެއްގެ ޝަރުތުތަކާއި ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޙައްޤުތަކެވެ. ޤާނޫނު އަސާސީ ތަޞްދީޤު ނުކުރައްވައި ޝަމްސުއްދީން ރަދުން ފަހަތު ފަޔަށް ބުރަވެވަޑައިގަތަސް އެންމެފަހުން 22 ޑިސެންބަރު 1932 ގައި ޤާނޫނު އަސާސީ ތަޞްދީޤު ކުރެއްވިއެވެ. ސަރުކާރު ހިންގަވާން ތިއްބެވި ބޮޑުންނާއި އިނގިރޭސީންގެ ބާރު އެޅުމުގެ މަތީންނެވެ.
ރައްޔިތުންގެ މަޖިލިހާއި ވަޒީރުންގެ މަޖިލިސް އުފެދި، ރަސްކަމާއި ސަރުކާރުގެ ބާރުތައް ދުސްތޫރީ ނިޒާމަކުން ހިންގަން ޖެހުމަކީ ޒަމާނުއްސުރެ އޮތް ރަސްކަމުގެ އާރާބާރުތައް ކުޑަވެގެން ދިޔަ ކަމެކެވެ. ބޮޑުވަޒީރާއި ސަރުކާރުން ވެސް ފެނިވަޑައިގަންނަވާހާ ގޮތަކަށް ކަންކަން ކުރެއްވުމުގެ ބަދަލުގައި ޤާނޫނީ ވަކި ހަމަތަކެއްގެ މަތީގައި ކަންކަން ކުރަން ޖެހުނެވެ. ޤާނޫނު އަސާސީއަށްފަހު ޤާނޫނަކަށް ފަހު ޤާނޫނެއް އައީ ފާސްކުރަމުންނެވެ. ޤާނޫނު އަސާސީއާއި ޤާނޫނަކީ ކޮން އެއްޗެއްކަން ނޭނގި ތިބި ރައްޔިތުންނަށް ކުއްލިއަކަށް ޤާނޫނުން އިންތަކާއި މިންތައް ކަނޑައެޅުމަކީ ބޮޑު ތަކުލީފެކެވެ. ޤައުމުގައި އޮތް ހުރިހާ މައްސަލައަކީ ވެސް ޤާނޫނު އަސާސީ ކަމަށް ވެއްޖެއެވެ.
"ގާނޫނަކާ ހެދި ފޮރުއްޕާކަށް ނެތޭ" ބުނެ ރައްޔިތުންތަކެއް ގުޅަކުޅޭ ފަސްގަނޑަށް އެއްވީއެވެ. އަތިރީގޭ ބޭފުޅުން ފިޔަވައި އެހެން ވަޒީރުން ހަވަރަށް ދޭން ގޮވައި، ގާނޫނު އަސާސީ ވީދާލީ އެވެ. ޙަސަން ފަރީދުގެ ރޭއްވެވުމެއްގެ މަތިން މޮޓަރުބޯޓަށްލީ ވަޒީރުންތައް 11 ނޮވެންބަރު 1933 ގައި ސިލޯނަށް ފުރުވާލެއްވީއެވެ. ވަޒީރުންގެ މަޖިލިސް އުވާލައި ރައްޔިތުން ހޮވި ކޮމެޓީއަކުން ވެރިކަން ހިންގަން ފާސްވީއެވެ. ޙަސަން ފަރީދަށް ސަރުކާރު ލިބިވަޑައިގަތީއެވެ.
މި ގަޑުބަޑަށްފަހު މިޞްރުގައި ހުންނެވި ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ރާއްޖެ ވަޑައިގެން ތުނި ޤާނޫނު އަސާސީއެއް އެކުލަވާލައްވައި އެ ޤާނޫނު އަސާސީގެ ދަށުން ދަރިކަލުން ޙަސަން ފަރީދަށް ޚާރިޖީ ވަޒީރުކަމާއި ދާޚިލީ ވަޒީރުކަމާއި މާލީ ވަޒީރުކަން ދެއްވީ އެވެ.
ފުރަތަމަ ޤާނޫނު އަސާސީ އުވާލިތާ މާގިނަ ދުވަހެއް ނުވެ ޝަމުސުއްދީން ރަދުން ކުށްވެރިވެ ރަސްކަމުން އަޒުލުކުރެވުނެވެ. އަދި ދަރިކަލުން ޕްރިންސް ޙަސަން ޢިއްޒުއްދީނާ ދެ ބޭފުޅުން ފުވައްމުލަކަށް އަރުވާލެވުނެވެ. އެއަށްފަހު މުޅި ދިވެހި ދައުލަތް އޮތީ އަތިރީގޭ ޙަސަން ފަރީދުގެ އަތްޕުޅުގައެވެ. ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ދިވެހި ތަޚުތަށް އިންތިޚާބު ވެސް ކުރެވުނެވެ. އެކަމަކު އިނގިރޭސީންގެ ރުހުން ލިބިވަޑައި ނުގަންނަވާނެކަން އެނގިވަޑައިގަންނަވާތީ ދައުލަތުން ހުރިހާ ޚަރަދެއް ކުރައްވާ ބޭފުޅެއްގެ ގޮތުގައި ހުންނެވީއެވެ. ޙަސަން ފަރީދަށްފަހު ދައުލަތުގެ ބާރުތައް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް ލިބިވަޑައިގަތެވެ. އެ މަނިކުފާނު ޖުމުހޫރީ ވެރިކަން ތަޢާރަފު ކުރައްވައި ރައީސްކަން ކުރެއްވިއެވެ.
މުޙައްމަދު އަމީނު އުފެއްދެވި ފުރަތަމަ ޖުމްހޫރިއްޔާ އުވި އަލުން އުފެދުނު ރަސްކަމުގައި މުޙައްމަދު ފަރީދަށް ރަސްކަން ލިބިވަޑައިގަތެވެ. ދިވެހިރާއްޖެ ދުއް ފުރަތަމަ ޤާނޫނު އަސާސީ ލިޔުއްވި ބޭފުޅުން އަޑީގައި ތިއްބަވައިގެން އެ ޤާނޫނު އަސާސީ އުވާލީއެވެ. އަދި އޭގެފަހުން އެކި ހައިސިއްޔަތުން ދައުލަތުގެ އެންމެމަތީ ބާރު އެ ބޭފުޅުން ހޯއްދެވީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!