ހދ.އަތޮޅަށް އަމާޒުކޮށްގެން ހިންގޭ ވީ.އެސް.އާރ.ސީ ވޮލީބޯޅަ މުބާރާތެ މީޑިޔާ ޕާރޓްނަރަކަށް "ތިލަދުން" ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކާ އިއްޔެ ބޭއްވުނު ހަފްލާއެއްގައި ފިނޭ ވައި ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ގެފަރާތުން ސޮއިކުރެއްވީ އެޖަމްޢިއްޔާގެ ރައީސް މުޙައްމަދު ޝިހާމްއެވެ. "ތިލަދުން" ގެ ފަރާތުން ސޮއިކުރެއްވީ ނޫހުގެ ފައުންޑަރ ޙުސައިން ޝަޤީފް އެވެ.
މި މުބާރާތަކީ ހދ އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން މިއަހަރު މިމުބާރާތުގައި ހދ. އަތޮޅުގެ 6 ރަށަކުން ބައިވެރިވެފައިވެއެވެ. ހަނިމާދޫ، ނޮޅިވަރަމް، ނޮޅިވަރަންފަރު، ކުޅުދުއްފުށި، ވައިކަރަދޫ އަދި ފިނޭގެ ޓީމަކުންވެސް ވަނީ މިމުބާރާތުގައި ބައިވެރިވެފައެވެ.
ނިމިދިޔަ އަހަރު މި މުބާރާތުގައި ޖުމްލަ 9 ރަށަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ވައި ސްޕޯރޓްސް އެންޑް ރެކްރިއޭޝަންގެ އަމާޒަކީ ވޭތުވެދިޔަ 2 އަހަރުގެ ތަޖުރިބާއާއި އެކު ވީ.އެސް.އާރ ހދ.އެޓޯލް މެންސް ވޮލީބޯލް ޓޯނަމެންޓް 2019 ގެ ނަމުގައި މިއަހަރުވެސް މިމުބާރަތް ރާވާ ހިންގުމެވެ.
މި މުބާރަތް އިންތިޒާމް ކޮށް ހިންގަމުން ގެންދާ ވައި ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ގެފަރާތުން މަޢުލޫމާތުދެއްވިގޮތުގައި މިއީ މިހާތަނަށް ފިނޭގައި ކުރިޔަށްގެންދާ މުބާރަތްތަކުގެ ތެރެއިން އެންމެ ތަރުޙީބުލިބޭ އެއް މުބާރާތަށް ވާއިރު މިމުބާރާތަށް އެޖަމިއްޔާއިން ޖުމްލަ 112000 ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ.
އެ ކުލަބުން ބުނީ މުބާރާތް ފަށާނީ މިމަހުގެ 25 ގައި ކަމަށާއި މުބާރާތުގައި ރެފްރީކަން ކުރައްވާނީ ވޮލީބޯލް އެސޯޝިއޭޝަންގެ ރެފްރީން ކަމަށެވެ.
މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހަނިމާދޫ ޓީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!